ޔޫއެސް-އީރާންގެ ހޫނުވަމުންދާ މަސްރަހް ފިނިކުރަން ގަލްފުގެ ގައުމުތަކުން

Loading

Facebook
Twitter
WhatsApp

އެމެރިކާއިން އީރާނަށް ހަމަލާދިނުމުން ނުވަތަ އީރާނުގެ ސަރުކާރު ވައްޓާލުމުން އުފެދޭ އަރާރުމާއި ކޯޅުންގަނޑުގެ ތެރެއަށް ގަލްފުގެ ގައުމުތަކުން ވަންނާކަށް ބޭނުމެއް ނުވެއެވެ.

އެމެރިކާއިން އީރާނަށް ހަމާލާދޭނެކަމަށް އިންޒާރުދީ އެކަމަށްތައްޔާރުވަމުންދާއިރު މިކަމުގެ ސަބަބުން ގަލްފުގެ މަސްރަހުން ކުރިމަތިލާންޖެހިފައިވާ މުސީބާތުން ސަލާމަތްވެވޭނެ މަގެއް ހޯދުމަށް ސައޫދީ އެރޭބިޔާގެ އިސްނެގުމާއެކު ގަތަރާއި އޮމާނުން އެމެރިކާއާއި އީރާނުގެ ރަސްމީ ފަރާތްތަކާއެކު މަޝްވަރާކުރަންފަށައިފިކަމަށް ސައޫދީ ޕްރެސް އޭޖެންސީން ޚަބަރުދީފިއެވެ. އީރާނުގެ ކަންކޮޅުތަކަށް ފުޅާވެ ފެތުރެމުންދާ މުޒާހަރާގެ ސަބަބުން އަވަށްޓެރި ގައުމުތައް ހަދާނެގޮތެއް ނެތިފައިތިއްބާ އެމެރިކާއިން އީރާނަށް މިލިޓްރީގޮތުން އަރައިގަންނަން ނިންމައި އެކަމަށް ތައްޔާރުވަމުން ގެންދިއުން އިއުލާން ކުރުމާއެކު އެފަދަ މިލިޓްރީ އަރައިގަތުމެއްގެ ސަބަބުން ގަލްފުގެ ގައުމުތައް ބޮޑުވެގެންވާ އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނެކަމުގެ ބިރު މިހާރުވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެމެރިކާއިން އީރާނަށް އަރައިގެންފިނަމަ ގަލްފުގެ ގައުމުތަކުގައިހުރި އެމެރިކާގެ މިލިޓްރީބޭސްތަކަށް އީރާނުން ހަމަލާދޭނެކަމަށާއި އަދި އެކަމުގެ ސަބަބުން ގަލްފުގެ ގައުމުތައް އިގްތިސާދީގޮތުން އަރައިގަތުން އުދަނގޫ ހާލަތަކަށް ވެއްޓިގެންދާނެކަމުގެ ބިރުވެސް ކުޑައެއް ނޫނެވެ. ޔަމަނުހެ ހޫތީ މުޖާހިދުން ސައޫދީއެރޭބިޔާގެ ތެލެގެ ވަސީލަތްތަކަށް ދިން ކުޑަކުޑަ ހަމަލާއަކާއި ޖޫން 12 ދުވަހުގެ ހަނގުރާމައިގާ އީރާނުން ގަތަރުގައި ހުންނަ އެމެރިކާގެ މިލިޓްރީ ބޭސްއަށް ދިން ހަމަލާގެ މަތިން އަދި ހަނދާންނުނެތެއެވެ. އެމެރިކާއިން އީރާނަށް ހަމަލާ ދީފިނަމަ ގަލްފު ސަރަހައްދުގައިހުރި އެމެރިކާގެ ހުރިހާ މިލިޓްރީ ބޭސްތަކަކަށް އެއްވެސް އިންތިސްނާއެއްނެތި ރައްދު ހަމަލާ ދޭނެކަން އީރާނުން ގެންދަނީ ތަކުރާރުކޮށް އިންޒާރު ދެމުންނެވެ. އީރާނުއަތުގައި ބެލިސްޓިކް މިސައިލް އާއި ސުޕަރސޯނިކް މިސައިލް އެބަހުއްޓެވެ. އަދި ވަށައިގެންހުރި ގައުމުތަކުގައި އީރާނާ ގުޅިފައިވާ ޖިހާދީ ޖަމާއަތްތައް އެބަތިއްބެވެ. އީރާނަށް ނިކަމެތިކަމެއް މެދުވެރިވަމުންދާ ވަގުތެއްގައި މި ހުރިހާ ވަސީލަތެއްގެ ބޭނުންކުރާނެއެވެ. ދޯހާގައި ހުންނަ އިންސްޓިޓިއުޓް ފޯރ ގްރެޖުއޭޓް ސްޓަޑީޒްގެ އެސިސްޓެންޓް ޕްރޮފެސްރ މުހަންމަދު ސަލާމް ވިދާޅުވެފައިވެއެވެ. މިދިޔަ ބުރާސްފަތިދުވަހު އީރާނުން ސައޫދީ އެރޭބިޔާއަށާއި އެމިރެޓްސް އަދި ތުރުކީގައި ހުރި އެމެރިކާގެ މިލިޓްރީ ބޭސްތަކަކީ އީރާނުގެ އަމާޒު ކަމުގައި ވެގެންދާނެކަން ރަސްމީގޮތުން އެންގުމާގުޅިގެން