ހދ. ކުޅުދުއްފުށީ ކުޅި އަދި ޗަސްބިންތަކުގެ ހާލަތު ދެނެގަންނަން ސަރވޭއެއް ކުރިއަށް ގެންގޮސްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ކުޅުދުއްފުށީގައި އެ ރަށުގެ ކުޅި، ފާ ޗަސްބިންތަކުގެ ހާލަތު ދެނެގަތުމަށް ތިމާވެއްޓާބެހޭ ބޮޑު ސަރވޭއެއް ކޮށްފައިވާ ކަމަށެވެ.
މި ސަރވޭގެ މައިގަނޑު މަގުސަދަކީ ތިމާވެށީގެ ނާޒުކު ނިޒާމުތައް ދެނެގަނެ، ކުރިއަށް އޮތް ތަނުގައި އެ ތަންތަން ރައްކާތެރިކޮށް ދިރާސާކުރުމަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުން ކަމަށް މިނިސްޓްރީން ހާމަކުރެެވެ.
“ މި ދިރާސާގައި ވަނީ ކުޅުދުއްފުށީގެ ކުޅި، ފާ ޗަސްބިންތަކުގެ ދިރުންތައް ދިރިއުޅޭ މާހައުލުތަކާއި އެތަންތަނުގައި ދިރިއުޅޭ މަހުގެ ބާވަތްތައް ދެނެގަނެފަ އެވެ. އަދި، މި ސަރަހައްދުތަކަށް ގުދުރަތީ ގޮތުންނާއި އިންސާނުންގެ ސަބަބުން ދިމާވާ ގެއްލުންތަކާއި ފިއްތުންތައް ދެނެގަނެ، އެކަންކަން ހުއްޓުވުމަށް ބޭނުންވާ މައުލޫމާތުތައް ވެސް ވަނީ އެއްކުރެވިފައި“ މިނިސްޓްރީން ބުނެފައި ވެއެވެ.

މި ސަރވޭގެ ނަތީޖާތަކަކީ، ކުރިއަށް އޮތް ތަނުގައި ކުޅި، ފާ ޗަސްބިންތައް އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިމާވާ ގޮންޖެހުންތަކަށް ތައްޔާރުވުމަށް ބާރު އެޅުމާއި، ފެންބޮޑުވުން ހުއްޓުވުމަށް ގުދުރަތީ ހައްލެއްގެ ގޮތުގައި ކުޅި، ފާ ޗަސްބިންތައް ބޭނުންކުރެވިދާނެ ގޮތްތައް ދެނެގަތުމަށް ވެސް މި ދިރާސާ އެހީތެރިވެދޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެެއެވެ.

މި މަސައްކަތަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (ADB_HQ) ގެ އެހީގައި ކުރިއަށް ގެންދާ މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދެ އެވެ.
![]()
