https://sandhaanu.today/65827/ އާއި ގުޅޭ ..
މާތް ނަބިއްޔާގެ ދެލޯފުޅު ބަންދުވުމާއެކު އައިޝާގެ ފާނަށް ވަރަށްބާރަށް ކީރިތި ކުރެއްވުނެވެ. އެ އަޑަށް ހުރިހާ އަނބިކަނބަލުން އެ ކޮޓަރިކޮޅަށް ވެދެވަޑައިގެންނެވިއެވެ. މާތް ނަބިއްޔާގެ ހަށިކޮޅު އެދުމަތީގައި ވެޑުވުމަށްފަހު ހަށިކޮޅުގައި ފޮތިގަނޑެއް އަޅުއްވައި ނިވާކުރެއްވުނެވެ.
އަބޫބަކުރުގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމާއެކު އަވަސް އަވަހަށް އަސްމަތީގައި ވަޑައިގެން މާތް ނަބިއްޔާގެ މޫނުފުޅުގައި ބޮސްދެއްވައި ކީރިތިކުރައްވަމުން ވިދާޅުވިއެވެ. “ އަހަރެންގެ އެކުވެރި ރަޙްމަތްރިޔާއެވެ. މިއަދަށްފަހު ދުނިޔެމަތީގެ އެއްވެސް ހިތްދަތިކަމެއް ކަލޭގެފާނަށް ދެން ލިބިވަޑައި ނުގަންނަވާނެއެވެ. “ ފާތިމާގެފާނަށް މާތްނަބިއްޔާ ވިދާޅުވި ބަސްފުޅު އަބޫބަކުރުގެފާނު ތަކުރާރު ކުރެއްވީއެވެ.
މާތް ނަބިއްޔާގެ މިސްކިތުގައި ތިއްބެވި އަސްޙާބުބޭކަލުން ތިއްބެވީ ވެގެންއުޅޭގޮތް ޔަގީންނުވާ ޙާލެއްގައި ހަމަހިމޭންވެފައެވެ. އެ ހިނދު އުމަރުގެފާނު ކަނޑިކޮޅު އުރައިންނަންގަވައި ދަންމަވާ ލެއްވުމަށްފަހު މާތް ނަބިއްޔާ ދުނިޔެ ދޫކުރެއްވިކަމަށް ވިދާޅުވި ކޮންމެ ބޭފުޅަކު ގަތުލު ކުރައްވާނެކަން ޢިއުލާން ކުރެއްވިއެވެ. އެކަލޭގެފާނު މާތް ﷲ ގެ ޙަޒްރަތަށް ވަޑައިގަތީއެވެ. އަދި އެނބުރި ވަޑައިގެން ކާފަރުންނާ ދެކޮޅަށް ޖިހާދު ކުރައްވާނެއެވެ. މިސްކިތުގައި އޮތީ ފާޑެއްގެ ބޭގަރާރު މަސްތީ ޙާލަތެއް އުފެދިފައެވެ. އެ ހިނދު އަބޫބަކުރުގެފާނު މިސްކިތަށް ވަޑައިގެން މެމްބަރަށް އަރާވަޑައިގަތުމަށްފަހު ވިދާޅުވިއެވެ. “ އުމަރުގެފާނެވެ. އިށީންދެ ވަޑައިގަންނަވާށެވެ. އުމަރުގެފާނު އިންކާރު ކުރެއްވުމުން ތަކްރާރުކޮށް އުމަރުގެފާނު އިށީންދެވަޑައިގަތުމަށް އެދިވަޑައިގެންނެވެ. އެއަށްފަހު ވިދާޅުވިއެވެ. މުޙައްމަދުގެފާނަށް އަޅުކަންކުރާ މީހަކު ހުރިނަމަ މިއަދު މާތް ﷲ މުޙައްމަދުގެފާނަށް މަރު އިރާދަކުރައްވައިފިއެވެ. އެކަމަކު މާތް ﷲ އަށް އަޅުކަންކުރާ މީހުން ދަންނާށެވެ. މާތް ﷲ ގެ ޒާތުފުޅަށް މަރުވުން ޙަރާމެވެ.
މާތްނަބިއްޔާ ސުވަރުގެ ވަޑައިގެންފިއެވެ. އަދި އަހަރެމެން އެންމެންވެސް މަރުވެގެން ދާނެއެވެ. މިހެންވިދާޅުވެ ގުރުއާނުގައި އެކަން ބަޔާންކުރައްވާފައިވާ އާޔަތް ވިދާޅުވެދެއްވިއެވެ. މިއާޔަތް ހަނދާންވުމުން ތިމަންކަލޭގެފާނު ފައިންޕުޅުގެ ބާރުދޫވެ ހުރިތަނަށް މަރުވެގެން ވެއްޓުނު ކަހަލައެވެ. އަދި މާތް ނަބިއްޔާ ސުވަރުގެ ވަޑައިގެންފިކަން ހިތުގެ އަޑިން ގަބޫލުކުރެވިއްޖެއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ.
އަބޫބަކުރުގެފާނު އެވަގުތު ދެއްކެވި ވާހަކަފުޅު ރަނުން ލިއުނުކަމުގައިވިޔަސް އޭގެ އަގު ފުރިހަމަ ނުވާނެއެވެ.
އެއަށްފަހު މާތްނަބިއްޔާ ހިނެވުން ކުރިޔަށް ގެންދިއުމުގެ ވާހަކަތައް ދެކެވެން ފެށުނެވެ. ކޮންބޭފުޅެއްތޯ ހިނެވުމާ ހަވާލުވެ ވަޑައިގަންނަވާނީ އަދި ތުރުކުރައްވައިގެން އޮންނެވި ހެދުންކޮޅާއެކުތޯ ހިނެވުން ކުރިއަށްގެންދާނީ، މިވާހަކަތަކުގައި ގޮތެއް ނިންމަންނޭންގި އެންމެން ނިދިޖެހިފައިވަނިކޮށް ޣައިބުންއައި އަޑެއްގައި މާތް ނަބިއްޔާގެ މުބާރަކް ހަށިކޮޅު ފޭރާމާއެކުގައި ހިނެވުމަށް ބުނެވުނެވެ. ދެން އަލީގެފާނާއި އައްބާސްގެފާނާއި ފަޒަލް އިބްން އައްބާސް އުސާމާ ބިން ޒައިދު އަދި އެ މާތް ނަބިއްޔާގެ ޣުލާމް އެކަމާ ޙަވާލުވެ ވަޑައިގެންފިއެވެ.
އަލީގެފާނު ކީރިތިކުރައްވަމުން މަޑުމަޑުން ފެން އަޅުއްވަމުން ގެންދެވިއިރު ފަޒްލް ބިންއައްބާސް ގެންދެވީ މާތް ނަބިއްޔާގެ ހަށިކޮޅު ދޮންނަވަމުންނެވެ. ކެތްތެރިވުމަށް ކަލޭގެފާނު އަހަރެމެންނަށް އަމުރުފުޅު ކުރައްވާފައި ނުވާނަމަ މިއަދު ދުނިޔެ ރޮއްވާލީމުސް ކަމުގައި ވިދާޅުވެ ކީރިތި ކުރައްވަމުން އަލީގެފާނު އެ މާތް ހަށިކޮޅަށް މަޑުމަޑުން ފެންއަޅުއްވަމުން ގެންދެވިއެވެ. ކަލޭގެފާނު އަހަރެމެންނާ ވަކިވެ ވަޑައިގަތުމުން މި ލިބުނު ހިތާމައާއި ހުސްކަން އަލުން މި ދުނިޔެއިން ނުފެންނާނެކަމަށް ވިދާޅުވަމުންވެސް ގެންދެވިއެވެ.
ކަށްވަޅު ތައްޔާރުކުރާނެ ބޭފުޅަކާބެހޭ ގޮތުން ކުރެވުނު މަޝްވަރާގައި އެއްބަސްވެވުނީ ދެން އެންމެ ކުރިން އެތަނަށް ވަޑައިގެންނެވި ބޭފުޅަކަށް ފުރުސަތު ދިނުމަށެވެ. އެ ފުރުސަތު ލިބިވަޑައިގެންނެވީ އަބޫ ތަލްޙަތުގެފާނަށެވެ. އެކަލޭގެފާނު ކައްވަޅު ތައްޔާރު ކުރެއްވީ ގޮންޑޮޅި ކަނޑައިގެންނެވެ.
ކަފުންކޮށް ނިމުމުން މޫނުފުޅު ދުށުމަށް ވަޑައިގެންނެވި އަހްލު ބައިތުންނާއި އަނބިއަނބި ކަނބަލުންނާއި އަސްހާބު ބޭކަލުންނާއި އަންސާރުންނާއި މުހާޖިރުން އެނބުރި ވަޑައިގެންފިއެވެ. އެކަމަށްޓަކައި ހޯމަދުވަހާއި އަންގާރަ ދުވަސް ހޭދަވެގެން ދިއުމަށްފަހު އަންގާރަދުވަހުގެ ރޭ އިޝާނަމާދަށްފަހު އެ މާތް ހަށިކޮޅު ފަސްދާނު ލެއްވުމަށް ތިރިކުރެވުނުއިރު މުޣީރާ އިބްނު ޝުއުބާގެފާނު އެތަނުގައި ހުންނަވާފައި މާތް ނަބިއްޔާއަށް ބޮސްދިނުމުގެ ބަހަނާގައި އެކަލޭގެފާނުގެ އަގޮނޓިކޮޅު ކަށްވަޅުގެތެރެއަށް ވައްޓާލެއްވިއެވެ. އަދި ތިމަންކަލޭގެފާނުގެ އަގޮޓިކޮޅު ކަށްވަޅުގެތެރެއަށް ވެއްޓިއްޖެ ކަމުގައި އަލީގެފާނަށް ދެންނެވިއެވެ. އަލީގެފާނު ހުއްދަ ދެއްވުމުން ކަށްވަޅުގެތެރެއަށް އެރިވަޑައިގެން މާތް ނަބިއްޔާގެ މުބާރަކް ހަށިކޮޅުގައި ބައްދާލައްވައި ބޮސްދެއްވިއެވެ. އަދި ގަދައަޑުން ކީރިތިފުޅު ކުރައްވަން ފެއްޓެވުމާއެކު ހާޒިރުވެ ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް ކީރިތި ކުރައްވަން ފެއްޓެވުނެވެ.
މާތް ނަބިއްޔާގެ ބަރަކާތްތެރި ހަށިކޮޅުގައި އެންމެފަހުން ބީހުމުގެ ޝަރަފް ނަސީބު ލިބިވަޑައިގެންނެވި ބޭކަލަކުކަމުގައި މުޣީރާ އިބްނުޝުޢުބާގެފާނު ވެގެން ދިޔައީއެވެ. އެކަލޭގެފާނު އަގޮޓިކޮޅު ނަންގަވައި ކައްވަޅުން މައްޗަށް އަރާވަޑައިގަތުމާއެކު ކަށްވަޅަށް ފަސްއަޅާ ނިވާކުރަންފެށުނެވެ. އެ ވަގުތު ފާތިމާގެފާނު އެތަނުގައި ހުންނަވާފައި އަނަސްގެފާނަށް ވިދާޅުވިއެވެ. އެ މާތް ނަބިއްޔާގެ ހަށިކޮޅަށް ވެލިއަލާ ފޮރުވާލިއިރު ކަލޭގެފާނުގެ ހިތްޕުޅުވީ ކޮންތަނެއްގައި ހެއްޔެވެ؟
ކަށްވަޅަކީ ދުށުމަށް ބިރުވެރި ނާމާން ތަނެކެވެ. އެކަމަކު މާތް ﷲ ގެ ރުއްސެވުން ލިބިފައިވާނަމަ އެ ތަނުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. މާތް ނަބިއްޔާވެސް ފަސްދާނުވެޑުވެވުނީ ކަށްވަޅުގައެވެ. އެ ނަބިއްޔާއަށް ގަނޑުވަރެއް ބިނާކޮށް އެތަނުގައި ބޭއްވުމަށް އަމުރެއް ނުކުރައްވައެވެ.
މިކަން ހަނދާންކޮށް މާތް ﷲ އަށް ތަގްވާވެރިކަންމަތީ ދެމިތިބެވޭތޯ ބަލަމާ ހިނގާށެވެ. ދުނިޔެ ދޫކޮށް ކަށްވަޅަށް ދާއިރު މާތް ﷲ ގެ ރުއްސެވުން ލިބިފައިވުމަށް ގަދައަޅާ މަސައްކަތްކުރުން ހުއްޓެވެ.
- ނިމުނީ –
![]()
