މި ދިވެހިރާއްޖޭގައިވެސް މިހާރު ފުދޭވަރަކަށް ނަގައިގަތް ފަނޑިޔާރުން އެބަތިއްބެވިއެވެ. އެކަމަކު އެތަނުންވެސް ދެތިން ފަނޑިޔާރުން ވަރަށް އައްޗިކޮށް އުޅުއްވާ، ދެންތިއްބެވި ފަނޑިޔާރުން ވަރަށް އަބުއި ދިރިއުޅުއްވުމެއް އެބައުޅުއްވައެވެ. ދާދި މިދާކަށް ދުވަހު (04 އޭޕްރީލް 2026) ގައި ނެގުނު ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްދުވަހަކު ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯގެ ބަހުޘުގައި ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު ދީދީ ވަރަށް ފާޅުގައި 31 މާރިޗު 2026 ގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އިއްވި ޙުކުމާ ޖަދަލު ކުރެއްވިއެވެ.
ކުއްލިއަކަށް ހަނދާންވި 01 ފެބްރުއަރީ 2018 ގައި އޭރުގެ އެތަކެއް ސިޔާސީ ކުއްވެރިން ދޫކޮށްލުމަށް ނެރުނު އަމުރުގެ މަތިންނެވެ. ވާނީވެސް އެހެންތާއެވެ. އެ އަމުރު ބާޠިލުވެސް ކުރީ އެ އަމުރު ނެރުނު މަޖިލިސްގައި އިންނެވީ ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު ދީދީ ވިއްޔާއެވެ. މިހެން އަމުރުނެރެ ހަމަ އެ އަމުރު ބާޠިލު ކުރާ ބެންޗްގައި އިނުމަކީވެސް ޑރ. ޑީޑީމެން ދެކެވަޑައިގަންނަވާ ގޮތުގައި ބެސްޓް ޕްރެކްޓިސްއެވެ. 2010 ގައި އުފެދުނު ސްޕްރީމް ކޯޓުގެ ބެންޗަށް ޑރ. އަޙްމަދު ދީދީ އައްޔަނު ކުރުމަށްޓަކައި އެއްރޭ ދަންވަރު ޤާނޫނުތަކަށް ބަދަލު ގެނައި ވާހަކަ އަޑުއަހާ އުޅުނީމެވެ. މިކަންކަން މިހާރު ބައެއް މީހުން ހަނދާން ނެތުނީ ތޯއްޗެއެވެ. ބައެއް ފަހަރު ހިތަށް އަރައެވެ، ޑީލެއްގެ ދަށުން ޑރ. ޑީޑީ އަލުން އުއްތަމަފަނޑިޔާރަކަށް ވަޑައިގެން ރިޓަޔަރމަންޓް ޕެކޭޖް ހޯއްދަވަން އުޅުއްވަނީ ކަންނޭގެއެވެ. މިހާރުގެ ދިވަހިރާއްޖޭގެ ޙާލަތަށް ބަލާއިރު ނުވެނުދާނޭ ކަހަލަ ކަމެކެވެ.
ތިމާއަށް މޮޅެއްވުމަށް ޤާނޫނުތަކަށް ކިތަންމެބޮޑު ބަދަލެއް ހަމަ ކުއްލިކުއްލިޔަށް ގެނެއުންވެސް އޯކޭ އެވެ. އެކަމަކު އެހެން ބަޔަކު ޤާނޫނުތަކާ ކުޅެންޏާ ކަޑައެވެ. އަޅުގަނޑު މިއަދު ދައުލަތުގެ ޢިއްޒަތްތެރި ބަންޑާރަ ނާއިބުގެ އަރިހުން އެދެނީ ދައުލަތުގެ އެއްވެސް މަޤާމެއްގައި ހުވައެއް ކޮށްގެން ވަޒީފާއެއް އަދާކުރާ ބޭފުޅަކު ވަޒީފާއިން ވަކިކުރުމުން ނުވަތަ ރިޓަޔަރ ކުރުމުން އެ ވަޒީފާ އާއި ގުޅޭ ގޮތުން ޢާންމުންގެ ތެރޭގައި އެއްވެސް ވާހަކައެއް ނުދެއްކެނޭގޮތް ހެދުމެވެ. ދިވެހިރާއްޖެ އަކީ މީސްކޮޅު މަދު ޤައުމަކަށް ވުމުން އުފެދޭ ފިތުނަ ފަސާދައަށް ޖާގަ ނުދިނުމުގެ ގޮތުންނެވެ.
ޚާއްޞަކޮށް ވަކިކުރެވޭ އަދި ރިޓަޔަރ ކުރެވޭ ސިފައިން އަދި ފުލުހުން ދައުލަތުގެ ސިއްރު ޢާންމުންގެ ތެރޭގައި ނުދެއްކެނޭގޮތް ހެދުމަށެވެ. ޙަޤީޤަތުގައި މިހުންނަނީ ޤައުމު އަދި ދައުލަތެއްގެ ގޮތުގައި ވަރަށް ހައްޞާޞް މައްސަލަތަކެވެ. މިހާރު މިފަދަ ކަންކަމަށް އެޓެންޑް ނުވެވިއްޖެނަމަ މާދަން އޮންނާނީ ލަސްވެފައެވެ.
![]()
