ޔޫކްރެއިނާބެހޭގޮތުން ގޮތެއް ނިންމުމުގައި ޔޫރަޕިއަން ޔޫނިއަނުންނާއި ކީވުން ބައިވެރިކުރަންޖެހޭނެ ކަމަށް ގޮވަގޮވާ ތިއްބާ އެމެރިކާއާއި ރަޝިޔާއިން ބޭނުންވާގޮތަށް އެކަންކުރުމަށް މަޝްވަރާކޮށް ނިންމައިފިއެވެ.
މިހާރަކަށް އައިސް މިފެންނަނީ މީގެ ކުރިން ނުދެކޭ މަންޒަރެކެވެ. އިއްޔެ ގައްޒާއާބެހޭގޮތުން ގޮތްކިޔާ ނިންމާލިއިރު ފަލަސްތީނުގެ ރައްޔިތުން ބޭނުންވާގޮތް ހޯދާފައެއް ނުވެއެވެ.
މިއަދު ޔޫކްރެއިނާ ބެހޭގޮތުން ކަންތައް ނިންމާލިއިރު ޔޫކްރެއިނުން ބުނާއެއްޗެއް އަހާކަށް ބޭނުމެއް ނުވިއެވެ. އިސްތިއުމާރީންގެ ޒަމާނަށް އަނެއްކާވެސް ދުނިޔެ އެނބުރިގެންދަނީ ބާވައެވެ!
ޔޫކްރެއިން ގެ ބޮޑު ސަރަހައްދެއް ރަޝިޔާއަށް ދިނުމަށްފަހު ހަނގުރާމަހުއްޓާ ލުމަށް އެމެރިކާއާއި ރަޝިޔާއިން އެއްބަސްވެ ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުން ކަނުބަނުމަށްފަހު އެ ކަމާބެހޭ ޕްލޭން ނިންމާލައިފިއެވެ. އެ މަޝްވަރާތަކުގައި ޔޫރަޕިއަން ޔޫނިއަނުން އަދި ކީވުން ބައިވެރިކުރަންޖެހޭނެ ކަމަށް ގޮވަގޮވާ ތިއްބައެވެ. އެހެންނަމަވެސް މިބާވަތުގެ އެއްވެސް މަޝްވަރާއެއް އެމެރިކާއާއެކު މިވަގުތު ކުރެވެމުން ނުދާކަމަށް ކްރެމްލިންގެ ތަރުޖަމާނު ދިމިތުރީ ޕެސްކޯވް ވިދާޅުވެފައި ވެއެވެ.
ޔޫރަޕްގެ 27 ގައުމެއް ހިމެނިފައިވާ ޔޫރަޕިއަން ޔޫނިއަންގެ ޚާރިޖީ ސިޔާސަތާބެހޭ އެންމެ އިސްވެރިޔާ ކާޖާ ކަލަސް ވިދާޅުވެފައިވަނީ ޔޫކްރެއިންގެ ހަނގުރާމަހުއްޓުވަން ކުރެވޭ މަޝްވަރާތަކާއި އަދި އެކަމާބެހޭގޮތުން ނިންމުންތައް ނިންމާއިރު ޔޫރަޕިއަން ޔޫނިއަންގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށެވެ.
ކާޖާ ކަލަސްގެ ވާހަކަފުޅުގައި އާންމު ރައްޔިތުން ދިރިއުޅޭ ތަންތަނަށް ބެލުމެއްނެތި ރަޝިޔާގެ ހަމަލާތައް އަމާޒު ކުރުމުންގެންދާތީވެސް ވަރަށް ބޮޑަށް ކުއްވެރިކުރައްވާފައި ވެއެވެ.
ކަލާސްގެ ވާހަކައަށް ތާއީދު ކުރައްވައި ޕޮލޭންޑުގެ ޚާރިޖީ ވަޒީރުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ހަނގުރާމަހުއްޓުވޭނެގޮތެއް ހޯދަން އެމެރިކާއިން ކުރާ މަސައްކަތަށް ތަރުހީބު ދެއްވާކަމަށާއި އެހެންނަމަވެސް މިއީ ޔޫރަޕުގެ ސަލާމަތާ ރައްކާތެރިކަމާވެސް ގުޅިފައިވާ ކަމަކަށްވާތީ ކުރެވޭ މަޝްވަރާތަކުގައި ޔޫރަޕްގެ ވެރިން ނުވަތަ ޔޫރަޕިއަން ޔޫނިއަންގެ ބައިވެރިވުން އޮންނަން ޖެހޭނެކަމަށް އެމަނިކުފާނު ބާރުއަޅުއްވާފައި ވެއެވެ.
ހަނގުރާމައިގެ ތަޖްރިބާކާރުންނާއި ސިޔާސީ މައިދާނުގައި ފުންނާބުއުސް ބައެއް މުހައްލިލުން ދެކޭގޮތުގައި ޔޫރަޕިއަން ޔޫނިއަނުން ކިތަންމެ ވަހަކައެއް ދެއްކިއަސް އެމެރިކާއާވަކިން ޔޫރަޕްގެ ގައުމުތަކަކީ އެއްވެސް އާރެއް ބާރެއް ލިބިފައިތިބި ބަޔަކު ނޫންކަން އެމެރިކާއަށް އެނގެއެވެ.
މީގެ 4 އަހަރު ކުރިއްސުރެން ރަޝިޔާއިން ބޭނުން ކަމަށް ބުނެފައިވާ ޔޫކްރެއިންގެ ބިންތައް ދިނުމަށްފަހު ހަނގުރާމަ ހުއްޓާލަން އެމެރިކާއާއި ރަޝިޔާއިން އެއްބަސްވެފައިވާގޮތް އެނެމެ ފުރަތަމަ ފަޅާއަރުވާލާފައިވަނީ އެކްޒިއޯނުންނެވެ. މައުލޫމާތު އެނގޭ ފަރާތަކުން ކިޔާދީފައިވާގޮތުގައި ރަޝިޔާއާއި ޔޫކްރެއިނަށް އެއްބަސްވެވިދާނެ ގޮތްތަކެއް ހޯދައި ހަނގުރާމަ ހުއްޓުވަން އެމެރިކާގެ ޚާއްސަ މުޝީރު ސްޓީވް ވިކްޓޯފް މި ޕްލޭން ރާވަމުންގެންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
މި ޕްލޭންގެ ދަށުން ރައީސް ޕޫޓިން ބޭނުންފުޅުވާ ޔޫކްރެއިންގެ ސަރަހައްދުތައް ރަޝިޔާއަށް ދޫކޮށްލުމާއެކު ދުރު ރާސްތާއަށް ބޭނުންކުރެވޭ ހަތިޔާރުތައްވެސް ހިމެނޭ ގޮތުގައި ބައެއް ހަތިޔާރު ބޭނުން ކުރުންހުއްޓާލަން ޖެހޭނެކަމަށް ރައީސް ޒެލެންސްކީއަށް އެމެރިކާގެ ރައީސް ޓްރަމްޕް އިޝާރާތް ކުރައްވާފައިވާ ކަމަށް ލަންޑަނުން ރޮއިޓާރސް ޚަބަރު ދީފައި ވެއެވެ. ރަޝިޔާއިން ބޭނުންވާ ޔޫކްރެއިންގެ ސަރަހައްދު ތަކަކީ ކްރީމިއާގެ އިތުރުން ޑޮނާސްކް އާއި ލުގާންސްކް އަދި ޒަޕޯރިންޒިއާއާއި ކާރސަންގެ ސަރަހައްދުތަކެވެ. މުޅި ޑޮންބަސްގެ ސަރަހައްދު އޮންނަން ޖެހޭނީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. މި ސަރަހައްދު ތަކަކީ މިހާރު ޔޫކްރެއިންގެ ސިނާއީ މައި މަރުކަޒްތަކެވެ. މި ސަރަހައްދުތައް ރަޝިޔާއަށް ދޫކޮށްލުމަކުން އޭގެ ބަދަލުގައި ރަޝިޔާއިން އަމަލު ކުރަންޖެހޭނެ ގޮތުގެގެވާހަކަ ހާމަކޮށްފައެއް ނުވެއެވެ.
މީގެތެރެއިން ބައެއް ސަރަހައްދުތައް ނުދެއްވާނެކަމަށް ވިދާޅުވެ ރައީސް ޒެލެންސްކީ ގެންދަވަނީ ގަދަހައްދަވަމުންނެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ޔޫކްރެއިންގެ ގާނޫނު އަސާސީންވެސް އެކަމަށް ހުއްދަ ނުލިބޭނެކަމަށެވެ. މި މައުލޫމާތުތައް އެސޯޝިއޭޓެޑް ޕްރެސް އަށްވެސް ލިބިފައިވާކަމަށް ވެއެވެ. އެހެންނަމަވެސް ޔޫކްރެއިންގެ މުޅި ގައުމުގެ ވިހި އިންސައްތަ (ފަސްބައިކުޅަ އެއްބައި) މިހާރުވެސް އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ.
ރަޝިޔާއާއި އެމެރިކާގެ ސިއްރު ޕްލޭންގެ ސަބަބުން ރައީސް ޒެލެންސްކީ ހުންނެވީ ކަންބޮޑު ވެފައެވެ. އަދި ރަޝިޔާގެ ބިޔަ ލަޝްކަރުތަކާ ކުރިމަތި ލެވޭނެގޮތެއް ޔޫރަޕްގެ ގައުމުތަކުން ލިބިވަޑައިގަންނަވާތޯ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އެމެރިކާއާއި ރަޝިޔާއިން ރާވަމުންގެންދާ ޕްލޭނާ ބެހޭގޮތުން ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް، ސެފަން މިލަރ އަށް ދެންނެވުމުން ސީދާ ޖަވާބެއް ނުދެއްވިއެވެ. އެކަމަކު ވިދާޅުވީ ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުވޭނެ ގޮތެއް ބަލަމުން ގެންދާ ކަމަށެވެ. މިހާތަނަށް ހަނގުރާމަހުއްޓުވުމަށް އެމެރިކާއިން ކުރި އެއްވެސް ކަމެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ހަނގުރާމަހުއްޓުވުމަށްޓަކައި ރަޝިޔާއާއި ޔޫކްރެއިނަށްވެސް އެމެރިކާއިން ދޭން ގަސްދުކުރާ ވަރަށް ހިތި ބޭހެއް ބޯން ތައްޔާރަށް ތިބުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ މިދިޔަ ބުދަދުވަހު ވިދާޅުވެފައިވެއެވެ.
ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތައް ކުރެވެމުންދަނީ ރައީސް ޓްރަމްޕްގަ ފަރާތުން ޔޫކްރެއިނަށް ޚާއްސަކުރައްވާފައިވާ ސަފީރު ކީތު ކެލޯގް އެއްފަރާތްކުރައްވާފައި މެދުއިރުމައްޗަށް ޚާއްސަކުރައްވާފައިވާ ސަފީރު ސްޓީވް ވިކްޓޯފް އާއި ރަޝިޔާގެ ފަރާތުން ކިރިލް ދިމިތުރީއެވެ. ކީތު ކެލޯގް އަކީ ރައީސް ޓްރަމްޕްގެ އަރިސް ބޭފުޅެކެވެ އަދި މުސްކުޅިކުރައްވާ ފައިވާ ސިފައިންގެ މިލިޓްރީ ލެފްޓިނެންޓް ޖެނެރަލް އެކެވެ. އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ މަގާމާއި އަދި އެމެރިކާގެ ޗީފް އޮފް ސްޓާފް ފޯރ ނޭޝަނަލް ސެކިއުރިޓީގެ މަގާމް އޭނާ ވަނީ އަދާ ކުރައްވާފައެވެ.
އެންމެ ފަހުގެ ޚަބަރުތަކުގައި ހަނގުރާމަ ހުއްޓުމުވުމަށް މިހާރު ކުރެވެމުންދާ މަޝްވަރާތަކާދެތެރޭ ކެލޯގް ހިތްހަމަނުޖެހޭތީވެ މި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި މަގާމުން އިސްތިއުފާދެއްވަން ގަސްދުކުރައްވާފައިވާކަމަށް ވަނަވަރު ހާމަ ނުކުރުން ޝަރުތުކޮށް ވާހަކަދެއްކި އެމެރިކާގެ ބައެއް އޮފިޝަލުން ބުނެފައިވެއެވެ.
![]()
