އޮމަދޫގެ އިޚްތިޞާޞްގައި ހިމެނޭ 2 ފަޅުރަށުން ދާއިމީކޮށް ކައުންސިލަށް އާމްދަނީ ލިބޭނެގޮތް ހަދަނީ

Loading

Facebook
Twitter
WhatsApp

ކޮޅުމަޑުލު އޮމަދޫގެ އިޚްތިޞާޞްގައި ހިމެނޭ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ކައުންސިލަށް އާމްދަނީ ލިބޭނެގޮތެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ޤާނޫނު އޮންނަގޮތުން އެވެސް ރަށެއްގެ އިޚްތިޞާޞްގައި އޮންނަ ރަށެއް ޓޫރިސްޓް ރިސޯޓުގެ ގޮތުގައި ތަރައްޤީ ނުކުރެވޭކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ މިހާރުވެސް އެ ރަށުގައި ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓަލެއް ތަރައްޤީކުރުމުގެ ފުރުޞަތު އޮތްކަން ހާމަކުރައްވާފައެވެ.

ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވަނީ އެއްބަސްވުމެއްގެ ދަށުން އެ ރަށެއްގެ އިޚްތިޞާޞްގައި ހިމެނޭ ރަށްތަކުން، ވަކި އިންސައްތައެއްގެ ފައިދާއެއް ކައުންސިލުތަކަށް ލިބޭގޮތަށް އޮތުން ކަމަށްވާތީ، ޤާނޫނީގޮތުން އެފަދަ ފުރުޞަތެއް ހޯއްދަވައިދެއްވޭތޯ ބައްލަވަމުން ގެންދަވާކަމުގައި ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތުގެ ދަށުން އޮމަދޫގެ އިޚްތިޞާޞްގައި އޮންނަ ދެ ފަޅުރަށުން ދާއިމީގޮތެއްގައި ފައިދާ ލިބޭނެގޮތެއް ފެނޭތޯ ބައްލަވަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އޮމަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމަކީ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަކަން ފާހަގަކުރައްވައި، އެކަން ލަސްވާ ސަބަބު އެ މަނިކުފާނު ރައްޔިތުންނާ ހިއްސާކުރެއްވިއެވެ. އެގޮތުން މިހާރު މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން މަސައްކަތް ފަށައިގެން ކުރިއަށް ނުގެންދާނަމަ އެއްބަސްވުން ބާތިލުކޮށްގެން ވިޔަސް، ސަރުކާރުން އެ މަސައްކަތް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އޮމަދޫގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ސްކޫލްގެ މަސައްކަތް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމާނެކަމަށާއި، ޞިއްޙީ މަރުކަޒަށް މިއަހަރު އެމްބިއުލާންސެއް ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އައު މިސްކިތެއް އަޅުއްވައި، ވޮލީ ކޯޓެއް ތަރައްޤީކޮށްދެއްވައި، ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކޮށްދެއްވައި، ރޭގަނޑު ކުޅެވޭގޮތަށް ދަނޑު ތަރައްޤީކުރައްވާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި، އޮމަދޫ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވަނީ ސޮއިކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް