އެމެރިކާއާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ މައި މަރުކަޒު ފޯޅަވައްސަށް

Loading

Facebook
Twitter
WhatsApp

މެދުއިރުމަތީގެ ޖިއޯޕޮލިޓިކްސް އާއި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައާއި އީރާނުގެ ދިފާއު އަދި މެދުއިރުމަތީގެ ގައުމުތަކާ އެމެރިކާގެ ގުޅުން ދިރާސާ ކުރައްވާ ބޭފުޅުންގެ ތަސައްވުރުގެ މުހިންމުބައިތައް މިހިސާބުން ކިއުންތެރިންގެ މައުލޫމާތަށްޓަކައި ގެނެސްދޭނަމެވެ.


ގައުމުތަކުގެ ބިމުގައި މިލިޓްރީ ބޭސްތައް ގާއިމް ކުރަން ހުއްދަދެނީ އެގައުމުތައް ދިފާއުކޮށްދޭނެ ކަމުގެ އުންމީދުގައެވެ. އެ ގައުމުތަކުގެ ބިން ބޭނުންކޮށްގެން އެހެންގައުމުތަކަށް އަރައިގަތުމަށް މަގުފަހިކޮށްދޭކަށްނޫނެވެ.
އަރަބިގައުމުތަކުގައި އެމެރިކާގެ މިލިޓްރީ ބޭސްތައް ގާއިމު ކުރުމުގެ ހުއްދަ ދީފައިވަނީވެސް ބާރުގަދަ އެހެން ގައުމުތަކުގެ އުނދަގުލުން އެގައުމުތައް ރައްކާތެރިކޮށްދޭނެކަމުގެ ޔަގީންކަމާ އެކުގައެވެ.
ފެންނަމުންދާ މަންޒަރުތަކަށްބަލާއިރު އަރަބި ގައުމުތަކަށް އެމެރިކާގެ ހިމާޔަތާއި ރައްކާތެރިކަން ލިބުމުގެ ބަދަލުގައި އެ ގައުމުތަކުގައި ހުރި އެމެރިކާގެ މިލިޓްރީބޭސްތައް ބޭނުންކުރެވެނީ އިސްރާއީލު ރައްކާތެރިކުރުމަށްޓަކައެވެ. އަރަބި ގައުމުތަކުގެ ވެރިންނަށް މިކަން އޮޅުންފިލާވަޑައިގަތުމާއި އެގައުމުތަކަށް ހިމާޔަތެއް ނުލިބޭކަން ވިސްނި ވަޑައިގަތުމާއެކު މަސްރަހުން ހިތްހަމަނުޖެހުން ފާޅުވަމުންވެސް ދާން ފަށައިފިއެވެ. އަދި އެގައުމުތަކުގެ ބަސްވިކޭ ރައްޔިތުންގެ ހިތްހަމަނުޖެހުން އިތުރުވަމުންދިއުމާއެކު ސައޫދީ އެރޭބިއާއާއި މިސްރާއި ގަތަރު އަދި ތުރުކީއާއި އޮމާނުން އެ ގައުމުތަކުގެ ބިމާއި ކަނޑާއި ވައިގެ ސަރަހައްދު އީރާނާ ދެކޮޅަށް ބޭނުންކުރަން ނޫނެކޭ ބުނެފިއެވެ.
