ފޯޅަވަހި މޮރިޝަސްއާއި ހަވާލުކުރުމަށް އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ސަރ ކީރް ސްޓެމަރ ނިންމެވުމުން އެމެރިކާގެ މިލިޓްރީއަށް ފޯޅަވަހި ބީވެގެންދިއުން ވަރަށް ބޮޑު ގެއްލުމަކަށްވާނެކަމަށް އެމެރިކާ މިލިޓްރީގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ 8 ޖެނެރަލަކު ރައީސް ޓްރަމްޕްއަށް އިންޒާރު ދެއްވިތާ 48 ގަޑިއިރު ނުވަނީސް ރައީސް ޓްރަމްޕް ދެކޮޅުވެރިކަން ފާޅުކޮށްފިއެވެ.
އެމެރިކާގެ އާރމީ، ނޭވީ އަދި އިންޓެލިޖެންގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާ މި 8 ބޭފުޅުންގެ ސިޓީގައި އިނގިރޭސި ވިލާތުން ފޯޅަވަހި މޮރިޝަސްއަށް ހަވާލުކުރުމުގެ އެއްބަސްވުން ސިފަކޮށްފައިވަނީ ތާކުންތާކު ނުޖެހޭ ވަރަށް ސޭކެ އަމަލެއްގެ ގޮތުގައެވެ. އަދި އެމެރިކާގެ ދިފާއީ ވެރިންގެ ނަޒަރުގައި މޮރިޝަސްއަށް ފޯޅަވަހި ހަވާލުކުރުމުން އެޖަޒީރާގައި ހުރި ޔޫ އެސް-ޔޫކޭ އެއާރބޭސްގެ ރައްކާތެރިކަމަށްވެސް ބުރޫ އަރާނެއެވެ. ރައީސް ޓްރަމްޕް މިހާރު އެ އެއްބަސްވުމުން އެއްފަރާތް ވެ ވަޑައިގެންފިކަން ހާމަކުރައްވައި ތިމަން މަނިކުފާނު ގިނިކަންޏާ އެ މައްސަލައަށް ހައްލު ހޯއްދަވާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ފޯޅަވަހި މޮރިޝަސްއަށް ހަވާލުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްވެސް ނޫންކަމަށް ވިދާޅުވެ ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ ޓުރުތު ޕްލެޓްފޯމްގައި މިދިޔަ އަންގާރަދުވަހު އިނގިރޭސިވިލާތަށް ފާޑު ވިދާޅުވެފައެވެ. ބުނެވޭގޮތުގައި ރައީސްޓްރަމްޕްގެ ވިސްނުންފުޅު ބަދަލުވެގެންދިޔައީ މިލިޓްރީ ބޭފުޅުންގެ ސިޓީ ލިބިވަޑައިގަތުމަށް ފަހުގައެވެ. އަދި މިހާރު ހާމަވެފައިވާ މައުލޫމާތުތަކުގައި އެ ސިޓީގައި ސޮއިކުރައްވާފައިވަނީ އެމެރިކާ ސިފައިންގެ އެންމެމަތީ ދަރަޖަ ލިބިވަޑައިގެންތިއްބެވި 4 ސްޓާރ އެޑްމިރަލުންނާއި ޖެނެރަލުންނާއި ކުރީގެ ދިފާއީ ވަޒީރުންނެވެ. ފޯޅަވަހި މޮރިޝަސްއަށް ހަވާލުކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ އެމެރިކާއިން ބޭރުގައި ހުރި އެންމެ މުހިންމު އެއާރބޭސް ހިންގުމަށް ގާނޫނީ އަދި ސިޔާސީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެގެން ދިއުން ކަމުގައި ވެސް އެ ސިޓީގައި ބުނެފައިވެއެވެ. ފޯޅަވައްސަކީ އެމެރިކާ ނިއުކްލިއަރ ހަކަތަ އުފުލުމުގެ ކުޅަދާނަކަން ލިބިފައިވާ އުޅަނދުތަކަށްވެސް ރައްކާތެރި މަރުކަޒެއްކަމުގައިވެސް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ. އެ ސިޓީގައި ސޮއިކުރެއްވި ބޭފުޅުންގެ ވަނަވަރުތައް ހާމަ ނުކުރަން އެދިވަޑައިގެންފައިވެއެވެ. ފޯޅަވަހި މޮރިޝަސް އަށް ހަވާލުކުރުމުގެ އެއްބަސްވުމަށް ދެކޮޅު ހައްދަވާ އިނގިރޭސިވިލާތުގެ ޕާރލަމެންޓުގެ މެމްބަރުންނާއި އިއްޒަތްތެރިން ދެކިވަޑައިގަންނަވާގޮތުގައި މޮރިޝަސްއާއި ބެއިޖިންގ ގެ ގާތް ގުޅުމަކީވެސް މިކަމުގައި ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. އަދި މިދިޔަ ހަފުތާގައި މޮރިޝަސްއިން ޗައިނާގެ ސަފީރާ ބައްދަލުކޮށް އިތުރަށް ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރުމަކީވެސް ފާހަގަކުރަންޖެހޭކަމެކެވެ. ފޯޅަވައްސަކީ ގާތްގަނޑަކަށް މޮރިޝަސްއާއި 1300 މޭލު ދުރުގައި އޮންނަ ޖަޒީރާއަކަށްވެފައި އެ ޖަޒީރާތައް ލިބެންޖެހޭނީ މޮރިޝަސްއަށް ކަމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ކޮށްފައިވާ ހުކުމަކީވެސް އެއަށް އަމަލުކުރުން ލާޒިމް ނިންމުމެއްނޫނެވެ.
![]()
