ދުނިޔޭގެ ޗާޓުން އީރާނު ފޮހެލުމަށްޓަކައި ކާމިޔާބު މަޝްރޫއެއް އެކުލަވާލަން އެމެރިކާގެ އަސްކަރިއްޔާއަށް ރައީސް ޓްރަމްޕް އަންގަވައިފިއެވެ.
އެހެންނަމަވެސް މުޅި އީރާނަށް ހަމަލާދިނުމުގެ ބަދަލުގައި ހަމައެކަނި އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑުންގެ މިލިޓަރީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދިނުމަށް އެމެރިކާގެ ބައެއް އޮފިޝަލުން ބުރަވާކަމަށް ވޯލްސްޓްރީޓް ޖާރނަލުން ޚަބަރުދީފައިވެއެވެ. ރައީސްޓްރަމްޕްގެ ފުރާނަފުޅަށް ގެއްލުންދޭނެކަމަށް އީރާނުން އިންޒާރު ދެމުންގެންދާތީވެ އީރާން އެކުގައި ގޮއްވާލާނެކަމަށް މިދިޔަ އަންގާރަދުވަހު ހަވީރު އެމަނިކު މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ. އަހަރެންގެ ފުރާނައަށް ގެއްލުމެއް ދީފިނަމަ އީރާންއެވެ ކިޔުނު ގައުމެއް ދުނިޔޭގެ ޗާޓުގައި އޭގެފަހުން ނޯންނާނެކަމަށް ނިއުނޭޝަންއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޓްރަމްޕް ޔަގީންކަމާއެކު ވިދާޅުވިއެވެ. އަދި އެކަން އޮންނާނީ އަސްކަރިއްޔާއަށް އަންގަވާފައިކަމަށްވެސް ވިދާޅުވިއެވެ.
ދާދިފަހުން އެމެރިކާއިން އީރާނަށް ހަމަލާދޭން ތައްޔާރުވެފައިވަނިކޮށް ގަލްފުގެ ގައުމުތަކުގެ ވެރިންނާއި އަދި އެމެރިކާގެ މިލިޓްރީންވެސް އެ ހަމަލާ ނުދިނުމަށް މަޝްވަރާދިނުމުގެ ސަބަބުން ރައީސް ޓްރަމްޕްގެ ވިސްނުންފުޅު ބަދަލުކުރެއްވީ ކަމަށްވެއެވެ. އެ ހަމަލާއަށްޓަކައި ޔޫ އެސް އެސް އަބްރަހަމަ ލިންކަންއާއި އެ އެއާރކްރާފްޓް ކެރިއަރގެ ސްޓްރައިކްގްރޫޕް ވަނީ ގަލްފް ސަރަހައްދަށް ފޮނުވާފައެވެ. އެމެރިކާއިން އަންދާޒާކުރާ ގޮތުގައި އީރާނުގައި ކުރިއަށް ދިޔަ މުޒާހަރާގައި 4519 މީހުންވަނީ މަރުވެފައެވެ. އަދި 26000 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފައިވަނީ އިތުރު 9049 މަރުވެފައިވާ ކަމަށް ބެލެވޭކަމަށެވެ.
މުޒާހަރާގެ ދުވަސްވަރު ރައީސް ޓްރަމްޕް ގެންދެވީ މުޒާހަރާކުރަމުންގެންދިޔަމީހުންނަށް ހިތްވަރުދީ ވަރަށް އަވަހަށް އެހީތެރިވާނެ މީހުން އެބަ އަންނަކަމަށާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ތައްޔާރުވަމުންދާކަން އަންގަމުންނެވެ.
އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ދެކޮޅުވެރިކަމަށް ފިނިކަމެއް ގެނެވޭތަނެއް ނުފެނެއެވެ. މިހާތަނަށް ގިނައިނަ ބަހުގެ ހަމަލާތައް ދެވެމުންދާއިރު މިލިޓްރީ ހަމަލާއަކަށް ފުރޮޅިގެންދާނެ ވަގުތެއް ބުނާކަށް ނޭގެއެވެ. އެންމެފަހުން އިސްލާމިކް ރިވޮލިއުޝަނަރީ ގާރޑުންގެ ލީޑަރޝިޕުން ހާމަކޮށްފައިވަނީ އެ ގައުމުގެ ލީޑަރޝިޕްއަށް އެމެރިކާއިން ހަމަލާއެއްދީފިނަމަ އެއަށްފަހު ދުނިޔޭގެ އެއްވެސް ތަނަކަށް އަމާންކަން ލިބިފައި ނޯންނާނެ ކަމަށެވެ. އަލީ ޚާމަނާއި އަށް ހަމަލާއެއް ދީފިނަމަ ދުނިޔޭގައި ރައްކާތެރިކަން ލިބިފައިވާއެއްވެސް ތަނެއް ނޯންނާނެކަމަށް އިންގިލާބީ ލަޝްކަރުގެ ބްރިގޭޑިއަރ ޖެނެރަލް އަބްލްފަޒްލް ޝެކާރޗީ ވިދާޅުވިއެވެ.
ސަރުކާރާ ދެކޮޅަށް މުޒާހަރާގައި ބައިވެރިވިކަން އެނގިފައިވާ އީރާނުގެ 15 ވަރަކަށް އެތުލެޓުންނާއި އެކްޓަރުންގެ މިލްކިއްޔާތު ސަރުކާރަށް ނަގަން މިހާރުވަނީ ކޯޓަށް ހުށައަޅާފައެވެ. އެމީހުންގެ މިލްކިއްޔާތު ސަރުކާރަށް ނެގުމަށްފަހު ހޭދަކުރެވިގެންދާނީ މުޒާހަރާގައި އެމީހުން ދިންގެއްލުން ދިން ފަރާތްތަކަށް ބަދަލު ދިނުމަށްޓަކައެވެ.
އީރާން ސަރުކާރުގެ އެންމެ އިސް 3 ގޮފީގެ އެންމެ އިސްވެރިންގެ ވިސްނުންފުޅު ހުރިކަމަށް ބެލެވެނީ މުޒާހަރާތަކަށް އޮޅުވާލުމެއްގެތެރޭގައި ގެނެސްފައިވާކަމަށް ބެލެވޭ މީހުންނާދޭތެރޭ ލުއިގޮތަކަށް މައްސަލަތައް ބެލުމަށްފަހު މުޒާހަރާގައި އިސްކޮށްއުޅުނުމީހުންނަށް ހަރުކަށި އަދަބު ދިނުމަށެވެ.
![]()
