ސުރުޚީއަކީ އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށްޓަކައި އެމެރިކާ ކަނޑުގެ ބާރުތައް އީރާނާ ކައިރިވުމަށް ރައީސް ޓްރަމްޕް ކުރެއްވި އަމުރަށް އީރާނުގެ ޚާރިޖީ ވަޒީރު ދެއްވި ޖަވާބެވެ.
އެމެރިކާއިން އީރާނަށްދޭން އުޅުނު ހަމަލާތައް ހުއްޓާލާފައި ރައީސް ޓްރަމްޕް ފަހަތުފަޔަށް ބުރަވެ އައިކޮޅަށް މިސްރާބު ޖެހީ ކީއްވެގެންތޯ އުފެދިފައިވާ ސުވާލަށް އެކިފަރާތްތަކުން ދެމުންގެންދަނީ ތަފާތު ޖަވާބުތަކެކެވެ. މިލިޓްރީ ތަޖްރިބާކާރުންގެ ރައުޔަށް ބިނާކޮށް އީރާނުން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ގަލްފް ސަރަހައްދަށް ދަތުރުކުރަމުންދިޔަ އެމެރިކާގެ ބާރުގަދަ އެއާރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކަން ކަނޑަށް ފައްތާލުން އެކަށީގެންވާކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.
އެހެން ބައެއް މީޑިއާތަކުން ބުނެފައިވަނީ އެމެރިކާއިން އީރާނަށް ހުށައެޅި ޝަރުތުތައް ގަބޫލުކޮށް މަޝްވަރާގެ މޭޒަށް އައުމަށް ފުރުސަތުދިނީ ކަމަށެވެ. އެމެރިކާގެ ޝަރުތުތަކުގެ ތެރޭގައި އީރާނުގެ ނިއުކްލިއަރ މަޝްރޫއާއި ބެލިސްޓިކް މިސައިލް އުފެއްދުމާއި ސަރަހައްދުގެ މުޖާހިދުންނަށް އެހީތެރިވެ ދިނުން ހުއްޓާލުން ހިމެނޭކަމަށް އެމެރިކާ ޚާރިޖިއްޔާގެ ތަރުޖަމާނު ބުނެފައިވެއެވެ. އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސް ނުވާނެ ކަމަށް ޚާރިޖީ ވަޒީރު އައްބާސް އަރާޣްޗީ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ބައެއް އެހެން ޚަބަރުތަކުގައި ރަޝިޔާއިން އީރާނާ އެއްކޮޅަށް ހަނގުރާމައިގެ ތެރެއަށް ވަދެފާނެކަމުގެ ބިރުވެސް ރައީސް ޓްރަމްޕް ހިތްޕުޅުގައި މިލިޓްރީ އެޑްވައިޒަރުން އުފެއްދިކަމަށް ބެލެވެއެވެ. އަދި އެމެރިކާއިން ކަނޑުފޭރިގެންފައިވާ ރަޝިޔާގެ 2 ތެޔޮޓޭންކަރުގެ ކެޕްޓަނުން މިނިވަންކޮށް ދޫކޮށްލުމަކީ އެމެރިކާއިން ދިއްކޮށްލި ޒައިތޫނި ފަތްކޯޅިއެއް ކަމަށް ބުނެފައިވެއެވެ. އަދި ވެނެޒޫލާއިން ބަރުކޮށްގެން ދަތުރުކުރަމުންދިޔަ އެ 2 ތެޔޮޓޭންކަރ އަނބުރާ ރަޝިޔާއަށް ދޫކޮށްލުމަށް ނިންމާފައިކަމަށްވެސް ބުނެފައިވެއެވެ. މީގެކުރިން އެމެރިކާއިން މިފަދަ ފައިސަލާއެއް ކޮށްފައި ނުވެއެވެ. އަބަދުވެސް އެމެރިކާގެ ބާރުވެރިކަން އޮތްވަރު ހާމަކުރަމުން އެހެން ފަރާތްތައް ބިރުގަނުވަމުން ގެންދިޔައީއެވެ.
އެމެރިކާއާއި އީރާނުގެ ހޫނުވެފައިވާ މަސްރަހް ފިނިކުރެވޭނެ ގޮތެއް ހޯދުމުގެ ބޭނުމުގައި މި ޖެނުއަރީ މަހުގެ 27 ވަނަދުވަހު ތުރުކީގެ ރައީސް އުރުދުޣާން އެމެރިކާގެ ރައީސް ޓްރަމްޕްއަށް ފޯނުކުރައްވާފައި އީރާންވެސް ބައިވެރި ކުރުމާއެކު 3 ގައުމުން މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ހޯދުމަށް ވަނީ ހުށައަޅާފައެވެ. އަދި އެ ހުށައެޅުމަށް އެމެރިކާއިންވެސް ރުހިދާނެކަމުގެ ނިޝާންތަކެއްވަނީ ލިބިފައެވެ.
ހަނގުރާމައިގެ ނުރައްކަލުން މެދުއިރުމަތި ސަލާމަތްކުރުމަށްޓަކައި ޔުނައިޓެޑް ނޭޝަންސްގައި ޗައިނާއިން ގެންދަނީ ގައުމުތަކަށް އިންޒާރު ދެމުންނެވެ. ޗައިނާއިން ބުނަމުންގެންދަނީ އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ހަމއެކަނި އެ 2 ގައުމުގެ މެދުގައި ހިނގާނެ ހަނގުރާމައަކަށް ނުވާނެ ކަމަށާއި އޭގެ ސަބަބުން މުޅިދުނިޔެއަށް ބޮޑުވެގެންވާ މުސީބާތްތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އީރާނަށް ހަމަލާދިނުމުގައި އެންމެފަހުވަގުތު އެމެރިކާއިން ޔޫ-ޓާރނެއް ނަގަންޖެހުނު ސަބަބުގެ ތެރެއަށް އެމެރިކާގެ ހޯމް ސެކިއުރިޓީއާއި މިލިޓްރީގައި ގިނަ ދުވަސްތަކެއް ވާންދެން ވަރަށް އިސް މަގާމުތަކެއް އަދާކޮށްފައިވާ ޑޭވިޑް ޕައިން ފާޅުކޮށްފައިވާ ޚިޔާލު އަޑުއަހާލުމުން މަންޒަރު ވަރަށްބޮޑަށް ސާފުކުރެވިގެން ދެއެވެ. އެފަދަ މަގާމްތަކެއްގައި ޚިދުމަތްކޮށްފައިވާ ތަޖްރިބާކާރަކު ދެކޭގޮތް ހާމަކުރުމުން އެއިން ފިލާވަޅުތަކެއް ލިބިގެންދާނެއެވެ.
އެމެރިކާއިން އީރާނަށް ހަމަލާދިނުމާބެހޭ ގޮތުން އޭނާ ފާޅުކޮށްފައިވާ ޚިޔާލުތަކަށް ބަލާއިރު އެއީ އެމެރިކާއިން ފުންކޮށް ވިސްނަންޖެހޭ އިންޒާރެކެވެ. އިރާނަށް ހަމަލާދިނުމުގެ ނަތީޖާއާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނުމަށް އޭނާވަނީ އެމެރިކާއަށް އިންޒާރު ދީފައެވެ. އީރާނަށް ހަމަލާދީގެން އެމެރިކާ ބޭނުންވާ ނަތީޖާ ހާސިލުކުރެވިދާނެކަމަށް ދުށުމަކީ އަވާމެންދުރަށް މުޑިނެގުންކަމަށް އޭނާ ސިފަކޮށްފައިވެއެވެ.
އެމެރިކާއިން ދީފާނެ ކޮންމެ ހަމަލާއަކަށް އެތައްގޮތަކުން އީރާން ރައްދު ދީފާނެކަން އެމެރިކާގެ މިލިޓްރީން ދަންނަން ޖެހޭނެއެވެ. އީރާނުގެ އަތްފޯރާ ފަށުގައި އެމެރިކާގެ ފަންސާހަކަށް މިލިޓްރީބޭސް ގާއިމްކޮށްފައިހުރިއިރު އެއިން އެއްވެސް މިލިޓްރީ ބޭސް އަކަށް އީރާނުންދީފާނެ ހަމަލާތައް މަތަކުރުމުގެ ގާބިލުކަން ލިބިފައެއް ނެތެވެ. އެއީ އެމެރިކާއިން ދެކޭފަދަ މިލިޓްރީ ކިއްލާތަކެއް ނޫނެވެ. އެއީ އީރާނުގެ ޓާރގެޓްތަކެކެވެ. އީރާނަށް އެތަންތަނުގެ އެއްވެސް މައުލޫމާތެއް ސިއްރުކުރެވިފައެއް ނެތެވެ. އެއީ ހާމައަށް ފެންނާންހުރި ތަންތަނެވެ.
މި ހުރިހާކަމަކަށްވުރެންވެސް ބޮޑަށް އޭނާ އިންޒާރު ދީފައިވަނީ އެމެރިކާގެ ފަޚްރުވެރި އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް އަބްރަހަމް ލިންކަން އަށާއި އޭގައި ހިމެނިފައިވާ ކެރިއަރ ސްޓްރައިކް ގުރޫޕް ތަކާދޭތެރޭގައެވެ.
ކަނޑުމަތީ މި ބާރުގަދަ ކިއްލާތައް ފޫއަޅުވާ ނުލެވޭނެކަމަށް އެމެރިކާގެ މިލިޓްރީން ދެކިފާނެއެވެ. އެކަމަކު އީރާނުގެ ބެލިސްޓިކް މިސައިލްތަކުގެ ވާރޭ ވެހިގަންނަވަގުތު އެ ކިއްލާތައް ދިފާއުވެގަތުމުގެ ގާބިލުކަން ލިބިފައެއް ނުހުންނާނެއެވެ. އެ މިސައިލްތަކުގެ ދުވެލީގެ ބާރުމިނާއި އަދި މިސްރާބު ބަދަލުކުރުން ދެނެގަތުމަކީ އެއާރކްރާފްޓް ކެރިއަރަށް ވަރަށް އުދަނގޫ ކަމަކަށްވާނޭ ކަމަށް އޭނާ އިންޒާރު ދިފައިވެެއެވެ. އީރާނުގެ މިސައިލްތަކުން އެއާރކްރާފްޓް ކެރިއަރ ފައްތާލުމަކީވެސް އެކަށީގެން ނުވާނެ ކަމެކޭ ޔަގީނުން ބުނާކަށެއް މިލިޓަރީ ބޮޑުންނަކަށް ނުކެރެއެވެ. ފައްތާނުލެވުނު ކަމުގައިވިޔަސް އޭގެ ކޮމާންޑް ސެންޓަރަކަށް ދާންދެން ރޯކޮށްލައި އެ އުޅަނދަކީ އެރޭބިއަން ސީގައި ވާގިނެތިފައި އަނދަ އަނދާއޮތް އެއްޗަކަށް ހަދާލެވިދާނެއެވެ. އެއީ ހަނގުރާމައާއި އަދި މާލީގޮތުން ލިބޭ ގެއްލުމަކަށްވުރެން މާބޮޑަށް އެމެރިކާ ލަދުވެތި ވާންޖެހޭނެ ކަމަކަށް ވެގެންދާނެއެވެ. އެމެރިކާގެ 20 ބިލިއަން ޑޮލަރުގެ އެއާރކްރާފްޓް ކެރިއަރ ބޭނެމެއް ނެތް އެއްޗަކަށް ވެގެންދިއުމަކީ މުޅިދުނިޔޭގެ ކުރިމަތީ އެމެރިކާގެ މިލިޓްރީ އިނދަޖެހިގެން ދިއުންފަދަ ލަދުވެތި ކަމަކަށް ވާނެއެވެ.
ޔޫ އެސް އެސް އަބްރަހަމަލިންކަން އީރާނުގެ ސަރަހައްދަށް ކައިރިވަމުން ދިޔައިރު އީރާނުގެ މިލިޓްރީ ގާބިލްކަން ހުރި މިންވަރާމެދު އެމެރިކާއިން ގެންގުޅެފައިވަނީ މާކުރީގެ ވިސްނުމެކެވެ. އީރާނުގެ ސައިބަރ ކޭޕަބަލިޓީ ތަރައްގީކޮށްފައިވާ މިންވަރު އެމެރިކާއަށް އަންދާޒާވެސް ކުރެވިފައެއް ނެތެވެ. އެހެނަސް އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިންކުރި 12 ދުވަހު ހަނގުރާމައިގާ އީރާނުގެ ސައިބަރ ހަމަލާތަކުގެ ފެންވަރު އޮތީ ހާމަކޮށްދީފައެވެ.
އީރާނުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެމެރިކާ ނުވަތަ އިސްރާއީލުގެ ފެނާއި ނަރުދަމާއާއި މުއާސަލާތާއި އިލެކްޓްރިސިޓީ އާއި މާލީ މުއާމަލާތާއި ދަތުރުފަތުރު ކުރުން ފަދަ ނިޒާމްތަކަށް ލޮލަށް ނުފެންނަ ޑިޖިޓަލް ސައިބަރ އިން ޙަމަލާދީ ހުއްޓުވާލައި ނުވަތަ ހަލާކުކޮށްލެވި ދާނެއެވެ. މިއީ ޚިޔާލީ ފޮލައެއް ނޫނެވެ. އެނާ ވިދާޅުވި ގޮތުގައި މިއީ ސިޔާސީ ބޭފުޅުން ގަބޫލުކުރައްވަންޖެހޭ ހަގީގަތެކެވެ. އެމެރިކާގެ ރައްޔިތުން މިވަސީލަތްތަކުން މަހްރޫމްކޮށްލަން އީރާނުން އެންމެ ބޮމެއްވެސް ނުވަތަ އެންމެ މިސައިލެއްވެސް އުދުއްސާލަން ބޭނުމެއް ނުވާނެއެވެ. އީރާނުން ހޯދާފައިވާ ޑިޖިޓަލް ވޯރފެއަރގެ ގާބިލް ކަމުގައި މިއީ އުދަނގޫ ކަމެއްނޫނެވެ. ފާއިތުވެގެން މިދިޔަ ހަފުތާގެ ތެރޭގައި ޔޫ އެސް އެސް އަބްރަހަމް ލިންކަން ދުނިޔޭގެ ލޯތަކަށް ފޮރުވިގެން އީރާނުގެ ސަރަހައްދަށް ދަތުރުކުރަމުން ދިޔައިރު ޒަމާނުގެ މިލިޓްރީ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުރި އެ އުޅަނދު އީރާނުގެ ފާރަލުމުގެ ތެރެއިން ކުޑަ ހިނދުކޮޅަކަށްވެސް ނުގެއްލޭކަން މިހާރު ވަނީ ހާމަވެފައެވެ. ޑޭވިޑް ޕައިން ދެކޭގޮތުގައި އީރާނުގެ ކުރިމަތީގައި އެމެރިކާގެ ނުކުޅެދުން ހާމަވެގެންދާނެ މިންވަރު ވޯޝިންގޓަންގެ އިސްވެރިންގެ ޚިޔާލަށްވެސް ނުގެނެވެއެވެ. އީރާނުގެ ސައިބަރ ހަމަލާތަކުން ސަލާމަތްވެ އާންމު ހާލަތަކަށް އައުމަށް އެމެރިކާއަށް ދުވަސްތަކެއް ނަގާނެއެވެ. އީރާނަށް ދެން ހަމަލައެއް ދީފިނަމަ، އެފަދަ ހަމަލާތަކެއް އީރާނުން އަމާޒުކުރާނީ ހަމައެކަނި އެމެރިކާގެ މިލިޓްރީ ވަސީލަތްތަކަށްވެސް ނޫނެވެ. އޭގައި އާންމުން ބޭނުންކުރާ ވަސީލަތްތައްވެސް ހިމެނިގެން ދާނެއެވެ. މިފަދަ ހާލަތެއްގައި އެމެރިކާގެ އެތެރޭގެ ހާލަތު ތެޅިފޮޅި ގަންނާނެ މިންވަރު ވިސްނުމަށްވެސް ނުގެނެވޭނެއެވެ. މިކަންކަމުގައި އީރާނު އޮތީ އެކަނި ނޫނަކަމާއި ރަޝިޔާއާއި ޗައިނާ އަދި އުތުރުކޮރެއާ އޮތީ އީރާނާއި އެކުގައިކަންވެސް ދަންނަންޖެހޭނެއެވެ. މި ގައުމުތަކަކީ ސައިބަރ ވޯފެއަރގައި އެންމެ ނުރައްކާތެރި ގައުމުތަކެވެ. މި ހަތަރު ގައުމުން ގުޅިގެން ހިންގާ ސައިބަރ ވޯފެއަރ އެއްގެ މިސާލެއްވެސް ބުނާކަށް އަދި އެނގިފައެއް ނެތެވެ.
ޑެވިޑް ޕައިންގެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން މިހާރުވެސް އީރާނުގައި ނިއުކްލިއަރ ހަތިޔާރު ނެތްކަމަށް ބުނެވޭނެ ތަނެއް ނެތެވެ. ހަމަގައިމުވެސް އީރާނުން ބޭނުންވެއްޖެ ކޮންމެ ވަގުތަކު ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ގާބިލް ކަން ލިބިފައިވާ ކަމަށް ދެބަސް ނުވެވޭނެއެވެ. 2017 ވަނައަހަރު ދެކުނު ކޮރެއާ އިން ކަންތައްކުރިގޮތަށް އީރާނުންވެސް މިހާރު ނިއުކްލިއަރ ޓެސްޓް ކޮށްފައި ނެތްކަމަށް ބުނެވޭނެ ތަނެއް ނެތެވެ. ޑޭވިޑް ޕައިންގެ އަންދާޒާގައި އެމެރިކާއާއި އީރާނުގެ ހަނގުރާމައެއް ނިމިގެންދާނީ މުޅި ދުނިޔެއަށް އިގްތިސާދީ ތޫފާނެއް ގެނައުމުގެ އިތުރުން އެތައް މިލިއަން އިންސާނުންގެ ފުރާނައިންވެސް އަގު އަދާކޮށްފައެވެ. އަދި ލުއިގޮތަކަށް އެ ހަނގުރާމައިން އެމެރިކާއަށް ނިކުމެވޭނެ މަގެއް ނުފެންނާނެއެވެ. ހަނގުރާމައިގެ ދޮރު ހުޅުވުމަށްފަހު ދެން އެ ދޮރު ލެއްޕޭނެ ގޮތެއްވެސް ނުހޯދޭނެއެވެ. އީރާން ތަޅާލެވިދާނެ ކަމަށާއި އީރާނުގައި އެމެރިކާގެ ހަމަލާތަކުން ދިފާއުވެވިދާނެ ބާރު ލިބިފައި ނުވާނެ ކަމަށް އެމެރިކާއިން ހީކުރުމަކީ ވަރަށްބޮޑު ގޯހެކެވެ. ކޮންމެ އަގެއް އަދާކޮށްގެންވިޔަސް ހަނގުރާމައެއް ނުކޮށް ފަހަތަށް ޖެހުން އެމެރިކާއަށް ހުރިހާގޮތަކުންވެސް ރަނގަޅުވާނެއެވެ. ނަމަވެސް، ތަންތަން ފަނާކޮށް ގައުމުތަަކުގެ ލީޑަރުން ވަގަށް ނަގައި ގައުމުތަކުގެ ސަރުކާރު ފަނާކުރަނިވި ބާރުގެ ބޭނުންކޮށްގެން ބަދަލުކޮށްލަމުން ގެންދާ ”ސުޕަރޕަވަރ“ އެމެރިކާއަށް ވަރަށް ލަދުވެތި ގޮތެކެވެ. މިއީ ހަމައެކަނި ޑެވިޑް ޕައިންގެ ވިސްނުމެއްނޫނެވެ.
އެމެރިކާއާއި ދުނިޔޭގެ ކަންކޮޅުތަކުން ސިޔާސީ އަދި މިލިޓްރީ ތަޖްރިބާކާރުންވެސް މި ރައުޔުގައި ކުރިއަށް ނިކުންނަން ފަށައިފިއެވެ. އެ ބޭފުޅުންގެ ނަޒަރުގައި އީރާނުން ރައްދު ދޭނީ މީގެ ކުރިން އެމެރިކާއިން ދެކި ތަޖްރިބާކޮށާފައި ނުވާ ލެވެލް އެއްގައެވެ. އީރާނަށް އެމެރިކާއިން ހަމަލާ ދީފިނަމަ ކުރިއަށް އޮތަ ޒަމާންތަކަށް ދާންދެން އެމެރިކާ ހަނދާންކުރަން ޖެހޭވަރުގެ ރައްދެއް ލިބިގެންދާނެކަމަށް އީރާނުންވެސް ވަރަށް ސާފުބަހުން އެމެރިކާއަށް ވަނީ އިންޒާރު ދީފައެވެ. އީރާނުގެ އިންޒާރަކީ ބާރުގަދަ ބަސްތަކެއް ކަމަށް ކުރިން ބެލެވުނުކަމުގައިވިޔަސް އީރާނުން ހާމަކުރި މިލިޓްރީ ދައްކާލުމަށްފަހު އީރާނުގެ ބަސްމަގުން އެގައުމަށް ލިބިފައިވާ މިލިޓްރީ ގާބިލްކަން ކަށަވަރު ކުރެވެއެވެ.
އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށްފަހު އެމެރިކާއިން ފިލަން ވަންނާނެ އެއްވެސް ތަނެއް މިދުނިޔޭން ނުފެންނާނެ ކަމަށް އިރާނުން ދެމުންގެންދާ އިންޒާރާ ދޭތެރޭ ފަރުވާ ކުޑަކުރުމަކީ އެމެރިކާއިން އެޅޭނެ އެންމެ ކަތި ފިޔަވަޅެވެ. އިރާނުގެ ކަނޑުއޮޅި ހޮރުމޫޒް އީރާނުން ބަންދުކޮށްލުމުން ޕާރޝިއަން ގަލްފް އާއި އެރެބިއަން ގަލްފުގައި ތިިބި ހުރިހާ އުޅަނދެއް ޓްރެޕްވީއެވެ. އީރާނުން ބޭނުންވެއްޖެނަމަ ގަލްފްގެ ހުރިހާގައުމެއް އެންމެދުވަހަކުން ފުނޑާލެވިދާނެ ވެއެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަށް މިޒަމާނުގެ އީރާނު އެނގިވަޑައެއް ނުގަންނަވާ ކަހަލައެވެ.
ފަހަކަށް އައިސް ރައީސް ޓްރަމްޕްގެ ކޮންމެ ފިޔަވަޅެއްގެ ނަތީޖާއަކަށް ވެގެންދަނީ އެމެރިކާއަށް އިތުރު ގެއްލުމާ ކުރިމަތިލާންޖެހި ލަދުވެތި ވުމަކާ ކުރިމަތި ވުމެވެ. ވިޔަފާރީގެ ޓެރިފް މިސާލެއްގެ ގޮތުން ބަލާލެވިދާނެއެވެ. އެއްވެސް ގައުމަކުން އެމެރިކާޓެރިފަށް ބޯލަނބަން ބޭނުމެއް ނުވިއެވެ. ކްރޮސް ބޯޑަރ ވިފާރީގައި ކޮންމެ ގައުމަކުންވެސް އިތުރު ގޮތްތައް ހޯދަމުން ގެންދަނީއެވެ. ހުރިހާ ބުރައެއް އުފުލަންޖެހުނީ އެމެރިކާގެ ރައްޔިތުންނެވެ. އެމެރިކާއޭ ބުނުމުން ވަރަށް ކުރިއަރާފައިވާ ފުއްދުންތެރި ގައުމެއްކަމަށް ގިނަބަޔަކު ބަލައެވެ. ހަގީގަތަކީ ގިނަ ރައްޔަތުން ނަކީ ވަރަށް ފަގީރުޙާލުގައި އުޅޭ ބަޔެކެވެ. ވަގީރު ސްލަމް އޭރިޔާތަށްވެސް މަދެއްނޫނެވެ. ބައެއް ސްޓޭޓްތަކުގައި ޑްރަގް ބޮއިގެން މަގުގެ ދެފަރާތުގައި ހުންނަ ޓެއްޓްތަކުގައި ބޮއި މަސްތުވެގެން ބިންމަތިވެފައިވާ މީހުން ބައިވަރެވެ.
ދެން މިހާރު އީރާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެންދާނީ އެމެރިކާގެ ރައްޔިތުން އިތުރަށް އިނދަޖެހިގެންދާނެ މިންވަރު ބަޔަކަށް މިހާރު އެބަ އެނގެއެވެ. އެމެރިކާގެ ރައްޔިތުން މިކަމާދޭތެރޭ ފުންކޮށް ވިސްނައި އީރާނާއެކު އެމެރިކާއިން އިތުރު ހަނގުރާމައަކަށް ދިއުން ހުއްޓުވުމަށް ޑޭވިޑް ޕައިން އާއި ވަރަށް ގިނަ މިލިޓަރީ އަދި ސިޔާސީ މީހުން މަޝްވަރާދީފައި ވެއެވެ.
އެފަދަ ނޭއްގާނީ ހަމަލައެއްދީ ހަނގުރާމައެއް ފަށައިފިނަމަ އީރާނުން ހަމައެކަނި ހާލަތު ބަދަލުކޮށްލާނެ ކަމަށް ބުނަނީއެއް ނޫނެވެ. އީރާނުން އެކަން ކުރާނެއެވެ. ޒައަނިސްޓް އިސްރާޢީލުގެ ދުވަސް ދުއްވާލާނެއެވެ. އަދި ހަމަ އެހެންމެ ހުރިހާ ގަލްފް ގައުމުތައްވެސް ފުނޑިގެން ދާނެއެވެ. އެހެންވެ ގަލްފްގެ ގައުމުތަކުންވެސް މިހާރު ޓްރަމްޕް އަަރިހުން އާދޭހަށް އެދިގޮވަނި އީރާނާ ފައިޓް ނުޖެއްސުމަށެވެ. 40 އަހަރުގެ ދަތިކުރުމުގެ ފިޔަވަޅާއި އީރާނުގެ ބިލިޔަން ބިލިޔަން އެސެޓްސް އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ފްރީޒް ކޮށް ހިފަހަށްޓައިފާ ވާއިރުވެސް އެފަދަ ކުޅަދާނަ ބާރުވެރިކަށް އީރާނުން މިވަނީ ހޯދާފައެވެ. އީރާނުން ކަނޑައަޅާފައިވާ ރަތްރޮނގު ހުރަސްކުރުމަކީ ދެން އެމެރިކާގެ ބާރުގެ ދަށަށް ގެނެވޭނެ ކަމެއް ނޫނެވެ.
އެއަށްފަހު ކުރިމަގުގައި އޮންނާނީ ހަމައެކަނި ސަލާމަތުން ދިރިތިބުމުގެ ސުވާލެވެ. އީރާނަށް ހަމަލާދިނުމުގައި އެމެރިކާއަށް ހުއްޓި ތިބެވުނީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ. ދެން އެޅޭ އެންމެ ފިޔަވަޅަކުން އެމެރިކާގެ މުޅި ހާލަތު ނޭވާހޮޅިއަށް އެޅިގެން ހިނގައިދާނެ އެވެ. އޭރު ވަގުތު އޮންނާނީ ފާއިތުވެގެން ގޮސްފައެވެ. އެމެރިކާގެ މި ފިޔަވަޅަކީ އެމެރިކާއިން އަޅަންޖެހޭ ފިޔަވަޅެއް ނޫނެވެ. މިޙާލަތަކީ އިސްރާއީލުން ކޮށްޕަމުންގެންގޮސް އެމެރިކާ ވައްދާފައިވާ އަނދަވަޅެކެވެ. އިސްރާއިލުން އީރާނާ ދެކޮޅަށް ހަނގުރާމަ ނުކުރެވޭނެކަން ނަތަންޔާހޫއަށް ރަނގަޅަށް އެނގޭނެއެވެ. މި ސަބަބަށްޓަކައި އިސްރާއީލުން ބޭނުންވަނީ އިރާގު، ލީބިޔާ ފަދަ ގައުމުތަށް ފުނޑާލިގޮތަށް އެމެރިކާއިން އީރާނާ ހަނގުރާމަކޮށް އީރާން ވީރާނާ ކޮށްލަދޭށެވެ. އިސްރާއީލުން ބޭނުންވަނީ ހިހޫތަނުން ކާށެވެ. އެމެރިކާ ވަނީ އިސްރާއީލުން ބްލެކްމެއިލް ކުރުވާފައެވެ.
މިހިސާބުން އުފެދޭ ސުވާލުތަކަކީ އެމެރިކާއިން ހަދާނެއެއްޗެއް ހަދަންދެން އީރާނުގެ ބައިވެރިން ދެއަތް އުރާލައިގެން އޮންނާނެހެއްޔެވެ؟
ރަޝިޔާގެ އެންމެ އެކުވެރި އަދި ރަޝިޔާއަށް އެންމެ ބޭނުންތެރި އެއް ގައުމު ފުނޑިގެންދާއިރު ރަޝިޔާ ކުޅިބަލަން އޮންނާނެ ހެއްޔެވެ؟ އަދި ދުރުގައި މަންޒަރު ބަލަން ޗައިނާ އޮންނާނެ ހެއްޔެވެ؟ މިއިން ކޮންމެ ސުވާލަކަށް ލިބޭނީ ހަމަ އެންމެ ޖަވާބެކެވެ. އެއިން އެއްވެސް ގައުމަކުން ހަމަހިމޭނުން ނުތިބޭނެއެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރި އަދި އިސާހިތަކު މުޅިދުނިޔެއަށް ފެތުރިގެން ހިނގައިދާނެއެވެ. މިހާތަނަށް އީރާނަކީ މެދުއިރުމަތީގެ ގައުމުތަކުން އެންމެ ބޮޑަށް ނުރުހުމުގެ ލޮލުން މިއަދާއި ހަމަޔަށް ބަލަމުން ގެންދިޔަ ގައުމެވެ. އަދި އެމެރިކާއަކީ އެ ގައުމުތަކަށް އީރާނުން ކޮށްފާނެ ދުއްތުރާތަކުން ސަލާމަތްކޮށްދޭނެ އެކުވެރިޔާކަމުގައި ބެލިފައެވެ. އެކަމަކު މިއަދުގެ ހާލަތަށް ބަލާއިރު އީރާނަކީ މެދުއިރުމަތީގެ ގައުމުތަކަށް ނުރައްކަލެއް ކަމަށް ނުދެކެއެވެ. އަދި އެ ގައުމުތަކުން އީރާނާއެކު އެކުވެރިކަމުގެ ގުޅުން ދެމެހެއްޓުމަށް ޝައުގުވެރިކަން ފާޅުކުރަމުންވެސް ގެންދަން ފަށައިފިއެވެ.
- ނުނިމޭ –
![]()
