ދުނިޔޭގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން އައިއެމްއެފްގެ ބޮޑު އިންޒާރެއް

Loading

October 12, 2025
profile
Facebook
Twitter
WhatsApp

ކުރިއަށް އޮތް ފަސް އަހަރުދުވަހުގެ ތެރޭގައި އާންމު ދަރަނީގެ ނިސްބަތް، އިޤްތިޞާދުކުރެވޭ މިންވަރަށްވުރެ އިތުރުވެދާނެކަމުގެ އިންޒާރު، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވެރިޔާ ކްރިސްޓަލީނާ ޖޯޖީވާ ދެއްވައިފިއެވެ.

މިފަދައިން އިންޒާރު ދެއްވަމުން މިދިޔަ ބުދަ ދުވަހު އޭނާ ވިދާޅުވެފައިވަނީ، ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކުން މިއީ ވިސްނާލަންޖެހޭ ސީރިއަސް މައްސަލައެއް ކަމަށެވެ.

މީގައި އާންމު ދަރަނި ކަމަށް ބުނެފައި އެ ވަނީ ސަރުކާރުތަކާއި، ކުންފުނިތަކާއި، އަދި އަމިއްލަ ފަރާތަކުން ނަގާފައިވާ ދަރަންޏެވެ.

ޖޯޖީވާ ވިދާޅުވީ، ދަރަނި ނެގުމުގެ މިންވަރު އިތުރުވެފައިވަނީ މާލީ ޑެފިސިޓްތަކާއި، ޕެންޑެމިކް ލެގަސީތަކާއި، ކުރިއަރާފައިވާ އިޤްތިޞާދުތަކާއި، ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުގެ އިންޓަރެސްޓް ޚަރަދު ބޮޑުވުމުން ކަމަށެވެ.

އައިއެމްއެފްގެ ރަސްމީ ޔޫޓިއުބް ޗެނަލުގައި ވާހަކަފުޅުދައްކަވަމުން އޭނާ ވަނީ، ދަރަނި އިތުރުވުމުން އިންޓަރެސްޓް މަތިވެ، ޚަރަދު ބޮޑުވެ، ދުނިޔޭގެ ސަރުކާރުތަކަށް ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލުކަން ކުޑަވުމުގެ ނުރައްކާ އޮތް ކަމަށް ވިދާޅުވެފައެވެ.

މި އިންޒާރު ދެއްވާފައި މިވަނީ، އެމެރިކާގެ ފެޑެރަލް ދަރަނި ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައެވެ. އޮކްޓޯބަރު މަހުގެ ނިޔަލަށް ރެކޯޑް އަދަދަކަށް 37 ޓްރިލިއަން ޑޮލަރު (ގާތްގަނޑަކަށް ޖީޑީޕީގެ %125)އަށް އަރާފައިވާއިރު، އިންޓަރެސްޓް ދެއްކުމަކީ ފެޑެރަލް ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޚަރަދެވެ.

މާލީ އަނދަވަޅަކަށް ވެއްޓިދާނެކަމުގެ އިންޒާރު ފާޑުކިޔާ ފަރާތްތަކުން ދީފައި ވީނަމަވެސް، ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ވަނީ ޤައުމުގެ ތަރައްޤީއާއި އެތެރޭގެ ޕްރޮގްރާމްތަކަށް މިއީ ކޮންމެހެން ނަގަންޖެހޭ ލޯނުތަކެއްގެ ގޮތުގައި ބުނެ، އެކަން ދިފާޢުކޮށްފައެވެ.

އައިއެމްއެފްއިން މީގެކުރިން ވަނީ ކޮންޓްރޯލެއް ނެތި ޚަރަދުތައް ކުރަންވެއްޖެނަމަ ދަރަނީގެ އަދަދު އިތުރުވެ، މާކެޓްތައް ގެއްލިދާނެކަމުގެ އިންޒާރު ދީފައެވެ.

ދުނިޔޭގެ އިޤްތިޞާދީ ހާލަތު އޮތް ގޮތް ސިފަކުރައްވާމުން ޖޯޖީވާ ވިދާޅުވީ، މިހާރު މިއޮތީ ހީކުރިވަރަށްވުރެ މާ ގޯސް ފައްތަރެއްގައި ކަމަށެވެ. މިކަމުގެ ސަބަބުން ހުރިހާ ދިމާއަކުންވެސް އިޤްތިޞާދާމެދު ޔަގީންކަން ކުޑަވެފައިވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޖޯޖީވާ ވަނީ، ބުދަ ދުވަހު ރަނުގެ އަގު އައުންސެއް 4000 ޑޮލަރަށް އަރައިގެންދިޔަ ދިއުން ފާހަގަކުރައްވައި، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޖޯޖީވާ ވިދާޅުވީ ”މީގެ ނޭދެވޭ އަސަރު ކުރިއަށް އަދި އޮތީ“ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް