ސަރުކާރުން ދެ އަހަރު ދުވަހަށް މާފުކޮށްދީފައިވާ ހިޔާ ފުލެޓުތަކުގެ ކުލި ދައްކާނީ ހިޔާ ފުލެޓު ލިބިފައިނުވާ އާންމު ރައްޔިތުންގެ ޓެކްސް ފައިސާވެސް ހިމަނައިގެން ކަމަށް، ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މި ހިނގާ އޭޕްރީލް މަހުން ފެށިގެން ދެ އަހަރު ދުވަހަށް ހިޔާ ޕުލެޓުތަކުގެ ކުލި މާފުކޮށްފައި ވީނަމަވެސް، އެ ތަންތަނަކީ ސަރުކާރުން ލޯނު ދައްކަންޖެހޭނެ ތަންތަން ކަމަށާއި، ކުލި މާފުކޮށްފައިވާ މުއްދަތުގައިވެސް އިންވެސްޓަރަށް ދައްކަންޖެހޭ ލޯނު ސަރުކާރުން ދައްކަމުން ގެންދަންޖެހޭނެ ކަމަށެވެ.އެހެންކަމަށް ވާނަމަ އެ ލޯނު ދައްކާނީ ގެދޮރު ހައްގުވާ، ނަމަވެސް ނުލިބި ތިބި އެތައް ބަޔަކު ސަރުކާރަށް ދައްކަންޖެހޭނީ ޓެކްސް ފައިސާއިން ކަމަށް އިބްރާ ވިދާޅުވިއެވެ.“މިއީވެސް ހަމަ އިންސާފު ހެއްޔެވެ؟ މަވެސް ހަމަ އެކަމާ އުފަލުން ދުވަންވީ ހެއްޔެވެ؟ މަގޭ ބޯހިޔާކުރާނެ ގޮތެއްނެތި، މަ ކުރާ މަސައްކަތުން އެހެން ބައެއްގެ ގެދޮރަށް ފައިސާދައްކާއިރު، އެތަނުގެ ވެރިންތިބީ މަ ކަހަލަ އަނެކަކު އަތުން ކުލި ނަގައިގެން، ސަރުކާރަށް ކުލިނުދައްކައެވެ.ދެކޮޅުޖެހޭ އެއްކަމެއް އެބަ ކުރޭހެއްޔެވެ؟“ ޕޯސްޓު ނިންމަވާލައްވަމުން އިބްރާ ވިދާޅުވެފައިވެއެވެ.އިބްރާ މިހެން ވިދާޅުވެފައިވާއިރު، ހިޔާ ފުލެޓުތަކާމެދު ގިނަ ބަޔަކު އަބަދުވެސް ދަނީ ފާޑުކިޔަމުންނެވެ. ހައްގުވެރިން ތިއްބާ އެހެން ބަޔަކަށް ދީފައިވާތީއެވެ. ހައްގުވެރިންނަށް ލިބިފައި ވަނިކޮށް އެމީހުންގެ އަތުން ނިގުޅައިގަނެ އެހެން ބަޔަކަށް ދީފައިވާތީއެވެ. ދުވަހަކު މާލެ އައިސް ނޫޅޭ މީހުންނަށްވެސް އެތަނުން ފުލެޓު ދީފައިވާތީއެވެ. މީގެ އިތުރުންވެސް ކޮންމެ އިންތިޚާބަކާ ދިމާކޮށް ތަނުގެ ކުއްޔަށް، އެ ތަނުގައި ދިރިއުޅޭ މީހުން އެދޭހާ ގޮތެއް ހަދައިދޭތީއެވެ. މިގޮތުން ކުލި ކުޑަކުރަމުން ގޮސް އެންމެ ފަހުން މާފުވެސް ކުރީއެވެ. މިކަމާ ގުޅިގެން ފާޑުކިޔާފައިވަނީ ހަމައެކަނި މަންޒަރު ދެކެން ދުރުގައި ތިބި މީހުން އެކަންޏެއް ނޫނެވެ. ހިޔާ ޔޫނިއަނުންވެސް ވަނީ މިކަމަށް ފާޑުކިޔާފައެވެ.
![]()
