ވެރިކަން ފެށެނީ ރައްޔިތުންގެ ކިބައިންނެވެ. އެހެން ކަމުން ވެރިކަން ދެމިއޮންނަންވާނީ ވެސް ރައްޔިތުން ބޭނުމިއްޔާއެވެ. މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ގޮތުން ރައްޔިތުން ރައީސަކު ހޮވައިދީ އެރައީސް މީހާ ވެރިކަމުގެ ހުވާކުރުމަށްފަހު ރައްޔިތުނަށް ގެއްލެއެވެ.
ވެރިކަމަށް އައުމަށްފަހު ވެރިކަން ކުރަން ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ގޮތް ބަދަލުކުރެއެވެ. ރައްޔިތުންގެ މުދަލާއި ފައިސާއިން އިންތިހާއަށް ވައްކަން ކުރެއެވެ. ދައުލަތުގެ ތިންބާރު އެއްކޮށް ގާނޫނީ ވެރިކަން ކަފުން ކުރެއެވެ. އެހެން ކަމާއެކު ގާނޫނު އަސާސީ އަށް ބަދަލު ގެނެސް ސަރުކާރު ޖަވާބު ދާރީ ކުރެވޭނެ އޮނިގަނޑެއް އެކުލަވާލެވެން ޖެހެއެވެ. މިދެއްކެނީ ވަކި ސަރުކާރެއްގެ ވާހަކައެއް ނޫނެވެ.
ދައުލަތުގެ ތިންބާރު އެކު ނުވާނެ އޮނިގަނޑެއްވެސް ވުޖޫދު ކުރާން ޖެހެއެވެ. މަޖިލީސްގެ މެޖޯރިޓީ ގަނެގެން ގާނޫނު އަސާސީއަށް ކޮންމެބަޔަކު ކުއްލިކުއްލިއަށް ބަދަލުގެނެސްގެން ނުވާނެއެވެ.
ޢަދުލު އިންޞާފްގެ ނިޒާމަށް އަތްބޭނުން ނިމުމަކަށް ގެނެސް އެނިޒާމް ބާރުވެރި ކުރަން ޖެހެއެވެ. ވަކި ގާނޫނަކުން ބާރުދީފައިވާ މިނިވަން މުސްތަގިއްލު މުވައްސަސާ ތަކަށް ރައީސް މިހާގެ އަތް ނުބޭނޭނެ ގާނޫނީ އޮނިގަނޑެއްވެސް ބިނާކުރަން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ހޮވާ މެންބަރުންގެ ނަޒާޙަތްތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ ފަޅީގައި އެމެންބަރު ތިބެން ލާޒިމްކުރާ ގާނޫނުތައް އުފަން ކުރަން ޖެހެއެވެ. އެގޮތުން މިނިވަން ކެންޑިޑޭޓުން ހޮވުމަށްފަހު އެންމެގިނައިން ފައިސާދޭނެ މީހަކަށް އެގޮނޑި ވިއްކާ ނުލެވޭނެ އުސޫލެއްވެސް ބޭނުމެވެ.
ދައުލަތް ހިންގަދޭން ޙަވަލުވާ ސަރުކާރުތަކުން ދައުލަތުން ވައްކަންކުރާ ފަރާރްތަކާއިމެދު ގާނޫނީފިޔަވަޅު އަޅާނޭ މެކެނިޒަމެއް ބިނާކުރަންޖެހެއެވެ. އިންތިހާއަށް ވައްކަންކޮށްގެން އެމީހަކު މުއްސަދިވެ ވައްކަމުން ހޯދި ދައުލުތުގެ ފައިސާބޮޑި ހިފައިގެން ޑުބޭއަށް މެލޭސިއާއަށް ދިރިއުޅުން ބަދަލުކޮށްލައިގެން އަނެއްކާވެސް އޭނާ ކުރިން ކުރި ވައްކަމުން ހޮވޭ އާ ރައީސްއަކަށް ނުވަތަ އޭނާގެ ޕާޓީއަށް ފައިސާތަކެއްދީ ބޮޑުވަޒީފާއެއް ހޯދައިގެން ގޭންގު އުސޫލުން ގުޅެވި އަނެއްކާވެސް ދައުލަތުން ވައްކަން ކުރުމުގެ ފުރުސަތު ލިބިގެން ނުވާނެއެވެ. މިފަދަ ކިތަންމެ މީހެއް މިހާރުވެސް އެބަ ތިއްބެވެ.
ރައީސްމީހާ ގާނޫނުއަސަސީއާއި ޚިލާފުވޭތޯބަލާ އެކަމަށް ފާރަވެރިވެ ގާނޫގެ ވެރިކަން ކުރެވޭނޭ އާގޮތެއް ހޯދާންޖެހެއެވެ. ރިޔާސީ އިންތިޚާބެއް ރާއްޖޭގައި ބޭއްވުމުގެ ކުރިން އިސްވެ ބާޔާން ކުރެވުނު އިސްލާޙުތައް ގާނޫނުއަސާސީ އަށް ގެންނަންޖެހެއެވެ. ވެރިކަމަށް އައުމަށްޓަކާ އެވާވަޢުދު ތައް ފުއްދޭނޭ ފައިސާއާއި ވަސީލަތްތައް ދައުލަތުގެ މާލިއްތަތުގައި ހުރިކަން ނުވަތަ ނެތްކަން ރައްޔިތުންނަށް އަންގައިދޭން ލާޒިމް ކުރާ ގާނޫނީ ބާރެއްވެސް އޮންނާން ޖެހެއެވެ.
މިކަން ކަމަކީ މާޒީވެ ދިޔަ ސަރުކާރުތަކާއި އަދި މިސަރުކާރުން ޢަމަލު ކުރަމުންދާ ގޮތުގެ މައްޗަށް ކުރެވުނު ތަޖްރުބާއިން ހޯދިފައިވާ ރައްޔަތުން އެކަމަކަށް އިންތިހާއަށް ކަންބޮޑުވާ ކަންކަމެވެ. އެހެން ކަމުން މިރާއްޖޭގައި އައުވެރިކަމެއް އައު ސަރުކާރެއް އެކުލަވާލާން ރައްޔިތުންގެ ވޯޓަކަށް ދިއުމުގެކުރިން މިދެންނެވުނު އެންމެހައި ކަންކަން އިސްލާހު ކުރައްވާށެވެ.
ރައީސްމީހާ ރައްޔިތުންގެ ގާތުގައި އިތުރުފުޅު ހައްދަވައި ރައްޔިތުން ވާވައްދައިގެން ވެރިކަމަށް އައުން ނިމުމަކަށް ގެންނާން ވެސް ޖެހެއެވެ. ވެރިޔަކު ހޮވަނީ ދީނާއި ދުނިޔޭގެ ކަންކަން އިސްލާހު ކުރުމަށްޓަކައެވެ. ރައީސްމީހާ ރައްޔިތުން އަޅުވެތިކޮށް ގާނޫނުއަސާސީ އާއި ޚިލާފު ބާރުގެ ބޭނުން ކުރުން ނިމުމަކަށް ނުގެނެވޭހާ ހިދަކު ރާއްޖޭގައި ބޮޑެތި ޚިޔާނާތާއ ފަސާދަ ނުހުއްޓުވޭނެކަށް މިވަނީ އެނގިފައެވެ. ދައުލަތުން ކުރާވައްކަން ހުއްޓުވާ އެފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅަން އެކުލަވާ ލާފައިވާ މިނިވަން މުވައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަން ކުރަން ޖެހެއެވެ. މިނިވަން ކޮމިޝަން ތަކުގެ ވެރީންނާއި ދައުލަތުގެ އޭޖީގެ މަގާމާއި ޕީޖީގެ މަގާމާއި ގަވަރުނަރާއި ޕޮލިސްކޮމިޝަނަރާއި އުއްތަމަ ފަނޑިޔާރުގެ މަގާމަކީ މިނިވަން މުސްތަގިއްލު ކޮމިޝަކުން އައްޔަންކުރާ މަގާމުތަކެއް ކަމަށް ކަނޑަ އަޅަންޖެއެވެ.
އާދޭހެވެ! ކިތަންމެ ރަނގަޅު ގާނޫނެއް ހެދިޔަސް ސިސްޓަމު ބަދުލުކުރިޔަސް އެ ގާނޫނެއް ނުވަތަ ސިސްޓަމެއް ހިންގާނެ ހެޔޮލަފާ ބޮޑެތި ދޮގުނުހަދާނެ ރައްޔަތުންގެ ޚާދިމުން (ވެރީން) ބޭނުންވެއެވެ. ގައުމުގައި އެ ނެތިދިޔައީއެވެ!
