މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަފެށުމުގެ ކުރިން އީރާނުން ގަނެފައިވާ ތެޔޮ ބަރުކޮށްފައިވާ ގިނައަދަދެއްގެ ތެޔޮ ޓޭންކަރތައް އެމެރިކާއިން އަޅާފާނެ ދަތިކުރުމުގެ ފިޔަވަޅުތަކަކަށް ބިރުން މާ ކަނޑުމެދުގައި ދުއްވާލަ ދުއްވާލައޮތުން ވަގުތީގޮތުން ނިމުމަކަށް އަތުވެދާނެ ކަމުގެ އުންމީދެއް އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރު ސްކޮޓް ބެސެންޓް ދީފިއެވެ.
އެ ޓޭންކަރުތަކުގައި ހުރި 140 މިލިއަން ފީފާގެ ތެޔޮ ލިބެންވާ ގައުމުތަކަށް ގެންދިއުން ހުއްދަކުރަން ގަސްދުކޮށްފައިވާކަމަށް އެމެރިކާގެ ޚާޒާނާއާ ބެހޭ ވަޒީރު ސްކޮޓް ބެސެންޓް އިއުލާން ކޮށްފިކަމަށާއި އެ ނިންމުމަކީ ޚޮރްމުޒް ކަނޑުއޮޅި ބަންދު ކޮށްފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެބާޒާރަށް ލުޔެއް ދިނުމުގެ ގޮތުންދެވޭ ހުއްދައެއް ކަމަށްވެސް ބެސެންޓުގެ އިއުލާންކުރުމުގައި ބުނެފައި ވެއެވެ.
އަދި އޭގެ ސަބަބުން ކުރިއަށް އޮތް ދެ ހަފުތާއެއްހާދުވަހު ތެލުގެ އަގު ހިފޭއްޓިފައި އޮންނާނެކަމަށް ބެލެވޭ ކަމުގައިވެސް އޭނާގެ އިއުލާންކުރުމުގައި ބުނެފައިވެއެވެ.
ދުނިޔޭގެ ބާޒާރަށް ދުވާލަކު ބޭނުންވާ ތެލުގެ ތެރެއިން 15 މިލިއަން ފީފާ ތެޔޮ ޚޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިއޮތުމުގެ ސަބަބުން ނުލިބުމުގެ ބުރަ އުފުލަން ޖެހިފައިވާކަމަށް ދުނިޔޭގެ ތެލުގެ ބާޒާރުގައި ހަރަކާތްތެރިވަމުންގެންދާ ފަރާތްތަކުން ބުލޫމްބާރގަށް މައުލޫމާތު ދީފައިވެއެވެ.
ޚޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިއޮތުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތަ ބަނޑަށް ޖެހުމުގެ ބިރުވެރިކަން އުފެދިފައިވާތީ ބައިނަލް އަގްވާމީ މީޑިއާތަކުން އީރާނުގެ ޚާރިޖީ ވަޒީރަށް ސުވާލު ދެންނެވުމުން ވިދާޅުވެފައިވަނީ ޚޮރްމުޒް ކަނޑުއޮޅި އޮތީ އާންމުކޮށް ހުޅުވާލާފައި ކަމަށާއި އެ މަގުން ދަތުރުކުރުމަށްޓަކައި ބޭނުންވަނީ ހަމައެކަނި ވަރަށް މަދު ޝަރުތުތަކެއް ފުރިހަމަކުރުން ކަމަށެވެ. އެއީ އެމެރިކާ ނުވަތަ އިސްރާއީލާ ގުޅުން ހުރި އުޅަނދަކަށް ނުވުމާއި ތެލުގެ އަގު ޗައިނާގެ ޔުއާނުން އަދާކުރުމެވެ. މި ޝަރުތުތައް ފުރިހަމަ ވެފައިވާނަމަ ޚޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ވިދާޅުވިއެވެ. އަދި ހަނގުރާމަ ފެށުނުފަހުން މިއަދާ ހަމަޔަށް 90 އުޅަނދު ޚޮރްމުޒް ކަނޑުއޮޅިން ދަތުރުކޮށްފައިވާކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ޚޮރްމުޒް ކަނޑުއޮޅި ބަންދުކޮށްލާފައި އޮތުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރަނގަޅުހައްލެއް ހޯދަން ގުޅިގެން މަސައްކަތްކުރަން ޔޫރަޕިއަން ޔޫނިއަނުން ގަސްދުކޮށްފިކަން ހާމަކޮށް ކެނެޑާއާއި ޖަޕާނުން ގުޅިފައިވާ ބަޔާނެއް އާންމު ކޮށްފިއެވެ. އެހެންނަމަވެސް އެއީ ހަނގުރާމައިގެ ހަރަކާތްތައް ހުއްޓުމަކަށް އައުމުން ކަމަށް ބުނެފައިވެއެވެ އެ ބަޔާނުގައި ގަލްފުގެ ގައުމުތަކުގައިހުރި ހަކަތައިގެ ވަސީލަތްތަކަށާއި ޚޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ކޮމާރޝަލް އުޅަނދުފަހަރަށް އީރާނުން ހަމަލާދިނުން ވަނީ ކުށްވެރިކޮށްފައެވެ.
