ޕާކިސްތާންގެ ޕަންޖާބުޕްރޮވިންސުގެ ބޮޑެތި ސަރަހައްދު ތަކެއްގައި ފެންބޮޑުވެ ދެމިލިއަނެއްހާ މީހުން ހާލުގައި ޖެހިފައި ވުމާއި އެކު އެމީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ.
ޕަންޖާބްގެ އިތުރުން ސިންދު ޕްރޮވިންސުންވެސް އެއްލައްކަ ފަންސާސް ހާހެއްހާ މީހުން އެހެން ހިސާބުތަކަށް ބަދަލު ކުރެވިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ ޗީފް އިނާމް ހައިދަރު މާލިކް ބުރާސްފަތި ދުވަހު މައުލޫމާތު ދެއްވާފައި ވެއެވެ.

ޕާކިސްތާނުގެ އިރުމަތީ ސަރަހައްދަށް މޫސުން ގޯސްވެ ޖޫން މަހުން ފެށިގެން އަންނަނީ ވިއްސާރަ ކުރަމުންނެވެ.އަދި ޖޫންމަހުގެ ފަހުކޮޅުން ފެށިގެން މިއަދާ ހަމަޔަށް މޫސުމީ ކާރިސާތަކާއި ގުޅިގެން 900 އަށް ވުރެގިނަ މީހުން މަރުވެފައިވެއެވެ.
ޕާކިސްތާންގައި އެހާބޮޑަށް ފެންބޮޑުވާން ދިމާވެފައިވަނީ ވާރޭ ވެހޭ މުއްދަތު ދިގުލާ ދިއުމުގެ ސަބަބުން ކޯރުތައް ފުރި ބަންޑުން ދިއުމުގެ ސަބަބުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ހާލަތު އެހާ ގޯސް ވެފައިވަނީ ކޯރުތައް ބަންޑުން ދިޔަ ނުދިއުމަށް ފިޔަވަޅުއަޅާފައި ނެތުމާއި އަދި ނުރައްކާ ކުރިމަތިވާ ކަމުގެ އިންޒާރު ދެވޭނެ ނިޒާމެއް ސަރުކާރުން ގާއިމްކޮށްފައި ނުވާތީއެވެ.
ފެން ބޮޑުވުމުގެ ސަބަބުން މިހާރު ގިނަ އަދަދެއްގެ ދަނޑުބިންތަކާއި ދަނޑުވެރިންގެ ގެތައް ވަނީ ހަލާކުވެގެން ގޮސްފައެވެ. ޕަންޖާބް ޕްރޮވިންސަކީ ފަގީރުން ގިނަ ސަރަހައްދަކަށް ވާއިރު،މުޅި ޕާކިސްތާންގެވެސް 40 އިންސައްތަ މީހުން އުޅެނީ ފަގީރުކަމުގެ މިންގަނޑުން ދަށުގަ ކަމަށް ވެއެވެ.
ޕާކިސްތާންގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީ ވުމަށް އދން 5މިލިއަން ޑޮލަރު ދޭން ނިމުނު ހަފްތާގައި ކަނޑައަޅާފައި ވެއެވެ.މީގެ އިތުރުން އެމެރިކާ އިންވެސް ފައިސާގެ އެހީގެ އިތުރުން ޑިޒާސްޓަރ ތަކުގައި އެހީތެރިވާނެ ޚާއްސަ ތަމްރީން ހަދާފައިވާ މީހުން ފޮނުވުމަށް ނިންމާފައި ވެއެވެ.
ޕާކިސްތާންގެ ޕަންޖާބަށް 2022 ވަނަ އަހަރުވެސް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވި ހާދިސާތަކުގައި 1،700 މީހުން މަރުވެފައި ވެއެވެ.
އަވަށްޓެރި އިންޑިޔާގެ ޕަންޖާބްގައިވެސް ވަރަށް ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ މަދުވެގެން 30 މީހުންމަރުވެ 354،000މީހުންގެ ދިރިއުޅުމަށް އަސަރު ކޮށްފައިވާ ކަމަށް ޚަބަރުލިބެއެވެ.
ޕާކިސްތާން އަދި އިންޑިޔާގެ އިތުރުން އިންޑޮނީޝިޔާގެ ބާލީ އަށްވެސް ފާއިތުވި ވިއްސަކަށް އަހަރުވެސް ނުވާވަރަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ މަދުވެގެން 14 މީހުން މަރުވެފައިވާ ކަމަށް ޚަބަރުލިބެއެވެ.
![]()