ހަމަ އެހެންމެ އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި އޮޑިޓަރ ޖެނެރަލް އާއި އެންޓިކޮރޮޝަން ކޮމިޝަނަށް ވެރިން އައްޔަން ކުރުމުގެ ބާރު ރައީސްގެ ކިބައިން ވަކިކޮށް މިނިވަން ކޮމިޝަނަކުން އެމަގާމުތަކަށް ވެރިން އައްޔަންކޮށް އެގްޒެކްޓިވް ބާރުގެ ނުފޫޒުން އެ މުވައްސާސާތައް މިނިވަން ނުކުރާހާހިނދު މިގައުމުގެ ކަންކަން ގާނޫނީ އިމުގެ ތެރެއަށް ފެއްތޭނެ ގޮތެއް ނެތެވެ. އެހެން ކަމާއެކު ދެންއަންނަ ރިޔާސީ އިންތިޚާބް ބޭއްވުމުގެ ކުރިން މިކަންކަން އިސްލާޙު ކުރުމަކީ ގިނަ ރައްޔިތުން އެދޭގޮތެވެ. މިދެންނެވި ގޮތުގެ މަތިން ސަރުކާރުންގެ ހިންގުން ބަދަލު ނުކުރާހާހިނދު ރައްޔިތުންވޯޓު ލައިގެން ރައީސަކު ހޮވުމުން ރައްޔިތުންނަށް މެނޭޖު ނުކުރެވޭވަރުގެ ގެއްލުންތަށް މިގޮތަށް ކުރިމަތިވަމުން ދާނެއެވެ.
ރައްޔިތުންގެ ފައިސާއިން ވައްކަން ކުރި އެެއްވެސް މީހަކު އިސްތިސްތިސްނާ ނުކޮށް އެފަދަ އެންމެންގެ މައްޗަށް ހަމަހަމަ ކަމާއެކު ގާނޫނުގެ ބާރު ހިންގަން ޖެހޭނެއެވެ. ގާނޫނީ ވެރިކަމެއް ހިނގާކަން ރައްޔިޔުންނަށް ކަށަވަރުވާނީ ޢަދުލު އިންޞާފު ގާއިމްކޮށް ހަމަ ހަމަކަމާއި އެކު ވައްކަން ކުރި އެންމެނަށް އަދަބުދީގެންނެވެ.
މި ދައުލަތް ލޫޓުވަމުން ދާ ވަގުން ސަރުކާރުތަކުގެ އިސްމަގާމުތަކުން ދުރުކުރުވި ފަސްބައި ސާފު ޢިލްމީ ގާބިލް މީހުން ސަރުކާރުގެ އިސްމަގާމުތަކަށް އައްކުރަން ޖެހެއެވެ. އެފަދަ ރައްޔަތުން ބައިވަރެވެ. ވަގުނާއި ކުރިމިނަލް ރެކޯޑްގެ އަހުވެރީން އަރިސްކޮށް ޢިލްމީ ގާބީލު ދިވެހީން ބާކިކުރެވިިގެން ނުވާނެއެވެ. ދައުލަތުގެ ހިސާބު ކިތާބު ރައްޔިތުންނަށް ހާމަނުކުރަން މަޖުބޫރުކުރާ ގާނޫނެއްވެސް އުފަންކުރަން މިވަނީ ލަސްވެފައެވެ. އެހެނީ އިލެކްޝަން ޕްރޮމިސް އަކީ ކަނޑައެޅިގެނ ދޮގުކަން މިވަނީ ހާމަކަން ބޮޑުގޮތެއްގައި އިނގިފައެވެ. އެއްވެސް ބަޔަކު ހިންގާ ކުންފުންޏަކަށްވުރެވެސް ދެރަކޮށް ދައުލަތް ހިންގިގެން ނުވާނެއެވެ. ހަމަ ގައިމުވެސް ދައުލަތުގެ ނަމުގައި ހެދިފައިވާ ކުންފުނިތައް ވީހާވެސް މަދުކުރަން ޖެހޭވެސް މެއެވެ.
އެހެނީ ދައުލަތުގެ އެ ކުންފުނިތަކުން ދައުލަތް ހިންގަދޭން ޙަވާލުވާ މީހާއައި އޭނާގެ ޕާޓީން ފިއްކަޑައިގެން ދާވަރުގެ ބޮޑެތި ޚިޔާނާތްތަށް ވެފާހުރީމައެވެ.
![]()
