މި އަަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.
އެގޮތުން މި މައްސަލަ އެ އޮފީހުން ބަލައިގެންފައިވަނީ މި މަހުގެ 28ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާން (37އ) ގެ މައްޗަށެވެ. މި މައްސަލައާ ގުޅިގެން އޮގަސްޓު 16 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އޭނާއަކީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން އެކިފަހަރުމަތިން ޖޫރިމަނާކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށެވެ..
މި އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ 64 އަހަރުގެ ދިވެހި އަންހެނެކެވެ.