ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ފުލެޓުތަކުގެ އަގު ހަމަނުވަނީސް އެ ތަންތަން ކުއްޔަށް ދިނުމުގެ އިޚްތިޔާރު ލިބިދީފައި ނުވާނެކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްސީޑީ)އިން ބުނެފިއެވެ.
އެފްޑީސީން މިހެން ބުނެފައިވަނީ، ފުލެޓުތައް ލިބުނު ހުރިހާ ފަރާތްތަކާ އެ ތަންތަން ހަވާލުކޮށް ނުނިމެނީސް، މިހާތަނަށް ފުލެޓު ހަވާލުކޮށްފައިވާ ބައެއް ފަރާތްތަކުން އެ ތަންތަން ކުއްޔަށްދޭން ފަށާފައިވާތީ، އެކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.
އެފްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިހާރުވެސް ބައެއް ފަރާތްތަކުން ފުލެޓުތައް ކުއްޔަށް ދޫކުރާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި، މި ކަމަކީ ފުލެޓު އެއްބަސްވުމާ ޚިލާފަށް ކުރަމުންދާ ކަމެއް ކަމަށެވެ.
އެހެންކަމާއެކު، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ފުލެޓުތައް ކުއްޔަށް ދޫކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.