މި މައުޟޫއުގައި ވާހަކަފުޅުދައްކަވަމުން ގަލްފެގެ ގައުމުތަކުން އެ ގައުމުތަކުގެ ތެޔޮ ކާރުޚާނާތައް އީރާނުގެ ހަމަލާތަކުން ރައްކާތެރިކުރަން ބޭނުންވާނަމަ އެމެރިކާއިން އީރާނަށް ހަމަލާ ދިނުމުގައި އެ ގައުމުތަކުގު ސަރަހައްދުތައް ބޭނުންކުރުމުގެ ފުރުސަތު ދީގެން ނުވާނެކަމަށާއި މިއީ އިންސާފުވެރިގޮތް ކަމަށް ޗައިނާގެ ރައީސް ވަނީ ވިދާޅުވެފައެވެ.
އީރާނުގެ ހަކައިތައިގެ ވަސީލަތްތަކަށް ހަމަލާ ދީފިނަމަ އީރާނުން ގަތަރުގެ ހަކަތައިގެ ވަސީލަތްތަކަށް ރައްދު ހަމަލާދޭނެކަމަށް ކޮންމެ ދުވަހަކު މިގެންދަނީ އެމެރިކާގެ ހަކަތައާބެހޭ ވަޒީރަށާއި އެގްޒެކެޓިވުންނަށް ދަންނަވަމުން ކަމުގައި ގަތަރުގެ އެނަރޖީއާއި ބެހޭ ވަޒީރު އަލްކާބީ ރޮއިޓާރސްއަށް މައުލޫމާތުދީފައި ވެއެވެ. ރަސް ލައްފާނުގައި ހުންނަ ގަތަރުގެ އެންމެ ބޮޑު ގޭސް ވަސީލަތްތަކަށް އީރާނުން ދިން ހަމަލާތަކުން ލިބުނު ގެއްލުންތަކުގެ އަގު 26 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށާއި އެ ތަންތަން މަރާމާތުކޮށްގެން ޔޫރަޕަށް ބޭނުންވާ ގޭސް ފޮނުވުމަށް މަދުވެގެން 5 އަހަރު ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށްވެސް މިނިސްޓަރ އަލްކާބީ ރޮއިޓާރސްއަށް ވިދާޅުވިއެވެ. އަދި ގަލްފުގެ ގައުމުތަކުގެ އިގްތިސާދާއި ދަތުރުފަތުކުރުމާއި ވިޔަފާރިއާއި ޓޫރިޒަމް ވިއްސަކަށް އަހަރު ފަހަތަށް ހިނގައްޖެ ކަމަށްވެސް ވިދާޅުވިއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ އަސްލުބޭނުމަކީ ގަލްފުގެ ގައުމުތަކާއި އީރާނުން ބޮޑުވެގެންވާ ދެކޮޅުވެރިކަމެއްގެ ތެރެއަށް ވައްޓާލުމަށްފަހު އެ ގައުމުތަކުން އީރާނާ ދެކޮޅަށް ދިގުދެމިގެންވާ ހަނގުރާމައެއްގެ ބިންގާ އަޅުވައި އެ ހަނގުރާމަކުރިއަށް ގެންދިއުމަށްޓަކައި އެ ގައުމުތަކުގެ ޚަޒާނާއަށް ނުކަތާވަރަށް އެމެރިކާއިން ހަތިޔާރު ވިއްކަމުން ގެންދިއުން ކަމުގައި ގަލްފުގެ އާންމު ހާލަތު ދިރާސާ ކުރައްވާ ފައިސާވެރިންގެ ރައުޔުގައި ބުނެފައިވެއެވެ.
![]()
