އިގްތިސާދީ ތަޖުރިބާކާރުންގެ ނަޒަރުގައި ދުނިޔެއަށް ކުރިމަތިވެފައިމިވަނީ ވަރުގަދަ އިގްތިސާދީ ހަނގުރާމައެކެވެ. މިއަދާހަމަޔަށް ދުނިޔޭގެ އިގްތިސާދުގެ ލޭނާރު ކަމުގައި ބެލެވުން ޕެޓްރޯ ޑޮލަރ އާ ދެކޮޅަށް ތެދުވި 5 ގައުމެއްގެ ގޮތްދޫނުކުރުން ދުނިޔޭގެ ބާޒާރުގައި ގިނަ ބައިބައިވުންތަކެއްގެ ވިސްނުން އަށަގަންނުވައިފިއެވެ.
ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ އާންމު ފައިސާ ބޭނުން ކޮށްގެން ދުނިޔޭގެ ބާޒާރުން ގަނެ ވިއްކުމުގެ ފުރުސަތަކަށް ބޭނުންވެފައިވާ މިންވަރު ހާމަވެގެންދާތަން ފެންނާން ފަށައިފިއެވެ.
މިދިޔަ އަހަރު ރަޝިޔާގައި ބޭއްވި ބްރިކްސް ވެރިންގެ ބައްދަލު ކުރެއްވުމުގައި އެ ޖަމާއަތުން ތައާރުފްކުރަން ގަސްދުކޮށްފައިވާ ފައިސާނޫޓުގެ ނަމޫނާއެއް ދައްކާލިއެވެ. އެ ދުވަހު ދައްކާލި ފައިސާ ނޫޓަކީ އޭގައި އެ ޖަމާއަތުގެ ފުރަތަމަ މެމްބަރުން ތަމްސީލުކޮށްދީފައިވާ އެކަމަކު ފައިސާގެ އަގަކަށްވުރެން ނަމޫނާއެއްކަމަށް އޮތީ ބެލެވިފައެވެ. އެ ނޫޓުގައި ބިންވަޅުނަގާފައިވާ އާރ5 ރަމްޒުކޮށްދެނީ އެ ފަސްގައުމުގެ ފައިސާއެވެ. ރަޝިޔާގެ ރޫބެލް އާއި ޗައިނާގެ ރެމިނިބީ އާއި އިންޑިއާގެ ރުޕީސް އަދި ބްރެޒިލްގެ ރިއާލް އާއި ދެކުނު އެފްރިކާގެ ރާންޑް އެވެ.
އެ ދުވަހުގެ ދައްކާލުމަކީ ރަމްޒެއް ކަމުގައި ބެލެވިފައިއޮތް ނަމަވެސް މިހާރު ފެންނަމުންދަނީ އެ ރަމްޒު ހަގީގަތަކަށް ވަމުން އަންނަ ތަނެވެ. ބްރިކްސް ޕްލަސްގެ ފައިސާއަކީ އެއީ ކަމަށް ވެދާނެކަމެވެ. ނިއު ޑިވެލޮޕްމެންޓް ބޭންކުގެ ހަރަކާތަތަކަށް ބަލާއިރު ކައިރި މުސްތަގްބަލެއްގައި ބްރިކްސް ޕްލަސްގެ ފައިސާ ވުޖޫދު ވެގެން އައުމަކީ ދުރުކަމެއް ނޫނެވެ.
އިންޓަރނޭޝަނަލް ރިޒާރވް އެންޑް އިންވެސްމެންޓް އެސެޓް ސިސްޓަމްއިން ފަރުމާކޮށްފައިވާ އެ ފައިސާނޫޓު ބިނާކޮށްފައިވަނީ %40 ރަނުގެ ފިކްސްޑް އަގެއްގެ މައްޗަށާއި ބާކީ %60 ބްރިކްސް ޕްލަސް ޖަމާއަތުގެ އާންމު ފައިސާގެ މައްޗަށެވެ. ފައިސާ ބޭނޭނުންކުރެވޭނީ ދެފުށްފެންނަ ބްލޮކްޗެއިން ޓެކްނޯލޮޖީގެ ވަސީލަތުން ބޭނުންކުރެވޭ ޕްލެޓްފޯރމެއްގައެވެ. މިގޮތަށް ހަމަޖެހުމުން އެއްފައިސާއެއްގެ މައްޗަށް ބަރޯސާވުން ކުޑަވެ އަދި ޖަމާއަތުގެ މެމްބަރުންގެ މެދުގައި އިތުބާރު ވެސް ދެމެހެއްޓޭނެއެވެ.
ބްރިކްސް ޕްލަސްގެ ފައިސާއަކީ ވަކި ފައިސާއެއްގެ މައްޗަށް ކަނޑައެޅިފައި އޮންނާނެ ނިޒާމެއް ނޫންކަމަށާއި އަދި ވަކި ގައުމެއްގެ މަރުކަޒީ ބޭންކެއްގެ ބެލެނިވެރިކަމުގެ ދަށުގައިވެސް އޮންނާނެ ނިޒާމެއް ނޫންކަމަށް އިކޮނޮމިކް އަދި ފައިނޭންޝަލް ކޮމެންޓޭޓަރ ވިންސް ލޭންސީ ބުނެފައި ވެއެވެ. އޭގެ ބަދަލުގައި ބްރިކްސް ޕްލަސްގެ ފައިސާ ބޭނުންކުރެވޭނެކަމަށްބެލެވެނީ މަލްޓިޕޯލަރ ފައިނޭންޝަލް ދުނިޔެއެއްގައި ގަނޑުކޮށްކުރާ ކްރޮސްބޯރޑަރ ވިޔަފާރީގައެވެ. މިގޮތަށް ގައުމުތަކުގެ އަމިއްލަ ފައިސާއިން ގަނޑުކޮށް ވިޔަފާރިކުރަން ރޭވިފައި އޮތުމުން ފައިސާ ބަދަލުކުރުމަށްދާ ޚަރަދު ނެތިގެންދާނެއެވެ. އަދި އެމެރިކާ ޑޮލަރާއި ޔެން އާއި އަދި ޔޫރޯގެ ބޭނުންވެސް ވަރަށް ކުޑަވެގެންދާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ އެމެރިކާ ޑޮލަރުން ކަނޑައަޅަމުން ގެންދާ ޝަރުތުތަކުން ސަލާމަތްވެގެން ދިއުމެވެ.
ބްރިކްސް ޕްލަސްގެ މާލީ ނިޒާމް ހަމަޖެހުމާއެކު ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކުން ކުރާ ކްރޮސްބޯރޑްރ ވިޔަފާރީގައި އެ ނިޒާމް ބޭނުންކުރަން ފަށާނެއެވެ. އަދި އޭގެ ސަބަބުން އެމެރިކާ ޑޮލަރުން ހިފާއްޓަމުން އަންނަ މޮނޮޕޮލީ ގެއްލިގެންދިއުން ކައިރި ކަމުގައި ވައިޓް ހައުސްގެ އިކޮނޮމިސްޓް ބުނެފައި ވެއެވެ. 2025 ވަނައަހަރު އެމެރިކާ ޑޮލަރ ބޭނުންކުރުން %8 ދަށަށް ދިއުމަކީ އެކަން ރަމްޒުކޮށްދޭ ހަގީގަތެކެވެ.
2006 ވަނައަހަރު ސެޕްޓެމްބަރ މަހުގެތެރޭގައި ބްރިކް ގެ ނަމުގައިބްރެޒިލް އާއި ރަޝިޔާ އަދި އިންޑިއާއާއި ޗައިނާ ގުޅިގެން އުފެއްދި މި ޖަމާއަތުގެ ނަމުގައި ފުރަތަމަ ސަމިޓް ބޭއްވިފައިވަނީ 2009 ވަނަ އަހަރު ޖޫން މަހުގައެވެ. 2010 ވަނައަހަރު ޑިސެމްބަރ މަހުގެތެރޭގައި ދެކުނު އެފްރިކާއި މި ޖަމާއަތުގައި ބައިވެރިވުމުން ބްރިކްސް އަށް ޖަމާއަތުގެ ނަން ބަދަލުވެގެން ދިޔައީއެވެ.
2024 ގައި މިސްރާއި އިތިއޯޕިއާ އަދި އީރާނާއި ސައޫދީ އެރޭބިޔާ އަދި ޔުނައިޓެޑް އެރެބް އެމިރެޓްސް އަކީ އެ ޖަމާއަތުގެ މެމްބަރުން ކަމުގައި ވުމާއި އަދި އޭގެފަހުން 2025 ގައި އިންޑޮނޭޝިޔާއިން ބައިވެރިވުމުން ބްރިކްސް ޕްލަސް އުފަންވެގެން އައީއެވެ. މި ޖަމާޢަތުގައި ބައިވެރިވުމަށް އިތުރު ވިއްސަކަށް ގައުމުން ވަނީ ޝައުގުވެރިކަން ހާމަކޮށްފައެވެ.
ބްރިކްސް ޕްލަސްގެ މިހާރުގެ ސަރަހައްދަކީ ދުނިޔޭގެ ނިސްބަތުން %36 އެވެ. އަދި އާބާދީގެ ނިސްބަތަކީ %48.5 އެވެ.
ބްރިކްސް ޕްލަސްގެ މެމްބަރުން އިތުރުކުރުމަށް މަސައްކަތްކުރަމުންގެންދާއިރު ހުޅަނގުގެ މައްޗަށް ބަރޯސާވުން ވަރަށް ކުޑަކަން ފާހަގަކުރެވެއެވެ. ބްރިކްސް ޕްލަސްގެ މިހާރުގެ ޖީ ޑީ ޕީ އަކީ ދުނިޔޭގެ ނިސްބަތުން %39 އެވެ. ދެލި އުފެއްދުމުގެ ނިސްބަތަކީ %78.2 އެވެ. ގުދުރަތީ ގޭސް އުފެއްދުން އުޅެނީ %36 ގައެވެ. އަދި ދުނިޔޭގައި ލިބެން ހުރި ރެއަރ އަރތު މިނެރަލް ރިޒާވްގެ ނިސްބަތަކީ 72% އެވެ.
![]()
