އެމެރިކާއިން އިންޑިއާގެ އުފެއްދުންތަކަށް އިމްޕޯރޓް ޑިއުޓީ ބޮޑުކުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ދުނިޔޭގެ އާންމު ވިޔަފާރިތައް ވެއްޓެމުންދާ ނޭންގުމުގެތެރެއިން ފަރުވާއެއް ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެތެރޭން މިދިޔަ ބުރާސްފަތިދުވަހު އޮމާނާއެކު ފްރީޓްރޭޑް އެއްބަސް ވުމެއް އިންޑިއާއިން ގާއިމަކޮށްފިއެވެ.
މި އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ސޮއި ކުރެއްވި އިރު އޮމާންގެ ފަރާތުން ސޮއިކުރެއްވީ ސުލްތާން ހައިތަމް ބިން ޓާރިގް އެވެ. މިއީ ފާއިތުވެގެންމިދާ ހައެއްކަ މަސްދުވަހުގެ ތެރޭގައި އިންޑިއާއިން ސޮއިކުރި 2 ވަނަ ފްރީ ޓްރޭޑް އެއްބަސްވުމެވެ. މީގެކުރިން މިދިޔަ މޭ މަހުގެތެރޭގައި އިންޑިއާއިން ވަނީ ޔުނައިޓެޑް ކިންގްޑަމްއާއެކު ފްރީޓްރޭޑް އެއްބަސްވުމެއް ގާއިމްކޮށްފައެވެ. މި އެއްބަސްވުމުގެ ސަބަބުން އިންޑީއާގެ ގިނަ އުފެއްދުންތަކެއް ޔޫ ކޭ އަށް ފަސޭހަކަމާއެކު އެކްސްޕޯރޓްކުރުމަށް މަގުހުޅުވިގެންދާނެއެވެ. އިންޑިއާއިން މިހާރުވެސް ގެންދަނީ ޔޫރަޕިއަން ޔޫނިއަން އާއި ޗިލީއާއެކު ފްރީޓްރޭޑް އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާ ކުރަމުންނެވެ.
އޮމާނާއެކު އިންޑިއާއިން ކުރި މި އެއްބަސްވުމުގެ ސަބަބުން އިންޑިއާގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ބޭހާއި އަންނައުނުގެ ބާވަތްތަކާއި އަދި ދަނޑުވެރިކަމާއި އެންޖިނިއަރިންގ އާއި ބެހޭ ސާމާނާއި ހަމުގެ އުފެއްދުންތައް ސުން ޑިއުޓީގައި އޮމާނަށް އެތެރެކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް އިންޑިއާގެ ވިޔަފާރިޔާބެހޭ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ. އަދި އޭގެ ބަދަލުގައި އޮމާނުން އިންޑިއާއަށް އެތެރެ ކުރެވޭ މުދަލުގެ ބާވަތްތަކުގެ ތެރެއިން %95 އަށް ކަސްޓަމް ޑިއުޓީ ގާތްގަނޑަކަށް %78 އަށް ކުޑަކުރެވިގެންދާނެއެވެ.
އިންޑިއާގެ އުފެއްދުންތަކަށް ޖާގަ ކަށަވަރު ކުރުމަށާއި އިތުރު މާރކެޓް ހޯދުމުގެ ބޭނުމުގައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު ގެނައުމާއެކު ފްރީޓްރޭޑްގެ އެއްބަސްވުންތަކުގެ ތެރެއިން ދުނިޔޭގެ ބާޒާރުގެ އެންމެ ފުންމިނަށް ވަދެގަތުމަކީ އިންޑިއާގެ އިގްތިސާދުގެ ސިޔާސަތުގެތެރޭގައި ހިމެނޭ ކަމެކެވެ. ޚާއްސަކޮށް މިދުވަސްވަރު ޖިއޯޕޮލިޓީކްސްގެ ފިއްތުންތަކުން އިމްޕޯރޓް ޑިއުޓީ އިތުރުކުރަމުންގެންދާއިރު އަދި ވަކިން ޚާއްސަކޮށް އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ ބައެއް އުފެއްދުންތކުން %50 އަށް ކަށްޓަމްސް ޑިއުޓީ ނަގަން އެމެރިކާއިން ނިންމުމާ ގުޅިގެން އިންޑިއާގެ މަގްސަދަކަށްވެފައިއޮތީ އެ ފިއްތުންތަކުގެ އަސަރު އިންޑިއާގެ ވިޔަފާރިތަކަށް އެންމެ ކުޑަކުރެވިދާނެ މަގުތައް އިޚްތިޔާރުކުރުން ކަމުގައި ވިޔަފާރީގެ ތަޖްރިބާކާރު އަޖޭ ސްރިވާސްތަވާ ބުނެފައިވެއެވެ.
އިންޑިއާއިން މިހާރުވެސް 15 ގައުމަކާއެކު ފްޜީޓްރޭޑްގެ 26 އެއްބަސްވުން ގާއިމްކޮށްފައިވާ ކަމަށާއި އިތުރު ގައުމުތަކާއެކު މަޝްވަރާ ކުރެވެމުންދާކަމަށްވެސް ސްރިވާސްތަވާ ބުނެފައިވެއެވެ.
![]()
