ޝަހީދު ޔަޙްޔާ ސިންވާރު ގެ ވަޞިއްޔަތް!

Loading

Facebook
Twitter
WhatsApp

އަހަރެންނަކީ އުފަން ވަޒަނުން ބޭރުކޮށް އަރުވާލެވުނު ތަން ވަގުތީ ވަޒަނަކަށް ބަދަލުކޮށް، މިނިވަންކަމުގެ ހުވަފެން ދާއިމީ ހަނގުރާމައަކަށް ހެދި ރެފިއުޖީގެ ދަރި ޔަހްޔާ އެވެ..

މި ބަސްތައް އަހުރެން ލިޔަމުންދާއިރު އަހުރެންގެ ހަޔާތުގައި ފާއިތުވެދިޔަ ކޮންމެ ހިނދުކޮޅެއްގެ ހަނދާން އާވަމުން ދެއެވެ.

ރެފިއުޖީ ކޭންޕުތަކުގައި ހޭދަކުރުވުނު ޅައިރުގެ ދުވަސްތަކާއި ޖަލުގައި ހޭދަކުރުވުނު އެތަކެއް އަހަރުތަކާއި މި ފަސްގަނޑަށް އޮހުރުވާލެވުނު ކޮންމެ ލޭތިއްކެއްގެ ހަނދާނެވެ.

އަހުރެން އުފަންވީ 1962 ގައި ހާން ޔޫނީސްގެ ރެފިއުޖީ ކޭމްޕްއަކަށެވެ. އެއީ ސިޔާސީންގެ މޭޒުތަކުގައި ހަނދާން ނައްތާލެވިފައިވާ ޗާޓަކަށް ފަލަސްޠީނު ހަދާފައި އޮތް ޒަމާނެކެވެ. ފަލަސްޠީނުގެ ބިން ވީދާ ކުދިކުދިކޮށްފައި އޮތް ޒަމާނެކެވެ.

އަލިފާނާއި އަޅީގެ ތެރެއިން ގެތި ދިރުއުޅުމުން ހިޞާރުގެ ދަށުގައި ހޭދަކުރަން ޖެހޭ ހަޔާތަކީ ދާއިމަށް ވެވޭ ޖަލު ބަންދެއް ނޫން އެހެން ކަމެއް ނޫންކަން ހަޔާތުގެ ކުރީކޮޅު އަހުރެންނަށް ވިސްނުނެވެ.

މި ބިމުގައި ދިރިއުޅުމަކީ އާދައިގެ ކަމެއް ނޫންކަމާއި މި ބިމަށް އުފަންވާ ކޮންމެ މީހަކު އެމީހެއްގެ ހިތުގައި ފުނޑާނުލެވޭނެ ހަތިޔާރެއް ގެންގުޅެން ޖެހޭނެ ކަމާއި މިނިވަންކަމަށް ކުރެވޭ ދަތުރަކީ ދިގު ދަތުރެއްކަން އަހުރެންގެ ވަރަށް ޅައިރުގައި އޮތީ ވިސްނިފައެވެ.

އަހުރެން ތިބާއަށް ކުރާ ވަސިއްޔަތް ފެށެނީ މިހިސާބުންނެވެ. ޢާސިބުންނަށް އަމާޒުކޮށް ފުރަތަމަ ހޫރާލެވުނު ހިލައާއި އެ ހިލަ ހޫރައިލި ކުއްޖާއާއި އެ ކުއްޖާގެ ފުށުން ލިބިގެންދިޔަ ފިލާވަޅަކީ، އަހުރެމެންގެ ޒަހަމްތަކުގެ ކުރިމަތީގައި ހަމަހިމޭނުން އޮންނަ ދުނިޔެއަށް އިއްވާލެވޭ ފުރަތަމަ ބަހަކީ އެ ހިލަގަނޑު ކަމެވެ.

ޣައްޒާގެ މަގުތައް މަތިން އަހުރެންނަށް ދަސްވެގެން ދިޔައީ އިންސާނާ ވަޒަން ކުރެވޭ މީޒާނަކީ ހަޔާތުގެ އަހަރުތައް ނޫންކަމެވެ. އެއާ ހިލާފަށް އޭނާ ޤައުމަށް ކޮށްދޭ ހިދުމަތް ކަމެވެ. އަހުރެންގެ ހަޔާތަކީ އެއީ އެވެ. ޖަލުތަކާއި ހަނގުރާމައާއި، ވޭނާއި ތަދު އަދި މި ތަދުތަކުގެ ތެރެއިން އުފަންވި އުންމީދެވެ.

އަހުރެން ފުރަތަމަ ޖަލަށް ލެވުނީ 1988 ގައި އުމުރު ދުވަހުގެ ހުކުމެއްގައެވެ. އެހެނަސް ބިރު ގަންނާނޭ މަގެއް އަހަންނަކަށް އެ ޖަލަކުން ނުފެނުނެވެ.

އެ އަނދިރި ގޮޅިތަކުގެ ކޮންމެ ފާރަކުން އަހުރެންނަށް ފެނުނީ ދުރުގައިވާ އުދަރެސް ދައްކައިދޭ ކުޑަދޮރެކެވެ. އަދި އެ ގޮޅިތަކުގެ ކޮންމެ ތޭރިއެއް މިނަވަންކަމުގެ ރާސްތާ އަލިކޮށްދޭ ބައްތިއެއް ފަދައެވެ. ޖަލުގައި އަހުރެންނަށް ދަސްވީ ކެތްތެރިކަމަކީ ހަމައެކަނި ހެޔޮ ސިފައެއް ނޫންކަމެވެ. އެކަމަކު އެއީ ހަތިޔާރެއްކަމެވެ. އޭގެ ރަހަ ހިތި ހަތިޔާރެއްކަމެވެ. ކަނޑުގެ ލޮނުގަނޑުން ތިއްކަކަށް ފަހު ތިއްކެއް ބޮމުންދާ މީހަކު ފަދައިންނެވެ.

މިއީ ތިބާއަށް އަހުރެން ދޭ ނަސޭހަތެކެވެ. ޖަލުތަކަށް ބިރު ނުގަންނާށެވެ. އެ ޖަލުތަކަކީ މިނަވަންކަމަށް އަހުރެމެން މިކުރާ ދިގު ދަތުރުގެ ބައެއް ކަމުގައި ނޫނީ ނުވެއެވެ. ޖަލު އަހުރެންނަށް ދަސްކޮށްދިނީ މިނިވަންކަމަކީ ހަމައެކަނި ނިގުޅައި ގަނެވޭ ހައްޤެއް ނޫންކަމެވެ. އެހެނެއްކަމަކު އެއީ ވޭނާއި ތަދުން އުފަންވެ ކެތްތެރިކަމުން ފުރިހަމަވާ ފިކުރެއްކަމެވެ. ”ވަފާ އަލް އަހްރަރު“ ގެ އެއްބަސްވުމުގެ ދަށުން އަހުރެން ދޫކޮށްލެވުނު އިރު އެތަނުން ނުކުތީ އިހު ހުރި ގޮތަކަށް ނޫނެވެ. އަހުރެން ނުކުތީ ވަރުގަދަކަމާއެކު، މި ކުރާ މަސައްކަތަކީ ހަމައެކަނި ފާއިތުވަމުންދާ ދަތިކަމެއް ނޫންކަމާއި އެކަމަކު އެއީ އަހުރެމެންގެ ގައިން ވެއްޓޭ ފަހު ލޭތިއްކާ ހަމައަށް އުފުލާ ތަޤުދީރުގެ ނިޔާކަމާމެދު އޮތް އުންމީދާއި އީމާންކަން އިތުރުވެގެންނެވެ.

އަހުރެންގެ ނަސޭހަތަކީ، ކިލަނބުކަމެއް ލިބިފައިނުވާ ޤަދަރަށް އަދި މަރުވުމެއް ނެތް ހުވަފެނަށް ފިދާވުމުގައި ތިބާ ދެމި ހުރުމެވެ. ދުޝްމަނުން ބޭނުންވަނީ އަހަރުމެންގެ މި މިނިވަންކަމުގެ ހަރަކާތާއި މި ޖިހާދު ދޫކޮށް، މިކަމަކީ ނިމުމެއް ނުވާ މަޝްވަރާއަކަށް ހެދުމަށެވެ. އެކަމަކު އަހުރެން ބުނަމެވެ: ތިބާގެ ހައްޤުގައިވާ އެއްޗަކާ މެދު މަޝްވަރާ ނުކުރާށެވެ.
ތިބާގެ ހަތިޔާރަށްވުރެ ތިބާގެ ސާބިތު ކަމާ މެދު އެމީހުން ގަންނަ ބިރު މާ ބޮޑެވެ. މި މިނިވަންކަމުގެ ހަރަކާތަކީ ހަމައެކަނި އަހުރެމެން އުފުލާ ހަތިޔާރެއް ނޫނެވެ. އެހެނެއްކަމަކު އެއީ ލާ ކޮންމެ ނޭވާއަކާއެކު އަހުރެމެން ފަލަސްތީނަށް ވާ ލޯތްބާއި، އުދުވާނީ ހަމަލާތަކާއި އެކުވެސް ވަރުގަދަ ޢަޒުމާއެކު ސާބިތުވެ ތިބުމެވެ.

އަހުރެންގެ ނަސޭހަތަކީ ތިބާ ޝަހީދުންގެ ލެއަށާއި ތޫނު ކަށިތަކުން ފުރިފައިވާ މި ރާސްތާގައި އަހުރެމެނާއި ވަކިވެގެން ދިޔަ ފަރާތްތަކަށް ވަފާތެރިވެ ހުރުމެވެ. އެއީ އެމީހުންގެ ލެއިން މިނިވަންކަމުގެ މަގު އަހުރުމެންނަށް ކޮށައިދިން މީހުންނެވެ. އެމީހުންގެ ޤުރުބާނީ ސިޔާސީންގެ ހިސާބު ކުރުމުގައްޔާއި ޑިޕްލޮމެސީގެ ކުޅިވަރުގައި އިސްރާފު ނުކުރައްޗެވެ.

އަހުރެމެން މިތިބީ އެންމެ ފުރަތަމައަށް އައި ފަރާތްތަކުން ފައްޓަވައި ދެއްވި ކަންތައް ފުރިހަމަ ކުރުމަށެވެ. އަދި ކޮންމެފަދަ ޤުރުބާނީއެއް ވާން ޖެހުނަސް މި މަގުން އެއްކިބާވެގެން އަހަރުމެން ނުދާނަމެވެ. ދުނިޔެ އަހަރުމެންނަށްޓަކާ ކިތަންމެ ހަނި ވެގެން ދިޔަކަމުގައިވިޔަސް ޣައްޒާ ވީ، އަދި ދެމިއޮންނާނީވެސް ސާބިތުކަމުގެ ވެރި ރަށުގެ ގޮތުގައި އޭގެ ވިންދަށް ހުއްޓުމެއް ނާންނަ ފަލަސްތީނުގެ ހިތުގެ ގޮތުގައެވެ.

އަހުރެން 2017 ގައި ޙަމާސް ގެ ލީޑަރޝިޕާ ހަވާލުވިއިރު އެއީ ހަމައެކަނި ވެރިކަމުގެ ބާރު ބަދަލުވެގެން ދިޔަ ދިޔުމެއް ނޫނެވެ.
އެހެނެއްކަމަކު އެއީ ހިލަތަކުން ފެށި ބަޑިތަކުން ކުރިއަށް ދިޔަ މިނިވަންކަމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް އިތުރުވި އައު ސަފުހާއެކެވެ.
ސުންނާފަތިކޮށްފައިވާ އަހުރެމެންގެ ރައްޔިތުންގެ ދިރިއުޅުމުގެ ވޭން ކޮންމެ ދުވަހަކު އިޙްސާސް ކުރެވެއެވެ. އަދި މިނިވަންކަމުގެ އަމާޒަށް އަޅާ ކޮންމެ ފިޔަވަޅަކަށް އޭގެ އަގު ދައްކަން ޖެހޭނެކަން އެނގެއެވެ. އެކަމަކު އަހުރެން ބުނަމެވެ. އަމާންދިނުމުގެ އަގު އެއަށްވުރެ މާ ބޮޑެވެ. އެހެންކަމުން މޫ ފަސްގަނޑަށް ހިފާހެން މި ފަސްގަނޑަށް މޫ ލާށެވެ. އެހެނީ ދިރިތިބެން ނިންމައިފި ބަޔަކު ލުހެލާނެހާ ބާރެއް އެއްވެސް ވައިރޯޅިއަކަށް ލިބިގެން ނުވެއެވެ.

ފްލަޑް އޮފް އަލް އަޤްޞާ ހަނގުރާމާގައި އަހުރެންވީ ޖަމާޢަތެއް ނުވަތަ ހަރަކާތެއްގެ ވެރިއަކަށް ނޫނެވެ. އެހެނެއްކަމަކު އަހުރެންވީ މިނިވަންކަމުގެ ހުވަފެން ދެކޭ ކޮންމެ ފަލަސްތީނު ރައްޔިތެއްގެ އަޑު ކަމުގައެވެ. އަހުރެންގެ ހިތްވަރަކަށްވީ މިނިވަންކަމުގެ މި ޙަރަކާތަކީ އިޚުތިޔާރެއް ނޫންކަމާއި އެއީ އަދާކުރަން ޖެހޭ ވާޖިބެއްކަމަށް އަހުރެންނަށް ޤަބޫލު ކުރެވޭ ކުރެވުމެވެ.

ބައިބައިވުންތައް ނައްތާލައި މުސްކުޅިއަކާ ކުޑަކުއްޖަކާ ދެމެދު ނުވަތަ ހިލައަކާ ގަހަކާ ދެމެދު ފަރަޤު ކޮށްފައިނުވާ ދުޝްމަނަކާ ދެކޮޅަށް ބަދަހިކަމާއެކު އެއް ވަޅުގަނޑެއްގައި ތިބެ ފަލަސްތީން މިނިވަން ކުރުމަށް ކުރެވޭ ޖިހާދުގެ ފޮތަށް ފަހާލެވޭ އިތުރު ސަފުހާއަކަށް މި ހަނގުރާމަ ހެދުމަށް އަހުރެން ބޭނުންވިއެވެ.

