އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާ އެއްގައި ފަސް މީހަކު މަރުވެއްޖެއެވެ.
ފުލުހުން ދެންމެ ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ފަސް މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފަައި ވެއެވެ.
މީގެ އިތުރުން މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި
މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެނގިފައިވާ ގޮތުގައި އެތަނުގައި އަލިފާން ރޯވެފައިވަނީ ގޭސްފުޅިއެއް ގޮވައިގެންނެވެ.
އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 2:00 އެހައިކަން ހާއިރުއެވެ. ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެ ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
![]()
