އީރާނުގެ ސުޕްރީމް ލީޑަރުގެ މެންދަމު ޚިތާބުގެތެރެއިން މެދުއިރުމަތި

Loading

Facebook
Twitter
WhatsApp

ބައިނަލް އަގްވާމީ މީޑިއާތަކުގައި މިއަދުގެ އެންމެ ރަތް ސުރުޚީއަކަށް ވެފައިވަނީ ރޭ މެންދަމު 11.45 ގައި އީރާނުގެ ސުޕްރީމް ލީޑަރ މުޖުތަބާ ޚާމަނާއި ގައުމާ މުޚާތަބް ކުރައްވައި 12 މިނިޓްވަންދެން ދެއްކެވި ވާހަކަފުޅެވެ.

އެ މަނިކުފާނުގެ ޚިތާބު އަމާޒު ކުރެއްވީ މައިގަނޑު ގޮތެއްގައި އެމެރިކާއަށެވެ. ފުރަތަމަ 6 މިނިޓްގައި އެމަނިކުފާނު އަލިއަޅުއްވާލެއްވީ އީރާނާ ދެކޮޅަށް މާޒީގައި އެމެރިކާއިން ހިންގާފައިވާ ޖަރީމާތަކާއި ދީފައިވާ ގެއްލުންތަކުގެ މައްޗަށެވެ. ބައްޕާފުޅާއި އީރާނުގެ އިސް ސައެންސްވެރިން ޝަޙީދުކޮށްލުމާއި ދިގުދެމިގެންދާ އިގްތިސާދީ ފިއްތުންތަކާއި އަރަބިންގެ ބިންތަކަށް ވެރިވެގަތުމާއި އެކަމުގައި އިސްރާއީލަށް ފޯރުކޮށްދެމުން ގެންދާ އެއްބާރުލުންފަދަ ކަންތައްތަކުގެ މައްޗަށެވެ. ދެ ވަނަ 7 މިނިޓް ޚާއްސަކުރެއްވީ އެމެރިކާއަށެވެ. އެ 7 މިނިޓްގައި އެމަނިކުފާނު ބޭނުންވާގޮތް ނުވަތަ އެމެރިކާއަށް ހުށައަޅުއްވާފައިވާ މައިގަނޑު 3 ޝަރުތެއް ހާމަކުރައްވައި ސްވިޒަރލޭންޑް މެދުވެރިކޮށް އެމެރިކާގެ ޚާރިޖީ ވުޒާރާއަށް ފޮނުއްވާފައިވާކަމަށް ގިނަ މީޑިއާ ތަކަކުން ހާމަކޮށްފައިވެއެވެ. އެމަނިކުފާނު ޝަރުތުތައް ތަރުތީބު ކުރައްވާފައިވަނީ މިބުނާ މޭރުމަކުންނެވެ.
ހ. މެދުއިރުމަތީގައިގާއިމްކޮށްފައިވާ އެމެރިކާގެ ހުރިހާ ބާރުތަކެއް 30 ދުވަހުގެ ތެރޭގައި މި ސަރަހައްދުގެ ހުރިހާގައުމަކުން ފައިބައިގެންދާން ( ފަށަން ) ޖެހޭނެއެވެ. އޭގެތެރޭގައި ސައޫދީ އެރޭބިއާ، އެމިރެޓްސް، ގަތަރު، ކުވޭތު އަދި ބަހްރައިން، ސީރިޔާ، އިރާގު ވެސް ހިމެނެއެވެ. މިކަމަށްޓަކައި ކުރާނެ މަޝްވަރާއެއް ގަބޫލުކުރާނެ އުޒުރެއް ނެތެވެ.
ށ. އީރާނާ ދެކޮޅަށް 1979 އިން ފެށިގެން އަޅާފައިހުރި ދަތިކުރުމުގެ އެންމެހާ ފިޔަވަޅުތަކެއް އެއްކޮށް އުވާލަން ޖެހޭނެއެވެ. އޭގެ ތެރޭގައި ތެޔޮ އެކްސްޕޯރޓް ކުރުމާއި ބޭންކިންގ ނިޒާމަށާއި ޓެކްނޯލޮޖީ ޓްރާންސްފަރ ކުރުންފަދަ ކަންތަކަށް އަޅާފައިވާ ހުރަސްތައް 60 ދުވަހުގެތެރޭގައި އެއްކޮށް ނިމުމަކަށް ގެންނަން ޖެހޭނެއެވެ.
ނ. އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާފައިވާ އިގްތިސާދީ ޖަރީމާތަކުން ލިބިފައިވާ 800 ބިލިއަން ޑޮލަރގެ ބަދަލު ދޭންޖެހޭނެއެވެ. އޭގެތެރެއިން ފުރަތަމަ 500 ބިލިއަން ޑޮލަރ ކުރިއަށްއޮތް 10 އަހަރުދުވަހުގެތެރޭގައި އަދާކުރަން ޖެހޭނެއެވެ.
މި ޝަރުތުތަކަށްފަހު އެއިން ޝަރުތެއް ގަބޫލުނުކޮށް ނުވަތަ އުޒުރު ދައްކައި ނުވަތަ ފަހަތުފަޔަށް ބުރަވުން އިޚްތިޔާރުކޮށްފިނަމަ އީރާނުން ދެން ކަންތައްކުރާނެގޮތުގެ މައްޗަށް އެމަނިކުފާނުގެ ޚިތާބު ޕެންޓަގަންއަށް އަމާޒުކުރައްވައި އިންޒާރު ދެއްވިއެވެ. އެ މަނިކުފާނުގެ އިންޒާރުގައި ހިމެނޭ 3 ކަމެއް ތިރީގައި ތަރުތީބުކޮށްލާނަމެވެ.
ހ. މިއަދުން ފެށިގެން 30 ދުވަހަށްފަހު ބައިނަލް އަގްވާމީ ދަތުރުފަތުރު ކުރުމަށް ޚޮރްމުޒް ކަނޑުއޮޅި ބަންދުކޮށްލެވޭނެއެވެ.
ށ. އީރާނުން ޗައިނާއާއި ރަޝިޔާއާއެކު ދިފާއީ އެއްބައިވަންތަކަން ގާއިމް ކުރެވޭނެއެވެ. އަދި އީރާނުގެ ބިމުގައި ބޭރުގައުމުތަކުގެ މިލިޓްރީ ބޭސްތަކަށް ފުރުސަތު ދެވޭނެއެވެ.
ނ. ބައިނަލް އަގްވާމީ ގާނޫނުގެ ދަށުން އީރާނުގެ ދިފާއަށްޓަކައި ބޭނުންވާ ނިއުކްލިއަރ ހުރިހާ ވަސީލަތެއް ތަރައްގީކޮށް ގާއިމް ކުރެވޭނެއެވެ. ނިއުކްލިއަރ ހަތިޔާރު އުފައްދަވާނެކަމަށް ވިދާޅެއް ނުވެއެވެ. އޭގެ ބަދަލުގައި ވިދާޅުވެފައިވަނީ ނިއުކްލިއަރ ވަސީލަތްތައް ގާއިމް ކުރައްވާނެ ކަމަށެވެ. އޭގެ މާނައަކީ އީރާނުގައި މިހާރުވެސް ނިއުކްލިއަރ ހަތިޔާރު ހުރިކަމުގެ އިޝާރާތެއް ކަމަށް ބެލެވެއެވެ.
ސުޕްރީމް ލީޑަރ ޚާމަނާއި ގައުމާ މުޚާތަބް ކުރެއްވުން ނިންމަވާލެއްވިތާ 90 މިނިޓްފަހުން ( އެމެރިކާގެ އީސްޓަރން ޓައިމުން 1 ޖެހިރު ) އީރާނުގެ ސަލާމަތާގުޅޭ އެންމެހާ ކަންތައްތަކާއި އަދި އެހެނިހެން ހައްގުތައް ކަށަވަރުކުރެވެން ޖެހޭނެކަމަށާއި އަދި އެހެންގައުމުތަކުގެ ނުފޫޒު އީރާނުގެ މައްޗަށް ފޯރުވިގެން ނުވާނެކަމަށް ތާއީދުކުރާކަން ހާމަކުރުމާއެކު ޗައިނާގެ ރަސްމީ މީޑިއާއިން ބަޔާނެއް ވަނީ އާންމުކޮށްފައެވެ. އަދި އީރާނުގެ އިހްތިމާމްތަކުގެ މައްޗަށް މަޝްވަރާކުރުމަށް އެ ބަޔާނުގައި ބާރުއަޅާފައިވެސް ވެއެވެ. ޗައިނާގެ ރަސްމީ ބަޔާނުގެ 40 މިނިޓް ފަހުން ހަމަ މި މޭރުމުން މޮސްކޯއިންވެސް ބަޔާނެއް ނެރުން ފާހަގަކުރެވެއެވެ.
ކުއްލިއަކަށް އީރާނުގެ ސުޕްރީމް ލީޑަރ މި ގޮތަށް ގައުމާ މުޚާތަބު ކުރެއްވުމުގެ ފަހަތުގައިވަނީ ކޮން ސަބަބެއް ހެއްޔެވެ ؟ އެ މަނިކުފާނުގެ ބައްޕާފުޅު ފާހަގަކުރެވިގެން ގޮސްފައިވަނީ ވަރަށް މަޑުމައިތިރި އަދި އަބަދުވެސް މެދުމިނުގެ ސިޔާސަތަކަށް ތާއީދު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
މިހާރުގެ ސުޕްރީމް ލީޑަރަކީ އީރާނުގެ މިލިޓްރީގެ ތަފާތު ގޮފިތަކުން މިލިޓްރީގެ ވިސްނުމާއި ފިކުރު ތަންފީޒުކުރުމަށްޓަކައި އިޚްތިޔާރު ކުރައްވާފައިވާ ބޭފުޅެކެވެ. އީރާނުގެ އިސްތިގްލާލް، މިނިވަންކަން އަދި އިގްތިސާދީ ކުރިއެރުން އެ ގައުމުރައްޔިތުންގެ ބާރެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައެވެ. މިލިޓްރީން ހާސިލް ކުރަންބޭނުންވާ މައިގަނޑު ލަނޑުދަނޑިއަކީ އެއީއެވެ. ސުޕްރީމް ލީޑަރަކީ އެކަމަށް އޮތް ހުރަހަކަށް ވެގެން ނުވާނެއެވެ. ކިތަންމެ ބާރުގަދަ ގައުމަކުން ވިޔަސް އީރާނުގެ ރައްޔިތުންނަށް ހައްގުވެގެންވާ މަގާމު ލިބިދިނުމުގައި ހުރަހަކަށް ވެގެން ނުވާނެއެވެ. 40 އަހަރުވާންދެން އެމެރިކާއިން އީރާނަށް ކުރަމުން ގެންދިޔަ ދުއްތުރާތަކުގެ ހިލިހިލާތައް ކޮށާލުމަށްފަހު އަމިއްލަ ފައިމައްޗަށް ތެދުވުން އިޚްތިޔާރު ކުރުމުގެ ވަގުތު ޖެހުނީއެވެ.
މިލިޓްރީ ބިރުވެރިކަމަށް މީގެފަހުން އީރާނުން ފިތިގެން ނުތިބޭނެއެވެ. ވޯޝިންގޓަނުން ލީކުވެފައިވާ ލިއުންތަކަށް ބަލާއިރު މިހާރު ކުރެވެމުންދާ ހަނގުރާމަ އެމެރިކާއަށް ކާމިޔާބެއް ނުކުރެވޭނެއެވެ. ރަޝިޔާއާއި ޗައިނާއިން އޮތީ އީރާނާއެކުގައިކަން ކަށަވަރު ކުރެވެއެވެ. މިއަދު ތެޔޮ ފީފާއެއްގެ އަގު 121 އެމެރިކާ ޑޮލަރަށް އެރީއެވެ. ޚޮރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ އިގްތިސާދުގެ ކުރިމަތީގައި ފުލްކޮށް ލޯޑުކޮށްފައިވާ ނުރައްކާތެރި ހަތިޔާރަކަށް ވީއެވެ. މުޖުތަބާ ޚާމަނާއިގެ ވިސްނުންފުޅުގައި އާދޭސްކުރުމެއް ނެތްކަމަށާއި އެމަނިކުފާނުގެ ކުރިމަތީގައި އީރާނާ ދެކޮޅު ދުޝްމިނުންޖެހޭނީ އަމާންދޭށެވެ.
ސުޕްރީމް ލީޑަރ މުޖުތަބާ ޚާމަނާއިގެ ޚުތުބާގެ މައްޗަށް ކުރިއަށްއޮތް 72 ގަޑިއިރުތެރޭގައި ފައިސަލާ ކުރެވިގެންދާނެއެވެ. އެމަނިކުފާނުގެ ޝަރުތުތައް އެމެރިކާއިން ގަބޫލުކޮށްފިނަމަ އެމެރިކާއަށް ދުނިޔޭގެ ސުޕަރ ޕަވަރގެ މަގާމު ގެއްލުނީއެވެ. އެނޫންގޮތެއް އިޚްތިޔާރު ކޮށް ހަނގުރާމައާއިގެން ކުރިއަށްދާން ނިންމައިފިނަމަ އެމެރިކާގެ އިގްތިސާދު ބަނޑުވަތަށް ވެއްޓިގެންދާނެއެވެ. އަލުން ކޮޅަށް ތެދުވެވިދާނެ ކަމާދޭތެރޭގައިވެސް ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާ އިމާރާތުގެ 7 ވަނަފަންގިފލާގައި ހުންނަ މުޅިދުނިޔެއަށް ސިއްރު ކުރެވިފައިވާ އެގްޒެކެޓިވް ސުއިޓުގައި ކުރެވެމުންދާ ސިއްރު ސައްލާތައްވެސް މިއަދު ދުނިޔެއަށް ސިއްރު ނުކުރެވެއެވެ. މިއީ ދުނިޔޭގެ ސަލާމަތާ ރައްކާތެރިކަން ހުޅުވާލެވިފައިވާ މިންވަރު ހާމަވެގެންދާ ހަގީގަތެކެވެ. އެ ކޮޓަރީގައި ހިނގަމުންދިޔަ ސައްލާތަކުގެ މައިގަނޑު ބަހުސް އެކުލަވާލާފައިވަނީ އޮޓޯމަން އެމްޕަޔަރގެ ފަހުން މެދުއިރުމަތީގެ ބާރުތަކަށް އަންނަމުންދާ ބަދަލުތަކުގެ އެންމެ ފާހަގަކުރެވޭ ނުކުތާތަކުގެ މައްޗަށެވެ. 80 ވަރަކަށް އަހަރު ވަންދެން އެމެރިކާގެ މުށުތެރޭގައި ތާށިކޮށްފައިއޮތް މެދުއިރުމަތީގެ ގައުމުތައް މުށުތެރޭންވީއްލި ޗައިނާއަށް މިސްރާބު ޖަހާފައިވާ ކަމުގެ ބޮޑު ސައްލާއެވެ. މެދުއިރުމަތީގައި އެމެރިކާގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށް ބެލެވެމުންއައި ސައޫދީ އެރޭބިއާއިން ޗައިނާއާއެކު ސެކިއުރިޓީއާއި ވިޔަފާރީގެ ދާއިރާތަކުގައި ގުޅިގެން ކުރިއަށްދިއުމަށް ކުރެވުނު އެގްރީމެންޓްގެ ސައްލާއެވެ. މިއީ އާދައިގެ އެގްރީމެންޓެއް ނޫނެވެ. މެދުއިރުމަތީގެ ގައުމުތައް އެމެރިކާގެ އިނގިލިތައް ބުރިކޮށްލުމަށްފަހު މުށުތެރޭން ނިކުންނަނީކަން ހާމަވެގެންދާ ސައްލާތަކެވެ. މެދު އިރުމަތީގެ ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަމާއި ވިޔަފާރިއާއި ސިޔާސީ ނިޒާމް އެމެރިކާއިން އެކަށައަޅަމުން ދިޔުން ނިމިގެންދަނީކަން އެނގޭތީ ކުރެވޭ ސައްލާތަކެކެވެ. މިއީ މި ފަހުގެ ތާރީޚުގައި އެމެރިކާގެ ސިޔާސަތު ނާކާމިޔާބު ވެގެންދާކަން ރަމްޒުކޮށްދޭ ހަގީގަތެކެވެ.
ސައޫދީ އެރޭބިއާއިން ޗައިނާއާއެކު ސެކިއުރިޓީ މުއާހަދާއަކަށް ދިއުމުން އެނގި ހާމަވެގެންދަނީ މެދުއިރުމަތީގައި އެމެރިކާގެ އިތުބާރު ގެއްލިގެންދިއުމެވެ. މައުލޫމާތު ރަނަގަޅަށް އެނގޭ އިތުބާރުހުރި ފަރާތްތަކުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ސައޫދީ އެރޭބިއާގެ ތެލުގެ ވަސީލަތްތައް ރައްކާތެރިކުރުމާއި ސައޫދީ އެރޭބިއާގައި ޗައިނާގެ މިލިޓްރީ ބެހެއް ގާއިމްކުރުމާއި ޗައިނާއަށް ވިއްކާތެޔޮ ޔުއާނުން އަގުއަދާކުރުންވެސް އެއްބަސްވުމުގައި އެކުލެވިފައިވެއެވެ. އެއްބަސްވުމުގައި ސޮއިކުރެވުނީ ސައޫދީ އެރޭބިއާގެ ވެރިރަށް ރިޔާޒުގައި އިއްޔެ 11.30 ގައި ކަމަށްވެސް ޚަބަރުގައި ބުނެފައިވެއެވެ. ސައޫދީ އެރޭބިއާގެ މި ނިންމުމަކީ ފާއިތުވެގެން މިދާ އަށާރަ ވަރަކަށް މަސްދުވަހުގެތެރޭގައިމެދުއިރުމަތީގައި އެމެރިކާއިން ގެންގުޅެމުންއައި ތަފާތުކުރުމުގެ ސިޔާސަތުގެ ނަތީޖާއެއް ކަމަށްވެސް ކްރައިސިސް ރިޕޯރޓްގެ ޚަބަރުގައި ބުނެފައިވެއެވެ.
ޚޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ ޓެންކަރއާއި އެހެނިހެން އުޅަނދު ގޮއްވާލުމަށްޓަކައި އެ ކަނޑުއޮޅީގައި އީރާނުން އަޅާފައިވާ މައިންތައް ސާފުކުރަން އެންމެ ބޮޑަށް ބޭނުންވި ވަގުތު އެމެރިކާ ސިފައިންނަށް ޚާއްސަކޮށް އުފައްދާފައިވާ މައިން ސްވީޕަރ އުޅަނދުފަހަރު އެތައް ހާސް މޭލެއްގެ ދުރުގައި ފިލަޑެލްފިޔާގެ ބަނދަރުގައި އަޅާފައި އެބަހުރިކަމަށް ދަ ޓެލިގްރާފްގެ ޚަބަރުގައި ހާމަކޮށްފިއެވެ.
ފާއިތުވެގެންމިދާ ސާޅީހަކަށް އަހަރުދުވަހުވެސް އެމެރިކާގެ މައިން ސްވީޕިންގ އުޅަނދުފަހަރު އަޅާފައިހުރީ ބަހްރައިގެ ބަނދަރުގައެވެ. ފަހަކަށް އައިސް އީރާނާ އެމެރިކާގެ ކޯޅުންތައް އިތުރުވަމުން ދިޔަނަމަވެސް ރައީސް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާ ގޮތުގެ މަތިން މިއަހަރު ޖެނުއަރީ މަހުގެތެރޭގައި އެހެން ބޯޓަކަށް ބަރުކޮށްގެން އެ އުޅަނދުފަހަރު އެމެރިކާއަށް ގެނެސްފައިވަނީއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް