ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ”ފިޠުރު ޕޯޓަލް“ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސްއިން ތަޢާރުފުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފިޠުރު ޕޯޓަލް ތަޢާރުފުކުރުމުގެ މަޤްޞަދަކީ، ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުޞޫލަކުން އެ ކަން ކުރިއަށް ގެންދިއުން ކަމަށެވެ.
”މި ޕޯޓަލް މެދުވެރިކޮށް، ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ މުޢާމަލާތްތައް ވަގުތުން ބެލުމުގެ ފުރުޞަތު ޒަކާތު ހައުސްއަށް ލިބިގެންދާނެއެވެ.“ މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތަކާއި ނަގުދު ފައިސާ މެދުވެރިކޮށް ލިބޭ ފިޠުރު ޒަކާތުގެ ޞައްޙަ ޖުމްލަ ޢަދަދުތައް ކޮންމެ ދުވަހަކު ވެސް ބަލައިލެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
”މިގޮތަށް ހުރިހާ މަޢުލޫމާތެއް އެއް ނިޒާމަކުން ވަގުތުން ބަލައިލެވުމުގެ ސަބަބުން، އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް ރަމަޟާން މަސް ނިމޭ ތަނުން ލަސްނުކޮށް، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ފިޠުރު ޒަކާތް ލިބުން ޙައްޤުވާ ފަރާތްތަކަށް އަވަސްކަމާއި ހަމަހަމަކަމާ އެކު ޒަކާތް ބެހުމަށް މަގުފަހިވާނެ.“ މިނިސްޓްރީން ބުނެފައި ވެއެވެ.
ފިޠުރު ޕޯޓަލް ތަޢާރަފުކުރުމަކީ، މުޅި ރާއްޖޭގައި ޒަކާތުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލުއިފަސޭހަކަމާއި، ދެފުށް ފެންނަ ގޮތްތަކާއި، ހަރުދަނާކަން އިތުރުކުރުމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
![]()
