އިންޑިއާގެ ކާގޯ ބޯޓެއް ކަމަށްވާ ”އެމްއެސްވީ ޑައުލާ“އިން ކަނޑަށް ވެއްޓިގެން ހޯދަމުންދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފިއެވެ.
އެމްއެންޑީއެފުން ބުނީ، އެ މީހާގެ ހަށިގަނޑު ފެނިފައިވަނީ ކ. ފޭދޫފިނޮޅުގެ ދެކުނުން ކަމަށާއި، ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައި ކަމަށެވެ.
އެ މީހާ ކަނޑަށް ވެއްޓި ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިފައިވަނީ ސެޕްޓެންބަރު 22ވަނަ ދުވަހުގެ ރޭ 11:35ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ކަމުގެ މަޢުލޫމާތު ލިބުމާއެކު، އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން ފަށާފައެވެ.