ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުގެ ބަދަލުގައި، މަޖިލިސް އިންތިޚާބާއެކު ބާއްވަންވީ ލޯކަލް ކައުންސިލް އިންތިޚާބު އެކުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އަޅުގަނޑަށް ފެންނަނީ މިގޮތް މާ އައުލާހެނެވެ. ޢުމަރު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ޕީއެންސީ އިން ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ދާދިފަހުން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
މި ބަދަލު ގާނޫނުއަސާސީއަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެހެންކަމުން އެ ބަދަލާ ގުޅޭ ގޮތުން އަންނަ އެޕްރީލް މަހު 4ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އެކު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ވަނީ ނިންމައިފައެވެ.
ޢުމަރު ވިދާޅުވީ ތިން އިންތިޚާބެއް ބޭއްވުމުގެ ބަދަލުގައި ދެ އިންތިޚާބެއް އޮންނަ ގޮތަށް ބަދަލުކުރުމަކީ އޭނާ ވެސް ތާއިދުކުރައްވާ ކަމެއް ކަމަށެވެ. ޚަރަދު ކުޑަކުރުމުގެ ގޮތުންނާއި ފަސޭހަޔަކަށެވެ. ނަމަވެސް ޚަރަދު ކުޑަކުރާށޭ ބުނުމުން ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެނީ ދައުލަތް ހިންގުމަށް މީހުނަށް ވަޒީފާ ދިނުމުގެ ބާރު ސަރުކާރަށް ލިބިދީފާ ވީނަމަވެސް އެބާރު ނުހަމަގޮތުގައި ބޭނުންކޮށް ފަސް އިންތިޚާބަށް ނުކުރާވަރަށްވުރެ ބޮޑު ޚަރަދު މަތިބަރު ސަރުކާރަށް އެބަކުރަމުންދާ ކަމަށެވެ.
ވީމާ އެއްކޮށްލަން އަޅުގަނޑަށް ފެންނަ އެންމެ މުހިންމު ދެ އިންތިޚާބަކީ އެންމެ ކުޑަ ދެ އިންތިޚާބު ކަމަށް ޢުމަރު ވިދާޅުވި އެވެ. އެއީ މަޖިލިސް އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު ކަމަށެވެ.
ރިޔާސީ އިންތިޚާބަކީ މުޅި ގައުމުގެ ކުރިމަގު ކަނޑައެޅުމާ ގުޅޭ އެންމެ ބޮޑު އިންތިޚާބު ކަމަށެވެ. އަދި ރައީސް އާއި ނައިބު ރައީސްއަކު ހޮވަންޖެހޭ ވަރަށް މުހިންމު އިންތިޚާބެއް ކަމާއި އަނެއް ދެ އިންތިޚާބަކީ ވަކިވަކި ދާއިރާތަކާ ގުޅުންހުރި އިންތިޚާބު ތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ޚަރަދު ކުޑަކުރުމުގެ ބަހަނާގައި އެންމެ ބޮޑު ދެ އިންތިޚާބު އެއްކުރުމަށް ފަހު އެންމެ ކުޑަ އިންތިޚާބު ބޮޑު ޚަރަދު ކޮށްގެން ވަކިން ބޭއްވުމަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ އެންމެ ބޮޑު ދެ އިންތިހާބު އެއްކޮށްލަން ނޫނެކޭ ބުނުމަށް ޢުމަރު ގޮވާލެއްވިއެވެ.
![]()
