ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އިއްޔެ އީސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ ފަހުމުނާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދުއެވެ.
އެ ފަހުމުނާމާއަކީ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރެވިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ސޮއިކުރެވިގެންދިޔަ ފަހުމުނާމާއެކެވެ. ފުލުހުން ބުނީ މި އެއްބަސްވުމުގެ ދަށުން، ވޯޓުލާ މަރުކަޒުތަކާއި، އިންތިހާބާ ގުޅޭ ތަކެއްޗާ އަދި ވޯޓުލާ މީހުންގެ ރައްކާތެރިކަން މުޅި ރާއްޖޭގައި ކަށަވަރުކުރުމަށްޓަކައި ފުރިހަމަ ސަލާމަތީ އިންތިޒާމުތަކެއް ހަމަޖައްސާނެ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ރާއްޖޭގެ އަމަންއަމާންކަން ގާއިމުކޮށް، ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، މިނިވަން އަދި އިންސާފުވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް އިންތިހާބުތައް ކުރިއަށް ގެންދިއުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް ދޭނެ ކަމަށެވެ.
![]()
