ޙައިރާން ކުރަނިވި ޢަމަލެއް! ޅެމާއި ފަރިހިން ޝިފާހޯދުން!

Loading

Facebook
Twitter
WhatsApp

ޝައްކެއް ނެތެވެ! އެއްޒަމާނެއްގައި ދިވެހިރާއްޖޭގައިވެސް ދިވެހިބޭސްވެރިކަމަށް ވަރަށްބޮޑު މަގްބޫލުކަމެއް ލިބިގެންދިޔައެވެ. އާދައިގެ ރޯގާތަކާއި ހުންއައުންފަދަ ކަންތަކަށް ފަންޑިތަ ހަދައި ފަންވަތްލިއެ ތަވީދު އަޅުވާ ހަދަމުން ގެންދިޔައެވެ. ރާއްޖޭގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ޑޮކްޓަރުން ނެތް އެ ޒަމާނުގައި ދިވެހިބޭސްވެރިމާއި ފަންޑިތަ ކުޅެފައިވާ ދައުރު ހަނދާނުން ނެތިގެން ނުދާނެއެވެ.

 މިއަދާ ހަމަޔަށް އާދެވުނުއިރު ދިވެހިބޭސް އިތުރަށް ދިރާސާކޮށް ތަރައްގީ ކުރުމަށް ފަރުވާކުޑަކުރެވި ދިވެހިބޭސްވެރިކަން އިތުރަށް ތަރައްގީ ނުކުރެވި އޮތް އޮތުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ.  އެޒަމާނުގައި ޙަކީމް ދީދީ އާއި ދޮންދީދީފަދަ ދިވެހިބޭސްވެރިން ވަރަށް ކާމިޔާބުކަމާއި އެކު މީހުނަށް ދިމާވާ އެކްސިޑެންޓް ތަކުގައްޔާއި ބަލިތަކުގައި ދިވެހިބޭސްވެރިކަމުގެ ފަރުވާއިން މާތްﷲގެ ރަޙުމަތްފުޅާއި އެކު ފަރުވާ ލިބިދީފައި ވެއެވެ. ފަންޑިތަ ހެދުމާއި ތަވީދު އެޅުވުންކަހަލަ ކަންތައްތައް އޮތީ އެނޫންގޮތެއް ނެތުމުގެ ސަބަބުން ބަލިތަކުން ޝިފާ ލިބިގަތުމުގެ ސަބަބެއް ކަމުގައި ބެލެވިފައެވެ.

ޒަމާން ބަދަލުވެއްޖެއެވެ. އަދި ޑޮކްޓަރީ ބޭހަށް ދުނިޔޭ މާބޮޑަށްވެސް ހޭލުންތެރިވެ ކުރިހޯދައިފިއެވެ. ކުރިހޯދުމުގެ ތެރޭގައި ދިވެހި ބޭސްވެރިކަން ނުވަތަ ކަންޓްރީ މެޑިސިންނަށް މުޅިދުނިޔޭގައިވެސް މާބޮޑު އަހުމިއްޔަތުކަމެއް މިހާރު ދެވިފައެއް ނެތެވެ. ސަބަބު ތަކެއް ނެތިއެއްވެސް ނޫނެވެ.

ދިވެހިރާއްޖެއަށް ޑޮކްޓަރުންގެ ޚިދުމަތާއި ބޭސްފަރުވާ ލިބެންފެށުމާއެކު ފަންޑިތަ ހެދުމާއި ޒިޔާރަތްތަކަށް ނަދުރު ބުނުންފަދަ އަމަލުތަކަކީ އިސްލާމްދީނާ ދުރު ފިކުރުތަކެއްކަން ރައްޔިތުންނަށް ވިސްނާދިނުމަށް ބައެއް އިލްމުވެރިން މަސައްކަތް ކުރެއްވިތަން ފެނިގެން ދިޔައެވެ. ނަތީޖާވެސް ވަރަށް ރަނގަޅުކަމުގައި ބުނަން ޖެހެއެވެ. މިއަދުގެ ހާލަތުގައި ބަލިން ޝިފާ ހޯދުމަށް ފަންޑިތަހަދައި ނަދުރުބުނުން ކަހަލަ ކަންތައްތައް ދިވެހި މުޖުތަމާއުން ބޭރުވެގެން ހިނގައްޖެއެވެ.

ދިވެހިރާއްޖެއަށް މި ހެޔޮ ބަދަލު އަންނަމުންދަނިކޮށް ކުއްލިއަކަށް މިއަޑު އިވެންފެށީ މުޅިދުނިޔެ ޙައިރާން ކޮށްލާފަދަ ފަސޭހަ ގޮތަކަށް ބަލިތަކުންޝިފާހޯދެން އޮތްވާހަކަޔާއި ދިވެހިރާއްޖޭގައި ދިވެހި އައު އީޖާދީ ގޮތަކަށް ބަލިތަކުން ޝިފާހޯދުމުގެ ޕްރޮގްރާމްތައް ފެށިފައިވާ ވާހަކައެވެ. ޚަރަދަށް ބަލާއިރު ޑޮކްޓްރީ ބޭހާއި، ކުރިން ބުނެވުނު ދިވެހިބޭސްވެރި ކަމަށްވުރެ ޚަރަދު ކުޑަވިޔަސް ނުވަތަ މާބޮޑުވިޔަސް އެ ޝިފާ ލިބިގަތުމުގެ ފަސޭހަކަމުގެ ކޮޅެއް ނެތެވެ. ޚަރަދު ބޮޑުވަނީ އެކަމަށް ހޯދާ އާލާތް ތަކަކުންނޫނެވެ. ނަމަވެސް އެކަމުގެ ރޫހާނީ ބައި ކުޅެން އުފެއްދެވި ޚާއްސަ މިނިސްޓްރީ އާއި އެމިނިސްޓްރީގެ ބޮޑުންނާއި މިނިސްޓްރީ ހިންގުމަށް ކޮންމެމަހަކު ޚަރަދު ކޮށްލެވޭ މިލިޔަން މިލިޔަން ރުފިޔާއެވެ.

ދިވެހިންގެ މިއައު އީޖާދުގެ ދަށުން އެކި ރާގުރާގަށް ކިޔޭ ޅެމާއި ފަރިއްސާއި ލޯބީގެ ލަވަތަކުގެ ވަސީލަތުން ބަލިތަކަށް ޝިފާ ހޯދުމުގެ އުކުޅަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރެވެމުންދާތަންވެސް ފެންނަން ފަށައިފިއެވެ. އެ މަޝްރޫއުގެ ތެރޭގައި ރައިވަރު ހިމަނުއްވާފައި ނެތްކަމުގެ ހުސްކަން ފާހަގަ ކުރެވެއެވެ. މި ހަރަކާތުގެ މޭސްތިރިއަކީ ލަވައާއި ޅެންފަރިހީގެ ފުންނާބު އުސް ތަޖުރިބާ ކާރެކެވެ. އަދި މި ވަސީލަތްތަކުން ބަލިތަކަށް ބޭސްފަރުވާ ހޯދުމަށާއި ޝިފާހޯދުމަށް ހަވާލުވެ ވަޑައިގަތީ  އެ ދާއިރާގެ ތަޖްރިބާ ލިބިވަޑައިގެން ހުންނެވުމާއިއެކުގައި ކަމަށް އެމަނިކުފާނު ޙަވާލުވެ ވަޑައިގެން ހުންނެވި މިނިސްޓްރީގެ ބޭފުޅުންވެސް އެބަވިދާޅުވެއެވެ.

އަވަށްޓެރި ބައެއް ގައުމުތަކަށް ދަތުރުކޮށް އުޅޭއިރު ބުދުކޯލުތަކާއި ފައްޅިތަކުގައިވެސް މުސީބާތް ތަކުން ދުރުހެލިވުމަށާއި އަވަށްޓެރި އާބާދީތަކުގެ އާންމު ސިއްހަތާއި ފައިދާއަށްޓަކައި ލަވަޖަހަމުން ގެންދާކަން ވަނީ އެނގިފައެވެ.

ލަވަޔާއި ފަރިއްސާ އާއި ރައިވަރުން ބަލިތަކަށް ޝިފާ ހޯދައިދެއްވުމަށް އެ މިނިސްޓްރީއިން ވަރަށް ގަދައަށް މަސައްކަތްކުރައްވާ ވާހަކަތަކެއް ނޫސްތަކުގެ ޚަބަރުތަކުން ތަކުރާރުކޮށް އެބަފެނެއެވެ. މިއީ އަދި މިހާތަނަށް ދިވެހިން ނުވަތަ ދުނިޔެވެސް ތަޖްރިބާކޮށްފައި ނުވާ ފަންނެކެވެ. ދިވެހިންގެ ތެރެއަށްވެސް މި ތަޢާރުފް ކުރެވެނީ އަވަށްޓެރި ގައުމުތަކުން ފެނި އަޑުއިވެމުންދާ ޒާތުގެ ޚުރާފާތެއް ނޫންބާވައޭ ހިތަށް އަރައެވެ.

