ސަތޭކަ ރުފިޔާ ހޭދަކޮށްގެން އެއް ދުވަހުގެ ތެރޭގައި ފަސްހާސް ރުފިޔާ

Loading

February 20, 2026
profile
Facebook
Twitter
WhatsApp

މި ޒަމާނަކީ އެކި ކަހަލަ ”ޓްރޭޑިންގ“ މަންސަތަކުގެ ބޭނުން މީހުން ހިފަމުންދާ ޒަމާނެކެވެ. ބައެއް މީހުންނަށް އެއިން ގެއްލުންވާއިރު އަނެއްބައި މީހުންނަށް ބޮޑެތި އަދަދުތަކުން ފައިދާ ލިބޭ ވާހަކައަކީ އަބަދުމެ އިވެމުންދާ ވާހަކަތަކެވެ.

އަދި ބައެއް މީހުންގެ މުޅި މާލިއްޔަތު އެކަމަށް ހުސްވެ އިނދަޖެހޭ ވާހަކަތައްވެސް އިވެނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް ކިޔައިދޭން މި އުޅެނީ މުޅި މާލިއްޔަތު ހުސްކޮށްލައި އެއިން އެއް ދުވަހުގެ ތެރޭގައި ފަންސާސް ގުނަ ލިބުނު ގޮތުގެ ވާހަކައެކެވެ. މިފަދަ މަންސައަކުން ނޫނެވެ. އެއަށްވުރެ މާ ފައިދާބޮޑު ގޮތަކުންނެވެ.
އެއީ މީގެ މަހެއްހާ ދުވަސް ކުރިއެވެ. އަހަރެންގެ އޭރުގެ މާލީ ހާލަތު ހުރީ ވަރަށް ދަށްކޮށެވެ. މަސް ނިމެން ދިހަވަރަކަށް ދުވަސް އޮތެވެ. އަހަރެންނަށް މުސާރަ ލިބެން އޭގެ އިތުރަށް އަދި ހަފުތާއެއްވަރު ނަގާނެއެވެ. އެކައުންޓުގައި އޮތީ އެންމެ ސަތޭކަ ދެރުފިޔާއެވެ. ފިކުރު ކުރެވެމުން ދިޔައީ މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި އެއިން ފުއްދާނެ ގޮތަކާމެދުގައެވެ.
ކިތަންމެ ހާލަތު ދަށްވިނަމަވެސް އެއްބަނޑު ތިމާގެ މީހުން ގާތުގައިވެސް ފައިސާއަށް ކިޔަން އަހަރެން ލަދުވެތިވަމެވެ. މި ލަދުވެތިކަމާއެކު، އަހަރެންގެ ހިތުގެ އެންމެ އަޑި ދެނެވޮޑިގެންވާ، ޢާލަމްތަކުގެ ވެރި އިލާހަށް އަހަރެންގެ ހާލަތު ހިއްސާކޮށްފައި އެވަރުން ފުއްދާލަނީއެވެ. ކޮންމެ ނިންމެވުމެއް ނިންމަވާނީ އެކަލާނގެ އިރާދަފުޅުންކަން ޔަގީންކުރަމުންނެވެ.
އެއީ ތަންކޮޅެއް އިރާކޮޅު އަހަރެންނަށް ނިދުނު ރެއެކެވެ. ދަންވަރަށް ހޭލެވުމުން ފޯނު ބަލައިލީމެވެ. އެކި މެސެޖުތައް އައިސްފައި ހުއްޓެވެ. ފަހަރަކު މެސެޖެއް ބަލަމުން ދަނިކޮށް ފެނުނީ އަހަރެންނާއެކު ވަޒީފާ އަދާކުރާ މީހަކު ފޮނުވާފައިވާ މެސެޖެކެވެ. އެއީ ނަޞާރާ ދީނަށް ތަބާވާ، ބިދޭސީ އަންހެނެކެވެ. ފަގީރު ޢާއިލާއެއް ބަލަހައްޓަންޖެހިފައިވާ، އެ ޢާއިލާގެ ހަމައެކަނި އާމްދަނީ ލިބޭ މީހާއެވެ. އެކަނިވެރި މަންމައެކެވެ. މަޖުބޫރީ ހާލަތުގައި ދަރިފުޅު މަންމަ ގާތުގައި ޤައުމުގައި ބަހައްޓާފައި އައިސް ރާއްޖޭގައި ވަޒީފާ އަދާކުރަނީއެވެ. އެ ހުރިހާ މީހުންގެ މާލީ ޒިންމާ ބޮލުއަޅައިގެންނެވެ.
އަހަރެން މެސެޖު ކިޔާލީމެވެ. އެރޭ ދަންވަރު ޑިއުޓީގައި އިންދާ އޭނާއަށް ދިމާވި ކަމަކާ ގުޅިގެން އަހަރެންގެ ގާތުގައި އެދިފައި އޮތީ ފަހުން ދޭގޮތަށް ސަތޭކަ ރުފިޔާ ޓްރާންސްފަރ ކޮށްދެވިދާނެތޯއެވެ. ފޯނު ދުރުގައި ބާއްވާލުމަށްފަހު އަހަރެން ވިސްނާލީމެވެ. އެކައުންޓުގައި އޮތް ސަތޭކަ ރުފިޔާ ދީފައި އަހަރެން ކުޑަމިނުން ދަރިންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާނީ ކިހިނެއްބާވައެވެ. މިކަމާ ވިސްނަން އިދެފައި އަހަރެން ފޯނުން މީސްމީޑިއާ ހާވަމުންދިޔައިމެވެ. ފަހަރަކު އެޕެއް ހުޅުވަމުން ”ބޭކާރު“ ކަންކަމުގައި ބައިގަޑިއެއްހާއިރު ދިޔައެވެ.
އެހެން އިނދެފައި ހިތަށްއެރިއެވެ. އަދި މި އުޅެނީ އާދައިގެމަތިން ނިދުމުގެ ކުރިން ކިޔަވާ ޞަފުޙާ ނުކިޔަވައެވެ. ފޯނުން ބަޤަރާ ސޫރަތް ހުޅުވާލީމެވެ. އެރެއަށްވީ ޞަފުޙާ ކިޔަވައި ނިމިގެން، ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔުމަށްފަހު އަނެއްކާވެސް އެއްކަލަ މެސެޖު ހުޅުވާލީމެވެ. މިފަހަރު އަހަރެންނަށް މެސެޖު ފެނުނީ ތަފާތު ސިފައެއްގައެވެ. ބޭނުންޖެހިފައިވާ ފަގީރަކު ދަންވަރުގެ ވަގުތުގައި އެ ޓަކިދިނީ އަހަރެންގެ ދޮރުގައެވެ. މިއީ މާތް ރަސްކަލާނގެ އެކަލާނގެ އަޅުންގެ ދުޢާތައް އިޖާބަކުރެއްވުމުގައި ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގެންވާ ވަގުތެވެ. އަހަރެންގެ ވެރި ރައްބު އެވަނީ އަހަރެން ދެންނެވި ކޮންމެ ކަމެއް ފުރިހަމަ ކޮށްދެއްވުމުގައި އެކަލާނގެ އަތްޕުޅު ހުޅުވާލައްވާފައެވެ. މިފަދަ ވަގުތެއްގައި އަހަރެން އެ ނިކަމެތި ފަގީރު މީހާއަށް ފުރަގަސްދޭން ހެޔޮވާނެހެއްޔެވެ!
އަހަރެންގެ ހިތަށް އައީ އޭގެ ކުރީ ދުވަހު ހަގު ދަރިފުޅު ގޭގައި ހުރި ވަކިލާރި ދަޅު ގުނިކަމެވެ. އޭގައި ދުއިސައްތައެއްހާ ރުފިޔާ ހުރި ވާހަކަ ދަރިފުޅު ބުނި ހަނދާންވިއެވެ. ހަމަ އެވަގުތު ހިތަށް އައީ ދަތިވެއްޖެނަމަ ދޮށީ ދަރިފުޅު އަތުންވެސް އެއްޗެއް ލިބޭތޯ ބެލުމަށެވެ. މި ހުރިހާ ކަމެއް އެކަލާނގެއާ ވަކީލު ކުރުމަށްފަހު އަހަރެން އެއްކަލަ ސަތޭކަ ރުފިޔާ އޭނާއަށް ޓްރާންސްފަރ ކޮށްފީމެވެ. އަހަރެންނަށް ވަގުތުން ލިބުނީ އޭނާގެ ހެޔޮ ދުޢާގެ މެސެޖެކެވެ. އަހަރެންގެ ހިތަށް އެވަގުތު ލިބުނު ހިތްހަމަޖެހުން ބުނެދޭކަށްވެސް ނޭނގުނެވެ.
އަހަރެންނަށް އެރޭ ވަރަށް ހިތްހަމަޖެހިގެން ނިދުނެވެ. އަނެއް ދުވަހު އަހަރެން ހޭލިތަނުން ދޮށީ ދަރިފުޅު ދިއްކޮށްލީ ހަދިޔާއެކެވެ. އެއްހާސް ރުފިޔާއެވެ. މަންމައަށް ދަތިވެގެން އުޅޭހެން ހީވާތީ ކަމަށް ބުނެފައެވެ. ނަމަވެސް އޭގައި ހިފުމަށްފަހު އެ ބޭއްވީމެވެ. އަތުން ޚަރަދެއް ނުގޮސް އެދުވަހުގެ ކެއުންވެސް ހަމަޖެހުނެވެ. މާތް ﷲއަށް ޙަމްދު ކުރީމެވެ.
އެރޭގެ މަޣުރިބުގެ ފަހެވެ. ރައްޓެއްސަކާއެކު އަހަރެން އިނީ ކެފޭއެއްގައި ސައިބޯށެވެ. މުހިންމު ވާހަކައެއް ދައްކަން އޭނާ ބޭނުންވެގެންނެވެ. އަހަރެންނަށް ކުއްލިއަކަށް ލިބުނީ މެސެޖެކެވެ. ޢާއިލާ ކުއްޖެއްގެ މެސެޖެކެވެ. ”ކުޑަ ހަދިޔާއެއް“ ފޮނުވާފައި އޮންނާނެ ވާހަކަ ބުނެފައި އޮތެވެ. އެއީ ފައިސާގެ ހަދިޔާއެއްގެ ވާހަކައެވެ. އަހަރެން ލަފާކުރީ ފަސްސަތޭކައެއްހާ ރުފިޔާ ކަމަށެވެ. މިހާ ދަތިވެ، އަތްމަތި ހުސްވެފައި ހުއްޓާ އެވަރު ލިބުނަސް އެއީ ހާދަހާ ބޮޑު އެއްޗަކަށް ވާނެއެވެ. މާތް ރަސްކަލާނގެ ކިބަފުޅަށް އަހަރެން ޝުކުރު ދެންނެވީމެވެ. އެކަލާނގެއީ އެކަލާނގެ މަގުގައި ހޭދަކުރި އެއްޗެއް އެތައް ސަތޭކަ ގުނައަކަށް އިތުރުކޮށްދެއްވާ ރަސްކަލާނއެވެ.
ވާހަކައިގެ ތެރޭން ކޮންމެވެސް ކަމެއްގައި ސޯޝަލް މީޑިއާ ބަލާލުމަށް ޑާޓާ ޖައްސާލީމެވެ. ފުރަތަމަވެސް އައީ ބެންކުގެ ނޯޓިފިކޭޝަނެކެވެ. ހުޅުވައި ބަލައިލީމެވެ. އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައެވެ. ފަސްހާސް ރުފިޔާ އެކައުންޓަށް ޖަމާވިކަމުގެ ނޯޓިފިކޭޝަނެކެވެ. އެވަރު ބޮޑު އަދަދެއް އޮތުމުން އަވަހަށް އެޕް ހުޅުވައި ބަލައިލީމެވެ. އެއީ އެބުނާ ”ކުޑަ ހަދިޔާ“އެވެ. ސުބުޙާނަﷲ އެވެ. އަތްމަތި ދަތިކަމުގައި އަހަރެން ކުރި ހޭދައިގެ ބަދަލު އެކަލާނގެ އެތައް ގުނައަކަށް އިތުރުކުރައްވައި ދެއްވެވީ އެންމެ ދުވަހެއްގެ ތެރޭގައެވެ.
އެކަލާނގެ އަހަރެންނަށް އެ ދެއްކެވީ އެކަލާނގެއަށް ވަކީލުކުރުމުގެ ނަތީޖާ ކަމަށް އަހަރެން ޔަގީންކުރީމެވެ. އެކަލާނގެއަށް ވަކީލުކުރާ އަޅަކު ކޮންމެ ދަތި އަދި ބިރުވެރި ކަމަކުން ސަލާމަތްކުރައްވާނެ ކަމަށް ދީނީ ފޮތްތަކުން އަހަރެން ކިޔައިއުޅެމެވެ. އަދި ދަތި ހާލުގައި ތިމާ ހުރެމެ ބޭނުންޖެހިފައިވާ މީހާއަށް ދޭ އެއްޗެއް މާތްﷲ އެތައް ގުނައަކަށް އިތުރުކުރައްވައި އެމީހަކަށް ދެއްވާނެ ކަމަށްވެސް ފޮތްތަކާއި ދަރުސްތަކުން އަހަރެންނަށް މަޢުލޫމާތު ލިބިފައިވެއެވެ. އެދުވަހު އެކަލާނގެ އެ ދެއްކެވީ އެކަލާނގެ ވަޢުދުފުޅު ތެދުކަމުގެ ކުޑަކުޑަ ޒައްރެއްގެ މިންވަރެކެވެ. އެކަލާނގެ ރަޙުމަތްފުޅު ތަނަވަސްވެގެންވާ ކަމުގެ އޮށްޓަރެއްގެ މިންވަރުގެ ހެތްކެކެވެ.
ގެއަށް އައިސް އަހަރެން ދަރިފުޅު އަތަށް އެއްހާސް ރުފިޔާ ދީފައި ބުނީމެވެ. މި ބާއްވާށެވެ. މަންމައަކަށް ދައްޗެއް ނޫނެވެ. އަދި ދިމާވި ހާދިސާ އެކުދިންނަށް ކިޔައިދިނީމެވެ. ޢިބުރަތެއްގެ ގޮތުންނެވެ. މި ވާހަކަ ކިޔުންތެރިންނަށްވެސް މި ހުށަހަޅާލީ މި މަތިވެރި މަގުސަދުގައެވެ. މި މާތް މައްސަރުގައި މިފަދަ ކަމެއް ތަޖުރިބާކޮށްލުމުގެ ހެޔޮކަން ލިބިގަންނާނެ ކަމަން އުންމީދުކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް