މާލޭގެ ފެން ހިންދާ ނިޒާމު އޮޓޮމޭޓްކުރުމުގެ މަސައްކަތްތައް ކުރަން ޖަޕާނުގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް (ކޮންސްޓްރަކްޝަން ފޭސް) – ޕެކޭޖް 2 ގެ އެއްބަސްވުމުގައި ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަނާއެކު މި މަހުގެ 17 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.
މި ޕެކޭޖުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
•މާލޭގައި ޤާއިމްކޮށްފައިވާ 16 ޕަންމްޕް ސްޓޭޝަން އޮޓޮމޭޓްކުރުމަށް ހަރުކުރަންޖެހޭ އާލާތްތައް ޕަންމްޕް ސްޓޭޝަންތަކުގައި ހަރުކުރުން.
•މަޝްރޫޢުގެ ތެރެއިން 16 ޕަންމްޕް ސްޓޭޝަން މޮނިޓަރ ކުރުމަށްޓަކައި ސެންޓްރަލައިޒްޑް މޮނިޓަރިންގް ސްޓޭޝަންނެއް ޤާއިމްކުރުން.
•ފެންހިންދާ ނިޒާމުގެ މެއިންޓެނަންސަށް ބޭނުންވާ ޖެޓިންގެ ވެހިކަލްއެއް ފޯރުކޮށްދިނުން.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މިސްޓަރ މަކޯޓޯ ޔޮކޮށީ އެވެ.
![]()
