އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ ތުރުކީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންގެންދާ ހަނގުރާމަވެރިންވެސް ބޭނުންކޮށްގެން އެއްގަމު މަގުން ހަމަލާތައް ދޭން ފަށަން ތައްޔާރުވަމުންދާ ވާހަކަތަކެއްގެ އަޑު ގަދަވަމުންދާ މި ވަގުތުގައި އެކަމާ ބެހޭގޮތުން އީރާނުން ދެކޭގޮތް އޮޅުންފިލުވަން ޚާރިޖީ ވަޒީރު އައްބާސް އަރާޣްޗީއަށް އެން ބީ ސީ ގެ ޓޮމް ލަމަސް ދެންނެވުމުން އީރާނުން އޮތީ ތައްޔާރަށް ކަމަށާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއެކު ދެން ކުރާނެ މަޝްވަރާއެއް ނެތްކަމަށް ވިދާޅުވިއެވެ.
އެމެރިކާގެ ލަޝްކަރުތައް އެއްގަމުން މަގުން އީރާނަށް އަރާގެންފާނެކަމާ ދޭތެރޭ ޖެހިލުންވެ ވަޑައި ނުގަންނަވަމުތޯ ދެންނެވުމުން ވިދާޅުވެފައިވަނީ އަހަރެމެން މިތިބީ އެކަމުގެ އިންތިޒާރުގައި ކަށާއި އެ ލަޝްކަރުތަކާއި ދެކޮޅަށް ނިކުތުމުގެ ފުރިހަމަ ގާބިލުކަން އީރާނަށް ލިބިފައިވާ ކަމަށާއި އެދުވަހަކުން އެމެރިކާގެ ލަޝްކަރު އީރާނުގެ ބިމުގައި ވަޅުލެވިގެންދާގޮތް ދުނިޔޭގެ މީޑިއާތަކަށް ފެންނާނެ ކަމަށެވެ.
އެމެރިކާއާއި އެއްކޮޅަށް ތުރުކީގެ ސަރުކާރާ އިދިކޮޅު ކުރުދިސްތާނުގެ ސިފައިން ބޭނުންކުރަން ގަސްދުކުރައްވާ ކަން އެމެރިކާގެ ރައީސް ވިދާޅުވުމާއެކު ސަރަހައްދީ އެއްވެސް ދެކޮޅުވެރިކަމެއްގެ ތެރެއަށް ކުރުދިސްތާނުން ނުވަންނާނެ ކަމަށާއި އަދި އެމެރިކާއާއި އިސްރާއީލުން ޝަހީދުކޮށްލި އީރާނުގެ ވެރިންނާއި އެހެނިހެން ރައްޔިތުންގެ އާއިލާތަކަށް އިޙްތިރާމާއިއެކު ތައުޒިޔާ ރައްދުކޮށްދެއްވުން އެދި ވަޑައިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޣްޗީއަށް ފޯނުކުރައްވާފައި ކުރުދިސްތާނުގެ ރައީސް ނޯޝީރުވާނީ ބަރަޒާނީ ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ދެފަހަރެއްގެ މަތިން މަޝްވަރާ ކުރެވެމުންދިޔަ ކަމާއި ކޮންމެފަހަރަކުވެސް މަޝްވަރާތައް ރަނގަޅު ދިމާއަކަށް އަމާޒުކުރެވޭތަން ފެންނައިރަށް އެމެރިއާއި އިސްރާއީލުން އީރާނާދެކޮޅަށް ހަނގުރާމަވެރި ހަމަލާތައް ދޭން ފަށާކަން އިތުރަށް ކިޔާދޭކަށް ނުޖެހޭނެއެވެ. އެހެންވީމާ އެމެރިކާއާއެކު ކާމިޔާބު މަޝްވަރާއެއް ކުރެވިދާނެ ކަމުގެ އެއްވެސް އުންމީދެއް މިހާރަކު ނެތެވެ.
އީރާނުގެ މިސައިލް އަދި ޑްރޯން ހަމަލާތަކުން ކުވެއިތާއި ގަތަރާއި ސައޫދީ އެރޭބިއާ އަދި ބަހްރައިނާއި އެމިރޭޓްސްގައިހުރި އެތައްބިލިއަން ޑޮލަރުގެ އަގުހުރި އެމެރިކާގެ ރާޑަރ ތަކާއި ސެޓްކޮމްގެ ނިޒާމްތައް އެއްކޮށް ބިމާހަމަކޮށްލައިފިކަން ސެޓެލައިޓް އިމޭޖްތަކުން ވަނީ ކަށަވަރު ކުރެވިފައެވެ. ޚަބަރުތަކުން އެނގިފައިވާ ގޮތުގައި ގަތަރުގައި ހުންނަ އެމެރިކާގެ ރާޑަރ އަދި ސެޓްކޮމް އަކީ ކޮންމެ ދިމާލަކުން 5000 މޭޅުގެ ދުރުމިން އަބަދާ އަބަދު ފާރަލަމުން ގެންދާ ނިޒާމެކެވެ.
އަހަރެމެން ހަނގުރާމަކުރާކަށް ބޭނުމެއް ނޫނެވެ. އެކަމަކު އަހަރެމެންގެ ގައުމު ދިފާއުކުރަން މަސައްކަތް ކުރާނަމެވެ. އެމެރިކާއާއި އިސްރާއީލުން ބޭނުންވާ މަގްސަދު ހާސިލު ކުރެވުނަކަ ނުދޭނަމެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް އީރާނަކުން ނޭދޭނެއެވެ. ކުރިން އެދިފައެއްވެސް ނޯންނާނެއެވެ. މިދިޔައަހަރު ޖޫން ހަނގުރާމައިގާވެސް ހަނގުރާމަހުއްޓާލަން އާދޭސްކުރަމުން ގެންދިޔައީ އިސްރާއީލުންނެވެ.
މިހާރު ފެތުރެމުންދާ ޚަބަރުތަކަށް ބަލާއިރު ރަޝިޔާއިން ރަސްމީގޮތުން އީރާނާގުޅިއްޖެކަމަށާއި ހުރިހާގޮތަކުން އީރާނަށް މަދަދު ކުރައވާނެކަމަށް ރައީސް ޕޫޓިން ވިދާޅުވިކަމަށް ދެކެވޭ ވާހަކަ ތަކެއްވެސް މީޑިއާގައި ފެތުރެމުން އެބަދެއެވެ. އަދި މި ޚަބަރާގުޅިގެން ނޭޓޯގެ ކުއްލި ބައްދަލުވުމަކަށް ތައްޔާރުވަމުންދާކަމާށްވެސް އެ ޚަބަރުތަކުގައި ބުނެފައި ވެއެވެ. ބައެއް މުހައްލިލުން ތަރުޖަމާކުރާގޮތުގައި ރަޝިޔާއިން އީރާނަށް މަދަދުކުރާނެ ކަމަށް ރައީސް ޕޫޓިން ވިދާޅުވުމަކީ ސިޔާސީ ގޮތުން އެއްބައިވަންތަކަން ދެއްކުމާއި އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމާއި ހަތިޔާރު ފޮނުވާދިނުންފަދަ ކަންތައްތައް ތަކެވެ. ގަތަރުގެ ދޯހާގައި ހުންނަ އެމެރިކާގެ މިލިޓްރީ މަރުކަޒް ތަކަށް ހަމަލާދިނުމުގައި އީރާނުން ބޭނުންކޮށްފައިވަނީ ރަޝިޔާގެ ބޮންއަޅާ ބޯޓުފަހަރުކަން އެމެރިކާގެ ސެންޓްކޮމް އިން ބުނެފައިވެއެވެ. އަދި އިސްރާއީލުގެ އެފް-35 މަރުކާގެ ފައިޓަރޖެޓް ޖައްވުތެރޭގައި ގޮއްވާލުމަށްވެސް އީރާނުން ބޭނުންކޮށްފައިވަނީ ރަޝިޔާގެ ޔަކް-110 މަރުކާގެ ކޮމްބެޓް އެއާރކްރާފްޓެއްކަން ވަނީ ހާމަވެފައެވެ.
މީޑިއާގައި މި ޚަބަރު ފެތުރެން ފެށުމާއެކު އެމެރިކާގެ މަނަވަރުތައް ފަހަތަށް ޖެހެމުންއަންނަކަން ވެސް މީޑިއާގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް އެމެރިކާއަށް ތާއީދުކުރާފަރާތްތަކުން ބުނެފައިވަނީ މިލިޓްރީ ހަރަކާތްތައް އަތުރަމުންދާގޮތް މިގޮތަށް ބަދަލުކުރަމުން ގެންދިއުމަކީ އާންމުކޮށް ހިންގޭ ހަރަކާތްތަކެއް ކަމަށެވެ.
އެމެރިކާގެ ޑެލްޓާ ފޯސްގެ ސިފައިންތަކެއް މިހާރުވެސް ތިބީ އީރާނުން އަތުލައިގެންފައިކަމަށް ބައެއް ޚަބަރުތަކުގައި ބުނެފައިވެއެވެ.
ޗައިނާއިންވެސް އީރާނާ އެއްކޮޅަށް ރަސްމީގޮތުން ތެދުވެއްޖެ ޚަބަރުތަކެއްވެސް މީޑިއާއިން ފެންނަން ފަށައިފިއެވެ. ނަމަވެސް މަޝްހޫރު ބޮޑެތި މީޑިއާތަކުގައި މިފަދަ ޚަބަރުތަކަށް ދީފައިވަނީ ޔަގީންނުކުރެވޭކަމަށްބުނެ އަދި ވަރަށް ފަނޑު މަގާމެކެވެ.
ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާއިން ބުނަމުންގެންދިޔައީ މިއީ އެމެރިކާއާއި އީރާނުގެ ދެކޮޅުވެރިކަމެއް ކަމަށެވެ. އެހެންނަމަވެސް މި ހަނގުރާމައިގެ ތެރެއަށް ރަޝިޔާއާއި ޗައިނާއިން ވަދެފައިވާކަމަށް މިހާރު ބެލެވެން ފަށައިފިއެވެ.
މީޑިއާތަކުގައި އެންމެ ބޮޑަށް ފާހަގަ ކޮށްފައިވާ ޚަބަރުތަކުގެ ތެރޭގައި އީރާނުން ސައޫދީ އެރޭބިއާގެ އެންމެ ބޮޑު ތެޔޮ ކުންފުނި އަރާމްކޯ އަށް އެއްވެސް ހަމަލާއެއް ނުދޭކަން ވަނީ ކަށަވަރުކޮށްދީފައެވެ. މި ޚަބަރުތަކާއެކު ދެންފެނިގެންދިޔަކަމަށްވަނީ ސައޫދީ އެރޭބިއާއާއި ގަތަރުގައި ބޮންގޮއްވަން މަސައްކަތްކުރަމުންގެންދިޔަ މޮސާޑުގެ އޭޖެންޓުންތަކެއް ހައްޔަރުކުރި ޚަބަރެކެވެ. މިއީ އެ ގައުމުތައް އީރާނާ ދެކޮޅަށް ހަރަކާތްކުރުވުމުގެ ބޭނުމުގައި އިސްރާއީލުގެ އޭޖެންޓުން ކުރަމުން ގެންދާ ކަމެކެވެ. އިސްރާއީލަކީ އިންސާނިއްޔަށް ލިބިދާނެ ގެއްލުމަކާ ދޭތެރޭ ފިކުރުކުރާ ގައުމެއްނޫނެވެ. އެމެރިކާގެ ބޭނުންކޮށްގެން މެދުއިރުމަތީގައި އިސްރާއީލުން ހިންގާ ހަނގުރާމަތަކުގެ ހަގީގަތަކީ މެދުއިރުމަތީގެ މުއްސަނދި ގައުމުތަކަށް ވެރިވެގަތުމެވެ. އެމެރިކާގެ ކޮންޒަރވޭޓިވް ޕޮލިޓިކަލް ކޮމެންޓޭޓަރ ޓަކަރ ކާރލްސަންއަށް ކުރެވުނު ސުވާލަކަށް ޖަވާބުދެމުން ބުނެފައިވެއެވެ. އެމެރިކާއަށް އޮތް ހަގީގީ ނުރައްކަލަކީ އިސްރާއީލެވެ. އީރާނުން އެމެރިކާއާދެކޮޅަށް މިހާތަނަށް އިސްވެ އެއްވެސް ހަމަލާއެއް ދީފައި ނުވާ ކަމަށާއި އެ ގައުމުން އަޅަމުންގެންދާ ކޮންމެ ފިޔަވަޅަކީ ދިފާއީ ވިޔަވަޅެއްކަމަށް ގަބޫލުކުރަން ޖެހެއެވެ.
އެންމެފަހުން މީޑިއާތަކަށް ތިލަވެފައިވާ ޚަބަރުތަކުގައި އިސްރާއީލުން އުފައްދައި އަދި ގައިޑެޑް މިސައިލް ނިޒާމް ގާއިމްކޮށްފައިވާ އެންމެ ފަހުގެ ހާރމްސް 900 މަރުކާގެ ޔޫއޭވީ އެއް ވަނީ އީރާނުން ވައްޓާލާފައެވެ. އީރާނުގެ މިލިޓްރީން ހާމަކޮށްފައިވާ ގޮތުގައި އެ އުޅަނދުގެ ނިޒާމްތައް ދެނެގަނެ ދިރާސާ ކުރުމަށްޓަކައި މިހާރު ވަނީ އެ ގައުމުގެ މިލިޓްރީ އެއަރޯސްޕޭސް އިންޖިނޭރުންނާ ހަވާލުކޮށްފައެވެ. މިކަމާބެހޭގޮތުން އިސްރާއީލުން އެއްވެސް ވާހަކައެއް ނުދައްކައެވެ.
ސައޫދީ އެރޭބިއާއިން އެންމެފަހުންބުނެފައިވަނީ މެދު އިރުމަތީގައި ގާއިމް ކޮށްފައިހުރި ދިފާއީ ނިޒާމްތަކާއި މިލިޓްރީ ބޭސްތަކުގެ އަސްލު ބޭނުމަކީ އިސްރާއީލު ހިމާޔަތްކުރުންކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ. ސައޫދީ އެރޭބިއާއިން އަނެއްކާވެސް ބުނެފައިވަނީ އީރާނާ ދެކޮޅަށް ސައޫދީ އެރޭބިއާގެ ބިމާއި ކަނޑާއި އަދި ވައިގެ ސަރަހައްދު އެއްވެސް ފަރާތަކުން ބޭނުން ނުކުރެވޭނެ ކަމަށެވެ. މިކަމަށްޓަކައި އީރާނުން ވަނީ ޝުކުރުކެރިވުން ފުރަތަމަ ފަހަރަށް ހާމަކޮށްފައެވެ. ގަތަރުގެ އަމީރުވެސް ވަނީ ހަމަ މިމޭރުމުން އިއުލާން ކޮށްފައެވެ. އެމެރިކާއާއި އިސްރާއީލުގެ ނަޓު އިރާނާ ދެކޮޅަށް ހަނގުރާމަކުރަން ބޭނުންވާނަމަ އަމިއްލަ ފައިމަތީގައި ހުރގެން ހަނގުރާމަކުރުމަށާއި އަދި އަހަރެމެންގެ ބިމުގައި އެކަން ނުކުރެވޭނެކަމަށް އަމީރު ވިދާޅުވަފައިވާކަމށް މީޑިއާތަކުގައި ބުނެފައިވެއެވެ. މިހާތަނަށް ގަލްފުގެ އެއްވެސް ގައުމަކަށް އީރާނުން ހަމަލާ ދީފައި ނުވާކަމަށާއި ކޮންމެ ހަމަލާއެއްވެސް އަމާޒުކޮށްފައިވަނީ އެ ގައުމުތަކުގައިހުރި އެމެރިކާއާއި އިސްރާއީލުގެ ވަސީލަތްތަކަށެވެ. އެ ހަމަލާތަކުގެ ސަބަބުން ބައެއް އާންމު ރައްޔިތުންނަށް ގެއްލުން ލިބިފައިވާކަމަށްވެއެވެ.
އީރާނުގެ ހަމަލާތަކުގައި ބިމާހަމަކޮށްލާފައިވާ ވަރަށް މުހިންމު 2 އެފް އޭ ޑީ ރާޑަރ އަދި ސަރވެލަންސް ސިސްޓަމެއްގެވާހަކަ ޑިރެކްޓަރ އޮފް ކްރެޑްލް އެންޑް ޕޮލިޓިކަލް އެނަލިސްޓް ޝަރްމައިން ނަރްވާނީ ފާހަގަ ކޮށްފައިވެއެވެ. އެ ކަމަނާ ހާމަކޮށްފައިވާ ގޮތުގައި އެއީ ރަޝިޔާއާއި ޗައިނާގެ ބޮލުރިހުމަކަށް ވެފައިވާ އެމެރިކާގެ ނިޒާމްތަކެކެވެ.
މިއީ އެމެރިކާއިން ދުނިޔެއަށް ފާރަލުމުގައި ބޭނުންކުރަމުންގެންދާ ދެ ލޮލާއި ދެ ކަންފަތެވެ. އެމެރިކާގެ މި ނިޒާމް ނެތިދިއުމުން އީރާނުގެ ހަމަލާތަކަށް އެމެރިކާގެ ލޯ ކަނުކޮށްލެވި ކަންފަތް ބީރުކޮށްލެވުނީއެވެ.
ކުރިއަށް ގޮތް ދުވަސްތަކުގައި އަލުން އެ ނިޒާމްތައް ގާއިމްކުރުމަކީވެސް ފަސޭހަކަމަކަށް ނުވާނެކަމަށްވެސް އެކަމަނާ ބުނެފައި ވެއެވެ. އީރާނުން މިހާރު ލިއަމުން އެ ގެންދަނީ ހަނގުރާމަކުރުމުގެ އުކުޅުތަކާއި ފަންނުތަކުގެ އަތްމަތީ ފޮތެކެވެ. އޭގެ މައްޗަށް ބިނާކޮށް މިލިޓްރީގޮތުން މުސްތަގްބަލްގައި އީރާނުން ކުރިއެރުންތަކެއް ހޯދާނެއެވެ.
![]()

One Response
އީރާން ޒިންދާބާދު! މާތްﷲގެ ހެޔޮރަޙުމަތް އީރާނާއި އެކު، އިންޝާﷲ