ކުރީޒަމާނުގައި ބަލިތަކުން ޝިފާ ލިބޭތޯ ފަންޑިތަ ހަދައި ކިޔެވެލި ކިއެވުމާއި ތަށި ލިޔެ  ބޯންދިނުމަކީ ވަރަށް އާންމުކޮށް ކުރަމުން ގެންދިޔަ ކަމެކެވެ. އެނޫންގޮތެއް އެ ޒަމާނުގައި ފެންނާކަށްވެސް ނެތެވެ. ހަމައެއާއެކު އެ ކަންތައްތައް ބިދުޢަ ނުވަތަ ޝިރުކުގެ ތެރޭގައި ހިމެނިގެން ހިނގައިދާނެކަން ހިތަށްވެސް ނާރައެވެ.

އެ ޒަމާނުގައި އަދި މިހާރުވެސް “ ނުއަތު ބުރު “ އެޅުވުމަށްޓަކައި ސިހުރު ހާހޫރަ ހަދަމުން ދިޔަކަމާއި ގެންދާކަން އެނގެން އޮވެއެވެ. ސިހުރު ހާހޫރައާއި ދުރުހެލި ވުމަށް އިލްމުވެރިންގެ ތަގްރީރު ތަކުގައި ގަދައަޅައި ނަސޭހަތްތެރި ވަމުން ގެންދަވާއިރު ބަލިން ޝިފާ ހޯދުމަށްޓަކައި ޅެމާއި ފަރިހި ރައިވަރާއި އަދި ވަލުތެރޭގައި ފާޑުފާޑަށް ހޯއްގޮއްވައިގެން، ޝިފާ ލިބިދިނުން ތަޢާރުފް ކުރަން، ކުރަމުން މިގެންދާ މަސައްކަތުގައި ދިވެހ ޢިލްމުވެރިންގެ ރައުޔު ހާމަނުކުރައްވާ ތިއްބަވާ ސަބަބެއް ނުވިސްނެއެވެ.

 އެ ކަންތައްތައް ދިވެހި އާދަކާދައިގެތެރެއަށް ވަކި ހިއްޕާލުމުގެ ކުރިން ދިވެހިންނަށް މިކަމުގެ ދީނީ ޙުކުމް އޮޅުންފިލުވާ ދެއްވުމަށް ޢިލްމުވެރިންގެ އަރިހުން އެދެމެވެ. ބިދުއަޢާއި ޝިރުކުގެތެރެއިން ދުރުހެލި ވުމަށްޓަކައެވެ.

އެހެންކަމުން އެދެވިގެންވަނީ މިލިޔުން ވިދާޅުވާ ދީނީ އިލްމުވެރިންނާއި ދުނިޔެވީ ފިލޯސަފަރުން މިކަން އޮތްގޮތެއް ދިވެހި ރައްޔިތުންނަށް އޮޅުންފިލުވާ ދެއްވުމެވެ.  އެހެނީ އެނގުމަކީ މީހުން އިސްލާޙު ވުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވާނެތީއެވެ. އަޅުގަނޑުމެންނަކީ އިލްމު ވެރިންނެއް ނޫނީމުއެވެ. އެހެންނަމަވެސް އިލްމުވެރިންގެ ތަގްރީރުތަކުގައި ބިދުއަތަކާއި ޝިރުކުގެ ތެރޭގައި ހިމެނިދާނެ ކަންތަކުގެ ނުރައްކާތެރިކަމާ ދޭތެރޭ ގިނަގިނަ އިންޒާރުތައް އަޑުއިވެމުންދާތީ ބަލިން ޝިފާ ހޯދުމަށް ލަވައާއި ޅެން ފަރިހި ބޭނުންކުރުމުގެ ހުކުމަކީ ކޮބައިތޯ އޮޅުންފިލުވުމުގެ އެދުންވެރިކަން ބޮޑުކަމުން މި ލިއުން ޢާންމުކޮށްލަން ބޭނުންވީއެވެ.

ދީނީ ގޮތުން މިއީ ވަރަށް ނުރައްކާތެރި ކަމަކަށް ވެދާނެތީ އާންމުންނާއި، ދިވެހި ސަރުކާރަށް މިކަން އޮތްގޮތް އޮޅުންފިލުވާދެއްވުމަށް އިލްމުވެރިންގެ އަރިހުން އަޅުގަނޑުމެން ވަރަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ. ބިދުޢަ އާއި ޝިރުކުގެ ނުރައްކާތެރިކަމާ ދޭތެރޭ އަޅުގަނޑުމެން ބިރުގަންނަ މިންވަރު ބޮޑުކަމުންނެވެ.

ދިވެހި އާދަކާދައާއި ސަގާފަތާބެހޭ ވުޒާރާގެ މިއާ ހޯދުން ތަކުގެ ވާހަކަ ރާއްޖޭގައި މާވަރަކަށް ދެއްކޭތީ އަޅުގަނޑުމެން ރާއްޖޭގެ (މިހާރުގެ ގޮތުން ކިޔާނަމަ) ވަރަށް ފުންނާބު އުސް ޢިލްމުވެރި ދޮކްތޫރު ޝޭޚް އަކާ ވާހަކަ ދައްކާލީމެވެ. އެމަނިކުފާނު ވިދާޅުވީ ތިއީއަކީ އިސްލާމް ދީން ދަންނަކަމެއް ނޫންކަމަށާއި ދީނުގައި އަލަށް ގެނެވި ޕްރެކްޓިސް ކުރެވޭ ކަންތައްތަކަކީ ބިދުޢަ ކަމުގައެވެ. އަދި ބިދުޢަ އަކީ އެއްވެސް ޙާލެއްގައި ކުރުން ހެޔޮވާވަރު ކަމެއް ނޫންކަމަށެވެ.

އިސްލާމުން ބަލިތަކާއި އެހެނިހެއްންވެސް އުނދަގޫތަކަށް ޝިފާހޯދުމަށް ކުރެވިދާނެ ކަންތައްތައް ވަނީ ގުރުއާން އާއި ސުންނަތުން ބުނެދީ އަންގާފައިކަމަށްވެސް ދޮކްތޫރް (ޝޭޚް) ވިދާޅުވިއެވެ.

ސިޔާސީގޮތުން ބޮޑު މަގާމެއް ލިބިވަޑައިގަތަކަސް އިސްލާމްދީން ނުރުހޭ ކަންތައް ދަމާގެނެސް ދިވެހިންގެ ތެރެއަށް މިފަދަ  ”ބިދުޢަ“ ތަޢާރުފް ކުރަމުންގެންދާއިރު ރާއްޖޭގެ ފުންނާބުއުސް އިސްލާމިކް މިނިސްޓަރ އާއި އިލްމުވެރިންގެ ބަސް އަޑުއިއްވަން އުޒުރުވެރިވެ ވަޑައިގެން ތިއްބެވުމަކީ އިލްމުވެރިންނަށް އެންމެ ރަނގަޅުގޮތް ކަމަށްވެސް ނުވެދާނެއެވެ.

ނޭންގުމުގެ ތެރޭގައިވެސް އެފަދަބޮޑު ނުރައްކަލެއްގެ ތެރެއަށް ވަނުމަކަށް ދިވެހިން ބޭނުމެއް ނުވާނެއެވެ. ޝޭޚް ވިދާޅުވި ފަދައިން ޅެން ފަރިއްސާ ލަވައާއި ރައިވަރުން ބަލިތަކަށް ޝިފާހޯދަން އުޅުމަކީ ބިދުއަ އެއްކަމުގައިވާނަމަ އެފަދަ ނުރައްކާތެރި ކަމެއްގެތެރެއަށް ދިވެހިން ވެއްދިކަމުގެ ޢިލްޒާމަށް އިލްމުވެރިން ޖަވާބުދާރީ ވާންޖެހޭނެ ދުވަހެއް ކުރިމަތީގައި އެބަ އޮތެވެ. އިލްމުވެރިންގެ ތަގްރީރުތަކުން އެނގި ކަށަވަރު ކޮށްދީފައިވާ ގޮތުގައި ޝިރުކު ކުރުމަކީ އެންމެ ބޮޑު ފާފައެވެ. އެ ބޮޑުފާފަ ކުރުވުމުގައި ޢިލްމުވެރިންގެ ހަނުހުރުމަކީ އެދުވަހުން ފުރިހަމަ ޖަވާބަކަށް ނުވާނެކަން ޔަގީނެވެ.  

Loading

One Response

  1. މަވެސް ހަމަކޮށްވެއްޖެއެވެ. ފަރިއްސާ ރައިވަރާއި ވަލުތެރޭ ހޯއްގޮވައިގެން ޝިފާ ލިބޭނެކަމަށް މި އިސްލާމް ދީނުގެ ނަމޫނާ ސަރުކާރަށް ވިސްނުނީ ކާކުދިން ދަރުސަކުން ހެއްޔެވެ. ކޮބާތަ އެ ސަލަފު ގުރޫޕް؟؟؟

Leave a Reply

ފަހުގެ އަޕްޑޭޓް