ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު މިސްކިތް ”މަސްޖިދު ޢުމަރު ފާރޫޤް“ އިސްލާމީ މަރުކަޒެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.
ތ. ވިލުފުށީގައި ހުންނަ މަސްޖިދު ޢުމަރު ފާރޫޤް އިސްލާމީ މަރުކަޒެއް ކަމުގައި ކަނޑައަޅުއްވާ އެކަން އިޢުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރޭ އެ ރަށު ރައްޔިތުންނާއި ބައްދަލުކުރެއްްވުމަށް ބޭއްވެވި ޖަލްސާގައެވެ.
އެގޮތުން އެ ނިންމުން ނިންމަވާ، އެތަނަށް ބޭނުންވާ ލައިބްރަރީއާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ޤާއިމްކުރައްވާނެ ކަމަށް ރައީސް ވަނީ ރޭ ވިދާޅުވެފައެވެ.
އެ މިސްކިތުގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ދަނީ ހިންގަމުންނެވެ. އަދި ޤްރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމް ކުރިއަށްދާއިރު ރާއްޖޭން ބޭރު ޓީޗަރެއް މަރުކަޒުގެ ބެލުމުގެ ދަށުން ކިޔަވައިދެމުންދެއެވެ.
ވިލުފުށީ މަސްޖިދު ޢުމަރު ފާރޫޤް މިސްކިތަކީ ނަލަހިޔާ ގްރޫޕްގެ ފަރާތުން ތ. ވިލުފުށީގައި ބިނާކޮށްފައިވާ މިސްކިތެކެވެ.