މާފުށީ ޖަލުގައި ބޮޑީ ސްކޭނަރެއް ބަހައްޓައިފި

Loading

February 28, 2026
profile
Facebook
Twitter
WhatsApp

މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭނަރެއް ބަހައްޓައިފިއެވެ.

ޖަލަށް ވަންނަ މީހުން ފާސްކުރުމަށްޓަކައި ބެހެއްޓި މި ސްކޭނަރުގެ ޚިދުމަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙުސާނެވެ.

މިއީ ސޮޓަރ އާރްއެސް ބޮޑީ ސްކޭނަރެކެވެ. މިއީ ހަށިގަނޑުގައި ރައްކާކޮށްގެން އެއްޗެހި އެތެރެކުރާ ތަކެތި ދެނެގަނެވޭނެ މެޝިނެކެވެ. މިގޮތުން، މަސްތުވާތަކެއްޗާއި އަދި ފޯނު ފަދަ އާލާތްތައް މި ސްކޭނަރު މެދުވެރިކޮށް ދެނެގަނެވޭނެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މަޢުލޫމާތުދޭގޮތުގައި، މާފުށީ ޖަލުގެ ގައިދީންނާއި މުވައްޒަފުން އަދި އެހެނިހެން ބޭނުންތަކުގައިވެސް ޖަލަށް ވަންނަ މީހުން، މި މެޝިނުގެ އެހީގައި ސްކޭން ކުރާނެއެވެ.

މާފުށީ ޖަލުގައި އަލަށް ބޮޑީ ސްކޭނަރެއް ބަހައްޓާފައިވާއިރު، ކަނޑުމަގުން އެތެރެކުރާ މުދާ ސްކޭންކުރުމަށްޓަކައި މި އަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ބަހައްޓާނެ ކަމަށް، ވަޒީރު އިޙުސާން ވަނީ ވިދާޅުވެފައެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭން މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް