އަހަރެންނަށް މިއަހަރު ފުރޭނީ 63 އަހަރެވެ. ނަމަވެސް އަހަރެންގެ ސިފަ އަދިވެސް ވަރަށް ރީތިކަމަށް މީހުން ބުނެއެވެ. ހަށިގަނޑު ފަލަވެގެން ދިޔަކަ ނުދެމެވެ. ރީތި ހަށިގަނޑެކެވެ. ބޮލުގެ އިސްތަށިގަނޑު ކަޅުކޮށްލީމަ އަދި މާ ޒުވާންވާނެ ކަމަށް މީހުން ބުނެއެވެ.
އަހަރެން ދެ ކައިވެނި ކުރީމެވެ. ނަމަވެސް އެ ދެކައިވެނިވެސް ވަނީ ފެއިލް ވެފައެވެ. ފުރަތަމަ ފިރިމީހާ އަހަރެން ދޫކޮށް ދިޔައީ ފަގީރު ކަމުން ދަތިބޮޑުވެ މައްސަލަތައް ޖެހެން ފެށުމުން އެކަންކަމާ ކުރިމަތިލާހާ ހިއްވަރު ނެތިގެންނެވެ. ދެވަނަ ފިރިމީހާ އަހަރެން ވަރިކުރީ ޖެހުނު ބޮޑު ބައްޔަކުން އަރައި ނުގަނެވިގެން އުޅެނިކޮންނެވެ.
އުމުރުން ފަސްދޮޅަހުން މަތިވި ނަމަވެސް އަހަރެންގެ ހިތް އަދިވެސް ދިޔައީ ލޯތްބަށް އެދި ގޮވަމުންނެވެ. އަހަރެންގެ ދެ ކުދިން ދެކޮޅު ހަދަހަދާ ތިއްބާވެސް، އަހަރެންނަށްވުރެ އުމުރުން 29 އަހަރު ހަގު ފިރިހެނަކާ އިންނަން އަހަރެން ގަބޫލުވީ މި ސަބަބަށްޓަކައެވެ.
އަހަރެންގެ އައު ފިރިމީހާ މައިކަލް އަކީ އުމުރުން 34 އަހަރުގެ ފިޓްނަސް ޓްރެއިނަރެކެވެ. އަހަރެންނަށް ވުރެ އުމުރުން 29 އަހަރު ހަގު ޒުވާނެކެވެ. އިސްކޮޅުން ދިގު، ރީތި ހަށިގަނޑެއް ލިބިފައިވާ ރީތި މީހެކެވެ.
ދެމީހުން ބައްދަލުވީ އުމުރުން ދުވަސްވީ މީހުންނަށް ބޭއްވި ޔޯގާ ކްލާހަކުންނެވެ. އެތަނުން އޭނާ ފެންނަ ކޮންމެ ދުވަހަކުވެސް އޭނާ އަހަރެންނާ ދިމާލަށް ބަލަމުން ގެންދަނީ ތަފާތު ގޮތަކަށެވެ. ދެމީހުންގެ ނަޒަރު ބައްދަލްވާ ވަގުތު ތަކުގައި ލުއިލުއި ހިނިތުން ވުމެއް އޭނާގެ ތުންފަތް މައްޗަށް ވެރިވެއެވެ. އަދި އަހަރެންގެ ދެލޮލަށް ބަލަން އިދެއެވެ. ބުނާ ކަހަލަ އެވެ. ”އަދިވެސް ހާދަ ރީއްޗެވެ.“ އޭނާގެ ބެލުންތަކަށް އަހަރެން ލެބެން ފެއްޓިއެވެ. އެންމެ ފަހުން ދެމީހުން ވާހަކަ ދައްކަން ފަށާ، ”ލޯތްބަކާ“ ހަމަޔަށް ދިޔައެވެ.
އަހަރެންގެ ދެކުދިން، އުމުރުން 40 އަހަރުގެ އެމިލީ އަދި 35 އަހަރުގެ ޑޭވިޑް މިކައިވެންޏަށް ދެކޮޅު ހަދަމުން ގެންދިޔައެވެ. ނަމަވެސް އަހަރެން އަބަދު އުޅެންޖެހޭނީ ކުދިންނަށްޓަކާ އެކަނި ނޫން ކަމަށާ އަހަރެންގެ އަމިއްލަ ނަފްސަށްވެސް އުފާ ހޯދަން ޖެހޭ ކަމަށް ބުނެ ކައިވެނީގެ ފޯމުގައި އަހަރެން ސޮއި ކުރީމެވެ.
ކައިވެންޏަށް އެއްހަފްތާވެސް ނުވަނީސް އަހަރެންގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ހެނދުނު ހޭލެވޭއިރު ދެފައިކޮޅުގަ ވާތްގެއް ނުހުރެއެވެ. ދެފައި އޮންނަނީ އައްސި ވެފައެވެ. ދެ ފަޔަށް ހީވަނީ ކަށިތަކެއް ހަރާ ހެންނެވެ. ފައި ބިންމަތީގައި އަޅާވެސް ނުލެވެއެވެ.
އަހަރެން ހީކުރީ މިހާ އުމުރުން ދުވަސްވީމަ މީހަކާ އިނުމުން ވާގޮތެއް ކަމަށެވެ. އޭނާގެ ޒުވާން ޖޯޝުގައި އަހަރެންނާއި ބައްދަލުކޮށް ކޮންމެ ރެއަކު އެހާގިނައިރުވަންދެން ”އެކަންތައް“ ކުރަންޖެހޭތީ ވާކަމެއް ކަމުގައެވެ.
އަހަރެންނަށް މި ވާގޮތަކާބެހޭގޮތުން ކުދިންނާވެސް ވާހަކަ ދެއްކީމެވެ. ކުރެވޭ ޝައްކުގެ ބައި އުނިކޮށްފައެވެ. އެމީހުން އައިސް އެކި ޑަކްޓަރުންނަށް ދައްކައިގެން ރަގަޅުވެލާފަ އަނެއްކާވެސް ގޯސްވެއެވެ.
އެއްރޭ ފަތިހު އަހަރެންނަށް ހޭލެވުނު އިރު މައިކަލް އެނދަކު ނެތެވެ. އަހަރެން ފައި ދަމަމުން ކަހަލަ ގޮތަކަށް އޭނާކޮބައިތޯ ބެލުމަށް މަޑުމަޑުން ތިރިޔަށް ފޭބިއިރު މައިކަލް އިނީ ސިޓިންރޫމްގައި ކުޑަމޭޒެއްކައިރީ ދެފައި ވަށްކޮށްލައިގެން މެދުގޭގައި އިށީދެގެންނެވެ. އޭނަގެ ކުރިމަތީގައި މޭޒުމަތީގައި ފޮތިން ހަދާފައިވާ ބުދެއް އޮތެވެ. މޭޒުމަތީގައި ބުދުގެ އިތުރުން ރޯކޮށްފައިވާ އުއްބައްތިއަކާއި ދިޔާ އެއްޗެއް އަޅާފައި ހުރި ތައްޓެއް ހުއްޓެވެ. އޭނަލައިގެން އިނީ ކަޅުކުލައިގެ ގަމީހެކެވެ. ގަމީސްވަނީ ދާހިއްލުމުގެ ސަބަބުން ގައިގައި ތަތްވެފައެވެ. އުއްބައްތީގެ އަލި މޫނުމައްޗަށް އެޅުމުން ހީވަނީ ބިރުވެރި ގޮތަކަށެވެ.
ދެފައި ވަށްކޮށްލައިގެން، ދެލޯ މަރައިގެން، އިސް ޖަހާލައިގެންއިނދެ، މައިކަލް ގެންދަނީ ނޭގޭ ބަހުރުވަޔަކުން ޒާތެއްގެ ބަނދި ވަރެއް ކިޔަމުންނެވެ. ބަދިވަރު ކިޔަމުން ކިޔަމުންގޮސް ވަކިހަމަޔަކަށް ދިއުމުން ބޮޑު ސިންގާ ކައްޓެއް ނަގާ ބުދުގެ ދެފަޔަށް ހަރާލައެވެ. އެގޮތަށް ކަށިހަރާ ކޮންމެ ފަހަރަކު އަހަރެންގެ ދެފަޔަށް ތަދެއްއަރާ، ހީވަނީ އެއްހާސް ތިނޯސް ހަރާލާ ހެންނެވެ.
މި މަންޒަރު ފެނުމުން ބިރުންގޮސް އަހަރެންގެ ލޭ ވަގުތުން ފިނިވެގެން ދިޔައެވެ. މައިކަލް އެ ދަނީ އަހަރެންނަށް ސިހުރު ހަދަމުންނެވެ. އަހަރެން ތުރުތުރު އަޅައިގެންފައި އަވަހަށް އެތަނުން ދާން އުޅެން ހަދައިގެން ކައިރީގައި ހުރި މާޖަހާ ވާސްއެއް ބިންމައްޗަށް ވެއްޓުނެވެ. އެއާއެކު މައިކަލް އެނބުރި ބަލަލިއެވެ. އަދި ހޭލެވުނީތޯ ސުވާލު ކުރިއެވެ.
އޭނާ އެ ވަގުތު ތެދުވެގެން އައިސް އަހަރެން ކައިރިޔަށް ހުއްޓިފަ އިތުރަށް ވާހަކަ ދެއްކިއެވެ.“ބިރު ނުގަންނާށެވެ. އަހަރެން މިކަން މިކުރަނީ އަބަދު އަހަރެންނަށް، އަހަރެން ބޭނުންވާ ލޯބި ދީދީ އޮންނަ ގޮތަށް ތީނަ ބޭއްވުމަށެވެ. ތިޔަ އުމުރުގައި، އަދި ބަލި މީހަކަށް ވެއްޖެ ނަމަ އަހަރެން ދޫކޮށް ނުދާނެ ނޫން ހެއްޔެވެ.“
ހަގީގަތް އަހަރެންނަށް ވިސްނުނީ ދެނެވެ. މާ ލޯބިވާ ކަމަށް ހެދިގެން އުޅުނީ އަހަރެންގެ މައްޗަށް ވެރިވެ، ކޮންޓްރޯލް ލިބެންދެނެވެ. ދެންވެސް އޭނާ ބޭނުންވާ ކަންތައް ބޭނުންވާ މިންވަރަށް ކޮށް ނުދީފާނެތީ އޭނަ ބިރުގަތީއެވެ. އެހެން ކަމުން ދެފައިން ވާގިވެސް ދުއްވާލީއެވެ.
އަހަރެން ސިއްރު ސިއްރުން ދަރިފުޅު އެމިލީއަށް ގުޅާފައި ހެނދުނު މަންމަ ބަލާ އައިސް ދިނުމަށް އެދުނީމެވެ. އޭނަ އައިއިރު ނަސީބަކުން އަހަރެންގެ ދެ ފައިގައި ވަރު ޖެހިއްޖެއެވެ.
އެމިލީ ފަހުން ކިޔާދިން ގޮތުގައި އޭނަޔަށް ޝައްކެއްވެގެން ސިޓިންގރޫމްގައި ސީސީޓީވީ ކެމެރާ ހަރުކުރުވީއެވެ. އަދި އޭނަގެ ނުބައިކަން އިނގުމުން އޭނަގެ ސިހުރު ބުދުގެ ބަދަލުގައި އާދައިގެ ބުދެއް ބޭއްވީއެވެ. އަދި ފެންތަށިވެސް ބަދަލު ކުރީއެވެ. ފަޔަށް ވާގޮތްތައް އެހާ އަވަހަށް ރަގަޅު ވަނީ އެހެން ވެގެން ކަމަށް އޭނާ ބުންޏެވެ. މަންމަޔަށް ފެނިގެން ނުބުނި ނަމަވެސް ދެ ދަރިންވެސް ތިބީ އެ ދުވަހު އެވާހަކަ ދައްކަން ގެޔަށް އައުމަށް ކަމަށް ބުންޏެވެ.
ކުދިން މައިކަލްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައި އޭނާޔަށް ހައްގު އަދަބު ދިނެވެ. އޮޅުވާލުމާއި ސިހުރު ހެދި ކަމުގެ ކުށުގައެވެ.
އަހަރެންގެ ތިންވަނަ ކައިވެނިވެސް ހިތިގޮތަކަށް ނިމިގެން ދިޔައީއެވެ. ނަމަވެސް އަހަރެންނަށް މިހާރު ވަނީ ވިސްނިފައެވެ. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫންކަން ވަނީ ދަސްވެފައެވެ. ހާއްސަކޮށް ކަނު ލޯބި ނުވުމަށް އަހަރެންނަށް މިހާރު ވަނީ ދަސްވެފައެވެ.
![]()
