އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ އީރާނަށާއި އިސްރާއީލަށް އަދި މެދުއިރުމަތީގައި ހިމެނޭ އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާއި ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުން އުފުލަން ޖައްސާފައި ބިރުވެރި ނާމާންކަން މިވަނީ އިންތިހާއަށް ގޮސްފައެވެ.
ހަނގުރާމައާގުޅޭގޮތުން މީޑިއާތަކަށް ފޯރުކޮށްދެނީ ބޭނުން ކުލައެއް ޖައްސާފައި ހުންނަ މައުލޫމާތު ތަކެކެވެ. އަދި މީޑިއާތަކުން ގެންދަނީ އެމީހުން ބޭނުންވަރަކަށް އެ ކުލަތައް ގަދަކުރަމުންނެވެ.
ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ ރައީސް އަދި ދިފާއީ ވަޒީރާއި ޕެންޓަގަންގެ ވާހަކަތައްވެސް ދިމާލެއް ނުވެއެވެ. ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ހުންނަވާތަން ފެންނަނީ އަދި މާ އުސް މަންޒިލެއްގައެވެ. އެތަނުގައި ހުންނަވާފައި ބެއްލެވުމުން އެމަނިކުފާނަށް މާދުރުން މަންޒަރުތަކެއް ފެނިވަޑައިގަންނަވާކަހަލައެވެ. އެއީ އަވި ގަދަ ދުވަސްތަކުގައި އަރަބިކަރައިގެ ސަހަރާތަކުން އާންމުކޮށް ފެންނަ ފެނުމެއްކަން ވިސްނާކަށް ބޭނުމެއް ނުވެއެވެ.
ރައީސް ޓްރަމްޕްގެ ޕްރެސް ސެކްރެޓަރީ ހާމަކުރަމުން ގެންދާގޮތުން އީރާން ބަލިވެ އިނދަ ޖެހެމުންދަނީ އެމެރިކާ ހިތްހަމަޖެހޭ މިންވަރަކަށެވެ. ރައީސް ޓްރަމްޕް އެދިވަޑައިގަންނަވާގޮތް އީރާނުން ގަބޫލުނުކޮށް ގަދަހަދަމުން ގެންދާނަމަ އެމަނިކުފާނު ހުންނެވީ އީރާނާ ދިމާލަށް ނަރަކައިގެ ދޮރުތައް ހުޅުވާލަން ތައްޔާރަށެވެ. އީރާނުގެ ވެރިންގެ މޮޔަކަމުން އެކަމެއް ނުވިސްނެއެވެ. ހަނގުރާމައިގެ މައިދާން އެކަމަނާއަށް ފެންނަގޮތާއި ދުނިޔެއަށްފެންނަގޮތްވެސް ތަފާތެވެ. ދުނިޔެއަށް ހާމަވެގެންދާ މަންޒަރުތަކަށް ބަލާއިރު ހަނގުރާމަ ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ނެތިގެން ޕެންޓަގަނުން 200 ބިލިއަން ޑޮލަރުގެ ވަގުތީ ބަޖެޓަކަށް ވަނީ އެދިފައެވެ. ހަނގުރާމައަށް ފޮނުވި ބިޔަ އެއާރކްރާފްޓް ކެރިއަރތައް ވަނީ ފަހަތަށް ޖައްސާފައެވެ. ނުވިތާކަށް ފައިޓަރ ޖެޓްތައް ގޮތްނޭންގޭ ގިނިހިލަތަކުން ނުވަތަ ފްރެންޑްލީ ފަޔަރ ގައި ވެއްޓެމުންދަނީއެވެ. އެމެރިކާގެ އާބާދީގެ ބިޔަ އަޣްލަބިއްޔަތެއް މި ހަނގުރާމަށް ތާއީދެއް ނުކުރެއެވެ. ރައީސް ޓްރަމްޕްގެ ސިޔާސަތާ ދެކޮޅަށް އެމެރިކާގެ ރައްޔިތުން ނިކުމެ މަގުތައް ފުރާލައިފިއެވެ. އީރާނުގެ މިސައިލްތަކާއި ޑްރޯންތަކުން މެދުއިރުމަތީގައި ހުރި އެމެރިކާގެ މިލިޓްރީ ވަސީލަތްތަކާއި އިސްރާއީލު ސުންނާފަތި ކުރަމުން ގެންދިއުމަކަށް ހުއްޓުމެއް ނާދެއެވެ. ހަނގުރާމައިގާ ބަލިވެ އަމާން އެދޭ ހާލަތަކަށް ދިއުމުން އިތުރު އިންޒާރު ދިނުމަކީ ކުރާ ކަމެއް ނޫނެވެ. އެ ހާލަތުގައި އަންނާނީ ދެންކަންތައް ކުރަންޖެހޭ ގޮތުގެ އަމުރުތަކެވެ. ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީއަށް މިވަރުވެސް ރޭކާ ނުލައެވެ.
