މި މާރޗް މަހުގެ 10 ވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރާލާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކަށް ހަވާލާދީ އަލް ޖަޒީރާއިން ބުނެފިއެވެ. ނަތަންޔާހޫ މަރާލާފައިވާކަމަށް މީޑިއާތަކުގައި ތުންތުންމަތިން ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
އެހެންނަމަވެސް އޭނާ ދުނިޔޭގައިހުރިކަން ދެއްކުމަށްޓަކައި އެކިސިފަސިފައިގާ ނަތަންޔާހޫގެ ފޮޓޯތަކާއި އިންޓަރވިއުތައް އިސްރާއީލާ ގުޅުންހުރި މީޑިއާތަކުން ގެންދަނީ އަދިވެސް ހާމަކުރަމުންނެވެ. އިސްރާއީލުގައި ވަގުތީ ބޮޑު ވަޒީރެއް އައްޔަންކޮށްފައިވާ ކަމުގެ ޚަބަރުތަކެއްވެސް މިހާރު މީޑިއާގައި ދައުރު ވަމުން އެބަ ދެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ ބައިވެރިވުން އެދި ނޭޓޯގެ ވެރިންނަށް ރައީސް ޓްރަމްޕް އާދޭސްކުރަމުން ގެންދާތާވެސް ދުވަސްކޮޅެއް ވެއްޖެކަމަށް ސީއެން އެންގެ ކުއްލި ޚަބަރުގައި ވާހަކަދައްކަމުން ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ ސީނިއަރ ފެލޯ މެކްސް ބޫޓް ވަނީ ހާމަކޮށްފައެވެ. ހަނގުރާމަ ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ރައީސް ޓްރަމްޕް ވަނީ ނޭޓޯގެ ވެރިންނަށް ތަފާތު ބަހުރުވައިން މަލާމާތް ކޮށްފައެވެ. އިނގިރޭސި ބޮޑުވަޒީރާ ދިމާލަށް ގެޓް ލޯސްޓް ރައީސް ޓްރަމަޕް ވިދާޅުވުން މެކްސް ބޫޓްގެ ވާހަކައިގާ ފާހަގަކުރިއެވެ. އީރާނުން ޚޮރްމުޒް ކަނޑުއޮޅި ބަންދުކޮށްލުމާގުޅިގެން ގައުމުތަކަށް ބޭނުންވާ ތެލާއި ގޭސް ގެ ބޮޑު ހިއްސާއެއް ހުއްޓުމަކަށް އައުމުން ގައުމުތަކުގެ އިގްތިސާދާއި ރައްޔިތުންގެ ދިރިއުޅުމަށް ކޮންމެހެންބޭނުންވާ ގިނަ އަސާސީ ޚިދުމަތްތަކަކުން މަހްރޫމްވެގެން ހިނގައިދާނެކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑު ވެފައިވާ މި ދަނޑިވަޅު ބަހަނާއަކަށް ހެދުމުންވެސް ޔޫކްރެއިން ފިޔަވައި އެއްވެސް ގައުމަކުން ރައީސް ޓްރަމްޕްގެ އާދޭހަށް އާއެކޭ ބުނެފައެއް ނުވެއެވެ. ގިނަ ގައުމުތަކުން ދީފައިވާ ޖަވާބަކީ ތިޔަ ހަނގުރާމައަކީ އަހަރެމެންނާ ގުޅުންހުރި އަދި ގުޅުވިދާނެ ކަމަށް ގަބޫލުކުރާ ހަނގުރާމައެއްވެސް ނޫންކަމަށެވެ. އެޑިއުޓޯކްގައި ވާހަކަ ދެއްކެވި ބައެއް ތަޖްރިބާކާރުން ދެކޭގޮތުގައި ޚޮރްމުޒް ކަނޑުއޮޅި ހުޅުވުމުގައި އެހީތެރިވުމަށް ނޭޓޯގެ މަނަވަރުތައް އެ ސަރަހައްދަށް ފޮނުވުމަށް ރައީސް ޓްރަމްޕް ކުރައްވަމުންގެންދަވާ އާދޭސްތަކުގައިވެސް މަކަރުވެރި ރޭވުމެއް ނެތެކޭ ނުބުނެވޭނެއެވެ. ނޭޓޯގެ މަނަވަރުތައް ޚޮރްމުޒް ކަނޑުއޮޅިއާ ކައިރިއަށް ފޮނުވާއިރު އެތަނުގެ ނުރައްކާއޮތް މިންވަރު އެނގި ވަޑައިގަންނަވާތީ އެމެރިކާގެ އެއާރކްރާފްޓް ކެރިއަރއާއި މަނަވަރުތައް އެވަނީ އެ ސަރަހައްދުން އެއްހާސް މޭލަށް ދުރަށް ޖައްސާފައެވެ. ޔޫރަޕްގެ ސިފައިން މަރުވެ ހަނގުރާމަމަތީ އުޅަނދުފަހަރު ހަލާކުވެގެން ދިއުމަކީ ރައީސް ޓްރަމްޕްގެ ކުރިފުޅުމަތީގައި މައްސަލައެއް ނޫނެވެ. އެމެރިކާގެ ރައީސަށް އެނގިވަޑައި ނުގަންނަވާ ހަގީގަތަކީ އެމެރިކާގެ ހަމަލާތަކުގައި ޝަހީދުވެ ވަޑައިގަންނަވާ އީރާނުގެ ކޮންމެ މިލިޓްރީ ކޮމާންޑަރުގެ މަގާމަށް ދެން ވަޑައިގަންނަވަނީ އަދި މާ ގިނަ ތަޖްރިބާ އާއި ހުނަރު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މި މައުޟޫއުގައި އިސްލާމުންނާ ދެކޮޅު ވިސްނުމެއް ގެންގުޅުއްވި އެމެރިކާގެ ކުރީގެ ހަރުކަށި ގައުމީ ސަލާމަތާ ބެހޭ މުޝްތަޝާރު ޖޯން ބޯލްޓަން ސީ އެން އެން ގައި ވާހަކަ ދައްކަމުން ބުނެފައިވެއެވެ. “ އީރާނާ ދެކޮޅަށް ހަނގުރާމަކުރުމުން ކުރިމަތިލާންޖެހޭނެ ގިނަ ހަގީގަތްތަކެއް އޭގެތެރޭގައި ޚޮރްމުޒް ކަނޑުއޮޅި ބަންދުކުރާނެކަމާއި އަވަށްޓެރި ގައުމުތަކަށް އީރާނުން ހަމަލާދޭނެ ވާހަކަ ރައީސް ޓްރަމްޕް އަށް ދެންނެވީމެވެ. ރައީސް ޓްރަމްޕް އަހަރެންގެ ވާހަކަތަކަށް ފަރުވާލެއް ނުބެހެއްޓެވި ކަމުގެ ހިތި ނަތީޖާއާއި ކުރިމަތިލާން ޖެހިފައި މިވަނީއެވެ.
އެމެރިކާ ނުވަތަ އިސްރާއީލުން އީރާނަށް ހަމަލާދީފިނަމަ އެއީ ދިގުދެމިގެންދާނެ ހަނގުރާމަ އަކަށް ވެގެންދާނެކަމަށާއި އެދުވަހު އެމެރިކާ ނުވަތަ އިސްލާއީލުން އީރާނާ ދެކޮޅަށް ގަލްފް ސަރަހައްދުގެ އެއްވެސް ގައުމެއްގެ ބިމާއި ކަނޑާއި ވައިގެ ސަރަހައްދު ބޭނުންކޮށްފިނަމަ އެގައުމަކަށް ހަމަލާ ދިނުމަކީ އީރާނުގެ ހައްގެއް ކަމަށް ދެކޭނެކަން މާކުރިއްސުރެން އީރާނުން ގެންދިޔައީ ގަލްފްގެ ގައުމުތަކުގެ ވެރިންނަށް ދަންނަވަމުންނެވެ. އީރާނުން ސައޫދީ އެރޭބިއާއާއި ގަތަރާއި އެމިރެޓްސް އަދި ބަހްރައިނާ ކުވޭތަށްވެސް ހަމަލާދީ ޚޮރްމުޒް ކަނޑުއޮޅި ބަންދުކޮށް ތެޔޮޓޭންކަރތައް ގޮއްވާލާފާނެ ކަމަށް ހިތަށްވެސް ނާރާކަމަށާއި އެ ހަމަލާތަކުން ލިބިވަޑައިގަތީ ކުއްލި ސިހުމެއް ކަމަށް މިދިޔަ ހޯމަދުވަހު ވައިޓްހައުސްގެ ކެނެޑީ ސެންޓަރ ބޯޑްމީޓިންގ ގައި ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. ރައީސް ޓްރަމްޕްގެ ވާހަކަފުޅާ ގުޅިގެން ތަޖްރިބާކާރުންގެ ރައުޔު ލިބިވަޑައި ނުގަންނަވާތޯ މީޑިއާއިން ސުވާލު ދެންނެވުމުން ވިދާޅުވީ އެއްވެސް ތަޖްރިބާކާރަކު ދެކިވަޑައިގަންނަވާގޮތް ހާމަކުރައްވާފައި ނުވާކަމަށެވެ. އެހެންނަމަވެސް އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ކުރިމަތިލާން ޖެހިދާނެ ނުރަނގަޅު ނަތީޖާއާބެހޭގޮތުން އިންޒާރު ދެއްވާފައިވާނެކަމަށް ގިނަ ތަޖްރިބާކާރުން ގެންދަނީ މީޑިއާގައި މިހާރުވެސް އެ ބޭފުޅުންގެޝުއޫރުތައް ފާޅުކުރަމުންނެވެ.
މިހާތަނަށް ދުނިޔެއަށް ދައްކާފައިވަނީ އިސްރާއީލުގެ ދިފާއީ ނިޒާމް އަޔަން ޑޯމް އެއްވެސް ގައުމަކުން ފޫއަޅުވާ ނުލެވޭނެކަމަށެވެ. އެހެންނަމަވެސް މިއަދު އެ ވަރުގަދަ ދިފާއީ ނިޒާމްގެ އިމާރާތްވެސް އެ ވަނީ ބިމާހަމަވެ ވެއްޔާމޮޑެވިފައެވެ. އީރާނުގެ 12 ބެލިސްޓިކް މިސައިލުން އެތަން ބިމާ ހަމަކޮށްލާފައި އެވަނީ ވިސްނުންތެރިކަމާއެކު ރާވާފައިވާ މިލިޓްރީ ސްޓްރެޓެޖީއެއްގެ ދަށުންނެވެ. އިސްރާއީލުގެ ހުރިހާ ދިފާއީ ނިޒާމެއް ފޫއަޅުވާލުމަށްފަހު އިސްރާއީލުގެ އެންމެ މުހިންމު ތަންތަނަށް އީރާނުގެ 12 މިސައިލުން އެއްފަހަރާ ހަމަލާ ދެވުނުގޮތަކާ ދޭތެރޭ ވޯޝިންގްޓަނުންވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ. ބެންގޫރިއަން އިންޓަރނޭޝަނަލް އެއާރޕޯރޓަކީ އިސްރާއީލުން އެންމެ ބޮޑަށް ހިމާޔަތްކުރެވިފައިވާ އެ ގައުމުގެ މައި ދޮރާއްޓެވެ. މިއަދު އެތަނުގެ ފިއުލް ތާންގީތަކުގައި ރޯވެ އަދަމުންދާއިރު އިސްރާއީލުގެ ރަސްމީ އެއާރލައިންގެ ގިނަ އަދަދެއްގެ މަތިންދާބޯޓުތައް އެއޮތީ އަނދައަނދާއޮތް ރަންވޭއެއްގައި ބަންދުވެފައެވެ.
އިންސޫރެންސް ކަވަރ ނުލިބޭނެތީވެ، ލުފުތާންސާ އާއި ޑެލްޓާ އަދި އެމިރެޓްސް ފަދަ ބައެއް އެއާރލައިންތަކުންކުރާ ދަތުރުތަކުގެ ޗާޓުން ތެލްއަވީވްފޮހެލައިފިއެވެ. އެއާރޕޮރޓުގެ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި އިންޒާރުގެ ބަރުގޮނުތައް ހުއްޓާލާނެ ފުރުސަތެއް ނުލިބެއެވެ. އިސްރާއީލުގައި އެންމެ ބޮޑަށް ހިމާޔަތް ކުރެވިފައިވާ އެގައުމުގެ މައިދޮރާއްޓާއި އެތަނުގެ ވަސީލަތްތައް އެންމެ 120 ސިކުންތުގެ ތެރޭގައި އީރާނުން ބިމާހަމަކޮށްލިއިރު ގަތަރުގައި ހުރި މިލިޓްރީ ބޭސް ނުވަތަ މެދުއިރުމަތީގައި އެނބުރެމުންދާ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތައް ނައްތާލަން ކިހާ ވަގުތެއް އީރާނަށް ބޭނުންވާނެހެއްޔެވެ؟ މިއީ ހަނގުރާމައި ތަޖްރިބާކާރުން ކުރަމުންގެންދާ ސުވާލެކެވެ. އީރާނުގެ މެސެޖަކީ އަހަރެމެން ބޭނުންވަގުތަކު ކަލޭމެންގެ ޖީބުން ކަލޭމެންގެ ތަޅުދަނޑިތައް ވެސް ނަގާފާނަމެވެ. އީރާނުން އެވަނީ ބެންގޫރިއަން އިންޓަރނޭޝަނަލް އެއާރޕޯރޓް ރަހީނު ކޮށްފައޭ ބުނެވިދާނެއެވެ. މިއީ މިސައިލްގެ ސިފައިގާ ކުރެވޭ އިގްތިސާދީ ހަނގުރާމައެކެވެ. އިސްރާއީލުން މި ހަނގުރާމައިން ނިކުމެވި ގަނެވިދާނެ ދޮރުތައް ދަނީ ބަންދުވަމުންނެވެ. ހަނގުރާމައިގެ ހަމަލާތައް އަންނަނީ ޖައްވުތެރޭން ކަމުގައިވިޔަސް އަމާޒުކުރެވިގެންދަނީ ދުނިޔޭގެ ބާޒާރަށްކަން ވައިޓްހައުސް އަށް އެނގެއެވެ.
ގައުމުތަކުގެ ވެރިންގެ ވިސްނުމަކީވެސް ދިވެހިންގެ ބަހުރުވައިންނަމަ ހަކުރު ދެންޏާ ބޮޑުބޭބެއޭ ބުނުމެވެ. އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދީ އެންމެ ފުރަތަމަވެސް ދުނިޔެއިން ވަކިކޮށްލީ 200 ވަރަކަށް ކިޔަވާކުޑަކުދިންނެވެ. ގައުމާ ރައްޔިތުންގެ ދިފާއުގައި އީރާނުން ނިކުތުމުން ހަމައެކަނި 3 ގައުމަކުންނޫނީ މުޅި ދުނިޔެ ކުށްވެރި ކުރަމުން ގެންދަނީ އީރާނެވެ. ރަޝިޔާއާއި ޗައިނާ އަދި އެފްރިކާ ބައްރުން ސޮމާލިއާއެވެ. މިއީ ދުނިޔެއަށް އެމެރިކާއިން ވަކި ހިއްޕާފައިވާ މިންވަރުކަމަށް ޕްރޮފެސަރ ޖެފްރީ ސާޝް ބުނެފައިވެއެވެ. ސައިންޓިފިކް ދުނިޔޭގައި ޚަބަރުތައް ސިއްރުކުރުމަކީ އުދަނގޫ ކަމެކެވެ. އެމެރިކާގެ މިލިޓްރީގައި 4 ހާސް ވަރަކަށް ފައިޓަރ ޖެޓް ހިމެނޭކަމަށްވެއެވެ. ގަތަރުގެ އަލް އުދައިދު އެއާރބޭސްއަށް އީރާނުގެ މިސައިލްތަކުން ހަމާލާދިން އިރު އެތަނުގައި 60 ވަރަކަށް ފައިޓަރޖެޓް އޮތީ ހަރަކާތަށް ތައްޔާރަށެވެ. އެ ހަމަލާގައި އެ ހުރިހާ ޖެޓްތަކެއް ހަލާކުވެގެން ދިޔައީއެވެ. މިއީ 1941 ވަނައަހަރު ޑިސެމްބަރ މަހު 7 ވަނަ ދުވަހު ޕާރލް ހާބަރއަށް ޖަޕާނުންދިން ހަމަލާއަށްފަހު އެއް ހަމަލާއެއްގައި އެމެރިކާއަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ. އެދުވަހު ލިބުނު ގެއްލުމަކީ އެމެރިކާއިން ތައްޔާރުނުވެތިއްބާ ޖަޕާނުންދިން ކުއްލި ހަމަލާއެކޭ ބުނެވިދާނެއެވެ. އެކަމަކު އަލް އުދައިދަށް އީރާނުން ހަމަލާދިނީ އެމެރިކާއިން ފުރިހަމައަށް ތައްޔާރަށް ތިއްބައެވެ. އެންމެ ފުރަތަމަ ހުރިހާ ދިފާއީ ނިޒާމަކާއި ބެޓްރީތަކެއް ނައްތާލުމަށްފަހު އަލްއުދައިދުގެ ލޯ ކަނުކޮށްލީ ކަމަށް ގްލޯބަލް ކްރައިސިސްގެ ރިޕޯރޓުގައި ބުނެފައިވެއެވެ. ހަނުގާމައިގެ ހާލަތު އިތުރަށް ނުރައްކާވަމުންދާއިރު ކުރިއަށް އޮތް ހަފުތާގެތެރޭގައި އީރާނުގެ ހަމަލާތައް އަމާޒުކުރާނެ 6 ފަރާތެއްގެ ނަން އިއްޔެ އީރާނުން އިއުލާން ކޮށްފިއެވެ. ތެޔޮ ކާރުޚާނާއެއް ނުވަތަ މިލިޓްރީ އެއާރބޭސް އެއް ނޫނެވެ. ހަނގުރާމަމަތީ އުޅަނދުފަހަރެއްވެސް ނޫނެވެ. ދުނިޔޭގައި ހިނގާދިޔަ އެއްވެސް ހަނގުރާމައެއްގައި މިހާތަނަށް އަޑުއިވިފައިނުވާ 6 ނަމެކެވެ. އެ ނަންތަކުގެ ރައުސުލްމާލަ މުޅިދުނިޔޭގެ ޖުމުލަ ޖީ ޑީ ޕީ އަށްވުރެން މަދު ނުވާނެކަމަށް ވެސް ބައެއް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. އީރާނުން އިއުލާންކުރި 6 އަމާޒަކީ ގޫގްލްސް އާއި މައިކްސޮފްޓް އަދި އެންވިޑިއާ އާއި އައި ބީ އެމް އަދި ޕަލަންތިރ އާއި އޮރަކްލް އެވެ. ގަލްފް ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ މި ކުންފުނިތަކުގެ ޑޭޓާ ސެންޓަރ ތަކާއި މަރުކަޒުތަކަކީ އީރާނުން ދެން އަމާޒުކުރާނެ ޓާގެޓްތައްކަމަށް ވަނީ އާންކޮށްފައެވެ. ހަނގުރާމައާއި ގުޅިގެން އެމެރިކާގެ ރައްޔިތުންގެ %80 ހަނގުރާމައާއި ދެކޮޅުކަން ހާމަކުރުމުގެ އިތުރުން އީރާނުގެ ސަބަބުން އެމެރިކާއަށް އެއްވެސް ނުރައްކަލެއްނެތްކަން މިލިޓްރީ ޖެނެރަލުންވެސް ގެންދަނީ ހާމަކުރަމުންނެވެ. އެކަމަކު ދި އޯރެންޖްމޭން އަށް އެއީ މައްސަލައެއް ނޫނެވެ. އޯރޑަރ އަންނަނީ ނަތަންޔާހޫގެ މޭޒުން ކަމަށް ވާތީއެވެ. ރައީސްޓްރަމްޕްގެ އެތެރެކޮއިލްގައިވެސް ހަމަހިމޭންކަން ވަނީ ގެއްލިފައިކަމަށާއި ޕާރޓީގެ ރުހުންވެސް ފަނޑުވަމުންދާން ފަށައިފިކަމަށް ވެއެވެ. ބައެއް އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ހަނގުރާމައިގެ ހުނަރުވެރި ތަޖްރިބާކާރުން އިސްތިއުފާ ހުށައަޅުއްވަމުން ގެންދަވާކަމަށް މީޑިއާ ތަކުގައި ބުނެފައިވެއެވެ.
ދޮގު ޕްރޮޕަރގެންޑާގެ މައްޗަށް އެކުލެވޭ ސިޔާސަތެއް ތަންފީޒުކުރަމުން ގެންދާއިރު މަގާމުގައި ބަލަން ނުހުރެވޭނެކަން ހާމަކުރައްވަމުން ރައީސް ޓްރަމްޕްގެ އެންމެ އަރިސް ހަނގުރާމައިގެ ތަޖްރިބާކާރު އަދިއެންޓައި ޓެރަރިޒަމްގެ އެންމެ އިސްވެރިޔާ ޖޯ ކެންޓް އިސްތިއުފާ ދެއްވުން ޚާއްސަގޮތެއްގައި ފާހަގަ ކުރެވެއެވެ.
![]()
