ކޮވިޑްގެ އައު ވޭރިއަންޓް ޔޫރަޕަށް ފެތުރެން ފަށައިފި

Loading

Facebook
Twitter
WhatsApp

އިނގިރޭސި ވިލާތުން ފެނިގެން އުޅޭ ކޮރޯނާވައިރަހުގެ އައު ވޭރިއަންޓް ޔޫރަޕަށް ފެތުރެން ފަށައިފިއެވެ.

އިނިގިރޭސި ވިލާތުން ދަތުރު ކުރި މީހުންނާއި ގުޅުން ހުރި މީހުންގެ ފަރާތުން އާ ވޭރިއަންޓް ފެނިފައިވާ ޔޫރަޕުގެ ގައުމުތަކުގެ ތެރޭގައި ފްރާންސް، ސްޕޭން، ސްވިޑަން އަދި ސްވިޒަލެންޑް ވެސް ހިމެނެ އެވެ.

ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިނގިރޭސި ވިލާތުން ފެނުމާ އެކު ޔޫރަޕުގެ ގިނަ ގައުމުތަކަކުން ވަނީ އެޤައުމުގެ ދަތުރުވެރިންނަށް ބޯޑަރުތައް ބަންދުކޮށްފަ އެވެ.

ސައިންސްވެރިން ބުނެފައި ވަނީ އިނގިރޭސި ވިލާތުން ފެނުނު އައު ވޭރިއަންޓް އެ ގައުމު ނޫން އެހެން ގައުމުތަކުގައި ވެސް އުޅޭނެ ކަމަށެވެ. އިނގިރޭސިވިލާތުން އެ ވޭރިއަންޓް ދެނެގަނެވިފައި ވަނީ އެ ގައުމުގެ ސާވެލަންސް ނިޒާމް ވަރުގަދަވުމުގެ ސަބަބުން ކަމަށް ވެސް ބުނެފައިވެ އެވެ. އާ ވޭރިއަންޓް ފަސޭހަ އިން ފެތުރުނު ނަމަވެސް އެއީ އެހާ ނުރައްކާ ވައްތަރެއް ނޫން ކަމަށް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.

އާވޭރިއަންޓް ކުރިން ވަނީ ޑެންމާކް، އޮސްޓްރޭލިއާ އަދި ނެދަލޭންޑްސް އިން ވެސް ފެނިފަ އެވެ. އިނގިރޭސިވިލާތުން ޖަޕާނަށް ހުކުރު ދުވަހު ދަތުރުކުރި ފަސް މީހެއްގެ ގައިން ވަނީ އައު ވައިރަސް ފެނިފަ އެވެ.

ވައިރަހުގެ އައު ވޭރިއަންޓް ފެނުނު ނަމަވެސް ޔޫރަޕުގެ ބައެއް ގައުމުތަކުގައި މިހާރު ވަނީ ކޮރޯނާވައިރަހުގެ ވެކްސިން ދޭން ފަށައިފަ އެވެ. ކޮރޯނާވައިރަހަށް މިހާރު އުފައްދާފައިވާ ވެކްސިންތައް ވެސް އާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ތަޖްރިބާކާރުން ވަނީ ވިދާލުވެފައެވެ..

ޖަރުމަނުގައި ފުރަތަމަ ފެށީ ފައިޒާ-ބަޔޯއެންޓެކުގެ ވެކްސިން ދޭށެވެ. ހަންގޭރިއާ އާއި ސްލޮވޭކިއާގައި ވެސް ވަނީ ވެކްސިން ދޭން ފަށައިފަ އެވެ. ފްރާންސް، އިޓަލީ އަދި ސްޕޭނުގައި ވަނީ އާދިއްތަ ދުވަހު ވެކްސިން ދޭން ފަށަން ނިންމައިފައި ކަމަށް މީޑިއާ ރިޕޯޓުތަށް ބުނެއެވެ..

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް