ކަނޑު އުޅަނދުފަހަރުގެ ކަންކަން ބެލުމަށް އެމްއެންޑީއެފުން ޚާއްޞަ އޮޕަރޭޝަނެއް ފެށުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން ބުނީ، މިއީ މިހާރަކަށްއައިސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން ގިނަވެފައި ވުމާއެކު ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
މިފަދަ ވަރަށް ގިނަ ހާދިސާތަކުގައި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އަތުގައި ލައިސަންސް ނޯންނަކަން ފާހަގަކުރެވޭ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ފެށުނު އޮކްޓޯބަރު މަހުގެ ތެރޭގައި މި އޮޕަރޭޝަން ފެށުމަށް ހަމަޖެހިފައިވާއިރު، ދާދި ފަހުންވެސް ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.
އޭގެތެރޭގައި، މިދިޔަ ޖުލައި 10ވަނަ ދުވަހު ކަނޑުމަތީގެ 7 ހާދިސާއެއް ހިނގުމާގުޅިގެން އެމްއެންޑީއެފުން ވަނީ އެ އުޅަނދުތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.
ހަމަ އެއާއެކު، ހުއްދަ ނެތި ބިދޭސީން މިފަދަ އުޅަނދުތައް އޮޕަރޭޓްކުރާ ކަމުގެ ވާހަކަތައްވެސް ދޭތެރެއަކުން ދަނީ ފެންމަތިވަމުންނެވެ.