ސަރުކާރު މުވައްޒަފުންގެ ހެދުން އެޅުމުގެ މިންގަނޑަށް ބަދަލު ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވެވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހެދުން އެޅުމުގައި 2010ގައި އެކުލަވައިލި މިންގަނޑަށް އަލުން ޢަމަލުކުރަން ފެށުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގަވާފައި ވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މި ގޮތަށް ނިންމެވީ ފަހަކަށް އައިސް ސަރުކާރު މުވައްޒަފުން ހެދުން އެޅުމުގައި މުޖްތަމަޢުން ބަލައިގަންނަ މިންވަރަށްވުރެ ދަށްވެފައި ވާކަމުގެ ޝަކުވާ ލިބެމުންދާތީ ކަމަށެވެ.
ސިވިލް ސަރވިސްގެ ގަވައިދުގައި ހެދުން އެޅުމާ ގުޅޭގޮތުން ކުރިން އޮތީ ވަރަށް ރަނގަޅު މިންގަނޑެއް ކަމަށާއި، ނަމަވެސް ކޮންމެވެސް ސަބަބަކާހުރެ އެ މިންގަނޑަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު ޢަމަލުކުރަމުންދާ 2014ގައި އެކުލަވައިލި ގަވައިދުގައި ވާގޮތުން، މުވައްޒަފުން ރަސްމީ ގަޑިއާއި ނުރަސްމީ ގަޑީގައި އޮފީހުގައި އަދި އޮފީހުގެ މަސައްކަތުގައި ތިބެންވާނީ ޚިދުމަތް ހޯދަންދާ މީހުންގެ ކުރިމަތީގައި މުވައްޒަފާއި އޮފީހުގެ ގަދަރާއި ހައިބަތު ހިފަހައްޓާ، ސާފުތާހިރު، އެކަށީގެންވާ ނަލަ ހެދުމެއްގައެވެ.
އަދި އިސްތަށިގަނޑާއި ބޮލާއި ތުނބުޅި ބަލަހައްޓައި، އަދި ދިވެހި މުޖުތަމަޢު ގަބޫލުކުރާ އަޚުލާޤީ ހަމަތައް ހިފެހެއްޓޭ ގޮތުގައި ތިބުމާއި، ލައިގެން ހުންނަ ހެދުމަކީ އެ ހެދުން އަޅާ މުވައްޒަފު ދޭންޖެހޭ ޚިދުމަތުގެ ބާވަތުން، އެ ޚިދުމަތެއް ދިނުމަށް ދަތިވާ ހެދުމަކަށް ވެގެން ނުވާނެ ކަމަށް އެ ގަވައިދުގައި ވެއެވެ.
އޮފީހުގެ ރަސްމީ ގަޑީގައި ހުއްދަ ނޫން ހެދުމާއި ތަކެތީގެ ތެރޭގައި ވަނީ; އަޚުލާޤީ ގޮތުން އެކަށީގެން ނުވާ ހުތުރު ބަހާއި އިބާރާތާއި ކުރެހުން އަދި ކާޓޫނާއި ފޮޓޯ ޖަހާފައި ހުންނަ ހެދުމާއި، ހަންގަނޑު ފާޅުވާ ފަދަ ތުނި ހެދުމާއި އެއްވެސް ބާވަތެއްގެ އަދި އެއްވެސް ކުލައެއްގެ ޖިންސު ލުމާއި، ފާޅުވާ ގޮތަށް ގިނަ ޖީބު ލާފައި ހުންނަ ކުރު އަދި ދިގު ހަރުވާޅުގެ އިތުރުން ފެންފައިވާނާއި ޓެނިސް އަދި ޖޮގިންގ ޝޫޒް އަދި ހާފްޝޫޒްއެވެ.
އަދި މިހާރު އަލުން ޢަމަލު ކުރުމަށް ނިންމެވި، 2010ގެ ގަވައިދުގައި ވާގޮތުން; ކޮންމެ ސިވިލް ސަރވިސްގެ ކޮންމެ ޚިދުމަތަކީވެސް ޒިންމާދާރުކަމާއެކު ދޭންޖެހޭ، އަދި ޖަވާބުދާރީވާންޖެހޭ ޚިދުމަތަކަށްވެފައި، ޚިދުމަތް ލިބިގަންނަން ދާ ފަރާތްތަކާ މުޢާމަލާތުކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ، މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭފަދަ ގޮތަކަށެވެ.
އެ ގަވައިދުގައި; ވަކި ހެދުމެއްގައި ކުރަންޖެހޭ މަސައްކަތާއި ޚާއްޞަ މަސައްކަތުގައި އުޅޭއިރު ހެދުން ބަހައްޓަންވީ ގޮތާއި، ޔުނީފޯމު އަޅާ މުވައްޒަފުންގެ ހެދުން ހުންނަންޖެހޭ ގޮތާއި، އަންހެން މުވައްޒަފުންގެ ހެދުމާއި، ފަޓުލޫނާއި ހަރުވާޅާއި ސޫޓާއި ސޫޓާ އެކު ލާ ފަޓުލޫނާއި ހެދުމުގެ ކަރާއި އަތް ހުންނަންވާނެ ގޮތާއި، އަދި ދިގުމިނާއި، މަތީބަޔާއި ގަމީސް އަދި ޖެކެޓް ހުންނަން ޖެހޭ ގޮތްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި މުވައްޒަފުން އަރާ ބޫޓާއި ސަޕޯޓް ސަރވިސް ގިންތީގައި ހިމެނޭ މުވައްޒަފުންނާއި ގަހަނާ، މޭކަޕް، އަދި ބޮލުގައި ކުލަ ޖެއްސުން ފަދަ ކަންކަން އޮންނަ ގޮތްވެސް ކުރީގެ ގަވައިދުގައި ބަޔާންކޮށްފައި ވެއެވެ.
އަދި، ފިރިހެނުންގެ ހެދުން އެޅުމުގެ ކަންކަންވެސް ވަކިވަކިން ބަޔާންކޮށް، އެ މިންގަނޑާ އެއްގޮތަށް ހެދުން ބެހެއްޓުމަކީ މުވައްޒަފުންގެ އަޚުލާޤާއި ސުލޫކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެއާ ހިލާފުވެއްޖެނަމަ އިސްލާހީ ފިޔަވަޅު އަޅަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
![]()
