އައިސްކްރީމް ވިއްކާ ކުއްޖާ

Loading

October 20, 2026
profile
Facebook
Twitter
WhatsApp

ކުޑަ ގާޑިޔަލެއްގައި އައިސްކްރީމް ވިއްކަން މަގުމަތީގައި ކުޑަ ފިރިހެން ކުއްޖަކު އުޅުނެވެ. ކޮންމެ ދުވަހަކު ހެނދުނުން ފެށިގެން އެ ކުއްޖާ އެ މަސައްކަތުގައި އުޅެއެވެ. ދުވަހަށް ފުދޭވަރުގެ ފައިސާކޮޅެއް ލިބުމުން އެނބުރި ގެއަށް ދަނީއެވެ.

އެއްދުވަހަކު ހެނދުނު ބޯކޮށް ވާރޭ ވެހެންފެށިއެވެ. ނަމަވެސް އެ ދުވަހުގެ ކޮއްތު ހަމަޖައްސާލާނެ ފަދައެއް ލިބޭތޯ ގާޑިޔާ ހިފައިގެން ހިތްވަރާއެކު އެ ކުއްޖާ ނުކުތެވެ. ގާޑިޔާ ދުއްވަމުން ”ގަންނާނެއްބާ“ ގޮވަމުން ދިޔައެވެ. ނަމަވެސް ދުވަހުގެ ފިނިކަމާއެކު އެންމެ އައިސްކްރީމެއްވެސް ގަންނާނެ މީހަކު ނުވިއެވެ. އެންމެންހެން ތިބީ ގޭގެއަށް ވަދެ ދޮރު ލައްޕައިގެންނެވެ.

މިހެން އުޅެ ހަވީރުވީއިރު އޭރު އެ ކުއްޖާ ބަނޑުހައިވެގެން ވާތާވެއްޖެއެވެ. ހަދާނެ ގޮތް ހުސްވެގެން އެ ކުއްޖާ ގެއެއްގެ ދޮރުގައި ޓަކިޖެހިއެވެ. ދޮރު ހުޅުވީ ޒުވާން އަންހެންކުއްޖެކެވެ.

”އަހަރެންނަށް އެހީވުމަށް އެންމެ އައިސްކްރީމެއްވިއަސް ގަނެފާނަންހެއްޔެވެ؟ އެހެންނޫނީ މިއަދު ހައި ފިލުވާލާނެ ސައިތައްޓެއް ބޯލާނެ ފަދަވެސް ނުލިބޭނެއެވެ.“ އައިސްކްރީމް ވިއްކާ ކުއްޖާ އާދޭހާއެކު ބުންޏެވެ.

އަންހެން ކުއްޖާ ދުވެފައި ދިޔައީ އޭނާގެ ބައްޕަ ގާތަށެވެ. ގޮސް އެ ކުޑަކުއްޖާގެ މުހުތާދުގެ ވާހަކަ ބުންޏެވެ.

”އެންމެ އައިސްކްރީމެއްވެސް ގަންނާނެކަމެއް ނެތެވެ.“ ކުޑަކުދިންދެކެ އެހާ ލޯބިވާ ބައްޕަ މިހެން ބުނުމުން އަންހެން ކުއްޖާ ވަރަށް ހައިރާންވިއެވެ.

”އަހަރެމެން ވެދޭނީ އެއަށްވުރެ މާ ބޮޑު އެހީއެކެވެ. އެކުއްޖާ އެތެރެއަށް ވައްދާށެވެ.“ ބައްޕަ ބުނަން އުޅުނު ވާހަކަ ފުރިހަމަކުރިއެވެ.

އަންހެންކުއްޖާ ވަރަށް އުފަލުން ގޮސް އައިސްކްރީމް ވިއްކާ ކުއްޖާ އެތެރެއަށް ވެއްދިއެވެ. އޭރު އަންހެންކުއްޖާގެ ބައްޕަ ތުވާއްޔަކާއި ރަޖައެއް ހިފައިން އައިސް ހުއްޓެވެ. އަދި އަންހެން ކުއްޖާ ގާތުގައި ހޫނު ކިރުތައްޓެއް ހިފައިގެން އައުމަށް ބުންޏެވެ.

ވަރަށް ލޯބިން ގައި ހިއްކައިދިނުމަށްފަހު ކިރުތަށި ދީފައި ރަޖާ އަޅައިދީފައި އެކުއްޖާ އަރާމުކޮށްލަން ބައްޕަ ބޭއްވިއެވެ.

ވިއްސާރަ ހުއްޓާލުމުން ދެބަފައިންނަށް ޝުކުރު އަދާކޮށްފައި އެކުއްޖާ ގެއަށް ދާން ހިނގައިގަތެވެ.

”އިރާދަކުރެއްވިޔާ ކޮންމެވެސް ދުވަހަކުން ތިޔަ ހެޔޮކަމުގެ ބަދަލު ދޭނަމެވެ.“ ހިނގައިގަންނަމުން އެ ކުއްޖާ ބުންޏެވެ.

އޭގެ ފަހުން ފަނަރަ އަހަރު ފާއިތުވެ ހިނގައްޖެއެވެ. އައިސްކްރީމް ވިއްކާ ކުއްޖާގެ ޚަބަރެއް ނުވިއެވެ. މަގެއްގެ މަތިންވެސް އެ ކުއްޖާއެއް ނުފެނުނެވެ.

އޭރު ޒުވާން އަންހެންކުއްޖާގެ އުމުރުން އޭރު އެއްތިރީސް އަހަރު ފުރިއްޖެއެވެ. ބޮޑު އަންހެނަކަށް ވެއްޖެއެވެ. ބައްޕަ މުސްކުޅިވެ ގައިބާރު ދެރަވެއްޖެއެވެ. ބަލިއެނދުގައި އޮންނަން ޖެހިއްޖެއެވެ. ނަމަވެސް ބޭސްކުރާނެ ފަދައެއް ނެތުމުން ފަރުވާ ނުކުރެވި އޮތީއެވެ.

އަންހެންމީހާ ވަރަށް ބުރަ މަސައްކަތުން ލާރިކޮޅެއް އެއްކޮށްފިއެވެ. އެއަށްފަހު ބައްޕަ ގޮވައިގެން ބޭސްކުރުމަށް ހޮސްޕިޓަލަށް ދިޔައެވެ. ފަރުވާ ނުކުރެވި އެހާ ދުވަސްވުމުން ބައްޕަގެ ހާލަތު އޭރު ވަނީ ވަރަށް ގޯސްވެފައެވެ. އަގުބޮޑު އޮޕަރޭޝަނެއްވެސް ކުރަންޖެހޭ ވާހަކަ ޑޮކްޓަރު ބުންޏެވެ.

އަންހެންމީހާއަށް ހަދާނެ ގޮތް ހުސްވިކަހަލައެވެ. ރޯންފެށިއެވެ. ކޮންމެ ގޮތެއް ހަދައިގެންވެސް ބައްޕަގެ ފުރާނަ ސަލާމަތްކުރަން އޭނާ ބޭނުމެވެ.

”ދަރިފުޅާއެވެ! ބައްޕަގެ އަތުގައި އޮތްހާވެސް އެއްޗަކީ އަހަރެމެންގެ ބާ ގެގަނޑެވެ. އެތަން ވިއްކާލައިފިނަމަ ދަރިފުޅު ވަންނާނެ ހިޔާވައްސެއް ނެތި މަގުމަތިވާނެއެވެ. އެ ތަން ވިއްކާލުމަށްވުރެ މި ބަލީގައި މަރުވުންވެސް ބައްޕައަށް މާ ރަނގަޅެވެ.“

އަންހެންމީހާ އަޑުން އަޑުނަގައި ރޯންފެށިއެވެ. މި މަންޒަރު ދެކެން ހުރި ޑޮކްޓަރު އެ ދެބަފައިންގެ ގާތަށް އައެވެ.

”އަޅުގަނޑުގެ ޓީމުން މި ކަން ކުރާނީ ވަރަށް ވިސްނާފައި ވަރަށް ރަނގަޅަށެވެ. އޮޕަރޭޝަން ކުރަމާ ހިނގާށެވެ! އެ ކަމަށް ދާ ޚަރަދުގެ ވާހަކަ ދައްކާނީ ފަހުންނެވެ. ފުރަތަަމަ މުހިންމީ އޮޕަރޭޝަންކުރުމެވެ.“

ކާމިޔާބުކަމާއެކު ބައްޕަގެ އޮޕަރޭޝަން ކުރެވިއްޖެއެވެ. ޑޮކްޓަރުންގެ ޓީމުން ދެބަފައިންނާ ބައްދަލުކޮށް އުފަލާއެކު ތަހުނިޔާކިއެވެ.

ބައްޕަ ގެއަށް ދޫކޮށްލިއިރުވެސް ބިލެއް ނާދެއެވެ. އަންހެންމީހާ މިކަމާ ވަރަށް ކަންބޮޑުވިއެވެ. އަދި ޑޮކްޓަރާ ބައްދަލުކޮށް އެ ވާހަކަ ދެއްކިއެވެ.

”އެކަމާ ކަންބޮޑުނުވާށެވެ! ފަހުން ގެއަށް ބިލު ފޮނުވައިދޭނަމެވެ. މި ވަގުތު ބައްޕަ ގޮވައިގެން ގެއަށްދާށެވެ!“ ވަރަށް އޯގާތެރިކަމާއެކު ޑޮކްޓަރު ބުންޏެވެ.

ހަފުތާއެއްހާ ދުވަސް ފަހުން ބިލު އަތުވެއްޖެއެވެ. އޮތީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ތުރުތުރުއަޅާ އަތަކުން އަންހެންމީހާ ސިޓީއުރަ ކަނޑާލިއެވެ. އޭގައި އޮތީ ނޯޓެކެވެ. ދެން އޮތީ ބިލު ދައްކާފައިވާ ކަމުގެ ލިއުމެވެ.

”މި ބިލަކީ މާކުރިން ދެއްކިފައިވާ ބިލެކެވެ. އެއީ ހޫނު ކިރުތައްޓަކާއި ބޯ ރަޖައަކުންނެވެ. އަޅުގަނޑަކީ އެދުވަހު އައިސްކްރީމް ވިއްކަން ތިޔަ ގެއަށް ދިޔަ ކުއްޖާއެވެ.“

އަންހެންމީހާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. ކަރުނައިގެ ފުސްކަމުގެ ތެރެއިން ފާއްދާލީ އެ ވިއްސާރަ ދުވަހެވެ. ވެހެމުންދިޔަ ބޯ ވާރޭގައި އެ ގޭގެ ދޮރުގައި ޓަކިދިން ކުޑަކުޑަ ކުއްޖާއެވެ. އެ ކުއްޖާ އެނބުރި ދަމުން ބުނި ބަހެވެ. ”އިރާދަކުރެއްވިޔާ ކޮންމެވެސް ދުވަހަކުން ތިޔަ ހެޔޮކަމުގެ ބަދަލު ދޭނަމެވެ.“

Loading

Leave a Reply

ފަހުގެ އަޕްޑޭޓް