ގަތަރުގައި ހުންނަ އެމެރިކާގެ އަލްއުބައިދު މިލިޓްރީ ބޭސްގެ ބައެއް މީހުން އަނބުރާ ގެންގޮސްފައިވާކަމަށް ބައެއް ޚަބަރުތަކުގައި ބުނެފައި ވެއެވެ. އެމެރިކާއިން އީރާނަށް އަރައިގަތުން ހުއްޓުވުމަށްޓަކައި ހުޅުވިފައިވާ ހުރިހާ ފުރުސަތެއްގެ ބޭނުން ސައޫދީ އެރޭބިޔާއިން ކުރަމުން ގެންދާއިރު އޮމާނާއި ގަތަރުން ގެންދަނީ އެ ހަމަލާތައް ފެށުނަ ނުދިނުމަށްޓަކައި ސިޔާސީ ގޮތުން މަސައްކަތް ކުރަމުންނެވެ. ވޯޝިންގްޓަނާއި ތެހެރާނުން އިތުރަށް ސީދާ ވާހަދައްކަން ބޭނުން ނުވާއިރު އެމެރިކާއިން ހަމަލާ ނުދޭނެ ކަމަށް ބެލެވޭނެ ތަނެއް ނެތެވެ. އީރާނަށް އަރައިގަތުމަށްޓަކައި އެމެރިކާއިން ދައްކާ ސަބަބެއް ގަލްފް ކޯރޕަރޭޓިވް ކައުންސިލަށް ވެސް ނުވިސްނޭކަމަށް އެސިސްޓެންޓް ޕްރޮފެސްރ މުހަންމަދު ސަލާމް ވިދާޅުވެފައިވެއެވެ.އީރާނުގައި ހިނގަމުންދާ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ ފުލުހުން މަރާލާފައިވާއިރި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހާހަކަށްވުރެން ގިނަ މީހުން މަރުވެފައިވާކަމަށް މުޒާހަރާގެ ބައިވެރިން ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް އަލްޖަޒީރާއަށް އެ އަދަދުތައް ކަށަވަރުކުރެވޭނެގޮތެއް ނެތެވެ.މުޒާހަރާކުރަމުންގެންދާ މީހުންނަށް ހިތްވަރުދިނުމާއެކު ސަރުކާރުގެ އޮފީސްތަކަށް ވަދެގަތުމަށާއި އެހީތެރިވުމަށް އަހަރެމެން މިއަންނަނީ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށްވެސް ބައެއް މީޑިއާތަކުގައި ބުނެފައި ވެއެވެ. ގަލްފުގެ ގައުމުތަކުގެ އާންމު ގުޅުމަށްބަލާއިރު ދުނިޔޭގެ އެންމެ ބިޔަ ގުދުރަތީގޭސް ރިޒާރް އަކީ ގަތަރާއި އީރާނުން ހިއްސާކުރާތަނެކެވެ. އީރާނާއި އެމިރެޓްސް އަކީ ވިޔަފާރީގެ ގޮތުން ވަރަށްބޮޑަށް ގުޅި ލާމެހިފައިވާ ދެ ގައުމެވެ. ސައޫދީ އެރޭބިޔާއާއި އީރާނާއި ދެމެދު ޒަމާންވީ ހިތްހަމަނުޖެހުން ތަކެއް އުފެދިފައިއޮތް ކަމުގައިވިޔަސް އެ ނުތަނަވަސްކަން މިހާރުވަނީ ވަރަށްކުޑަވެ ދެ ގައުމުން އެކުވެރި ގުޅުމަކަށް މަގުފަހިކޮށްފައެވެ. އަހަރެމެންގެ އެދުމަކީ މުޅި ސަރަހައްދުގައިވެސް އެކުވެރި ވެއްޓެއް ގާއިމްކުރުން ކަމުގައި ސައޫދީ އެރޭބިޔާގެ ޚާރިޖިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓް އާދިލް އަލް ޖުބައިރް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވެއެވެ. އެމެރިކާއިން ގެނެސްދޭ މޮޅު ޑިމޮކްރެސީވެސް ގަލްފުގެ އަރަބި ގައުމުތަކުން ވަނީ ވަރަށް ކައިރިން ތަޖްރިބާ ކޮށްފައެވެ. ސައްދާމް ހުސޭނުގެ ވެރިކަން ވައްޓާލުމަށްފަހު ގެނެސްދިން ޑިމޮކްރެސީގެ ރަހަ އަދިވެސް އަރަބި ގައުމުތަކުގެ ކަރުބުޑުގައި ހުރީ ތާށިވެފައެވެ. އައި އެސް އައި އެސް އާއި އަލްގައިދާ އިން ހިންގަމުންގެންދިޔަ ބިރުވެރިކަން އެގައުމުތަކުން އަލުން ދެކޭކަށް ބޭނުމެއް ނުވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް