އިންޑިއާގެ ޑިޖިޓަލް ކަރަންސީ ބްރިކްސްގެ އާންމު ފައިސާއަކަށް ލިންކުކުރުން

Loading

Facebook
Twitter
WhatsApp

އިންޑިއާ މަރުކަޒީ ބޭންކުގެ ޑިޖިޓަލް ކަރަންސީ ގުޅާލުމަށްޓަކައި 2026 ވަނަ އަހަރު އޮންނަ ބްރިކްސް ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުކުރެއްވުމުގެ އެޖެންޑާއަށް ޕްރޮޕޯޒަލެއް ހުށައެޅުމަށް ރިޒާވް ބޭންކް އޮފް އިންޑިއާއިން ސަރުކާރަށް ރިކޮމެންޑޭޝަނެއް ފޮނުވައިފިއެވެ.
މިއީ މިފަދަ ހުށައެޅުމެއް މެމްބަރު ގައުމަކުން ރަސްމީގޮތުން ހާމަކުރި ފުރަތަމަ ފަހަރެވެ.

ބްރިކްސް ގައި ހިމެނޭ އެއްވެސް ގައުމަކުން އަޖުމަބެލުން ފިޔަވައި ރަސްމީގޮތުން ޑިޖިޓަލްފައިސާ މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
ވިޔަފާރިއާއި ފަތުރުވެރިކަމާގުޅޭ މުއާމަލާތުތަކުގެ ބޭނުމުގައި ބްރިކްސް ގައުމުތަކުގެ ރަސްމީ ފައިސާ ލިންކް ކުރުމުގެ މުހިންމުކަން މައުލޫމާތު އެނގޭ 2 ފަރާތަކުންވަނީ ރޮއިޓާރސްއަށް ކިޔާދީފައެވެ. އަދި ދުނިޔޭގެ މަސްރަހުން ފެންނަމުންދާ ހަމަނުޖެހުންތަކުގައި އެމެރިކާ ޑޮލަރަށް ބަރޯސާވުންވެސް އޭގެ ސަބަބުން ކުޑަވެގެންދާނެއެވެ. ރްއިޓާރސްއަށް މައުލޫމާތުދިން އޮފިޝަލުން އެ މައްސަލާގައި އާންމުކޮށް ވާހަކަދެއްކުންހުއްދަކުރެވިފައި ނެތުމާއެކު ވަނަވަރުތައް ސިއްރު ކުރަން ވަނީ އެދިފައެވެ.
ރިޒާރވް ބޭންކް އޮފް އިންޑިއާގެ ޕްރޮޕޯޒަލް ބިނާކޮށްފައިވަނީ 2025 ވަނައަހަރު ރިއޯ ޑި ޖެނެއިރޯގައި ބޭއްވުނު އެ ޖަމާއަތުގެ އެންމެ އިސް ވެރިން ބައްދަލު ކުރެއްވުމުގައި މެމްބަރ ގައުމުތަކުން ކުރެވޭ ކްރޮސް ބޯރޑަރ ވިޔަފާރިއަށް އިތުރު ލުއިފަސޭހަކަމެއް ގެނައުމާބެހޭ ނިންމެވުމުގެ މައްޗަށް ބިނާކޮށްފައެވެ. އެހެންނަމަވެސް އިންޑިއާ ރުޕީސް ބޭނުންކުރުން އިތުރު ކުރުމުގެ ތެރޭގައި އެމެރިކާ ޑޮލަރ ބޭނުންކުރުން މަދުކުރުން ހިމެނިފައި ނުވާނެކަމަށް ވެއެވެ.
ބްރިކްސްގެ ޑިޖިޓަލް ފައިސާއެއް ކާމިޔާބު ކަމާއެކު ލިންކު ކުރިމަށްޓަކައި ފަސޭހައިން ބޭނުންކުރެވޭނެ ޓެކްނޯލޮޖީއަކާއި ވިޔަފާރީގެ އަރަންޏާއި ދަރަނި ހައްލުކުރާނެގޮތުގެ ގާނޫނީ އޮނިގަނޑެއް އެކަށައެޅަންޖެހޭނެއެވެ. އެފަދަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ގައުމުތަކަށް ވަގުތުވެސް ބޭނުންވާނެކަން މައުލޫމާތު ދިންފަރާތުން ބުނެފައިވެއެވެ. މީގެ ކުރިން އިންޑިއާއާއި ރަޝިޔާއިން ދެ ގައުމުގެ އަމިއްލަ ފައިސާ ބޭނުންކޮށްގެން ކުރި ވިޔަފާރީގައި ގިނަ ހުރަސްތަކެއް ވަނީ މެދުވެރިވެފައެވެ. އެ ވިޔަފާރީގައި ގިނައަދަދެއްގެ އިންޑިއާ ރުޕީސް ރަޝިޔާގައި ޖަމާވެގެން ދިޔައެވެ. އެ ފައިސާތައް ރަޝިޔާއިން ބޭނުންކުރެވޭނެ މާގިނަ ގޮތްތަކެއް ނުފެނުމުގެ ސަބަބުން އެންމެފަހުން އިންޑިއާގެ ރިޒާވް ބޭންކުންޖެހުނީ ލޯކަލް ބޮންޑު ގަނެވޭނެ އިންތިޒާމެއް ހަމަޖައްސާ ދޭށެވެ.
ދުނިޔޭގައި ކުރެވެމުންދާ ކްރޮސްބޯރޑަރ ވިޔަފާރީގެ މުއާމަލާތުތައް އަވަސްކުރުމުގައި އިންޑިއާގެ ޑިޖިޓަލް ރުޕީސް އެހެން ގައުމުތަކުގެ ސެންޓްރަލް ބޭންކްތަކުގެ ޑިޖިޓަލް ކަރެންސީއާއި ލިންކް ކުރުމުގެ ޝައުގުވެރިކަން ރިޒާވް ބޭންކް އޮފް އިންޑިއާއިން ގެންދަނީ ފާޅުގައިހާމަކުރަމުންނެވެ.
އިންޑިއާގެ މިފިޔަވަޅަކީ އެމެރިކާ ޑޮލަރާދުރަށް އިންޑިއާއިން އަޅާ ފިޔަވަޅެއްކަމަށްބަލައި އެމެރިކާ ނުރުހުން އެކަށީގެންވެއެވެ. އެމެރިކާގެ ރައީސް ވިދާޅުވެފައިވަނީ ބްރިކްސް އަކީ އެމެރިކާއާއި ދެކޮޅުވެރި ޖަމާއަތެއް ކަމަށާއި އެ ޖަމާއަތުގައި ހިމެނޭ ގައުމުތަކުގެ އުފެއްދުންތައް އެމެރިކާއަށް އެތެރެކުރާނަމަ އިތުރު ކަސްޓަމްސް ޑިއުޓީ ނަގާނެކަމަށެވެ.
2026 ވަނައަހަރު އިންޑިއާއިން ބްރިކްސްގެ ރިޔާސަތަށް ހަވާލުވުމުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިންސާނިއްޔަތަށާއި އާންމު ސިއްހަތު ރަނގަޅުކުރުމުގެ މައްޗަށް ކަމުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ. އިންޑިއާގެ ހުށައެޅުން ގަބޫލުކޮށްފިނަމަ މިއަހަރު ފަހުކޮޅު ބްރިކްސް ގައުމުތަކުގެ ވެރިންގެ ބައްދަލުކުރެއްވުން އިންޑިއާގައި ބޭއްވޭނެއެވެ. އިންޑިއާގެ ހުށައެޅުމަށް ޖަވާބެއް ހޯދުމަށް ރްއިޓާރސްއިން މިހާތަނަށްކުރި މަސައްކަތުގައި ބްރެޒިލް އިން ޖަވާބެއްދޭން ބޭނުން ނުވާކަން ހާމަކޮށްފައިވާއިރު ޕީޕަލްސް ބޭންކް އޮފް ޗައިނާއިން ބުނެފައިވަނީ މިވަގުތު ދޭނެ މައުލޫމާތެއް ނެތްކަމަށެވެ. ދެކުނު އެފްރިކާއާއި ރަޝިޔާއިން ވަކިއެއްޗެއް މިވަގުތު ބުނާކަށް ބޭނުމެއް ނުވެއެވެ.
2009 ވަނަ އަހަރު އުފެދުނު ބްރިކްސް ޖަމާއަތުގެ ނަން ދުނިޔޭގެ ބާޒާރުގައި ފާހަގަކުރެވޭފަދަ މަގާމެއް ލިބިފައިނެތިސް ރައީސް ޓްރަމްޕް ދެވަނަ ފަހަރު ރިޔާސަތަށް ވަޑއިގެން ބައެއް ގައުމުތަކާ ދެކޮޅަށް ބޮޑެތި ޓެރިފް އިއުލާންކުރައްވައި އަދި މާބޮޑަށް އަނގަގަދަ ކުރެއްވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ބްރިކްސް ޖަމާއަތުން އެހެން ގޮތެއް ހޯދަން މަޖުބޫރުވެގެންދިއުމެވެ. އެމެރިކާގެ އުދަނގޫ ކުރުމުން ސަލާމަތްވުމަށްޓަކައި ކުރަންފެށި މަސައްކަތުން އެ ޖަމާއަތުގައި ވަރުގަދައަކަށް މިނިވަން ރޫހެއް އުފެދިއްޖެއެވެ. އަދި މިހާތަނަށް އިތުރު ގައުމުތަކުން އެ ޖަމާއަތުގައި ބައިވެރިވަމުންގެންދާންވެސް ފަށައިފިއެވެ. ބްރިކްސްއިން ދުނިޔޭގެ ބާޒާރުން ރަނގަޅު މަގާމެއް ކަށަވަރުކުރަން ކުރަމުންގެންދާ މަސައްކަތުގައި ލިބެމުންދާ ކާމިޔާބީގައި ރައީސް ޓްރަމްޕްގެ ނުކިއްސަރު ސިޔާސަތުގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ. އެކަމަށްޓަކައި އެމަނިކުފާނަށް ބްރިކްސް ޝުކުރުވެރިވާންޖެހެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް