ޗައިނާގެ އުފެއްދުން ތަކުގެ ތެރެއިން ޔޫރަޕްގެ ބައެއް ގައުމު ތަކަށް އަހަރަކު އެތެރެކުރެވޭ ކަމަށް އަންދާޒާ ކުރެވިފައިވާ 60 މިލިއަން ޓަނުގެ މުދާ އުފުލުމަށްޓަކައި 6 ގައުމެއް ގުޅިގެން ރޭއިލްވޭމަގެއް ހުޅުވުމަށް އެއްބަސްވެ ޗައިނާއާއި އީރާން އަދި ކަޒަކިސްތާނާއި އުޒުބަކިސްތާން އަދި ތުރުކީ އާއި ތުރުކުމެނިސްތާނުން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އިސްލާމިކް ރިޕަބްލިކް އޮފް އީރާނަކީ މި ރެއިލްވޭ މަގުގައި ރަންދޮރާށި ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ. މި އެއްބަސްވުމުގައި ބައިވެރިވާ 6 ގައުމުގެ ވިސްނުމަކީ އެ ގައުމުތަކުގެ ދެކުނުފަރާތުން އޮންނަ ޗައިނާ- ޔޫރަޕް ގުޅުވައިދޭ ކޮރިޑޯރ ދެމިގެންދަނީ އީރާނުގެ ތެރެއިން ކަމަށްވެފައި އީރާނުގެ ބައިވެރިކުރުން އިތުރު ކުރުމާއެކު ގައުމުތަކުންކުރާ ކްރޮސްބޯޑަރ ވިޔަފާރިއަށް ލުއިފަސޭހަ ގޮތްތަކެއް އެކަށައެޅުން ކަމުގައި ބުނެފައިވެއެވެ. މި ރެއިލްވޭ މަގުގެ ސަބަބުން 6 ގައުމުގެ ކްރޮސްބޯރޑަރ ވިޔަފާރި އިތުރަށް ފުޅާވެ އެހެން ގައުމުތަކުންވެސް ފުރުސަތު ލިބިގެން ދާނެކަމަށް އުންމީދު ކުރެވެއެވެ.
މި ކޮރިޑޯރގެ ތެރެއިން މުދާ އުފުލުމަށްޓަކައި ބޭނުންވާ ކަސްޓަމްސް ކްލިއަރެންސް އަވަސްކޮށް ދިނުމަށާއި އަދި އެހެނިހެން ލުއިފަސޭހަތައް ކޮންމެ ގައުމަކުންވެސް ކަށަވަރު ކޮށްދިނުމަށާއި އަދި ހުރިހާ ގައުމަކުން އެއް މިންވަރެއްގެ ޓެރިފެއް ކަނޑައެޅުމަށްވެސް ވަނީ އެއްބަސް ވެފައެވެ. ޗައިނާއިން ޔޫރަޕްގެ މި ގައުމުތަކަށް ކަނޑުމަގުން މުދާ އުފުލުމަށް މިހާރު ހޭދަވެގެންދާ ގިނަ ދުވަސްތައްވެސް މި ރޭލްވޭގެ ސަބަބުން ބައިކުޅަބައިޔަކަށް ކުޑަވެގެން ދާނެއެވެ.
ދުނިޔޭގައި ބާރުގަދަ މިލިޓްރީތަކުން އެހެން ގައުމުތައް އަޅުވެތިކޮށް އެގައުމުތަކުގެ މުއްސަނދިކަން ފޭރިގަންނަމުންދިޔަ ޒަމާނުގެ އިރު އޮއްސެމުންދާ ހިތްގައިމު މަންޒަރު ދުނިޔޭގެ މަސްރަހުން ފެންނަމުންދާން ފަށައިފިއެވެ. އެފްރިކާގެ ބައެއް ގައުމުތައްވެސް އަމިއްލަ ފުދުންތެރިކަން އިތުރު ކުރަމުން އަޅުވެރިކަމަށް ޖަދަލުކުރަމުން ގެންދާ މަންޒަރު ފެންނަމުން އެބަދެއެވެ.
ބައެއް މީޑިއާތަކުން ހާމަކުރަމުން ގެންދާ ގޮތުގައި މިހާތަނަށް ދުނިޔޭގައި އިގްތިސާދީގޮތުން އެންމެކުރީ ސަފުން ފެންނަމުންދިޔަ ޖީ-7 ގެ ގައުމުތަކާ އެމެރިކާއިން ފެޔަށްޖެހި ކޯރ-5 ގެ ނަމުގައި އިގްތިސާދީ ބާރެއް ވުޖޫދުކުރުމުގެ ވިސްނުން ގެންގުޅެން ފަށައިފިއެފެ.
ބުނެވޭ ގޮތުގައި އަލަށް އުފެދޭ އިގްތިސާދީ ބާރުގައި ހިމެނޭނެކަމަށް ބެލެވެނީ އެމެރިކާއާއެކު މިހާރު ކުރިއަރަމުން އަންނަ މިލިޓްރީ އަދި އިގްތިސާދީ ބާރުތައް ކަމުގައި ބެލެވޭ ޗައިނާ އަދި ރަޝިޔާއާއި އިންޑިއާގެ އިތުރުން ޖަޕާނެވެ. އިނގިރޭސި ވިލާތާއި ޖަރުމަނާއި ފަރަންސޭސި ވިލާތް އަދި ޔޫރަޕިއަން ޔޫނިއަންގެ އެއްވެސް ގައުމެއް ނުހިމެނޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މިއިން ކޮންމެ މައުޟޫއެއް ފެންމަތިވެގެން އަންނައިރު އަޅުގަނޑުމެންގެ ހާލަތާ ދޭތެރޭ ވިސްނާ ފިކުރުކުރަން އެބަ ޖެހެއެވެ. މިއަދު ދިވެހިރާއްޖޭގެ އިގްތިސާދުގެ ލޭނާރަކީ ފަތުރުވެރިކަމޭ ބުނެވުނަސް ހަގީގަތުގައި އެއީ ހަމައެކަނި ވަކި ފަރުދުން ތަކަކަށް ކޮންމެވެސް ވަރެއްގެ ފުދުންތެރި ކަމެއް ގެނެސްދޭ ސިނާއަތެކޭ ބުނުން މާ ރަނގަޅުވާނެއެވެ. އާންމު ފަރުދުންގެ ދިރި އުޅުމަށާއި ވިޔަފާރިތަކަށް ޓްއަރިޒަމުން ކުރާ ހިއްސާގައި ބޭރުފައިސާ ލިބުމަށް މެދުވެރިވަމުންދާ ހުރަސްތައް ފާހަގަކުރެވެއެވެ. އާންމު ވިޔަފާރިތަކަށް ދިމާވެފައިވާ ބޭރުފައިސާ ލިބުމުގެ ދަތިކަން ފިލުވަން މަސައްކަތްކުރާ ވާހަކަ ސަރުކާރުން ނުދައްކައޭ ނުބުނެވޭނެއެވެ. އެކަމަކު މިހާތަނަށް ހިތްހަމަޖެހޭ ވަރުގެ ނަތީޖާއެއް ފެނިފައެއް ނެތެވެ.
ވަކިފަރާތަކަށް ބުރަނުވެ ވާހަކަ ދައްކާނަމަ މިއަދުވެސް އާންމު ފަރުދުންގެ ފުދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއްކުރަނީ މަސްވެރިކަމުންނޭ ބުނަންޖެހެއެވެ. އެކަމަކު ދޭހާ އަތްވަކާއި ވެހޭހާ ވާރެއެއްގައި ދިވެހިންގެ ހިތްވަރާއި ކެރުން ދައްކުވައި ދެމުންގެންދާ މިސިނާއަތުވެސް އޮތީ ވަކިބައެއްގެ ނުކުޅެދުންތެރިކަމާއި އަމިއްލަ އެދުމުގެ ޝިކާރައަކަށްވެފައި ނޫނެކޭ ނުބުނެވޭނެއެވެ. ނުކުޅެދުންތެރިކަމޭ އަޅުގަނޑުމެން މި ބުނަނީ ސަރުކާރުން ވަކި މަގްސަދެއްގައި ކުންފުންޏެއް އުފެއްދުމަށްފަހު އެ ކުންފުނި ހިންގުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރުމާއެކު ކުންފުނި ހިންގަން ހަވާލުކުރުމުން އިހްމާލު ވަމުން ދާތަން ފެންނާތީއެވެ. ދޭތެރެއަކުން ބެލެނިވެރިޔާގެ ބޮލަށް ކުންފުނި ކަނޑާލާތަންވެސް އެބަ ފެނެއެވެ.
ރާއްޖޭގެ މަސްވެރިކަމުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވިދާނެ މަގުތައް ދެނެގަތުމަށް ސަރުކާރުން އުފެއްދެވި މިފްކޯ އަށް މަސްވިއްކުމުން އަގުނުލިބިގެން މަސްވެރިންޝަކުވާކުރި ދުވަސްތައް ކައިރި މާޒީގައި މީޑިއާތަކުންވެސް ވަނީ ފެނިފައެވެ. ނުހިންގޭ ވަރަށް ދަރަނިވެރިވެ ގެއްލުންތަކާ ކުރިމަތިލާންޖެހޭއިރު އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ހިންގުންތެރިކަމެއް ނުފެނެއެވެ. ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތައް ދެނެގަންނަނީ އެއްލޮލުން ބަލައިގެން ކަހަލައެވެ. ބައިނަލް އަގްވާމީ މީޑިއާތަކަށް ބަލާއިރު ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ އުފެއްދުންތަކަށް ބައިނަލް އަގްވާމީ ބާޒާރުން ޖާގަ ހޯދަން ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދާ ކަމުގެ ޚަބަރުތައް ދަނީ އިވެމުން އަދި ފެންނަމުންނެވެ. ދިވެހިރާއްޖޭގެ އާންމު ފަރުދުންނަށް މަސްވެރިކަމުގެ މުހިންމުކަން މިއަދުގެ މަސްވެރިކަމާބެހޭ ވަޒީރަށް އިތުރަށް ދަންނަވާކަށް ނުޖެހޭނެއެވެ. އަދި މަސްވެރިކަން ކުރިއެރުވިދާނެ ގޮތްގޮތާއި އިޝްތިހާރުކުރަންޖެހޭ މިންވާރާބެހޭގޮތުންވެސް އެމަނިކުފާނަށް އިތުރަށް ދަސްކޮށްދިނުމަށްޓަކައި ސެމިނާރުތައް ބާއްވާކަށްވެސް ނުޖެހޭނެއެވެ. ބޭނުންވަނީ އެމަނިކުފާނު ހަރަކާތަށް ނިކުމެ ވަޑައިގަތުމެވެ.
މި ދުވަސްވަރުގެ އެންމެ ހޫނު ޚަބަރުތަކުގައި ހިމެނޭ އެމެރިކާއިން ވަކި ގައުމުތަކެއްގެ އުފެއްދުމަށް އިތުރު ކަސްޓަމް ޑިއުޓީ ނަގަން ނިންމުމާގުޅިގެން އަވަށްޓެރި އިންޑިއާއިން އެ ގައުމުގެ އުފެއްދުން ތަކަށް ބައިނަލް އަގްވާމީ ބާޒާރުން ޖާގަހޯދަން ކުރާ މަސައްކަތަށް ތައުރީފް ހައްގެވެ.
ކޮންމެ ވިޔަފާރިއެއްގައިވެސް އަޑިގުޑަންތަކެއް އަންނާނެއެވެ. އެކަމަކު ރައްޔިތުން އެކަމުގެ ދަތި އުދަނގޫ އުފުލަންޖެހުން ބަލާގަންނަން ފަސޭހައެކޭ ނުބުނެވޭނެއެވެ.
![]()
