އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ބޭނުމަކީ މެދުއިރުމަތީގެ ގައުމުތަކުގެ މުއްސަނދިކަން އެހެން ބަޔަކު ފޭރިގަތުމަށް މަގުތަނަވަސްކުރުން ކަމަށާއި މި ހަނގުރާމައިގާ ގަލްފުގެ ގައުމުތަކަށް އޮތީ ގެއްލުމާއި އަދިވެސް ގެއްލުންކަން ގަލްފް ކޯޕަރޭޓިވް ކައުންސިލްގެ މެމްބަރުންނަށް ގަތަރުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަމަދު ބިން ޖާސިމް އަލްސާނީ އިންޒާރު ދެއްވި ޚަބަރު މީޑިއާތަކުން ރަތް ސުރުޚީގެ ގޮތުގައި ފާހަގަ ކުރަމުން އެބަ ގެންދެއެވެ.
އެމަނިކުފާނުގެ އިންޒާރުގައި ވިދާޅުވެފައިވަނީ ހަނގުރާމައިގެ ވަކި ހިސާބަކުން އެމެރިކާ އެއްފަރާތަށް ޖެހިލާނެ ކަމަށާއި އެއަށްފަހު ގަލްފުގެ ގައުމުތަކުން ހަނގުރާމަކުރިއަށް ގެންދިއުމަށްޓަކައި އެމެރިކާގެ ހަތިޔާރު ވިއްކުމުގެ މާރކެޓް ހުޅުވާލާނެއެވެ. މެދުއިރުމަތީގެ ގައުމުތައް އީރާނުގެ ނިއުކްލިއަރ މަޝްރޫއުން ސަލާމަތްކޮށް އަމާންކަން ހޯދާ ދިނުމުގެ ނަމުގައި ގިނަ ބަހަނާތަކެއް އުފަންކޮށް ގަލްފުގެ ގައުމުތަކުގެ ރިސޯސްތައް ހުލިވަންދެންވެސް އުޅެންޖެހޭނީ އެކަމުން ސަލާމަތް ނުވެވިގެންނެވެ. މިހާރު ހިންގަމުން ގެންދާ ހަނގުރާމައިތެރެއަށް ގަލްފުގެ ގައުމުތަކުން ވަނުން ވެގެންދާނީ ކުރިއަށް އޮތް ގިނަ އަހަރުތަކަކަށް ގައުމުތަކުގެ އިގްތިސާދު އިނދަޖެހިފައި އޮތުމެވެ. އަދި އަލުން އަމިއްލަފައިމައްޗަށް ތެދުވުމަށް ނަގާނެ މުއްދަތެއް އަންދާޒާވެސް ނުކުރެވޭނެކަމަށާއި މިއީ ގްރޭޓަރ އިސްރާއީލަށް މަގުފަހިކޮށްދިނުމަށް އެމެރިކާއިން ރާވާފައިވާ މަޝްރޫއުގެ އެންމެ މުހިން ފިޔަވަޅުކަން އެމަނިކުފާނުގެ އިންޒާރުގައި ވިދާޅުވެފައި ވެއެވެ.
ކުރީގެ ބޮޑުވަޒީރު ހަމަދު އަލްސާނީގެ އިންޒާރު މީޑިއާތަކުގައި އާންމެވެފައިވަނިކޮށް ކުއްލިއަކަށް މީޑިއާތަކުގައި ފެތުރިގެން ދިޔައީ ހަމަ މިމޭރުމުން ގަތަރުގެ މިހާރުގެ ބޮޑުވަޒީރު ޝައިޚް މުހަންމަދު ބިން އަބްދުއްރަހްމާނު އަލްސާނީ އިސްރާއީލާ ބެހޭގޮތުން ދެއްވާފައިވާ އިންޒާރެކެވެ. އެ މަނިކުފާނުގެ އިންޒާރުގައި މިހާރު ހިންގަމުންދާ ހަނގުރާމައިގެ ހުރިހާ ފައިދާއެއް ލިބޭނީ ތެލްއަވީވަށްކަމުގައި ބަޔާންކުރައްވާފައި ވެއެވެ. ގަތަރުގެ ދިދައިގެ ކުރިމަތީގައި އިންނަވައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ޝައިޚް މުޙަންމަދު ބިން އަބްދުއްރަޙްމާން އަލްސާނީ ވިދާޅުވެފައިވަނީ މިހަނގުރާމައަކީ އީރާނުގެ ފައިދާއަށްޓަކައި ކުރެވޭ ހަނގުރާމައެއް ނޫންކަމާއި މިއީ ކަނޑައެޅިގެން އިސްރާއީލުން ބޭނުންވެގެން އެގައުމުގެ ފައިދާއަށްޓަކައި ކުރާ ހަނގުރާމައެއްކަން އެންމެނަށްވެސް އެނގޭ ކަމަށެވެ. ހަނގުރާމައިގާ ކޮންމެ ދުވަހަކު އާންމުންގެ އެތައް ބަޔަކު މަރުވެ ޒަޚަމްވެގެންދާއިރު މި ސަރަހައްދުގެ ގައުމުތައް އިނދަޖެހި ދުނިޔޭގެ ހަކަތައިގެ ބާޒާރުން އާދޭސްކުރަމުން ގެންދިއުން ފޮރުވޭނެގޮތެއް ނެތެވެ. ހަނގުރާމަ ހުއްޓުވުމަށް ކުރެވެމުންދާ ހުރިހާ މަސައްކަތެއް ފޭލިވެގެންދަނީ ހަމައެކަނި ނަތަންޔާހޫގެ ސަބަބުންނެވެ. އީރާނުގެ އަލީ ލަރްޖާނީ ޝަހީދުކޮށްލުމާއި ގަލްފުސަރަހައްދުގައި ހުރި ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދޭކަށް ނުޖެހެއެވެ. މިއީ ހަނގުރާމަ ދިގުލައި ދެމެހެއްޓުމަށް އިސްރާއީލުން ގެންގުޅޭ ނުރައްކާތެރި ސިޔާސަތެކެވެ. ގަތަރުގެ ބޮޑުވަޒީރުގެ މި އިންޒާރުތަކާ ގުޅިގެން ގަތަރަށް މިހާރު ހަގީގަތް ސާފުވެއްޖެކަމަށް އީރާނުގެ ރަސްމީ މީޑިއާއިން ބުނެފައިވެއެވެ. އަދި ހަމާސްއާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ގެންދާ ގަތުލުއާންމު ހުއްޓުވުމަށްޓަކައި ގަތަރުން އަދާކުރި މެދުވެރިއެއްގެ ދައުރުވެސް ވަނީ ފާހަގަކޮށްފައެވެ.
އީރާނުން އުދުއްސާލި ފަތަހަ-2 މަރުކާގެ ހައިޕަރސޯނިކް އެންމެ މިސައިލެއް ހުއްޓުވަން އިސްރާއީލުން ބޭނުންކުރި 10 އިންޓަރސެޕްޓަރ ފޭލިވެގެންދިޔަޚަބަރުވެސް މީޑިއާތަކުން ފަލަ ސުރުޙީއެއްވަނީ ހޯދާފައެވެ. މިއިން އަންގައިދެނީ މިޒަމާމުގައި ޓެކްނޯލޮޖީ ކުރިއަރަމުންދާ މިންވަރަށް ބަލާއިރު މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި ގާއިމްކޮށްފައިހުރި އެއާރ ޑިފެންސް ސިސްޓަމްތައް މާޒީއާ އެކުވެގެން ދަނީކަން ހާމަވެގެން ދިއުމެވެ. އީރާނުގެ މިސައިލް އޭގެ އަމާޒަށް ވާސިލުވެގެންދިއުމުގައި އެއްވެސް ހުރަހަކާ ކުރިމަތިލާކަށް ނުޖެހުނެވެ. އެ މިސައިލްގެ އަމާޒަކަށް ވެފައިއޮތީ އެ ގައުމުގެ އެންމެ އިސް 7 ޖެނެރަލުންގެ ބައްދަލުކުރެއްވުން އޮތް ބަންކަރެވެ. އެންމެ ހަމަލާއެއްގައި އިސްރާއީލުގެ އިސް 7 ކޮމާންޑަރުންނާއި ސިފައިންގެ ގިނައަދަދެއްގެ ބަޔަކު މަރުވެގެންދިޔައީއެވެ.
އީރާނުން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ފޯޅަވައްސަށް ހަމަލާދޭން މަސައްކަތްކުރި ޚަބަރެއްވެސް މީޑިއާތަކުގައި ރަތް އަކުރުން ދައުރުވަމުންދާން ފަށައިފިއެވެ. އެ ހަމަލާގައި އީރާނުން އުދުއްސާލި 2 މިސައިލްގެތެރެއިން އެކަތި ޖައްވުތެރޭގައި ނެތިގެން ދިޔައީ ކަމަށާއި ދެވަނަމިސައިލް އެމެރިކާގެ މަނަވަރުތަކުން ޖައްވުތެރެއަށް ނައްތާލީ ކަމަށް ބުނެފައި ވެއެވެ. އީރާނުގެ މިސައިލް ރޭންޖަކީ 2000 ކިލޯމީޓަރ ކަމަށް އިއުލާން ކޮށްފައިވަނިކޮށް 4000 ކިލޯމީޓަރަށް އަމާޒުކޮށް ހަމަލާފޮނުވާލުމަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ބޮޑު ސުވާލަކަށް ވެއްޖެއެވެ. މިވަރުގެ ދުރުމިނެއް އީރާނުގެ މިސައިލުގެ ރޭންޖުގެ ތެރެއަށް ވަނުމަކީ މީގެކުރިން އެގައުމުން ހާމަކޮށްފައިވާ 2000 ކިލޯމީޓަރގެ މިންގަނޑުން ބޭރުވެ އޮޅުވާލުމެއް ކަމުގައި ޑިޖިޓަލް ނިއުސް އޮޕަރޭޝަން ނެޓްވާރކުގެ ރިޕޯރޓުގައި ސިފަކޮށްފައިވެއެވެ. އަދި އޭގެ ސަބަބުން އަނެއްކާވެސް އީރާނުގެ މިލިޓްރީ ގާބިލްކަން އިތުރު ހަރުފަތަކަށް އަރައިގެން ދިޔައީ ކަމަށްވެސް ތުހުމަތުކޮށްފައި ވެއެވެ.
މީޑިއާތަކުގައި ދައުރުވަމުންދާ އެހެން ރިޕޯރޓެއްގައި ނޭޓޯގެ ހަނގުރާމަމަތީ މަނަވަރުތައް ގަލްފް ސަރަހައްދަށް ދިއުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ދަށުން މިލިޓްރީ އުޅަނދުފަހަރު ސުއޭޒް ކެނެލުން ދަތުރުކުރުން ވަގުތީގޮތުން މަނާކޮށްފިކަމަށް ބުނެފައި ވެއެވެ.
ގާނާއަށް ނިސްބަތްކުރެވޭ މިނިވަން ކޮލަމްނިސްޓް ސުލީ ކޯންގެ ޕޯސްޓެއްގައި އީރާނުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އުތުރު ކޮރެއާއިން އޮތީ އެހީތެރިވެދޭން ތައްޔާރަށް ކަމަށާއި ހަމައެކަނި އެންމެ މިސައިލަކުން ހަނގުރާމަ ހުއްޓުވޭނެކަމަށް ޕިޔޯންގޔަންގުން ބުނެފައިވާކަން ހާމަކޮށްފައި ވެއެވެ.
![]()
