Skip to content
ދުނިޔެ

ވައިގެ ހަމަލާތަކެއްގައި މިޔަންމާގެ 70 އަށް ވުރެ ގިނަ އާންމުން މަރުވެއްޖެ

އިބްރާހީމް ރަޒީންއިބްރާހީމް ރަޒީން

މިޔަންމާގެ އަސްކަރިއްޔާއިން ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ދިން ވައިގެ ހަމަލާތަކެއްގައި ކުޑަކުދިން ހިމެނޭހެން މަދުވެގެން 70 އާންމުން މަރުވެއްޖެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނ ކައިވެނި ހަފުލާތައް ބާއްވާ ތަނަކަށާއި، ސްކޫލަކަށާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށެވެ.

މީގެ ތެރެއިން އެންމެ ނުރައްކާތެރި ހަމަލާތައް ދީފައިވަނީ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ޝާން ސްޓޭޓްގެ ލެ ކީ ލޯން އަވަށުގައި ކައިވެނި ހަފުލާއެއް ބާއްވަމުން ދިޔަ ތަނަކަށް އަސްކަރީ ޖެޓަކުން ދިން ހަމަލާއެއްގައި، ކުޑަކުދިން ހިމެނޭހެން 21 އާންމުން މަރުވި ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން ބުނެއެވެ. މި ހަފުލާ ބޭއްވި ތަން ހުންނަނީ ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ކޭމްޕުތަކަކާއި ސްކޫލެއްގެ ކައިރީގައެވެ.

މިޔަންމާގެ ހުޅަނގުގައި، ރާކައިން ސްޓޭޓްގެ މްރައުކް-ޔޫ ޓައުންޝިޕްގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި ކައިރި ދެ ސަރަހައްދަކަށް ވަކިވަކިން ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 24 މީހުން މަރުވެ، އިތުރު އެތައް ބަޔަކު ޒަޚަމްވިއެވެ. ރެސްކިއު އޮފިޝަލެއް ކަމުގައިވާ، ވައި ހުން އައުންގް ވިދާޅުވީ، ހަމަލާގައި ޝިކާރައަކަށްވި ބައެއް މީހުންގެ ހަށިގަނޑުތައް ވަރަށް ބޮޑަށް ކުދިކުދިވެފައިވާތީ، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށެވެ.

އޭގެ ކުރިން ބުރާސްފަތި ދުވަހު، މަގްވޭގެ އިން ޔޯން އަވަށުގައި، ދީނީ ރަސްމިއްޔާތެއް ކުރިއަށް ދިޔަ ވަގުތު، ސްކޫލަކާއި ބުދިސްޓް ފައްޅިއެއް ހުރި ކޮމްޕައުންޑަކަށް ފައިޓާ ޖެޓުތަކާއި، ބޮޑު ބަޑި އަދި ޑްރޯން ބޭނުންކޮށްގެން ހަމަލާދިނެވެ. މިޔަންމާގެ ނޭޝަނަލް ޔުނިޓީ ގަވަރމަންޓުން ބުނި ގޮތުގައި މި ހަމަލާގައި ޓީޗަރުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 20 އާންމުންނާއި، ޑިމޮކްރަސީއަށް ތާއީދުކުރާ ނުވަ ހަނގުރާމަވެރިން މަރުވިއެވެ.

މި ހަމަލާތައް ދީފައި މިވަނީ، 2021 ވަނަ އަހަރު ވެރިކަން ފޭރިގަތުމަށްފަހު އިދިކޮޅު ބާރުތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަލާތަކާއި ގުޅިގެން އަސްކަރިއްޔާއިން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

މި އަނިޔާވެރި އަމަލުތައް ހިންގާފައި މިވަނީ، 2017 ވަނަ އަހަރު ރޮހިންޏާ ދަރިކޮޅުގެ މީހުންނާއި ދެކޮޅަށް މިޔަންމާއިން ނަސްލު ނައްތާލުމުގެ އަނިޔާވެރި ހަރަކާތެއް ހިންގާފައިވާ ކަމަށް ބައިނަލްއަގުވާމީ ކޯޓު (އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް) އިން މިދިޔަ ހަފުތާގައި ނިންމި ތާރީޚީ ނިންމުމަށް ފަހުގައެވެ.

Loading

Comments are reviewed before publication. You can write in English or Dhivehi.

Leave a Reply