މެދުއިރުމަތީގެ ހަނގުރާމައިގެ ބައެއް އުސްއަލިތަކާއެކު އެނަލިސްޓުންގެ އިންޒާރު

Loading

Facebook
Twitter
WhatsApp

ހޮރްމުޒް ކަނޑުއޮޅިއަކީ ހަމައެކަނި ކަނޑުދަތުރުފަތުރަށް މުހިންމު ކަނޑުއޮޅިއެކޭ ބުނެފައި ހުއްޓައެއް ނުލެވޭނެއެވެ. އެއީ ދުނިޔޭގެ އިގްތިސާދު ދެމިއޮތުން އޭގެ މައްޗަށް ބުރަވެފާއޮތުން ލާޒިމްކުރުވާ ހަމައެކަނި ލޭނާރުކަމަށް ބުނެވިދާނެއެވެ. ކަނޑުދަތުރުފަތުރާ ގުޅުންނެތި އެއްވެސް ގައުމެއްގެ ރައްޔިތުންގެ އަތް އަނގަޔާ ހަމަޔަށް ނުފޯރާނެއެވެ.

މިއީ ގަބޫލުކުރަން މަޖުބޫރު ހަގީގަތެއްކަމަށް މިއަދުގެ މީޑިއާތަކުން ކެނޑިނޭޅި ގޮވަމުން އެބަދާކަން ފާހަގަ ކުރެވެއެވެ.
މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ކަންކޮޅުތަކަށް ބޭނުންވާ ތެލާއި ގޭހާއި އެހެނިހެން ބާވަތްތަކުގެ މުދާ ފޯރުކޮށްދިނުމަށްޓަކައި ސުޕަރ ޓޭންކަރު ފަހަރާއި ބިޔަ ލިކްވިފައިޑް ގޭސް ކެރިއަރތަކާއި ކޮންޓޭނަރ އުފުލާބޯޓުފަހަރުވެސް ހިމެނޭގޮތުގައި އެވްރެޖް ގޮތެއްގައި ދުވާލަކު 138 ބޯޓުފަހަރު މި ކަނޑުއޮޅި ހުރަސްކުރެއެވެ. އެހެންގޮތަކަށް ބުނާނަމަ ދުނިޔޭގެ އިގްތިސާދުގެ ވިންދު ކެނޑިގެންދިޔަ ނުދީ ހިފޭއްޓުމަށް ކޮންމެހެން ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށްޓަކައި ރެޔާދުވާލު މިކަނޑުއޮޅިން ގެންދަނީ އަރާމެއްނެތި ޚިދުމަތް ދެމުންނެވެ. މިއަދު އެ ޚިދުމަތް އޮތީ މެދު ކަނޑާލާފައެވެ. އެތައް ސަތޭކަބޯޓުފަހަރު ގަލްފުގެތެރޭގައްޔާއި ގަލްފުން ބޭރުގައި އޮތީ ތާށިވެފައެވެ. މުދާތައް އޮތީ ގުދަންތަކުގައި ފުނިޖެހިފައެވެ. ބޯޓުފަހަރުގެ ކެޕްޓަނުންތިބީ އޯޑަރގެ އިންތިޒާރުގައެވެ. ދުނިޔޭގެ ބާޒާރު އޮތީ ތަންމިނަށް ދެލޯ ހުޅުވައިގެންނެވެ. ބޯޓުފަހަރުދުއްވާ ކުންފުނިތަކުން ބޯޓުފަހަރުގެ ދަތުރުތަކަށް ދެވިދާނެ އަމުރެއްގެ އިންތިޒާރުގައެވެ. މެއާސްކް، ސީ އެމް ސީ ޖީ އެމް، ހެޕަގްލޯއިޑް، އަދި ޖަޕާނުގެ ބޯޓުފަހަރު ދުއްވާ ބޮޑެތި ކުންފުނިތަކުން ގަލްފުގެ ދަތުރުތައް މެދުކަނޑާލައިފިއެވެ. މައިގަނޑު ސަބަބަކީ އިންސޫރެންސް އެވެ. މެރިޓައިމް ސެކިއުރިޓީ ކަވަރޭޖް ނެތި އާގުބޯޓުފަހަރުން ހަނގުރާމައިގެ ސަރަހައްދަކަށް ނުވަންނާނެއެވެ. ޚޮރްމުޒް ކަނޑުއޮޅިއަށް ވަދެ ނިކުތުމަށް އިންސޫރެންސް ދިނުން ހުއްޓާލުމާއެކު ގަލްފަށް ކުރިދަތުރުތައް އެއްކޮށް ހުއްޓުނީއެވެ. ކިތަންމެ ބައިވަރު މަނަވަރު ފަހަރަކުން ހިމާޔަތާ ރައްކާތެރިކަން ފޯރުކޮށްދިނުން ކަށަވަރުކުރަމުން ގެންދިޔަ ކަމުގައިވިޔަސް ގްލޯބަލް މެރިޓައިމް އިންސޫރޭންސް ކަވަރޭޖް ދިނުން ހުއްޓުމަކަށް އޮތީ ހުއްޓާލާފައެވެ.
ދުނިޔޭގެ ބާޒާރަށް ބަލާއިރު މި ހަނގުރާމަ ފެށުމުގެ ކުރިން ދުވާލަކު 15 މިލިއަން ފީފާގެ ތެލާއި އަދި 5 މިލިއަނެއްހާ ކިއުބިކް މީޓަރުގެ ތެލުގެ އެހެނިހެން އުފެއްދުންތައް ޚޮރްމުޒް ކަނޑުއޮޅިން ބޭރުކުރެވެއެވެ. މިއަދު ދުނިޔޭގެ އިގްތިސާދު ދެމިއޮތުމަށްބޭނުންވާ ހަކަތަ ފޯރުކޮށްދޭ އެ މުހިންމު ނާރު އެއޮތީ އީރާނުގެ މުށުތެރޭގަފިއްތާލާފައެވެ. ނަތީޖާއެއްގެ ގޮތުން ބާޒާރުގެ އަގުތައް ނޭވާ ހާސްވުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ގަލްފުގެ ބައެއް ގައުމުތަކުގެ ތެލުގެ އުފެއްދުން ދުނިޔޭގެ ބާޒާރަށް ނެރެވެން އޮތް ހަމައެކަނި މަގަކީ ޚޮރްމުޒް ކަނޑުއޮޅިއެވެ. ތެޔޮއަޅާ ތާންގީތައް ފުރިގެން ބަންޑުންދާއިރު ބަރުކުރާނެ ޓޭންކަރެއް ބަނދަރުތަކުގައި ނެތެވެ. ދުވަސްކޮޅަކުން ތެޔޮ ނެގުން ހުއްޓާލަން ޖެހޭނެއެވެ. އެއަށްފަހު ހާލަތުވިޔަސް އަލުން ތެޔޮ ނަގަން ފެށުމަށް ދުވަސްތަކެއް ނަގާނެއެވެ. ތެޔޮ ނެގުމަށް ބޭނުންވާ ޕްރެޝަރ ލިބިގަތުމަށްޓަކައެވެ. ދުނިޔޭގެ އިގްތިސާދާއި ތަރައްގީގެ މަޝްރޫތައް އަލުން ފަށައިގަތުމަށް ދުވަސްތަކެއް ނަގާނެއެވެ.
މިއަދު ހެނދުނު ލޯކަލް ގާރޑިއަންގެ އެންމެ ފަލަ ސުރުޚީއަކަށް ވެފައި އޮތީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމަ ކާމިޔާބުކޮށް ނިންމާލެވިއްޖެކަމަށް އެމެރިކާގެ ރައީސް އިއުލާންކުރެއްވިތާ ކުޑައިރުކޮޅެއްފަހުން އެކުވެރިންގެ އެހީއަށް އާދޭސް ކުރައްވަން ފެއްޓެވި ޚަބަރެކެވެ. ހަނގުރާމަ ކުރިޔަށް އޮތް 72 ގަޑިއިރު ތެރޭގައި އީރާން ބަލިކުރުމަށްފަހު ނިންމަވާ ލައްވާނެކަމަށް އެމެރިކާގެ ރައީސް ވިދާޅުވުމަށްފަހު ޚޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް ހުޅުވާލަން އެހީތެރިވެ ދިނުމަށް އެމެރިކާގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވަން ފަށައިފިއެވެ. އީރާނުން ފަރުބަދަތަކުގެ ތެރޭގައި ބިނާކޮށްފައިވާ އަންޑަރގްރައުންޑް މިސައިލް ސިޓީތަކުގެ ބިންގަރާސް ތަކުގައި ފޮރުވާފައިހުރި މިސައިލްތައް ހޯދޭނެގޮތެއް އަދި ހަމަލާ ދެވިދާނެ ގޮތެއް އެމެރިކާއަށް ފެންނާކަށްނެތެވެ. އަދި އެ މިސައިލްތަކުގެ ހަމަލާތައް އަންނަ ދިމާލެއްވެސް ނުހޯދުނެވެ. އީރާނުގެ ހަމަލާތަކެއްވެސް ނުހުއްޓުވުނެވެ. ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލާއި ގޭހުގެ ވިހި އިންސައްތަ ބޭރުކުރެވެން އޮތް ހަމައެކަނި ކަނޑުއޮޅި އީރާނުގެ ހަމަލާތަކުން މިނިވަންކުރެވިދާނެ ގޮތެއް އެމެރިކާއަކަށް ނުހޯދުނެވެ.
މިހާތަނަށް މި ހަނުގާމައިގާ އެމެރިކާގެ 7 އާއިލާއަކުން ވަނީ އެމީހުންގެ ދަރިންނަށް އަބަދުގެ ދާއިމަށްޓަކައި އަލްވިދާ ކިޔަންޖެހިފައެވެ.
ޚޮރްމުޒް ކަނޑުއޮޅި އޮތީ އީރާނުގެ ފުރިހަމަ ބާރުގެ ދަށުގައިކަން އީރާނުގެ އިންގިލާބީ ނޭވީ ލަޝްކަރުގެ އޮފިސަރ މުހަންމަދު އަކްބަރު ޒާދު އިއުލާންކުރެއްވިތާ ކުޑައިރުކޮޅެއްފަހުން އެ ކަނޑުއޮޅިން ދަތުރުކުރުމުގައި އެއްވެސް ނުރައްކަލެއް ނެތްކަން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އިއުލާންކުރައްވާފައެވެ. އެކަމަކު ރައީސް ހެއްދެވީ ބޮޑުވެގެންވާ އިތުރުފުޅެކެވެ. ހަތަރުވަރަކަށް މޭލުގެ ފުޅާމިންހުރި އެ ކަނޑުއޮޅީގައި އީރާނުން ވަނީ މައިން އަޅާފައެވެ. އަދި އެ ކަނޑުއޮޅި ހުރަސްކުރުމަށް އިންސާނުންނެތި ވަރަށްބާރު ދުވެލީގައި ދުއްވާ ޑްރޯން ބޯޓުތަކުން އިތުރު ނުރައްކާތެރިކަން ކުރިމަތި ކޮށްފައެވެ. އެބޯޓުތަކުގައި ހުންނަނީ އެތައް ކިލޯގްރާމެއްގެ ބަރު ވޯރހެޑްތައް ބަރުކޮށް އަދި ވަކިވަރަކަށް އަމާޒަށް ކައިރިވުމުން އޭގެ ޒާތުގައި ގޮއްވާލާނިޒާމަކުން ޕްރޮގްރާމް ކޮށްފައެވެ. ކަނޑުއަޑީގައި މައިންތައް އަޅާފައިވާއިރު ބާރު ދުވެލީގައި ކަނޑުގައި ދުއްވަމުން ޑްރޯން ބޯޓުތައް ގުޅިގެން މިހާތަނަށް އީރާނުގެ ހުއްދަނެތި އެ ކަނޑުއޮޅިން ދަތުރުކުރަން އުޅުނު 13 ބޯޓު ވަނީ ގޮއްވާލާފައެވެ. 6 ފަޅުވެރިން ވަނީ މަރުވެފައެވެ. އިއްޔެ އެކަނިވެސް މިހާތަނަށް 3 ބޯޓު ވަނީ ގޮއްވާލާފައެވެ. ޑްރޯން ބޯޓުތަކުގެ ދުވެލީގެ ބާރުކަމާއި ސައިޒް ކުޑަކަމުގެ ސަބަބުން ވަގުތު އޮއްވާ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށްވެސް ފުރުސަތު ލިބޭ ކަމަކަށް ނުވެއެވެ. ޚޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެމެރިކާގެ މަނަވަރުތަކުން ކައިރީ އޮވެ ހިޔާމަތް ދޭނެކަމަށް އެމެރިކާގެ ނޭވީން ބުނަމުންގެންދިޔަ ނަމަވެސް މިއަދާ ހަމަޔަށް ހަމަ އެންމެ ބޯޓަކަށް ހިމާޔަތްދޭން ކައިރިކޮށްލާކަށްވެސް ނުކެރުނެވެ. އީރާނުގެ ނޭވީން ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު އީރާނުން މެރިޓަމްގެ ބޭނުންތަކަށް އުފައްދާފައިވާ މައިންތަކުގެ އެއް ޕަރސެންޓްވެސް މިހާތަނަށް ބޭނުންކޮށްފައެއް ނުވެއެވެ.
ނޭވީ މައިންތަކަކީ ވަކި އަމާޒެއްނެތި ކަނޑުތެރެއަށް ދޫކޮށްލެވިފައި އޮންނަ ހަތިޔާރެއް ކަމަށް ގިނަބަޔަކަށް ވިސްނިފާ އޮވެދާނެއެވެ. އެކަމަކު އީރާނުގެ އުފެއްދުންތައް އެ މިންގަނޑުން ބެލެވިދާނެ ވަރަށްވުރެން މާ ނުރައްކާތެރިއެވެ. ދޮޅުހާސް ޑޮލަރުގެ އަގަކަށް އުފައްދާ އެންމެ މައިނަކުން ބިޔަ ޓޭންކަރެއް ކަނޑުއަޑިޔަށް ފޮނުވާލެވިދާނެއެވެ. ޚާއްސަ ގޮތެއްގައި އީރާނުން އިންފުލޫއެންސް ނަންދެވިފައިވާ މައިންތައް ފާހަގަކުރެވެއެވެ. އެ ހަތިޔާރު ބޭއްވިފައި އޮންނަނީ ގޮނޑުދޮށުގައެވެ. އޭގެ މެގްނެޓިކް ފީލްޑްގެ ތެރެއަށް ދުވެދުވެ ހުރި އެއްޗެއް ވަނުމާއެކު އުފެދޭ ރާޅުތަކާއި ޕްރެޝަރުގެ ސަބަބުން އޭގެ އަމިއްލަ ޒާތުގައި ހަރަކާތްރެތެރިވެ ގޮވާނެއެވެ. އީރާނުގެ އެންމެ ނުރައްކާތެރި މައިންތަކަށް ނަންދެވިފައިވަނީ ދަ ރައިޒިންގ މައިން އެވެ. އެ ހަތިޔާރު އޮންނާނީ ކަނޑުއަޑިން ބިންމަތީގައެވެ. އޭގެ މަތިން ބޯޓެއް ދަތުރުކުރަންފެށުމާއެކު އޭގައި ބަރުކޮށްފައިވާ ބިޔަ ލޯޑާއެކު އެއިން ރޮކެޓެއް ފޮނުވާލައި ބޯޓު ގޮއްވާލާނެއެވެ. ދެތިންހާސް ޑޮލަރުގެ މައިންއެއް ބޭނުންކޮށްގެން 150 މިލިއަން ޑޮލަރަށްވުރެން އަގުބޮޑު ޓޭންކަރެއް ނުވަތަ 1.8 ބިލިއަން ޑޮލަރުގެ އަގުބޮޑު ޑެސްޓްރޯޔަރެއް ގޮއްވާލެވެނީއެވެ. ޚޮރުމުޒް ކަނޑުއޮޅީގެ ފުންމިނަކީ ގާތްގަނޑަކަށް 60 ވަރަކަށް މީޓަރެވެ. 2 ލައްކަ ޓަނުގެ ޓޭންކަރެއް ބަރުކޮށްފައި އޮންނައިރު ޑްރާފްޓްގައި 25 ވަރަކަށް މީޓަރ ހުންނާނެއެވެ. އާންމުގޮތެއްގައި ތިލަ ކަނޑުއޮޅިތަކުން ވަދެ ނިކުތުމުގައި ބޮޑެތި ބޯޓުފަހަރުގެ ދުވެލި ވަރަށް މަޑުކުރާނެއެވެ. މިކަމުންވެސް އީރާނުގެ މައިންތަކުގެ ޝިކާރައަކަށްވުމަށް މަގުފަހިކޮށް ދޭނެއެވެ.
ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލާއި ގޭހުގެ ވިހި އިންސައްތަ ކޮންޓްރްލޯކުރާ ނޭވާހޮޅީގައި އީރާނުން ހިފާއްޓާފައިމިވަނީ ދުނިޔޭގެ އިގްތިސާދީ ބާރު 180 ދަރަޖައިގެ ބުރެއް އެޅުން އެކަށީގެންވާ މިންވަރަކަށެވެ. ގައުމުތަކުގެ ވެރިންގެ ކުރިމަތީގައި ގަލްފުތެރޭގެ ހަނގުރާމައިގެ މައިދާނަށްވުރެން ޚޮރްމުޒް ކަނޑުއޮޅީގެ ސަބަބުން ދުނިޔޭގެ އިގްތިސާދު އަރިއަޅާލައި ދުނިޔޭގެ އިގްތިސާދީ ބާރުވެރިކަން ބަދަލުވަމުންދާ މަންޒަރުގެ ބިރުވެރިކަން ވަކިން ކުޑައެއްނޫނެވެ. ހަނގުރާމަ ނުހުއްޓި ދިގުދެމިގެންދާނަމަ ގައުމުތަކުގެ ކުރިއެރުމާއި ތަރައްގީ ހުއްޓުމަކަށް އައިސް ގައުމުތަކުގެ ރައްޔިތުން ބަނޑަށް ޖެހުމުގެ ބިރުވެރިކަމެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ މަގްސަދަކާއި އަދި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ކޮބައިތޯ ރައީސް ޓްރަމްޕްގެ ވަރަށް އަރިސް މީހެއްގެ ގޮތުގައި އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ގިނަ އަހަރުތަކެއް ވާންދެން މަސައްކަތް ކޮށްފައިވާ ކެރީ ޕްރިޖީން ބޯލަރ އަށް ޕިއާރސް މޯރގަން ސުވާލުކުރުމުން އެކަމަނާ ބުނެފައިވެއެވެ. ރައީސް ޓްރަމްޕް އަރިގައި މަސައްކަތްކުރަން ފެށި އުމުރުން 20 އަހަރުގައެވެ. އެއީ ރީތީގެ މުބާރާތުގައި ކެލިފޯނިޔާއިން ބައިވެރި ވުމުން މިސް ޔޫ އެސް އޭ ގެ ޝަރަފް ލިބުމާގުޅިގެންނެވެ. ރައީސް ޓްރަމްޕް އަކީ އަހަރެންގެ ވަރަތްގާތް ރަހްމަތްތެރި އެކެވެ. އެކަމަކު އެ މަނިކުފާނު ކަންތައް ކުރައްވާގޮތުން އެއީ އެމެރިކާގެ ރައީސްކަމަށް ގަބޫލެއް ނުކުރަމެވެ. އެމެރިކާއަކީ މިހާރު މިނިވަން ގައުމެކޭ ނުބުނެވޭނެއެވެ. އެމެރިކާއޮތީ ބިދޭސީ އެހެން ގައުމެއްގެ ބާރުގެ ދަށުގައެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަކީ ބިދޭސީ އެހެންގައުމެއްގެ އަމުރުތައް ތަންފީޒުކުރަން ބަހައްޓާފައިހުރި ވެރިއެކެވެ. ރައީސް ޓްރަމްޕް އިއުލާންކުރައްވާފައިވާ މަގާ ( މޭކް އެމެރިކާ ގްރޭޓް އަގެއިން ) މަޝްރޫއުވެސް ވަނީ މަރުވެފައެވެ. އެމެރިކާރައްޔިތުން ތިބީ ރައީސްދެކެ ވަރަށްބޮޑަށް ހިތްހަމަނުޖެހިފައެވެ. އަދި އެ ރައްޔިތުންވެސް ޑޮނާލްޑް ޓްރަމްޕްގެ ރިޔާސަތު ގަބޫލެއް ނުކުރެއެވެ.
މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމަ ފުޅާވަމުންގޮސް ދުނިޔޭގެ ހުރިހާކަންކޮޅުތަކަށް އޭގެ ބިރުވެރިކަން ފެތުރިގެން ހިނގައިދާނެ ކަމަށް ބެލެވޭ މިދަނޑިވަޅުގައި އަރަބި ގައުމުތަކުގެ ވެރިންނަށް އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޯން އުންގެ މަޝްވަރާއެއް އާންމުކުރައްވައިފިކަމަށް ގާނާއަށް ނިސްބަތްކުރެވޭ ސިޔާސީ ކޮމެންޓޭޓަރ ސުލީ ކޯން ހާމަކޮށްފިއެވެ. އަރަބި ގައުމުތަކުގެ ވެރިން ނިދިން ހޭލައި އީރާނާއެކު އެމެރިކާއާ ދެކޮޅަށް ހަނގުރާމައަށް ނިކުންނަން ޖެހޭ ވަގުތު އަތުވެއްޖެ ކަމަށާއި މި ވަގުތު އީރާން އެކަނި ދޫކޮށްލައިފިނަމަ މާދަމާ ގްރޭޓަރ އިސްރާއީލަށްޓަކައި އެމެރިކާއިން އަރަބި ގައުމުތަކަށް އަރައިގަންނައިރު އެހީތެރިވާނެ ބައިވެރިއަކު ނުލިބޭނެއެވެ. ކިމް ޖޯން އުން ވިދާޅުވެފައިވާކަމަށް އެކަމަނާ ބުނެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް