އެމެރިކާއާއި އީރާނުގެ ދެބަސްވުންތަކަށް ސިޔާސީ ގޮތުން ހައްލެއް ހޯދަން އޮމާނުގެ ވެރިރަށް މަސްކަތުގައި އެމެރިކާއާއި އީރާނުގެ ވަފުދުން ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ރައީސް ޓްރަމްޕްގެ ޚާއްސަ އެންވޯއި ސްޓީވް ވިކްޓޯފް އަދި ރައީސް ޓްރަމްޕްގެ ދަނބިދަރި ޖެރާޑް ކުޝްނަރ ގެއިތުރުން އެމެރިކާގެ މިލިޓްރީގެ އެޑްމިރަލް ބްރެޑް ކޫޕަރ ބައިވެރިވެ ވަޑައިގަތުމުން އެ މަޝްވަރާތައް ބޭއްވުނު ކޮޓަރިކޮޅުން ނިކުމެ ވަޑައިގަންނަވަމުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޣްޗީ ވިދާޅުވީ މިއީ މިލިޓްރީ ސްޓްރެޓެޖީއެއް ރާވަން ބޭއްވޭ މަޝްވަރާތަކެއް ނޫންކަމަށާއި ސުލްހަވެރި އެއްބަސްވުމަކަށް މިލިޓްރީންނާއެކު އީރާނުން ވާހަކަދައްކަން ބޭނުން ނުވާކަމަށެވެ.
އެއްބަސްވުމަކާ ކައިރިއަށްވެސް ނުދެވުނު މަޝްވަރާތައް އޭގެފަހުން ކުރިއަށް ދިޔައީ ނުސީދާގޮތެއްގައި އޮމާނުގެ ޚާރިޖީ ވަޒީރު މެދުވެރި ކުރައްވައިގެންނެވެ.
އެމެރިކާއާއި އީރާނުގެ ދެކޮޅުވެރިކަމަށް ސިޔާސީ ހައްލެއް ހޯދުމަށް މަޝްވަރާތައް ފެށުމުގެ ކުރިން އެމެރިކާއިން އޮތީ އެ ގައުމުން ބޭނުންވާ ލަނޑުދަނޑި އެކަށައަޅާފައެވެ. ހަމަ އެފަދައިން އީރާނުންވެސް އޮތީ އެ ގައުމުން ހުރަސްނުކުރާނެ ރަތްރޮނގު ކަނޑައަޅާފައެވެ. މިހާލަތުގައި ކާމިޔާބީ އަކާ ހަމަޔަށް ދެވިދާނެ މަގެއް މިހާތަނަށްވެސް ފެނިފައެއް ނުވެއެވެ. އަދި އޭގެ ސަބަބުން މުޅި ދުނިޔެ މިވަނީ މީގެ ކުރިން ތަޖްރިބާ ކޮށްފައި ނުވާފަދަ ގެއްލުންބޮޑު ދެކޮޅުވެރިކަމެއްގެ އަނގަމައްޗަށް ގެނެސްފައެވެ.
އެމެރިކާއިން އީރާނާދެކޮޅަށް ހަނގުރާމައެއް ފަށައިފިނަމަ ދުނިޔެއިން ކުރިމަތިލާންޖެހޭނެ ނުރައްކާތެރި ހާލަތު ބަޔާންކޮށްދީ ތަޖްރިބާކާރުން ގެންދަވަނީ ތަފާތު މީޑިއާތައް ބޭނުންކޮށްގެން ގައުމުތަކުގެ ވެރިންނަށް އިންޒާރު ދެއްވަމުންނެވެ.
އިންޑިއާ ޓްޑޭ ގްލޯބަލް އިން ހާމަކޮށްފައިވާ ގޮތުގައި އީރާނުގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 މިލިއަން މީހުންތިބީ މިލިޓްރީ ހުނަރުތަކަށް ތަމްރީނުކޮށްފައެވެ. ގާތްގަނޑަކަށް 2 މިލިއަން ސިފައިންގެ ލަޝްކަރެއް ކޮންމެ ވަގުތެއްގައިވެސް ތިބެނީ ހަރަކާތަށް ތައްޔާރީގައެވެ. އީރާނުގެ މުޅި ދިފާއީ ބަޖެޓަކީ 11 ވަރަކަށް މިލީއަން ޑޮލަރެވެ. އެމެރިކާއާއި ސައޫދީ އެރޭބިއާގެ ނިސްބަތުން އެއީ ވަރަށް ކުޑަ ބަޖެޓެކެވެ. ސިފައިންގެ ޔުނިޓްތަކުގެ އާންމު ސިފައިންނާއި އައި އާރ ޖީ ސީ އަދި އައި އާރ ޖީ ސީ ގޮފިތައް ރިޕޯރޓްކުރާނީ ސިދާ ސުޕްރީމް ލީޑަރަށެވެ.
މިދިޔަ އަހަރު ޖޫންމަހުގައި އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގި ހަނގުރާމައިގާ އިސްރާއީލަށާއި އެ ގައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެމެރިކާގެ ހިޔަނީގައި އެކުވެރި ގައުމުތަކުން ލިބުނު ބޮޑެތި އެހީތައް ގައުމުގެ އިސްވެރިންގެ ޖީބަށް ކަހާލި މަސްލައިގެ ތަހްގީގު ވަރަށް ސީރިއަސްކޮށް ފެށިފައިވާ މިވަގުތުގައިވެސް އެމެރިކާއިން އީރާނަށް ހަމަލާދޭން އިސްރާއީލުގެ ބޮޑުވަޒީރު ބާރުއަޅަމުން ގެންދާން ފަށައިފިއެވެ. ދެކުނު އިސްރާއީލުގެ މޭޔަރާއި ގިނަ އިސް ވެރިންތަކެއް އަދި ތުހުމަތު ކުރެވޭ ބޮޑެތި ވިޔަފާރި ވެރިންތަކެއް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މިހާތަނަށް ކައުންސިލުން އަދި ފުލުހުން ރަސްމީގޮތުން އެއްވެސް މައުލޫމާތެއް ހާމަނުކުރެއެވެ. އީރާނަށް ހަމަލާދޭން އެމެރިކާއިން އުޒުރު ދައްކައި ފަސްޖެހެމުންދާތީ ބޮޑުވަޒީ ނަތަންޔާހޫ ހުރީ ވަރިފަށަށް އަރާފައެވެ.
މީގެކުރިން އީރާނުން ބުނަމުން އައިސްފައިވަނީ އެ ގައުމަށް އެމެރިކާއިން ހަމަލާ ދިނުމުގައި އަވަށްޓެރި ގައުމެއްގައި ހުރި އެމެރިކާގެ އެއްވެސް މިލިޓްރީ ބޭސްއެއް ބޭނުން ކުރަން ހުއްދަ ދީފިނަމަ އެ ގައުމަކަށް އީރާނުން ހަމަލާ ދޭނެ ކަމަށެވެ. އެހެންނަމަވެސް އީރާނުގެ ބަސްމަގު މިހާރު ވަނީ ބަދަލުކޮށް އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ ގަލްފު ސަރަހައްދުގައިހުރި އެމެރިކާގެ އެންމެހާ މިލިޓްރީ ބޭސްތަކަކީ އެއްވެސް އިސްތިސްނާއެއް ނެތި އީރާނުގެ އަމާޒުތަކަކަށް ވާނެ ކަމަށެވެ. އީރާނުގެ މި އިންޒާރަކީ ގަލްފުގެ ގައުމުތަކަށް އުފުލޭ ވަރަށްވުރެން މާ ބުރަ އިންޒާރެކެވެ. އެމެރިކާއިން އީރާނަށް ހަމަލާދިނުމުގައި ފަހަތުފަޔަށް ބުރަވަމުންގެންދާ މައިގަނޑު ސަބަބަކީ މިއީ ކަމުގައި އެ ހާލަތު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެފައި ވެއެވެ.
މެދުއިރުމަތީގައި ކޮންމެ ވަގުތެއްގައިވެސް ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާއިރު އެމެރިކާގެ މިލިޓްރީގެ ބައެއް އިސްބޭފުޅުންވެސް ގެންދަނީ އެތައް ބައިވަރު ސަބަބުތަކަކާހުރެ ހަނގުރާމައަކުން ދުރު ވެވިދާނެ ވިސްނުމަކަށް ތާއީދު ކުރަމުންނެވެ.
ޔޫއެސް އެސް އަބްރަހަމް ލިންކަން މެދު އިރުމައްޗަށް ދަތުރު ފެށުމުގެ ކުރިން މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ދެކުނު ޗައިނާ ކަނޑުގައި ވަރަށް ބޮޑު މިލިޓްރީ ލައިވް ހަރަކާތަތަކެއް ވަނީ ހިންގާފައެވެ. އެ ހަރަކާތްތަކަށްފަހު ސިދާ މެދުއިރުމައްޗަށް ދަތުރުކުރުމަށް ވޯޝިންގޓަނުން އަމުރުކުރިކަމަށް ވަނީ ޖެނުއަރީ 26 ގައެވެ. އެ އުޅަނދުން ދެކުނު އޭ|ޝިޔާގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ސަރަހައްދަށް ވަނުމާއެކު އީރާންގެ މިލިޓްރީ އެލާރޓަށް ގެނެވި ގަލްފް ސަރަހައްދަށް ނުރައްކާތެރިކަން ބޮޑުވެއްޖެކަމަށް އީރާނުން އިއުލާންކުރިކަމަށްވެއެވެ. އެމެރިކާގެ އަރުމާޒް އީރާނާކައިރިކުރީ ޖެނުއަރީ ފަހުކޮޅުގައެވެ. ޚޮރްމުޒް ކަނޑުއޮޅިއަށް ކައިރިކުރުމަށްފަހު ކުއްލިއަކަށް ފެނިގެން ދިޔައި އެމެރިކާގެ ލަޝްކަރުތައް ގަލްފް އޮފް އަދަނާ ދިމާލަށް ފަހަތަށް ޖެހެމުން ގެންދިޔަތަނެވެ. އޭގެ ފަހުން ޚަބަރުތައް ބުނެފައިވަނީ މިހާރު އަބްރަހަމް ލިންކަން އާއި ސްޓްރައިކް ގުރޫޕް އޮތީ ސޮކޮޓްރާ ޖަޒީރާ ކައިރީގައިކަމަށެވެ. އެއީ އިރާނުގެ ޝާހް ބަހާރު ބަނދަރުންފެށިގެން 1400 ވަރަކަށް ކިލޯމީޓަރ ދުރުގައެވެ. ބުނެވޭގޮތުގައި އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އާއި އޭގައި ހިމެނޭ ސްޓްރައިކް ގުރޫޕް ފަހަތަށް ޖެހުނީ ގަލްފް އޮފް އޮމާންވެސް ހިމެނޭ އެ ސަރަހައްދުގައި އީރާނާއި ޗައިނާ އަދި ރަޝިޔާއާއިން ނޭވަލް ތަމްރީނުތައް ކުރަމުން ގެންދިއުމުގެ ސަބަބުންނެވެ. މިއީ އީރާނުގެ ދައުވަތަކަށް އެ ގައުމުތަކުންފެށި ތަމްރީނުތަކެއް ކަމުގައި ބުނެފައިވެއެވެ. އަދި މިއީ 2017 ވަނައަހަރުއްސުރެން ރަޝިޔާއާއި ޗައިނާ އަދި އީރާނުން ހިންގަމުންގެންދާ ތަމްރީނު ތަކެކެވެ.
މިފަހަރުގެ ތަމްރީނުތައް ތަފާތު ވެފައިވަނީ އެމެރިކާގެ ކަނޑުގެ ބިޔަ ލަޝްކަރުތައް އީރާނަށް ހަމަލާދޭން އެ ސަރަހައްދަށް ޖާވަމުންދަނިކޮށް އެ ސަރަހައްދުގައި ތަމްރީނުތައް ފެށުމުންނެވެ.
އެމެރިކާގެ ބިޔަ ލަޝްކަރުން އީރާނާ ދެކޮޅަށް އުފައްދާފައިވާ ޓެންޝަން ގެ ސަބަބުން އާންމު ދަތުރުފަތުރުތަކަށްވެސްވަނީ ސިހުންލިބިފައެވެ.
މެދުއިރުމަތީގެ ހާލަތަށް ބަލާއިރު ދެކުނު ޗައިނާކަނޑުން ފެށިގެން މެދު އިރުމައްޗާހަމަޔަށް ޗައިނާއިން ގެންދިޔައީ އެމެރިކާގެ އަރްމާޒަށް ސިއްރުން ފާރަލަމުންނެވެ. އަދި ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުންފެށިގެން އަބްރަހަމް ލިންކަން އޮތް ސަރަހައްދުގައި އޯޝަން ސާރވޭކުރުމުގެ ނަމުގައި ކަނޑުގެ އަޑިއަށް ދާންދެން ތަހްލީލު ކުރަމުންނެވެ. އަދި އެމެރިކާ ނޭވީންގެ ލަޝްކަރުތައް އިތުރު ކުރަމުން ގެންދާއިރު އެ މައުލޫމާތުތައް އީރާނާއެކު ހިއްސާކުރަމުންނެވެ. ޗައިނާގެ ސާރވޭ ޝިޕް ހަރަކާތްތެރިވަމުންގެންދާ ސަރަހައްދު ޔޫ އެސް އެސް އަބްރަހަމް ލިންކަން އާއި ދެމެދުގެ ދުރުމިން ކަށަވަރު ނުކުރެވޭ ނަމަވެސް ޗައިނާގެ ސަރވޭ އުޅަނދު މިހާރު ހަރަކާތް ތެރިވަމުން ގެންދަނީ އީރާނުގެ ކަރަގޮޑުން ފެށިގެން 170 ވަރަކަށް މޭލުގައި ކަމަށް އެނގިފައި ވެއެވެ. މި ކަމުންވެސް އީރާނާއި ޗައިނާގެ ގުޅުން ހާމަވެގެންދެއެވެ. އަދި އެ ގުޅުންތައް ދަނީ އިތުރަށް ބަދަހި ވަމުންދާކަންވެސް ވަނީ ޔަގީންކުރެވިފައެވެ. މީޑިއާ ޚަބަރުތަކަށް ބަލާއިރު މިލިޓްރީގޮތުން ދުނިޔޭގައި މިވަގުތު އޮތްކަމަށް ބަލެވޭ އެންމެ ފުރިހަމަ އެއާރކްރާފްޓް ކެރިއަރ އަށް ޒަމާނީ ޓެކްނޯލޮޖީގައި ފޯރުކޮށްދީފައިވާ ރައްކާތެރިކަމުގެ ހުރިހާ ވަސީލަތެއް ފޫއަޅުވާލުމަށްފަހު ޗައިނާގެ ސާރވޭ އުޅަނދުން އަބްރަހަމް ލިންކަންއާއި 500 މޭލަށް ކައިރިވިކަމަށާއި އެއާރކްރާފްޓްގެ ހަރަކާތްތަކާއި ދަތުރު ކުރަމުންދާގޮތާއި ވަސީލަތްތަކާބޭ ހުރިހާ މައުލޫމާތެއް ރިއަލް ޓައިމްގައި އީރާނަށް ފޮނުވަމުން ގެންދިޔައި ކަމަށް ވެއެވެ.
އޭގެފަހުން ލިބުނު ބައެއް ޚަބަރުތަކަށް ބަލާއިރު ޗައިނާގެ އެއާރކްރާފްޓް ކެރިއަރެއް ސަތޭކަ ވިއްސަކަށް މިސައިލާއެކު ޔޫ އެސް އެސް އަބްރަހަމް ލިންކަން އޮތް ސަރަހައްދުގައި މިހާރު ހަރަކާތްތެރި ވަމުން އެބަގެންދެއެވެ.
އަބްރަހަމް ލިންކަންއާ ދިމާލަށް އީރާނުން އުދުއްސާލި ޑްރޯނެއް ވަނީ ވައްތާލާފައެވެ. ސެންޓްރަލް ކޮމާންޑުން ބުނެފައިވަނީ އީރާނުގެ ޑްރޯންގެ ސަބަބުން އެމެރިކާ ސިފައިންނަށް އަދި އެއްވެސް ވަސީލަތަކަށް ގެއްލުން ނުލިބޭ ކަމަށެވެ. އަދި ޑްރޯން ވައްޓާލީ އަމިއްލަ ދިފާއުގައި ކަމަށެވެ.
އީރާނުގެ މަގްސަދަކަށްވީ އެ ޑްރޯންގެ ވަސީލަތުން އެމެރިކާގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ހޯދުންކަމަށާއި އަދި އެކަން ކާމިޔާބު ވެފައިވާކަމަށް އީރާނުން ބުނެފައިވެއެވެ.
މެދު އިރުމަތީ ގައުމުތަކުގެ ރައްޔިތުން ދެކޭގޮތުގައި ރަހްމަތްތެރިން ނަކީ އަބަދުވެސް ރަޙްމަތްތެރިނެވެ. އަދި ދުޝްމިނުންނަކީ ދުޝްމިނުންނެވެ. އެއްފަރާތެއްގައި އީރާން އޮތްއިރު އަނެއް ފަރާތުގައި ސައޫދީ އާއި އެމިރެޓްސްގެ މަތީގައި ބާޒެއްހެން ވޯޝިންގްޓަނުން އަބަދާއަބަދު އުދުހެމުންގެންދާއިރު ފަހަކަށް އައިސް އެ ވިސްނުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނަމުން ދާކަމުގެ ކުލަވަރެއް ފެނުނުކަމުގައިވިޔަސް އެގައުމުތަކުން އީރާނުގެ ކޮޅަށް އަރާފާނެކަމަކަށް ނުބެލެވެއެވެ.
މިފަހަރު ޓްރަމްޕް އީރާނާ ދެކޮޅަށް ހަމަލާދޭން ތައްޔާރު ވަމުންދާއިރު ސައޫދީ އާއި އެމިރެޓްސް އިން ބުނަމުން ގެންދަނީ އަހަރެމެންގެ ކަނޑާއި ބިމާ އަދި ވައިގެ ސަރަހައްދު އެކަމަށް ބޭނުން ނުކުރެވޭނެ ކަމަށެވެ. މިދިޔަ ހަފުތާއި އެމް ބީ އެސް އާއި ރައީސް ޕެޒެސްކިއާންގެ ބައްދަލު ކުރެއްވުމަކީ މީގެ ކުރިން ހިތަށްވެސް ނުގެނެވޭ ކަމެކެވެ. ރައީސް ޕެޒެޝްކިއާންގެ މެސެޖް ވަރަށް ސަރީޙައެވެ. އަހަރެމެން ދުޝްމަނުން ކަމުގައި ދެމިތިބުމަކުން ހަމައެއްވެސް ގައުމަކަށް ފައިދާއެއް ނުކުރާނެއެވެ. އަދި އެކަމުގެ ސަބަބުން އިސްލާމީ އުންމަތަށް ކުރާނެ ފައިދާއެއްވެސް ނެތެވެ. އަމުދުން މި ސަރަހައްދުގެ ގައުމުތަކަށްވެސް އޮތީ ބިރުވެރި ކަމާއި ގެއްލުމެވެ.
އީރާނަށް ތާއިދުކުރުމުގައި ދެމިތިބި އިސްލާމީ ގައުމުތަކަށް ރައީސް ޕެޒެޝްކިއާން ވަނީ ތައުރީފް ކުރައްވާފައެވެ. ބައިނަލް އަގްވާމީ ގާނޫނުތަކުގެ އިންފާރުގެ ތެރޭގައި އީރާނުން އޮތީ ކޮންމެ ވަގުތެއްގައިވެސް ސުލްހަވެރި ވެއްޓެއް އުފައްދަން ތައްޔާރަށް ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލު ކުރެއްވުމަށްފަހު ހާމަވެގެން ދިޔައީ އީރާނާ ދެކޮޅަށް ސައޫދީގެ އެއްވެސް ސަރަހައްދެއް ބޭނުންނުކުރެވޭނެ ކަމަށް ވަލީ އަހްދު ވިދާޅުވުން އަޑުކޮޅަށް ބާރުލައްވާފައި ރަސްމީގޮތުން އިއުލާން ކުރެއްވި ޚަބަރެވެ. މިޒަމާނުގެ ހަނގުރާމައިގާ ސަރަހައްދާއި ވަސީލަތްތަކާއި އެއާރސްޕޭސް ފަދަ ތަންތަނަކީ އެންމެ މުހިންމު ވަސީލަތްތައް ކަމުގައި ބެލެވޭއިރު ސައޫދީގެ ބިމާ ވަޔާއި އަދި ކަނޑުގެ ސަރަހައްދުތައް އީރާނާ ދެކޮޅަށް ބޭނުން ކުރުން މަނާކުރެވިގެންދިޔައީއެވެ.
ހަނގުރާމައިގެ މި ދުވަސްވަރުގައިވެސް އިސްރާއީލުގެ ބޮޑުންގެ ތެރޭގައި ކޮރަޕްޝަން އޮތީ ފާލުން ނައްޓާލާފައި ކަމަށް ވެއެވެ.
![]()
