އާސަންދައިން އެއްވެސް ބޭހެއް ކަވަރު ނުކުރާކަމަށް ބުނާނަމަ ބޭސް ފިހާރައިގެ މަޢުލޫމާތާއެކު ޝަކުވާ ހުށަހެޅުމަށް އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.
އެ ކުންފުނިން މިހެން ބުނެފައިވަނީ ”ތައިރަނޯމް 25 މައިކްރޯގްރާމް“ އާސަންދައިން ނުލިބުނު ކަމަށާއި، އެކި ބޭސްފިހާރަތަކުން ތަފާތު ބޮޑު އަގުތަކުގައި އެ ބޭސް ލިބެންހުރި ކަމަށް ބުނެ، ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު ފޭސްބުކްގައި ޕޯސްޓެއް ކުރުމާ ގުޅިގެންނެވެ.
”މިއީ އަޅުގަނޑުގެ 6 އަހަރަށްދާ ޑައުންސިންޑްރޯމް، އޯޓިޒަމް އަދި ހައިޕޯތައިރޮއިޑިޒަމް ހުންނަ ދަރިފުޅު ގަވާއިދުން ކާ ބޭހެއް! އެސްޓީއޯ ހެންވޭރު ފާމަސީގައި ނެތުމުން އޭޑީކޭ ހޮސްޕިޓަލް ކައިރިން ދެތިން ތަނެއް ބެލިއިރު ފުރަތަމަ ފެނުނު ތަނުން ގަތީ 90 ރުފިޔާއަށް! އާސަންދަ ކަވަރ ނުކުރެޔޭ ބުނީ! 1 ފުޅިން 3 މަސް ދުވަހަށް ނުވާތީ މަދުވާ ބައި ހޯދުމަށް އިތުރު ބައެއް ތަންތަން ބެލިއިރު ދެ ތަނެއްގައި ހުރި! ކޮންމެ ތަނަކުންވެސް ބުނީ މި ބޭސް އާސަންދައިން ކަވަރ ނުކުރާކަމަށް! 120 ގުޅަ ހިމެނޭ ފުޅިއެއްގެ އަގު އަހާލުމުން އެއް ތަނުން ބުނީ 195 ރުފިޔާއަށް ކަމަށް! އަދި އަނެއް ތަނުން ބުނީ 240 ރުފިޔާއަށް ކަމަށް!“ ޑރ. ޢަބްދުލް ޢަޒީޒުގެ ޕޯސްޓުގައި ވެއެވެ.
މިކަމާ ގުޅިގެން އާސަންދައިން ބުނީ، މިއީ އަބަދުވެސް އާސަންދައިން ލިބޭ ބޭހެއް ކަމަށެވެ. އަދި މިއަދުވެސް ވަރަށް ގިނަ ބޭސްފިހާރަތަކަކުން މި ބޭސް އާސަންދަ މެދުވެރިކޮށް ދޫކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި އެއްވެސް ބޭހެއް އާސަންދައިން ކަވަރު ނުކުރާކަމަށް ބުނާނަމަ، ބޭސް ފިހާރައިގެ މަޢުލޫމާތާއެކު ޝިކާވަތި ޕޯޓަލްއަށް ޝަކުވާ ހުށަހެޅުމަށް އާސަންދައިން ވަނީ އެދިފައެވެ. އާސަންދައިގެ ޝިކާވަތި ނަންބަރު 7951400 އަށް ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
One Response
ހުސް ދޮގު. ސިކާވަތި ޕޯޓަލަކީ ކޮރަޕްޝަންގެ ހާލި. އަޅުގަނޑު 5 ފަހަރު ސަކުވާ ހުށަހެޅިން ހުށައެޅީމަ 1 ނުވަތަ 2 ދުވަސްތެރޭ ގުޅާލާ. ދެން އެ ނިމުނީ ބަޚަބަރު.