ޗާނދަނީމަގުގައި ހުންނަ، ޢަރަބިއްޔާ ސްކޫލް ކުރިން ހިންގި އިމާރާތް ތަޅާލައި، އެތަނުގައި ޕާކަކާއި ޕާކިން ޒޯނެއް ހެދުމަށް ހަމަޖެހިފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މައްޗަންގޮޅީގެ ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޢަރަބިއްޔާ ހިންގި އިމާރާތް މިހާރު ބާވެފައި ވުމާއެކު، އެތަން ތަޅާލުމަށް ނިންމެވީ ކަމަށެވެ.
އަދި އެ ބިމުގެ ބޮޑު ބައި ޕާކިންގ ޒޯނެއްގެ ގޮތުގައި ހެދުމަށާއި، އަދި ކުޑަ ޕާކެއް ހެދުމަށް ޕްލޭންކޮށްފައި ވާކަމަށް އެކަނިކުފާނު ވިދާޅުވިއެވެ. އެއީ އެ ސަރަހައްދަށް އަންނަ ސްކޫލް ކުދިންނާއި ބެލެނިވެރިންނާއި، އަދި އެ ސަރަހައްދުގައި ޕާކުކުރަން ބޭނުންވާ ފަރާތްތަކުގެ ފަސޭހައަކަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިފަދަ ބޮޑެތި މަޝްރޫޢުތަކުގައި ރައްޔިތުންގެ ޚިޔާލު ބޭނުންވާނެ ކަމަށާއި، އެހެންކަމުން، އެކަމުގައި ރައްޔިތުން ދެކޭ ގޮތް ހިއްސާކުރުމަށް އެމަނިކުފާނު މަރުހަބާ ވިދާޅުވާ ކަމަށެވެ.
އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު އެ މަސައްކަތް ފެށުމަށް މިހާރުވެސް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އަމާޒު ހިއްޕަވާފައިވަނީ މި އަންނަ ރޯދަމަސް އައުމުގެ ކުރިން އެ މަސައްކަތް ނިންމާލުން ކަމަށްވެސް، ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
![]()