އަހަރެންގެ ހީކުރީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އީރާނުގެ ހަތަރެސްފައި ބިންދާލުމަށްފަހު އެމެރިކާއިން ބޭނުންވާ ސަރުކާރެއް އުފައްދާ ލެވިދާނެ ކަމަށެވެ. ކަންތައްތައް ދަނީ ދިމާ އިދިކޮޅަށެވެ. އީރާނުން މިފެންވަރަށް ހަނގުރާމަ ކޮށްފާނެކަމަށް ހިތަށްވެސް ނާރާ ކަމަށް ރައީސް ޓްރަމްޕް ވަނީ އިއުތިރާފް ވެފައެވެ. އަދި ހަނގުރާމައެއް މި ފެށުނީ ޒަމާނީ ހުރިހާ ވަސީލަތެއް ލިބިފައިވާ މިލިޓްރީއަކާ ދެކޮޅަށް ކަމަށާއި ޚޮރްމުޒް ކަނޑުއޮޅި ބަންދުކޮށްލުމުގެ ހިތްވަރު ހުރެދާނެކަން ތަސައްވުރެއް ނުކުރެވުނެވެ. ސައޫދީ އެރޭބިއާއާއި ގަތަރ އަދި އެމިރެޓްސް އާއި ކުވޭތާއި ބަހްރައިނަށް ހަމަލާދީފާނެކަން ހިތަށްވެސް ނުގެނެވުނެވެ. ޕެންޓަގަނުން ބުނަނީ އެމެރިކާއިން ހަނގުރާމަ ކާމިޔާބު ކުރަމުން ގެންދާ ކަމަށެވެ. ޚަޒާނާއާ ބެހޭ ވަޒީރުގެ ބަހަކީ ހުރިހާކަމެއް ރާވާފައިވާގޮތަށް ކުރިއަށް ދާކަމަށެވެ. ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދު ފާލުން ނެއްޓިގެން ހިނގައިދާނެ ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެސެޓް މެނޭޖްމެންޓް ކޮމްޕެނީ ބްލެކްރޮކް އިން ގެންދަނީ އިންޒާރު ދެމުންނެވެ.
ހަނގުރާމައާ ބެހޭ ވަޒީރު ޕީޓް ހެގްސެތު ބުނާ އެއްޗަކަށް ބަލާއިރު ދުލުގައިވެސް ހަކަތަ ނެތް ކަހަލައެވެ. އަހަރެމެން ވާހަކަދައްކާނީ ބޮމުގެ ޒަރީއާއިންނެވެ. އެ ހާލަތުގައި ބޭނުންކުރާނެ ބޮން އަތުގައި ހުންނަން ޖެހޭނެއެވެ. އެކަމަކު ޕެންޓަގަންގައި ފައިސާއެއް ނެތެވެ. ބޮން އުފައްދާނެ ފައިސާއަށް ކޮންގްރެސްގައި އާދޭސްކުރަމުން ގެންދަނީއެވެ.
ޓްރެޝަރީ އާ ބެހޭ ވަޒީރުގެ ބަސްމަގަށް ބަލާއިރު ޓޭންކަރފަހަރަށް އީރާނުން ބަރުކޮށްފައިވާ 140 މިލިއަން ފީފާ ތެޔޮ އެމެރިކާއިން ދޫކޮށްލަން ގަސްދުކުރީ އީރާނުން ޚޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުން ވަގުތީގޮތުން ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. ވަރަށް ބުއްދިވެރި ނިންމުމެކޭ ބުނެވިދާނެއެވެ. އެކަމަކު 140 މިލިއަން ފީފާ ތެޔޮ ދޫކޮށްލުމުން އީރާނުގެ ޚަޒާނާއަށް އެއްދުވަހުން 14 ބިލިއަން ޑޮލަރ ލިބުނީކަން އޭނާއަކަށް ނުވިސްނުނެވެ. އީރާނުގެ މިލިޓްރީ ބަޖެޓަކީ އަހަރަކު ހަމައެކަނި 10 ބިލިއަން ޑޮލަރެވެ.
ހަނގުރާމައިގެ މައިދާނުން ލިބޭ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު ހަނގުރާމަ ހުއްޓާލުމާބެހޭގޮތުން އެމެރިކާގެ ރައީސް އެކުލަވާލައްވާފައިވާ 15 ޕޮއިންޓުގެ މައްޗަށް އެކުލެވޭ ހުށައެޅުން ޕާކިސްތާން މެދުވެރިކޮށް އީރާނަށް ހުށައަޅާފައިވާ ކަމަށާއި އޭގައި އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމާއި އީރާނުގެ ނިއުކްލިއަރ މަޝްރޫއާއި މިސައިލް އުފެއްދުން ހުއްޓާލުމާއި ޚޮރްމުޒް ކަނޑޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލުން ހިމެނޭ ކަމަށް ވެއެވެ. އަދި އީރާނުގެ މަދަދު ލިބޭ މުޖާހިދުން ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުމަށްވެސް އެ ހުށައެޅުމުގައި ބުނެފައިވާ ކަމަށް ޕާކިސްތާނުގައި ހިނގަމުންދާ މަޝްވަރާ ތަކުގައި މިސްރުގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ ވަފްދުގެ ބޭފުޅަކު ވިދާޅުވެފައިވެއެވެ. މިވާހަކަތަކަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު އެގައުމުގެ ރަސްމީ ޓީ ވީ ގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވަނީ އެމެރިކާއާއެކު އީރާނުން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އީރާނުގެ ރަސްމީ އެހެން އިދާރާތަކުންވެސް ވަނީ މިކަން ކަށަވްރުކޮށްދީފައެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ ޝަރުތު ކަނޑައަޅާނީ ހަމައެކަނި އީރާނުން ކަމަށްވެސް ހާމަކޮށްފައި ވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އީރާނާ އެއްކޮޅަށް ޔަމަނުގެ ހޫތީ މުޖާހިދުންނާއި ލެބަނަން އަދި އިރާގުން ބައިވެރިވުމާއެކު އިސްރާއީލަށް ހަތަރުފަރާތުން ލިބެމުންދާ ހަމަލާތަކާހުރެ އެ ގައުމު މިހާރުއޮތީ ނޭވާ ހޮޅިއަށް އެޅިފައިކަމަށް ބައެއް އެނަލިސްޓުން ސިފަކުރަން ފަށައިފިއެވެ.
ހަނގުރާމައި މަސްރަހް ފިނިކުރެވޭތޯ ޔުނައިޓެޑް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ކުރައްވަމުން ގެންދަވާ މަސައްކަތުގައި އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުން ހުއްޓާލުމަށް އީރާނުގެ ކިބައިން އެދިވަޑައިގެންފިއެވެ. އަދި އަވަށްޓެރި ގައުމުތަކަށް އީރާނުންދޭ ހަމަލާތަކުގެ ސަބަބުން މަސްރަހް އިތުރަށް ހޫނުވަމުން ދިއުމާއި އަދި ސަރަހައްދުގެ ހަމަނުޖެހުންވެސް ބޮޑުވަމުންދާކަން ފާހަގަކުރައްވާފައި ވެއެވެ. ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅަށް ހޫނު ރައްދެއް ދެއްވަމުން އެމެރިކާގެ މިލިޓްރީބޭސްތައް އަހަރެމެންގެ ގައުމު ވަށައިލައިގެން ތިބުމަކީ އަހަރެމެން މައާފަށް އެދެންޖެހޭ ސަބަބެއްތޯ ސުވާލުކުރައްވައި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ޖަވާބު ދެއްވާފައިވެއެވެ.
އެމެރިކާއިން އެއްގަމުމަގުން އީރާނަށް އަރައިގަތުމަށް ތައްޔާރުވަމުންދާތީ އީރާނުން ދެކޭގޮތް އޮޅުންފިލުވުމުގެ ގޮތުން ޚާރިޖީ ވަޒީރަށް ދެންނެވުމުން ޖަވާބުގައި ވިދާޅުވެފައިވަނީ އެކަމަށް އިންތިޒާގައި ތިބޭތާ މިހާރު 45 އަހަރު ވަނީ ކަމަށެވެ. އެ މަނިކުފާނުގެ ވާހަފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ ބައިނަލް އަގްވާމީ ގާނޫނަށް ހަވާލާދީ ޔޫ އެން ގެ ބޮޑެތި މެމްބަރު ގައުމުތަކުން ވާހަކަ ދައްކާއިރު އެބުނާގާނޫނެއް އޮތީ މަރުވެފައި ކަމަށާއި އެ ގާނޫނު ހަމަހަމަކަމާއެކު ތަންފީޒުކުރުމުގެ ހަކަތަ ޔުނައިޓެޑް ނޭޝަންސްގައިވެސް ނެތްކަމަށެވެ. އަދި އަމުދުން އެއީ އަހަރެމެންނަށް އެހާ މުހިންމު ގާނޫނެއްވެސް ނޫންކަމަށާއި އަހަރެމެން ތަބާވެ އަމަލުކުރަންވީ ގާނޫނު އިސްލާމްދީނުގައި އޮތީ ކަނޑަޅުއްވައި ނިންމަވާފައިކަމަށްވެސް ވިދާޅުވިއެވެ. އަހަރެމެންގެ އަމަލުތައް ބިނާކުރެވިފައި އޮންނާނީ މާތް ﷲ ގެ ގާނޫނަށް ކަމަށާއި އިންސާނުން އުފައްދާ ގާނޫނަކީ އަހަރެމެންގެ ކުރިމަތީގައި މުހިންމު އެއްޗެއްވެސް ނޫންކަން ހާމަކުރެއްވިއެވެ. އަހަރެމެންގެ ދިރިއުޅުމުގެ އެންމެހާ އަމަލުތަކަށް އެއްކައުވަންތަ މާތް ﷲ ވަނީ މަގު ކަނޑައަޅުއްވާ ނިންމަވާފައެވެ. އެއީ އަހަރެމެންގެ އިސްލާމް ދީނުގެ ގާނޫނެވެ. އެއްވެސް ގައުމެއްގެ ބާރުވެރިކަމަށް އަހަރެމެން ޖެހިލުމެއް ނުވެއެވެ. އެއްވެސް ގައުމެއްގެ ސިއްރު އޭޖެންސީ ދެކެ އަހަރެމެން ބިރެއް ނުގަންނަމެވެ. އަހަރެމެން ބިރުވެރިވާފަރާތަކީ ހަމައެކަނި މާތް ﷲ އެވެ. އަހަރެމެންގެ އަމަލުތަކަށް ޖަވާބުދާރީ ވާން ޖެހޭނީ އެކަލާނގެ ހަޟްރަތުގައިކަން ހިތުގެ އަޑިން ގަބޫލު ކުރުމާއެކު އަހަރެމެން ރައްކާތެރިކަމަށް އެދެނީވެސް ހަމައެކަނި އެކަލާނގެ ހަޟްރަތުންނެވެ. އައްބާސް އަރާގްޗީ ވިދާޅުވިއެވެ.
![]()