އެމެރިކާއިން މިހާރު ގަސްދުކޮށްފައިވަނީ އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އަރަބި ގައުމުތަކުގެ ބިން ދޫކޮށް އެމެރިކާގެ އަމިއްލަ ފޯޅަވައްސަށް ބަދަލުކުރުމަށެވެ. އެއީ އެމެރިކާގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ޖަޒީރާއެކެވެ. މެދުއިރުމަތީގެ ވެރިންގެ ރުހުމާއި ނުރުހުން ބޭނުމެއް ނުވާނެއެވެ. އެހެންނަމަވެސް ހަނގުރާމައިގެ ބިރުވެރިކަން އިތުރު ސަރަހައްދަކަށް ފެތުރިގެންދިޔައީއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަންފެށި ހަނގުރާމަ ތިންވަނަ ހަފުތާއަކަށް ފެށުނުއިރު ރައީސް ޓްރަމްޕް ފިތި ބާރުވެފައި މިންވަރުން ހަނގުރާމަހުއްޓާލާފައި ގެއަށް ވަންނަން އެމެރިކާއަށް އެންމެ ރަނގަޅު ފުރުސަތަކީ މިއީ ކަމަށް ބުލޫމްބާރގުން މިއަދު ހާމަކޮށްފިއެވެ. ހަނގުރާމަހުއްޓާލަން ރައީސް ޓްރަމްޕް ބޭނުންވި ކަމުގައިވިޔަސް އީރާނުން އެއްބަސްވެދާނެކަމަކަށް ނުބެލެވެއެވެ. ޓްރަމަޕް އީރާނާ ދެކޮޅަށް ހަނގުރާމައަށް ވަދެގަތީ ގަލްފުގެ ރަހްމަތްތެރިންނާއި ޔޫރަޕްގެ ބައިވެރިންގެ އެއްބާރުވުން ލިބޭނެކަމުގަ ޔަގީންކަމާ އެކުގައެވެ. އެހެންނަމަވެސް އެއިން އެއްވެސް ގައުމަކުން ހުޅުވާލެވިފައިވާގޮތެއްގައި އާއެކޭ ބުނިތަނެއް ނުފެނުނެވެ. މުޅިދުނިޔެއަށް ބޭނުންވާ ތެލާއި ގުދުރަތީގޭހުގެ ވިހި އިން ސައްތަ ސަޕްލައިކޮށްދޭ ހަނި ދޮރާށި، ޚޮރުމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްލައި ދުނިޔޭގެ ހަކަތަ ނޭވާހޮޅިއަށް އެޅުމުގެ ބިރުވެރިކަން އުފެދިފައިވާ މިވަގުތު ބާރުގެ ބޭނުންކޮށްގެން އެ ކަނޑުއޮޅި ހުޅުވަން އެމެރިކާއާއި ބައިވެރިވުމަށް ރައީސް ޓްރަމްޕް ގޮވާލެއްވުން އަޑުއިވުނު ކަންފަތެއް ނެތް ކަހަލައެވެ. އެމެރިކާއާއި އެންމެ ގުޅުން ރަނގަޅު ޖަޕާނުންވެސް ބުނެފައިވަނީ ވަރަށް އިޚްލާސްތެރިކަމާއެކު “ ނޫނެކޭ “ އެވެ. އަދި އިންޑިއާއިން ފެށިގެން ތުރުކީއާ ހަމަޔަށްވެސް ފެންނަމުންދަނީ އީރާން ރުއްސައިގެން އެ ގައުމުތަކުގެ ޓޭންކަރުތަކަށް ޚޮރުމުޒް ކަނޑު އޮޅިގެތެރެއިން ދަތުރުކުރުމުގެ މަގު ފަހިކުރުމުގެ މަސައްކަތް ކުރެވެމުންދާތަނެވެ.
އެއާރފޯސް -1 ގައި ހުންނަވާފައި މީޑިއާތަކަށް ދެއްވިބަސްދީގަތުމެއްގައި ޚޮރުމުޒް ކަނޑުއޮޅި ހުޅުވަން އެމެރިކާއިން ކުރާ މަސައްކަތުގައި އެއްބައިވަންތަކަން ނުދޭ ގައުމުތައް ހަނދުމަފުޅު ބަހައްޓަވާނެކަން ދޭހަވާ މޭރުމަކުން ވަނީ ވާހަކފުޅު ދައްކަވާފައެވެ. އޭގެކުރިން ފައިނޭންޝަލް ޓައިމްސްގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ރައީސް ޝި ޖިންޕިންއާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުވެސް ފަސްކުރަން ޖެހިދާނެކަމަށް ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ އެމެރިކާއިން ރާވާފައިވަނީ ހަމައެކަނި ހައެއްކަ ހަފުތާގެ މުއްދަތުގެތެރޭގައި ނިންމާލެވިދާނެ ކަމަށެވެ. އެ މުއްދަތުގެ މާކުރިން މިހާރު އީރާނުގެ އެއްވެސް ހަކަތައެއްނެތް ކަމަށާއި ހަނގުރާމަ ނިމުމަކަށް ގެނެވިއްޖެކަމަށް ރައީސް ޓްރަމްޕް ވިދާޅުވުމުން އަވަހަށް ހަނގުރާމަ ހުއްޓާލަންވީ ކަމަށް ބުނެ މަލާމާތުގެ ބަހުރުވައެއް ބޭނުން ކޮށްގެން ޕްރޮފެސަރ ޑޭވިޑް ސާޝް ވަނީ ރައްދު ދީފައެވެ.
ކުވޭތު ޔުނިވަރސިޓީގެ ޕްރޮފެސަރ އަދި ޗެތަމް ހައުސްގެ އެސިސްޓެންޓް ފެލޯ ޕްރޮފެސަރ ބަދްރު އަލް ސައިފް ވިދާޅުވެފައިވަނީ ގަލްފުގެ ގައުމުތަކުން ބޭނުންވަނީ ސުލްހަވެރި ވެއްޓެއްގެ ތެރޭގައި ދިރިއުޅެން ކަމަށާއި އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުން މަދަދު ލިބެމުންދާ ހަނގުރާމަވެރި ޖަމާއަތްތައް ބޭނުންކޮށްގެން ގަލްފުގެ ގައުމުތަކުގެ އަމާންކަން ދާއިމީގޮތެއްގައި ނަގާލެވިދާނެކަމަށެވެ. އެމެރިކާއާއި އީރާނުން ހަނގުރާމައިގެ ކާމިޔާބީ މާނަކުރަނީ ތަފާތު ގޮތްގޮތަށެވެ. އަދި އަވަސް މުއްދަތެއްގައި ހަނގުރާމަ ހުއްޓާލުމުގެ ވިސްނުމެއްވެސް އީރާނުން ނުގެންގުޅެއެވެ.
އީރާނުގެ އަގުހެޔޮ ޑްރޯންތަކަކީ އެމެރިކާއާއި ބައިވެރިންނަށް ބޮޑު ނުރައްކަލަށް ވަނީ ވެފައެވެ.
ގަލްފުގެ ސަރަހައްދުން އީރާނުގެ އެންމެ ގިނަ ހަމަލާ އަމާޒު ކުރެވިފައިވަނީ އެމިރެޓްސް އަށެވެ. މާރޗް މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް އީރާނުން 1475 ފަހަރު ހަމަލާ ދީފައިވާއިރު އޭގެތެރެއިން 1385 ހަމަލާވަނީ މައިތިރިކޮށްފައެވެ. އީރާނުގެ ހަމަލާތަކުގައި އެމެރެޓްސް އިން 6 މީހަކު މަރުވެ 122 މީހުންވަނީ ޒަޚަމް ވެފައެވެ.
އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި 13 މީހުން މަރުވެފައިވާއިރު އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ 1200 މީހުން މަރުވެފައިވާކަމަށްވެސް ބުނެފައިވެއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންގެންދާ ހަނގުރާމައިގާ 10 ގައުމަކުން އެހީއަށް އެދިފައިވާއިރު މިހާތަނަށް އެހީ ފޯރުކޮށްދީފައިވަނީ ހަމައެކަނި ޔޫކްރެއިނުންނެވެ. އެމެރިކާގެ ފައުޖުތަކާ ގުޅުމަށް ޔޫކްރެއިނުން މެދުއިރުމައްޗަށް 3 ޓީމެއް ފޮނުވާފައިވާ ކަމަށް ރައީސް ޒެލެންސްކީ ވަނީ ސޯޝަލް މީޑިއާގައި ވިދާޅުވެފައެވެ.
މާރޗް 1 ވަނަދުވަހު އެން ބީ ސީ ނިއުސްއަށް ލިބިފައިވާ ވީޑިއޯތަކެއްގެ ސައްހަކަން ބެލުމަށްފަހު މީޑިއާތަކަށް ހާމަކޮށްފިއެވެ. އެ ވީޑިއޯތަކުން ފެންނަނީ ކުވޭތުގައި ހުންނަ އެމެރިކާގެ މިލިޓްރީ ބޭސްތަކަށާއި ޓްރާންސްޕޯޓް ހަބް ތަކާއި ސިޔާސީ ބޭފުޅުން ދިރިއުޅުއްވާ ތަންތަނަށް އީރާނުން ދީފައިވާ ހަމަލާތަކެވެ. އެން ބީ ސީ އަށް ލިބިފައިވާ 26 ވީޑިއޯ އަކުން 21 ވީޑިއޯއެއް ވަނީ އަމާޒަށް ވާސިލު ވެފައި ކަމަށާއި އަދި އެ ތަންތަނުގެ ވަސީލަތްތައް ފުރިހަމައަށް ރައްކާތެރި ކުރެވިފައި ނުވާކަންވެސް ހާމަވެގެންދެއެވެ. އީރާނުގެ ހަމަލާގައި ޝުއައިބާ ބަނދަރުގެ ސަރަހައްދުން އެމެރިކާ ސިފައިންގެ 6 މީހަކު ވަނީ މަރުވެފައެވެ.
ހަނގުރާމައިގާ އިސްރާއީލާއި އެމެރިކާއަށް ލިބެމުންދާ ގެއްލުންތަކުގެ ޚަބަރު ލިބެމުންދަނީ ވަރަށް މަދުންކަން ފާހަގަ ކުރެވެއެވެ. އިއްޔެގެ މުހިންމު ސުރުޚީތަކަށް ބަލާއިރު ސައޫދީ އެރޭބިޔާގެ ޕްރިންސް ސުލްތާން އެއާރބޭސްއަށް އީރާނުން ހަމަލާދީ އެތަނުގައި އޮތް އެމެރިކާގެ ޖައްވުތެރޭގައި ފައިޓަރޖެޓްފަހަރަށް ތެޔޮއަޅަން ބޭނުންކުރާ 7 ޓޭންކަރ ހަލާކުކޮށްލައިފިއެވެ. އޭގެތެރެއިން 5 ޓެންކަރ އަނދާއަޅިއަށް ހަދާލާފައިވާއިރު އަނެއް 2 ޓޭންކަރ ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކު ކޮށްލާފައެވެ. އީރާނަށް ތާއީދުކުރާ އިރާގުގެ ހަނގުރާމަވެރިން ވެސް ވަނީ ޖައްވުތެރޭން އެމެރިކާގެ ޓެންކަރެއް ވައްޓާލާފައެވެ. އޭގައިތިބި 6 ފަޅުވެރިންވެސް ވަނީ މަރުވެފައިކަމަށް ޚަބަރުތަކުގައި ބުނެފައި ވެއެވެ. މި ޓޭންކަރ ތަކަކީ ބޯއިން ކޭސީ-135 މަރުކާގެ ބޯޓު ފަހަރުކަން ވަނީ ހާމަވެފައެވެ. ބުނެވޭގޮތުގައި މިއިން އުޅަނދެއްގެ އަގަކީ ގާތްގަނޑަކަށް 40 މިލިއަން އެމެރިކާ ޑޮލަރެވެ.
ހިނގަމުންދާ ހަނގުރާމައިގެ ހަރަކާތްތަކަށް ނިމުން ގެނައުމަށް ގައުމުގެ ވެރިކަމުގެފަރާތުން އަމުރުކުރުމުންވެސް ހަނގުރާމައިގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ ހަނގުރާމައިގެ އުކުޅެކެވެ. 2005 ވަނައަހަރު އިރާގާ ދެކޮޅަށް އެމެރިކާގެ ގުޅިފައިވާ ލަޝްކަރުތަކުން ދިން ވަރުގަދަ ހަމަލާ ތަކުގައި އިރާގުގެ ލަޝްކަރުތައްއޮތީ ރައީސް ސައްދާމް ހުސައިންގެ ބާރުވެރިކަމުގެ ދަށުގައެވެ. މިލިޓްރީ ހަރަކާތްތަކަށް އަމުރު ކުރައްވަނީ ސީދާ އެމަނިކުފާނެވެ. ނަތީޖާފެނިގެންދިޔައީ އިރާގުގެ ބާރުގަދަ ލަޝްކަރުތައް ހިތަށްވެސް ނުގެނެވޭފަދަ ނިކަމެތި ނިމުމަކާ ކުރިމަތިލާން ޖެހުމެވެ.
އެ ހަނގުރާމައިގެ އަލީގައި އީރާނުގެ އިންގިލާބީ މިލިޓްރީގެ އެންމެ އިސް ކޮމާންޑަރ ޖެނެރަލް މުހަންމަދު އަލީ ޖައުފަރީ ގަސްދުކުރެއްވީ އީރާނުގެ 31 ސަރަހައްދުގައި ހިމެނޭ މިލިޓްރީ ލަޝްކަރު ތަކަށް އަމިއްލަ މިނިވަންކަން ލިބިފައި އޮތުން ރަނގަޅުވާނެކަމަށެވެ. ކޮންމެ ސަރަހައްދެއްގެ ކޮމާންޑަކީވެސް ހަތިޔާރުގެ ގޮތުން މިނިވަންކަން ލިބިފައިވާ އަދި ފައިސަލާކޮށް ނިމިފައިވާ އަމުރުވެރިކަމެއްގެ ދަށުން ހަރަކާތްތެރިވަމުންގެންދާ ލަޝްކަރަކަށް ހެދުމަށެވެ. 2008 ވަނައަހަރު ސެޕްޓެމްބަރު މަހުގައި އީރާނުގެ ލަޝްކަރުތައް އެ ފަލްސަފާ ނުވަތަ މޮސައިކް ޑޮކްޓްރިންގެ މައްޗަށް ތަރުތީބުކެރެވިގެން ހިނގައްޖެއެވެ. ހަނުގާރަމައަކަށް ކުރިމަތިލާން ޖެހިއްޖެނަމަ ހުއްޓާލުމުގެ އަމުރު އަތުވެއްޖައުމަށް ދާންދެން ހަނގުރާމަކުރުމުގައި ދެމިތިބޭށެވެ. ގައުމުގެ ރައީސް ނުވަތަ ސިފައިންގެ ވެރިޔާ ނުވަތަ އެހެންވެސް އަމުރުވެރިއަކު މި ދުނިޔެއިން ވަކިވެގެން ދިއުމަކީ ހަނގުރާމައާ ގުޅުންހުރި ކަމަކަށް ނުހަދާށެވެ.
އީރާނުގެ 31 ސަރަހައްދުގެ ސިފައިން ހަރަކާތްތެރިވަމުންގެންދަނީ މި އުސޫލުންނެވެ. ވަކި ފަރާތަކުން އަންނަ އަމުރެއް ނެތެވެ. ހަނގުރާމައިގެ އިންޖީނުތަކުގައި ނިއްވާލާނެ ބްރޭކަރެއް ނުހުންނާނެއެވެ. އޮޕަރޭޓް ކުރާނެ ޚާއްސަ އިންޖިނޭރަކު ނުހުންނާނެއެވެ. އިންޖީނަށް ކުރެވިފައިވާ އަމުރަކީ އެއްވެސް ލީޑަރަކުގެ އަމުރަށް އިންތިޒާރު ނުކުރާށެވެ. ގައުމުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އަމާންދިނުމެއް ނެތެވެ.
މިހާރު ހިނގަމުންދާ ހަނގުރާމައިގާ އީރާނުގެ ހަމަލާތައް އަވަށްޓެރިންނަށް އަމާޒު ނުކުރުމަށް އީރާނުގެ މަދަދު ލިބޭ ހަމާސްފަދަ ބައެއް ޖަމާއަތްތަކުން އެދެމުންގެންދާން ފަށައިފިއެވެ. އެހެންނަމަވެސް ހަނގުރާމައިގެ އިންޖީނުގެ އޮޕަރޭޓަރެއް ނެތެވެ. އަދި އަމުދުން އިންޖީނު އުފައްދާފައިވަނީ ހުއްޓުވާނެ ބްރޭކަރެއް ނެތިއެވެ. ފައިސަލާ ކުރެވި ނިމިފައިވާގޮތުގެ މަތިން ހަނގުރާމަ ކުރިއަށްދާނެއެވެ. އުނިއިތުރުކޮށް މިސްރާބު ބަދަލުކުރުމުގެ އިޚްތިޔާރު އެއްވެސް ލީޑަރަކަށް ނެތެވެ.
އީރާނުގެ ގާނޫނު އަސާސީގައިވާ ގޮތުން މިލިޓްރީ ބާރުވެރިކަމަށް ބަސްކިޔޭނީ ހަމައެކަނި ވިލާޔަތޭ ފިގްހް ނުވަތަ އިސްލާމީ ޝަރީއަތުގެ ބެލެނިވެރި ފަރާތުން އެކަންޏެވެ. ސިޔާސީ ނިންމުންތައް ދީނުގެ ގިއުގަނޑުން ބޭރެއް ނުކުރެވޭނެއެވެ. މިސާލަކަށް ކެބިނެޓްގެ ނިންމުމެއްގައި ހަނގުރާމަހުއްޓާލަން ނިންމުމާގުޅިގެން ގައުމުގެ ރައީސް އެ އަމުރު އިއުލާން ކުރިކަމުގައިވިޔަސް އިސްލާމީ ޝަރީއަތުގެ ބެލެނިވެރިފަރާތުގެ ރުހުން ލިބިފައިނުވާނަމަ ރައީސްގެ ނިންމުން ތަންފީޒު ނުކުރެވޭނެއެވެ.
ހުޅަނގުގެ ވެރިންނާއި މީޑިއާތަކުން އީރާނުގެ މޮސައިކް ޑޮކްޓްރިން ސިފަކުރަމުންގެންދަނީ މާލިމީ އެއްނެތި ދުއްވާ އޮޑިއެއްގެ ގޮތުގައެވެ އަދި އެއީ ކާމިޔާބުކުރެވިދާނެ އުސޫލެއްކަމަށް ގަބޫލެއް ނުކުރެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް