ގަލްފްގެ ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ އީސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފައެވެ.
ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ، ގަތަރު، ކުވެއިތު، ބަހްރައިން އަދި އެހެނިހެން ގައުމުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ގަލްފްގެ ގައުމުތަކުން އެއްވެސް ބަދަލުހިފުމުގެ އަމަލެއް ހިންގާފައި ނުވަނީސް، އީރާނުން އެ ގައުމުތަކަށް ހަމަލާ ދެމުންދާތީ އެކަމާ ހިތާމަކުރާކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އަދި ގަލްފް ސަރަހައްދުގެ އެއަރޕޯޓްތަކާއި ތެޔޮ ރައްކާކުރާ މަރުކަޒުތައް ހިމެނޭހެން، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށްދޭ ހަމަލާތަކަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޖެނީވާ ކޮންވެންޝަނާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށްވާތީ، ރާއްޖެއިން އެކަމާ މެދު ނުހަނު ކަންބޮޑުވުން ފާޅުކުރާކަމަށްވެސަ ހާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އިސްރާއީލާއި އެމެރިކާއިން އީރާނަށް އަމާޒުކޮށް ދޭން ފެށި އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ގޯސްވަމުންދާތީ، ދިވެހި ސަރުކާރުން އެކަމާ މެދު ނުހަނު ކަންބޮޑުވާކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މިފަދަ އަމަލުތަކުގެ ސަބަބުން ގަލްފް ސަރަހައްދުގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެފައިވާކަމަށްވެސް ހާރިޖީ ވުޒާރާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
![]()