ފްލަޑް އޮފް އަލް އަޤްސާ އަކީ، ހަށިތަކާ ދެކޮޅަށް ރޫހު އަދި ހަތިޔާރާ ދެކޮޅަށް ޢަޒުމް އިސްކުރި ހަނގުރާމައެކެވެ. އަހުރެން ދޫކޮށްފައި މިދަނީ އަމިއްލަ މީރާސް އެއް ނޫނެވެ. އެހެނެއްކަމަކު އެއީ، މިނިވަންކަމުގެ ހުވަފެން ދެކުނު ފަލަސްތީނުގެ ކޮންމެ މީހަކަށް ޝަހީދުކޮށްލެވުނު ފިރިހެން ދަރީން އެމީހުންގެ ކޮނޑުތަކުގައި އުފުލި ކޮންމެ މަޔަކަށް އަދި ޚިޔާނާތްތެރި ވަޒަންތަކުން ޝަހީދު ކޮށްލެވުނު އަންހެން ދަރީންގެ މައްޗަށް ރޯން ޖެހުނު ކޮންމެ ބަފަޔަކަށް ޓަކައި ޖަމާއީ މީރާސް އެކެވެ.
އަހުރެންގެ އެންމެ ފަހުގެ ވަސިއްޔަތަކީ މި މިނިވަންކަމުގެ ހަރަކާތަކީ ފައިދާއެތް ނެތް ބޭކާރު ކަމެއް ނޫންކަމާއި އެއީ ހަމައެކަނި ޖަހާ ވަޒަނެއް ނޫންކަމާއި އެކަމަކު އެއީ ޢިއްޒަތާއި ޤަދަރުވެރިކަމާއެކު އަހަރުމެން ވޭތުކުރާ ދިރިއުޅުމެއްކަން ތިބާ ހަނދާން ބެހެއްޓުމެވެ. ގައިދުކުރުމާއި ޖަލު އަހުރެންނަށް ދަސްކޮށްދިނީ ހަނގުރާމަ ދިގުވާނެކަމާއި މިނިވަންކަމަށް ވާސިލްވުމުގެ މަގަކީ ދަތި އުނދަގޫ މަގެއް ކަމެވެ. މާތުރަ، އަމާންދިނުމަށް ދެކޮޅުހަދާ ބަޔަކު އެމީހުންގެ އަމިއްލަ އަތްތަކުން އަޖައިބުތައް ފައުޅުކުރާނެކަންވެސް އަހުރެންނަށް ދަސްވިއެވެ.

ދުނިޔެއިން ތިބާއަށް އިންސާފު ޤާއިމު ކޮށްދޭނެކަމަށް އުންމީދު ނުކުރާށެވެ. އެހެނީ އަހަރުމެންގެ ވޭނުގެ ކުރިމަތީގައި ދުނިޔެއިން ހަމަހިމޭނުން ތިބޭތަން އަހުރެން ދެކެފީމުއެވެ. އިންސާފަށް އުންމީދު ނުކުރާށެވެ. އެހަނަސް އަނެކާއާއި މެދު އިންސާފުވެރި ވާށެވެ. ފަލަސްތީނުގެ ހުވަފެން ހިތްތަކުގައި އުފުލާ ކޮންމެ ޒަހަމަކީ ހަތިޔާރަކަށް ހަދައި، ކޮންމެ ކަރުނަ ތިއްކަކީ އުންމީދު ލިބިގަނެވޭ އެއްޗަކަށް ހަދާށެވެ.

މިއީ އަހުރެންގެ ވަސިއްޔަތެވެ: ސިނަވާރު ލިޔުއްވާފައި ވެއެވެ. ހަތިޔާރު ބަހައްޓާފައި އަމާން ނުދެއްޗެވެ. ޝަހީދުންގެ ހަނދާން ފުހެ ނުލައްޗެވެ. އަދި ތިބާގެ ހައްޤު ކަމުގައިވާ ހުވަފެނަށް ދޫ ނުދެއްޗެވެ. އަހަރުމެންގެ ވަޒަނުގައި އަހުރުމެންގެ ހިތްތަކުގައި އަދި އަހުރެމެންގެ ދަރީންގެ މުސްތަޤްބަލުގައި އަހުރުމެން މިތިބީ މަޑުކުރާށެވެ.

މަރުދުވަހާ ހަމައަށް އަހުރެން ލޯބިވި ވަޒަން، ގުދުނުވާ ފަރުބަދައެއް ފަދައިން މި ދެކޮނޑުގައި އުފުލި ހުވަފެން ކަމުގައިވާ އަހުރެންގެ ފަލަސްތީން، ތިބާއާ ހަވާލެވެ.

އަހުރެން ވެއްޓިއްޖެނަމަ އަހުރެންނާއެކު ނުވެއްޓޭށެވެ. އެކަމަކު ދުވަހުކަވެސް ވެއްޓިފައި ނުވާ ދިދަ އަހުރެންނަށްޓާކާ އުފުލާ، އަހުރެމެންގެ އަޅިތަކުން އިތުރަށް ވަރުގަދަވެ އުފަންވާ ޖީލަށްޓަކައި އަހުރުންގެ ލޭ، ދާލަމަކަށް ހަދައިދޭށެވެ.
އުފަން ވަޒަނަކީ ކިޔައިދޭ ވާހަކައެއް ނޫންކަމާއި އެއީ ދިރިއުޅެންޖެހޭ ވަޒަންކަން ހަނދާން ނައްތާ ނުލައްޗެވެ. އަދި މި ފަސްގަނޑަށް ޓަކާ ވެއްޓޭ ކޮންމެ ޝަހީދަކަށް، މި ފަސްގަނޑުގެ ރަހިމުން އެއްހާސް މުޖާހިދުން އުފަންވެ ދެއެވެ.
އަލް އަޤްސާ ފްލަޑް ފަދަ ހަނގުރާމައެއް އެނބުރި އަތުވެއްޖެނަމަ އަދި އަހުރެން ތިޔަބައިމީހުންގެ ތެރެއިން ނުވާނަމަ، މިނިވަންކަމުގެ ރާޅުތަކުގެ ތެރޭ އެންމެ ފުރަތަމަ ތިއްކަކީ އަހުރެންކަން ދަންނާށެވެ. އަދި މި ދަތުރުގެ މަންޒިލަށް ތިބާ ވާސިލުވާތަން ދެކެން އަހުރެން ދިރިހުރިކަން ދަންނާށެވެ.

އަހުރެމެންނަކީ ހަބަރުތަކަށް އަރާ ނަންބަރު ތަކެއް ނޫންކަމާއި ހައްޤުގެ ވެރިންނަކީ އަހަރުމެންކަން މުޅި ދުނިޔެއިން ބަލައިގަނެ އެއްބަސްވަންދެން އެމީހުންގެ ކަރުގައި އަޅާފައިވާ ކަށްޓަކަށް ތިބާ ވާށެވެ! އަދި ފަހަތަށް ޖެހެން ނުއެނގޭ މައިތިރިނުވާ އުދަބާންޏަކަށް ތިބާ ވާށެވެ!

ވާގި އެދެނީ ހަމައެކަނި ﷲ ގެ ކިބައިންނެވެ!

ތަރުޖަމާ (ތީރު)

Loading

2 Responses

  1. ސިންވާރުން 2% ވީމަ އާއި 98% ޓުރަމްޕާއި އޭނާގެ ބަތާކައިންގެ އުޅޭމީހުން ދުނިޔޭގައި ގިނައީ އެވެ. 51% ޝަހީދު ސިންވާރުން ނަމަ މިދުނިޔެ ކިހާނަލަ ވީސްތޯއެވެ! އިންޝާﷲ ސިންވާރު ސުވަރުގެ ލިބިގެންފިއެވެ.
    އާމިން!

  2. މިއަދު އިސްލާމ ދުނިޔެވަނީ ބޭޒާރުވެފައެވެ. ދޮގުވެރީންނާއި މަކަރާ ޖަހައިގެން ދުނިޔެކާން ބޭނުންވާ ވެރީން އިސްލާމީ ގައުމުތައް ޙިސޯރުކުރުމުގެ ނަތީޖާ ފަލަސްތީނު ގާޒާގައި ފެނިގެން ހިނގައްޖެއެވެ. ޝަހިދު ސިންވާރު ފަދަ ބޭފުޅުން އިސްލާމީ ފަލަސްތީނުގެ ދިފާޢުގައި އެދޫކޮށްލެއްވީ އެމަނިކުފާނުގެ ފުރާނަފުޅެވެ.

Leave a Reply

ފަހުގެ އަޕްޑޭޓް