ފައިސާގެ ދަތިކަމާ ހުރެ އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއު.އެފް.ޕީ) އިން ޣައްޒާއަށް ފޯރުކޮށްދޭ ކާބޯތަކެތީގެ އެހީ މަދުކޮށްފިއެވެ. އިންސާނީ ކާރިސާ އިތުރަށް ގޯސްވަމުންދާ މި ދަނޑިވަޅުގައި، މި ނިންމުމުގެ ސަބަބުން ގާތްގަނޑަކަށް 500،000 އެއްހާ ފަލަސްތީނު ރައްޔިތުންނަށް މަހުން މަހަށް ލިބޭ ކާބޯތަކެތީގެ އެހީ ވަނީ މެދުކެނޑިފައެވެ.
އެ އެޖެންސީން ހޯމަ ދުވަހު ބުނި ގޮތުގައި މަހުން މަހަށް ކާބޯތަކެތީގެ އެހީ ލިބޭ މީހުންގެ އަދަދު 1.6 މިލިއަނުން 1.1 މިލިއަނަށް ދަށްވާނެއެވެ. އަދި ބަހާ ކާބޯތަކެތީގެ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދުކޮށްފައިވާއިރު، 75،000 އާއިލާއަކަށް ދޭ ފައިސާގެ އެހީ ވެސް ވަނީ މަދުކޮށްފައެވެ.
ކައްކައި ކެވޭނެ އިންތިޒާމެއް ނެތް މީހުންނަށް ކޮންމެ ދުވަހަކު ފޯރުކޮށްދޭ ހޫނު ކެއުމުގެ އަދަދު ވަނީ 250،000 އިން 150،000 އަށް ދަށްވެފައެވެ. ވަދެނުކުމެ އުޅެން ދަތި ސަރަޙައްދުތަކުގައި ދިރިއުޅޭ ބައެއް އާއިލާތަކަށް މިހާރު ހޫނު ކެއުން ލިބެނީ ދެ ދުވަހުން އެއް ދުވަހުއެވެ.
ޑަބްލިއު.އެފް.ޕީ އިން ބުނާ ގޮތުގައި، ޣައްޒާގެ އާބާދީގެ ތިންބައިކުޅަ ދެބައި، އެއީ ގާތްގަނޑަކަށް 1.4 މިލިއަން މީހުން، ތިބީ ކާބޯތަކެތީގެ ނިކަމެތިކަމުގެ ކާރިސާގެ ހާލަތުގައި ނުވަތަ އެއަށްވުރެ ވެސް ދަށް ހާލަތެއްގައެވެ. މީގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު ތަޙައްމަލު ކުރަމުންދާ ގާތްގަނޑަކަށް 200،000 މީހުން ހިމެނެއެވެ.
ޑަބްލިއު.އެފް.ޕީ ގެ އެކްޓިންގ އެގްޒެކެޓިވް ޑިރެކްޓަރ ކާލް ސްކައު ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަހަރެއް ވެގެން ދިޔައިރު ވެސް، އެކަށީގެންވާ ހިޔާވަހިކަމެއް ނެތުމާއި، އަސާސީ ޚިދުމަތްތައް މަދުވުމާއި، އަދިވެސް ހަމަޖެހުމެއް ނެތުމުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު އޮތީ އިންތިހާއަށް ދަތިކޮށް ކަމަށެވެ.
އެ އެޖެންސީން ބުނީ ޣައްޒާ އަދި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގާ މުހިންމު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 450 މިލިއަން ޑޮލަރު ކޮންމެހެން ބޭނުންވާ ކަމަށެވެ.
ހަމާސް އިން ހިންގާ ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ އެހީ މަދުކުރުމަކީ ބޮޑު ހިތާމައެއްގެ ގޮތުގައި ސިފަކޮށް، މީގެ ސަބަބުން އެ ސަރަޙައްދުގައި ބަނޑުހައިހޫނުކަން އިތުރަށް އަވަސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ. ޣައްޒާގައި ދެ މިލިއަނަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ދިރިއުޅެމުންދާއިރު، އޭގެ ތެރެއިން ގިނަ ބަޔަކު ދިރިއުޅެނީ އަސާސީ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ ވަސީލަތްތައް ނެތް ވަގުތީ ހިޔާތަކުގައެވެ.
މީހުން ގެދޮރު ގެއްލި ހާލުގައި ޖެހުމާއި، ޢުމްރާނީ ވަސީލަތްތައް ހަލާކުވުމާއި، އަދި އިންސާނީ އެހީގެ ދަތިކަން ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި އެހީގެ ފައިސާ މަދުކޮށްފައި މިވަނީ، ޣައްޒާގެ ރައްޔިތުން އަނެއްކާވެސް ފިނި މޫސުމަކާ ކުރިމަތިލަމުންދާ ދުވަސްވަރެއްގައެވެ.
![]()
