އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގެ ހަގީގަތް ދެނެގަތުމަށްޓަކައި ބައިނަލްއަގްވާމީ މީޑިއާ ތަކުން ދައްކާ ވީޑިއޯތަކާއި ހާމަކުރާ މައުލޫމާތުގެ މައްޗަށް ބުރަވުމުގެ ކުރިން ވަކިފަރާތަކަށްނުޖެހޭ ތަޖްރިބާކާރު އެނަލިސްޓުން އެ ހަނގުރާމަ ހިނގަމުންދާ ގޮތާއި އަދި ކުރިމަގު ލަފާކުރެވޭގޮތާ ދޭތެރޭ ދެއްވަމުންގެންދަވާ ޚިޔާލުތައް އަޑުއަހާލުން ރަނގަޅުވާނެއެވެ.
ސަންދާނުގެ ކިއުންތެރިންނަށް މި ގެނެސްދެނީ މި މައުޟޫއުގައި ފޯރަމް ރިޕޯރޓުގެ ބައެއް އުސްއަލިތަކެވެ.
އިރާގާ ދެކޮޅަށް އެމެރިކާއާއި އެގައުމުގެ ބައިވެރިން 2011 ވަނައަހަރު ކުރި ހަނގުރާމައިގާ އެގައުމު ސުންނާފަތިކޮށްލައި އެތައް މިލިއަން މިހުން މަރާލައި ގައުމުގެ ރައްޔިތުންނަށް ސަހަރާގެ ވެލިކާން މަޖުބޫރުކުރުމަށްފަހު ފާއިތުވެގެން މިދާ ވިއްސަކަށް އަހަރު އެ ގައުމުގައި މަޑިހިއްޕާލައިގެން އެތިބީ އެއީ އެމެރިކާގެ އަމިއްލަ ބިމެއް ކަމުގައި ދެކިގެންނެވެ. ދުނިޔޭގައި ގާއިމްކޮށްފައިވާ އެމެރިކާގެ އެންމެ ބިޔަ އަދި އެއް ޓްރިލިއަން ޑޮލަރުގެ އަގުބޮޑު އެމްބަސީ ހަރަކާތް ހިންގަމުން ގެންދަނީ އިރާގުގައެވެ. ޚަރަދުކުރަނީ ވަގަށްނެގި އިރާގުގެ ތެލުން ހޭދަކޮށްގެން ކަމަށްވެސް ވެދާނެއެވެ.
އެމެރިކާއާއެކު މަޖުބޫރުކޮށްފައިވާ އިރާގުގެ ގުޅުންތަކުގައި ރެނދުއަޅަން ފެށީ ޚަބަރުދާރުވާން ފުރުސަތުދީގެނެއް ނޫނެވެ. އެ ގުޅުން ކެނޑިގެންދާތަން ފެންނަމުންދަނީ ވަގުތުން ހިނގަހިނގާހުރި “ ރިއަލްޓައިމް “ އޮޕަރޭޝަނެއްގެ ގޮތުގައެވެ. އަދި އެ ގުޅުން ކެނޑިގެންދާކަމުގެ ހަގީގަތްތަކާ ކުރިމަތިލާން ޖެހިފައިވަނީ ރަސްމީގޮތުން ބަޔާންނެރިގެން ދުނިޔެއަށް އޮޅުންފިލުވާ ދިނުމަށްވުރެން މާއަވަސް ދުވެއްޔެއްގައެވެ.
އެމެރިކާގެ ހުރިހާ ރައްޔިތުން އިރާގުގެ ބިމުން ހަމަ ވަގުތުން ފައިބަން އަމުރު ކުރެވުނީއެވެ. މާދަމާއަކުންނޫނެވެ. އެމީހަކު ހުރިތަނަކުން ހަމަމިހާރު އެއްގަމު މަގުންއިރާގުން ފައިބައިގެން ދާންވީއެވެ. އިރާގުގެ އެއާރސްޕޭސް ބޭނުމެއް ނުކުރެވޭނެއެވެ. އިރާގުގެ އެއާރސްޕޭސް އޮތީ އީރާން ފިޔަވައި އެހެން ގައުމުތަކަށް ބަންދުކޮށްލާފައެވެ. އެމެރިކާގެ ޑިޕްލޯމެޓިކް ތަންނަތަނަކީ މިލިޓްރީ އަމާޒުތަކަކަށް ވެއްޖެއެވެ. އީރާނާ ގުޅިފައިވާ އިރާގުގެ ލަޝްކަރުތަކުން މިނިވަން ކަމާއެކު އިރާގުގެ ބިމުގައި ހަރަކާތްތެރިވެ އަތްފުނާއަޅަމުންގެންދަނީއެވެ. އިރާގު ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއެކުގައެވެ.
އީރާނުން އިރާގަށް އަރާގަނެ އެގައުމު ހިފުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. އެކަމަށް ހަނގުރާމަކުރާކަށް އީރާނުން ބޭނުނެއްވެސް ނުވެއެވެ. އީރާނުން އިޚްތިޔާރުކުރީ އިރާގާއެކު ގުޅުންބަދަހި ކުރުމަށެވެ. އީރާނުގެ މަދަދުލިބެމުންދާ ހަނގުރާމަވެރި ޖަމާއަތްތަކުގެ އެހީތެރިކަމާ އެކުގައެވެ. ވަމުންދާގޮތާއި އަންނަމުންދާބަދަލުތައް އެމެރިކާއަށް ރޭކާވެސް ނުލައެވެ.
އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގެ 27 ވަނަދުވަހު އިރާގުގެ 6 ދިމާލަކުން އެމެރިކާގެ 7000 ސިފައިން އެއްގަމުމަގުން އީރާނަށް އަރައިގަތުމަށް ތައްޔާރުވެ ހުރިހާ އިންތިޒާމްތަކެއް ކަށަވަރުކުރުމުން 20 އަހަރުވަންދެން އިރާގުން ފާރަލަމުން ގެންދިޔަ ފުރުސަތު ހުޅުވިގެން ދިޔައީއެވެ. އެމެރިކާހެ ހުރިހާ ރައްޔިތުން ވަގުތުން އެއްގަމު މަގުން އިރާގުން ފޭބުމަށް އަމުރު ކުރެވުނީއެވެ. ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އީރާގުގައި އެމެރިކާގެ ބޭނުމަށް ތައްޔާރުކުރި ވައިގެ ބަދަރު އެމެރިކާގެ އެއާކްރާފްޓްތަކަށް ރައްކާތެރިތަނަކަށް ނުވިއެވެ.
ވިހި އަހަރުވާންދެން އިރާގުގައި އެމެރިކާގެ ސިފައިން އެއް ޓްރިލިއަން ޑޮލަރ ހޭދަކޮށްގެން ބިނާކުރި އިރާގުގެ މިލިޓްރީން ވަގުތު ލިބުމުން އެމެރިކާއާ ދެކޮޅަށް ތެދުވީއެވެ. މިއީ އެމެރިކާއަށް މިލިޓްރީ ގޮތުން ކުރިމަތިލާންޖެހުނު ބަލިވުމަކަށްވުރެން ރޭވުންތެރިކަމުގެގޮތުން މާބޮޑު ނާކާމިޔާބީއެއް ކަމަށް ބެލެވެއެވެ. ވިހި އަހަރުވާންދެން އެމެރިކާ ދެކެމުންދިޔަ ހުވަފެނުން ހޭލެވުނުހުރި މަންޒރު އޮތީ މުޅިން ބަދަލު ވެފައެވެ.
އިރާގުގައި ތިބޭ އެމެރިކާ ސިފައިން އެގައުމުގެ ހުޅަނގު އަންބާރް ސަރަހައްދުގެ މިލިޓްރީ ބޭސްއެއްގައިހުރި ކްލިނިކަކަށް މިދިޔަ ބުދަ ދުވަހު ދިން ހަމަލާއެއްގައި އިރާގު ސިފައިންގެ ހަތްމީހަކު މަރާލައި ތޭރަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ.
![]()
